އީމާންކަމުގެ ފުރިހަމަކަންވަނީ އެކަމާ ގުޅިފައެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((والذي نفسي بيده لا تَدْخُلُوا الْجَنَّةَ حَتَّى تُؤْمِنُوا وَلاَ تُؤْمِنُوا حَتَّى تَحَابُّوا، أَوَلاَ أَدُلُّكُمْ عَلَى شَىْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ أَفْشُوا السَّلاَمَ بَيْنَكُمْ)) [رواه مسلم]
“ތިމަންކަލޭގެފާނުގެ ނަފްސު، އެއިލާހުގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވަމެވެ! ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުއްޓެވެ. އަދި އެކަކު އަނެކަކަށް ލޯބިކޮށްފުމަށް ދާންދެން ތިޔަބައިމީހުން އީމާން ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދޭނެ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.”
މުސްލިމުންނަކީ ގިނަހިތްތަކެއްވާ އެއް ހަށިގަނޑެއްފަދަ ބައެކެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((الْمُؤْمِنُونَ كَرَجُلٍ وَاحِدٍ)) [رواه مسلم]
މާނައީ: “މުއުމިނުންނަކީ އެކެއް ފަދަ (އެބަހީ: އެއް ހަށިގަނޑެއްފަދަ) ބައެކެވެ.”
އަދިވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
(( مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى)) [رواه مسلم]
މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”
މުއުމިނުންނަކީ އަޚުންތަކަކަށްވީ ހިނދު އެބައިމީހުންނަށް އަމުރުވެވިގެންވަނީ އެބައިމީހުންގެ ހިތްތައް އެކުވެރިވެ އެއްބައިވާފަދަ ކަންކަންކުރުމަށެވެ. އަދި ހިތްތައް ނަފުރަތުވެ ބައިބައިވާފަދަ ކަންކަމުން ދުރުހެލިވުމަށްވެސް އަމުރުވެވިގެންވެއެވެ.
_____________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް