[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢިލްމަށް ޢަމަލުކުރުން 2

ޢިލްމަށް ޢަމަލުކުރާމީހަކީ ބަދުބަސް ރައްދުކުރެވިފައިވާ ދެޖަމާޢަތަކުން ސަލާމަތްވެފައިވާ މީހެކެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިންނެވެ. ޢިލްމަށް ޢަމަލުކުރަންޖެހެނީ ހަމައެކަނި އަޅުކަންތައް އަދާކުރާއިރަކު ނޫނެވެ. އަދި ކިއެއްހެއްޔެވެ. މީސްތަކުންނާ މުޢާމަލާތްތައްކުރާއިރުވެސް އެއަށް ޢަމަލުކުރަން ޖެހެއެވެ. ފަހެ ވާހަކަދެއްކުމުގައި ތެދުވެރިވުމާއި ޢަހުދަށް ވަފާތެރިވުމާއި އަވަށްޓެރިންނަށް ހެޔޮކޮށްހިތުމާއި ރަޙިމުގެގުޅުން ޤާއިމުކުރުމާ އަދި މީސްތަކުންނަށް މަޢާފުކުރުމަކީވެސް ޢިލްމަށް ޢަމަލުކުރުމުގެ ތެރެއިންވާ ކަންކަމެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާއާ ބެހޭގޮތުން އިބްނުލް ޤައްޔިމު ވިދާޅުވިއެވެ. [1]

“އިބްނު ތައިމިއްޔާގެ އަޞްޙާބުންގެ ތެރެއިން އެންމެ އިސްބޭކަލުން ވިދާޅުވެއެވެ. އިބްނު ތައިމިއްޔާ، އެކަލޭގެފާނާ ދެކޮޅުވެރިވެ ޚިލާފުވާ މީހުންނާ މުޢާމަލާތްކުރާގޮތަށް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ގާތްމީހުންނާ މުޢާމަލާތްކުރެވޭނެ ނަމައޭ ހިތަށް އަރައެވެ. އަކަލޭގެފާނު އޭގެ ތެރެއިން އެކަކާ ދެކޮޅަށްވެސް ބަދުދުޢާ ނުކުރައްވައެވެ. އެހެނެއްކަމަކު އެބައިމީހުންނަށްޓަކައި ހެޔޮ ދުޢާކޮށްދެއްވައެވެ. އަދި އެއްދުވަހަކު އިބްނު ތައިމިއްޔާއާ އެންމެ އުނދަގޫކޮށް ދެކޮޅުވެރިވެ އުޅުނު މީހާ މަރުވުމުން، ތިމަން އައިސް އެކަލޭގެފާނަށް އެކަމުގެ އުފާވެރިކަމުގެ ޚަބަރު ދިނީމެވެ. އެކަލޭގެފާނު އެކަމާ ހިތްހަމަޖެހިވަޑައިނުގެންނެވިއެވެ. އަދި ތިމަންނައަށް އެކަން މަނާކޮށްފައި އެއްޗެއްވިދާޅުވިއެވެ. އަދި إنا لله وإنا إليه راجعون މިފަދައިން ކިޔާފައި ވަޤުތުން ތެދުވެ އެމީހާގެ އާއިލާމީހުންގެ ގެއާ ދިމާއަށް ވަޑައިގަތެވެ. އަދި އެބައިމީހުންނަށް ތަޢުޒިޔާ ވިދާޅުވިއެވެ. އަދި ވިދާޅުވިއެވެ. މިއަދު ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ވާހުށީ އޭނާގެ މަޤާމުގައެވެ. ތިޔަބައިމީހުންނަށް އެހީއެއް ބޭނުންވާ އެއްވެސްކަމެއް އޮތިއްޔާ އެކަމުގައި ތިމަންކަލޭގެފާނު އެހީތެރިވެދެއްވާނަމެވެ. ނުވަތަ މިފަދަ ބަސްފުޅެއް ވިދާޅުވިއެވެ. ފަހެ އެކަމަށްޓަކައި އެބައިމީހުން ވަރަށް އުފާކުރިއެވެ. އަދި އެކަލޭގެފާނަށް ދުޢާކޮށްދިނެވެ. އަދި އެކަލޭގެފާނު އެކުރެއްވިކަމަކީ ވަރަށް މާތްކަމެއްކަމުގައިވެސް ދެކުނެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް ރަޙުމުކުރައްވާ އެކަލޭގެފާނާމެދު ރުހިވޮޑިގަންނަވާފާނދޭވެ!”  

ޢިލްމަކީ މިފަދައިން ނަފްސުތައް ތަހުޒީބުކުރާ އެއްޗެކެވެ. އަދި ހަވާނަފްސުގެ މައްޗަށް އިސްވާ އެއްޗެކެވެ. އަދި ޝަހުވަތުގެ މައްޗަށް ގަދަވާ އެއްޗެކެވެ. ޝަރީޢަތް ބާވައިލެއްވިގެންވަނީ އެފަދައިންނެވެ.

_______________________

[1] مدارج السالكين 2/ 345

މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް