[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މުޞީބާތްތައް ލުއިވާނީ ކިހިނެތް 2

ﷲ ތަޢާލާގެ ނިޔާކުރެއްވުމާއި ޚަލްޤުކުރެއްވުމާ އަދި ތަދުބީރުކުރެއްވުމާމެދު ޔަޤީންކުރާށެވެ. އަދި އެއިލާހު މެދުވެރިކުރެއްވާ އިމްތިޙާނުތަކާއި ކުރައްވާ ޙުކުމްފުޅުތަކަށް ކެތްތެރިވާށެވެ. އަދި އެއިލާހުގެ އަމުރުފުޅަށް ބޯލަނބާށެވެ. ފަހެ ދުނިޔެ ވަށާލެވިގެންވަނީ އުނދަގޫތަކާއި ކިލަނބުކަމުންނެވެ. އަދި އެތަނުގެ ތަބީޢަތުގައިވަނީ ދަތިކަމާއި ނާމާންކަމެވެ.

އިބްނު މުފްލިޙު ވިދާޅުވިއެވެ.[1] ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ)، ވަރަށް ގިނައިން މިބައިތުތަކުން މިޘާލު ޖައްސަވައެވެ.

بَينا يَرى الإِنسان فيها مُخبِراً … حَتّى يُرى خَبَراً مِنَ الأَخبارِ

طُبِعَت عَلى كدرٍ وَأَنتَ تُريدُها … صَفواً مِنَ الأَقذاءِ وَالأَكدارِ

މާނައީ: އެއްދުވަހު، އިންސާނާއީ ޚަބަރު ފަތުރާ މީހަކަށް ވެދާނެއެވެ. އެހެން އުޅެނިކޮށް ފެންނާނީ އޭނާވެސް ޚަބަރަކަށްވެފައި ވަނިކޮށެވެ.

ކިލަނބުކަމެއްގައި (ދުނިޔެ) ލެއްވިފައިވާއިރުވެސް ތިބާ ތިޔަ ބޭނުންވަނީ އެއްވެސް ހަޑިކަމެއް، ކިލަނބުކަމެއް ނުވާ ސާފު އެއްޗެއްގެ ގޮތުގައި އެހޯދާށެވެ. (މިޅެމަކީ އަބުލް ޙަސަން އައްތިހާމީ، އެކަލޭގެފާނުގެ ދަރިކަލުން ނިޔާވުމުން ލިޔުއްވި ޅެމެކެވެ.)

ޤަޟާ ޤަދަރަށް އީމާންވާށެވެ. އެއަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ތިބާ އެދޭ ކޮންމެ ކަމެއް ޙާޞިލެއް ނުވާނެއެވެ. މެދުނުކެނޑި ﷲގެ ޙަޟްރަތުގައި ދުޢާދަންނަވާށެވެ. އަދި ﷲ އަށްޓަކައި އިޚްލާޞްތެރިވާށެވެ. ތިބާއަށްޓަކައި ދޮރުތައް ހުޅުވިގެންދާނެއެވެ. އަދި އެދޭ ކަންތައްތައް ޙާޞިލުވަމުން ދާނެއެވެ. އަދި މީސްތަކުންގެ އަތުގައިވާ އެއްޗަކާމެދު އުންމީދު ކަނޑާލާށެވެ. އޭރުން ތިބާވާހުށީ އެންމެ ފުދުންތެރި މީހާއަށެވެ. އަދި މާޔޫސް ނުވާށެވެ. އެއީ ތިބާ ނިކަމެތިވެގެންދާނެ ކަމެކެވެ.

އަދި ﷲ ތަޢާލާ ތިބާއަށް ދެއްވި ގިނަގުނަ ނިޢުމަތްތަކުގެ މަތިން ހަނދުމަކުރާށެވެ. އަދި ﷲ ތަޢާލާގެ ނިޔާއާމެދު ރުހި، ހިތާމަތައް ފިލުވާލާށެވެ. ރޭގަނޑު ދިގުލައިގެން ދިޔަސް ހެނދުނުގެ އަލިކަމާއެކު އެކަން ނިމޭނެއެވެ. ކަންބޮޑުވުމުގެ އެންމެ ފަހު ކޮޅަކީ ލުއިކަމުގެ ފެށުމެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އާދޭސް ދަންނަވާށެވެ. ތިބާއަށް ދިމާވެފައިކަން، ލުއިފަސޭހަކަމަށް ބަދަލުވާނެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާތްގަށް އެދޭމީހަކު، ކެތްތެރިކަމުގެ ތަށިން އުނދަގުލާއެކުވިޔަސް ބޮއެފިނަމަ އެމީހަކަށް (އުނދަގޫތަކުން) ނުކުންނާނެ މަގެއް ފެނިގެންދާނެއެވެ.
____________________

[1]  الآداب الشرعية 2/247
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް