އެކި ޢިލްމުތައް ލެއްވިފައިވަނީ ފައިދާކުރަނިވި ޢިލްމަށް މަގުދެއްކުމަށެވެ. ޢިލްމަކީ ހަމައެކަނި ނޭނގޭ އެއްޗެއް ދެނެގަތުމެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެނގުނެ އެއްޗަކުން ފައިދާކުރުމެވެ. ޙަޤީޤަތުގައި ފައިދާކުރަނިވި ޢިލްމަކީ އޭގެ އަޘަރު ޢިލްމުވެރިޔާގެ ކިބައިން ފެންނަން ހުންނަ އެއްޗެކެވެ. އޭގެ ސަބަބުން މޫނު އުޖާލާވެއެވެ. އަދި ހިތަށް ބިރުވެތިކަންވަދެއެވެ. އަދި އުޅުން ސީދާވެއެވެ. އަދި ﷲ އަށް ތެދުވެރިވެއެވެ. އަދި އަމިއްލަ ނަފްސަށާއި މީސްތަކުންނަށްވެސް ތެދުވެރިވެއެވެ.
އީމާންވުމާއެކު ހެޔޮޢަމަލުކުރުމަކީ ސުވަރުގެއަށް ވަނުމުގެ ޝަރުޠެއްކަމުގައި ﷲ ތަޢާލާވަނީ ލައްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ﴾[سورة البروج ١١]
މާނައީ: “ހަމަކަށަވަރުން، އީމާންވެ ޞާލިޙުޢަމަލުތައްކުޅަ މީހުންނަށް، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް ހުށްޓެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.”
މިއާޔަތުގައި މިވަނީ އީމާންކަމާއެކު ހެޔޮޢަމަލުގެ ވާހަކަ ޛިކުރުކުރައްވާފައެވެ.
ޢިލްމުން ފައިދާ ޙާޞިލުކޮށްފައިނުވާތީ، ބަނޫ އިސްރާއީލުންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَآتَيْنَاهُم بَيِّنَاتٍ مِّنَ الْأَمْرِ ۖ فَمَا اخْتَلَفُوا إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۚ إِنَّ رَبَّكَ يَقْضِي بَيْنَهُمْ يَوْمَ الْقِيَامَةِ فِيمَا كَانُوا فِيهِ يَخْتَلِفُونَ﴾ [سورة الجاثية ١٧]
މާނައީ: “އަދި ދީނުގެ ކަންތަކާމެދުގައި ބަޔާންވެގެންވާ ހެކިތަކެއް ތިމަންއިލާހު އެއުރެންނަށް ދެއްވީމެވެ. ފަހެ، އެއުރެންނާ ހަމަޔަށް ޢިލްމުއައުމަށްފަހުގައި މެނުވީ، އެއުރެން ޚިލާފެއް ނުވެތެވެ. (އެއީ) އެއުރެންގެ މެދުގައިވާ ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމުންނެވެ. ހަމަކަށަވަރުން، އެއުރެން ޚިލާފުވެ އުޅުނު ކަންތަކާމެދު، ކަލޭގެފާނުގެ ވެރިރައްބު ޤިޔާމަތް ދުވަހުން އެއުރެންގެ މެދުގައި ނިޔާ ކުރައްވާނެތެވެ.”
އަދި ނަޞާރާއިންގެ ޖާހިލުކަމާއި ޢިލްމެއްނެތި ﷲ އަށް އަޅުކަންކުރާތީ އެބައިމީހުންނީ މަގުފުރެދިފައިވާ ބައެއްކަމުގައި އެއިލާހު ބަޔާންކުރެއްވިއެވެ.
_____________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް