އުނިތަކާއި އައިބުތައް ހުރުމަކީ މަޚްލޫޤުންގެ ކިބައިގައިވާ ފިޠުރީކަމެކެވެ. އިސްލާމް ދީން ގޮވާލަނީ މީސްތަކުންނަށް ނަސޭޙަތްތެރިވުމާއި އެބައިމީހުންގެ ޢައިބުތައް ފޮރުވުމަށެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الدِّينُ النَّصِيحَةُ» قُلْنَا: لِمَنْ؟ قَالَ: «لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ» [رواه مسلم]
މާނައީ: “ދީނަކީ ނަސޭޙަތެވެ.” ތިމަންބޭކަލުން ދެންނެވީމެވެ. ކާކަށްތޯއެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“މާތް ﷲ ގެ ޙަޟްރަތަށާއި އެއިލާހުގެ ފޮތަށާއި އެއިލާހުގެ ރަސޫލާއަށާއި މުސްލިމުންގެ ވެރިންނަށާއި ޢާންމުންނަށެވެ.”
(ޢަރަބިބަހުގައި النصيحة މިލަފްޒު ބޭނުންކުރަނީ ވަރަށް ޝާމިލު މާނައެއްގައެވެ. އެގޮތުން ކަމަކަށް އިޚްލާޞްތެރިވެ، އެކަމަށް ފުރިހަމަ ސަމާލުކަންދީ، ފަރުވާކުޑަކުރުމާއި އޮޅުވާލުމާ ޚިޔާނަތެއް ނެތި، ފުރިހަމައަށް ކަމެއް އަދާކުރުމަށް މިބަސް ބޭނުންކުރެއެވެ.)
އަދި އެއީ މުޖުތަމާ އިޞްލާޙުކުރުމުގައި މުހިންމު ޤަވާއިދެކެވެ. ރަސޫލެބޭކަލުން، އެބޭކަލުންގެ ޤައުމުގެ މީހުންނަށް ދަޢުވަތުދެއްވިއިރު އެޞިފައިން ޞިފަލިބިގެންނެވިއެވެ. ނޫޙުގެފާނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنصَحُ لَكُمْ وَأَعْلَمُ مِنَ اللَّـهِ مَا لَا تَعْلَمُونَ﴾ [سورة الأعراف ٦٢]
މާނައީ: “ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ރިސާލަތު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަމެވެ. އަދި ތިޔަބައިމީހުންނަށް ނަސޭޙަތްތެރިވަމެވެ. އަދި ތިޔަބައިމީހުންނަށް ނޭނގޭ ކަންތައްތައް ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ.”
އަދި ހޫދުގެފާނާ ބެހޭގޮތުން އެއިލާހު ވަޙީކުރެއްވިއެވެ.
﴿أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ﴾ [سورة الأعراف ٦٨]
މާނައީ: “ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ރިސާލަތު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަމެވެ. އަދި ތިމަންކަލޭގެފާނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި ނަސޭޙަތްތެރިޔަކީމެވެ.”
އަދި ޞާލިޙުގެފާނާ ބެހޭގޮތުން އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَتَوَلَّىٰ عَنْهُمْ وَقَالَ يَا قَوْمِ لَقَدْ أَبْلَغْتُكُمْ رِسَالَةَ رَبِّي وَنَصَحْتُ لَكُمْ وَلَـٰكِن لَّا تُحِبُّونَ النَّاصِحِينَ ﴾ [سورة الأعراف ٧٩]
މާނައީ: “ދެން އެކަލޭގެފާނު، އެއުރެންގެ ކިބައިން ދުރުހެލިވެވަޑައިގަތެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. އޭ ތިމަންކަލޭގެފާނުގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިރައްބުގެ ރިސާލަތު، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވީމެވެ. އަދި ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަސޭޙަތްތެރިވީމެވެ. އެހެނެއްކަމަކު، ނަސޭޙަތްތެރިވާ މީހުންދެކެ ތިޔަބައިމީހުން ލޯތްބެއް ނުވަމުއެވެ.”
ޞަޙާބީ ބޭކަލުން ނަބިއްޔާ صلى الله عليه وسلم އަށް ބައިޢަތުހިއްޕެވިއިރު އެކަން ހިމަނާފައިވެއެވެ. ޖާބިރު ބިން ޢަބްދުﷲ ވިދާޅުވިއެވެ.
“ތިމަންކަލޭގެފާނު ﷲ ގެ ރަސޫލާ އަށް صلى الله عليه وسلم ބައިޢަތުހިއްޕެވިއިރު ނަމާދު ޤާއިމުކުރުމަށާއި ޒަކާތްދިނުމަށާ އަދި ކޮންމެ މުސްލިމަކަށްމެ ނަސޭޙަތްތެރިވުމަށް ބައިޢަތުހިއްޕެވިއެވެ.” [متفق عليه]
_______________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް