[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުﷲ صلى اللّه عليه وسلم ގެ ދަރިކަނބަލުން ފާޠިމާ رضي الله عنها

ފާޠިމާ رضي الله عنها އުފަންވެވަޑައިގަތީ އެކަމަނާގެ ބައްޕާފުޅު ނަބީކަމައިގެން ފޮނުއްވުމުގެ ކުރިންނެވެ.

އެކަމަނާގެ މަންމާފުޅަކީ ޚަދީޖާ رضي الله عنها އެވެ. ޒައިނަބާއި ރުޤައްޔާ رضي الله عنهما އަށްވުރެ އެކަމަނާ ހަގެވެ.

އެކަމަނާ ކައިވެނި ބައްލަވައިގެންނެވީ ޢަލީ رضي الله عنه އާއެވެ. އެއީ ހިޖުރައިން ދެވަނަ އަހަރު، ބަދުރު ހަނގުރާމައިގެ ފަހުންނެވެ.

ފާޠިމާ رضي الله عنها އަށް ފަސް ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ: އަލްޙަސަން، އަލްޙުސައިން، މުޙްސިން، އުންމު ކުލްޘޫމް އަދި ޒައިނަބެވެ. އެކަމަނާގެ ދެ ދަރިކަނބަލުންގެ ތެރެއިން އުންމު ކުލްޘޫމް ކައިވެނި ބައްލަވައިގެންނެވީ ޢުމަރު ބުން އަލްޚައްޠާބު رضي الله عنه އާއެވެ. އަދި ޒައިނަބު ކައިވެނި ބައްލަވައިގެންނެވީ ޢަބްދުﷲ ބުން ޖަޢުފަރު ބުން އަބީޠާލިބު رضي الله عنه އާއެވެ.

ނަބިއްޔާ صلى اللّه عليه وسلم އެކަމަނާދެކެ ނުހަނު ލޯބިވެ ވަޑައިގެންނެވިއެވެ. ފާޠިމާ رضي الله عنها އަކީ ކެތްތެރި، ދީނީކަންކަމަށް ނުހަނު ފަރުވާ ބެހެއްޓެވި، ދީލަތި، ޢިއްފަތްތެރި، ﷲ އަށް ޝުކުރުވެރިވެވަޑައިގެންނެވި ބޭކަނބަލެކެވެ.

ނަބިއްޔާ صلى اللّه عليه وسلم އަވަހާރަވުމުން އެކަމަނާ ނުހަނު ހިތާމަކުރެއްވިއެވެ. އަދި ކީރިތި ކުރައްވާ ވިދާޅުވިއެވެ.

يا أبتاه إلى جبريل ننعاه ، يا أبتاه ! أجاب رباً دعاه ، يا أبتاه في جنة الخلد مثواه .

މާނައީ: “އޭ ބައްޕާފުޅާއެވެ. ކަލޭގެފާނު އަވަހާރަވީ ޚަބަރު ތިމަންމެން ޖިބްރީލުގެފާނަށް ދެއްވާނަމެވެ. އޭ ބައްޕާފުޅާއެވެ. ރައްބުގެ ގޮވާލުމަށް ކަލޭގެފާނުގެ ޢިޖާބަދެއްވައިފިއެވެ. އޭ ބައްޕާފުޅާއެވެ. ސުވަރުގޭގައި އަބަދަށް ކަލޭގެފާނު ދެމިހުންނަވާނެއެވެ.”

ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ.

((أَقْبَلَتْ فَاطِمَةُ تَمْشِي كَأَنَّ مِشْيَتَهَا مَشْيُ النَّبِيِّ صَلَّى اللّهُ عَلَيْهِ وَسَلَّمَ فَقَالَ النَّبِيُّ صَلَّى اللّهُ عَلَيْهِ وَسَلَّمَ مَرْحَبًا بِابْنَتِي)) [رواه البخاري]

މާނައީ: ފާޠިމަތުގެފާނު ހިނގާފައި ވަޑައިގެންނެވިއެވެ. އެކަމަނާގެ ހިންގެވުން ނަބިއްޔާ صلى اللّه عليه وسلم ގެ ހިންގެވުމާ ވަރަށް ވައްތަރެވެ. ފަހެ، ނަބިއްޔާ صلى اللّه عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނަށް މަރުޙަބާއެވެ.”

ޢާއިޝާ رضي الله عنها ވިދާޅުވެފައިވެއެވެ.

((مَا رَأَيْتُ أَحَدًا، كَانَ أَشْبَهَ كَلَامًا وَحَدِيثًا بِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ فَاطِمَةَ، وَكَانَتْ إِذَا دَخَلَتْ عَلَيْهِ، قَامَ إِلَيْهَا وَقَبَّلَهَا، وَرَحَّبَ بِهَا، وَأَخَذَ بِيَدِهَا وَأَجْلَسَهَا فِي مَجْلِسِهِ، وَكَانَتْ هِيَ إِذَا دَخَلَ عَلَيْهَا قَامَتْ إِلَيْهِ فَقَبَّلَتْهُ وَأَخَذَتْ بِيَدِهِ)) [صححه الألباني في التعليقات الحسان على صحيح ابن حبان]

މާނައީ: “ވާހަކަ ދެއްކުމުގައި، ފާޠިމުގެފާނަށްވުރެ، ރަސޫލުﷲ صلى اللّه عليه وسلم އާ ވައްތަރު އެއްވެސް މީހަކު ތިމަންކަމަނާ ނުދެކެމެވެ. އެކަލޭގެފާނުގެ އަރިހަށް އެކަމަނާ ވަދެ ވަޑައިގަތުމުން، އެކަލޭގެފާނު ތެދުވެ ވަޑައިގެން އެކަމަނާއަށް ބޮސްދެއްވައެވެ. އަދި އެކަމަނާއަށް މަރްޙަބާ ދަންނަވާ އެކަމަނާގެ އަތްޕުޅުގައި ހިއްޕަވާ އެކަލޭގެފާނުގެ އަރިހުގައި ބައިންދަވައެވެ. އަދި އެކަމަނާވެސް، އެކަލޭގެފާނު އެކަމަނާގެ އަރިހަށް ވަދެވަޑައިގަތުމުން، ތެދުވެވަޑައިގެން އެކަލޭގެފާނަށް ބޮސްދެއްވާ، އެކަލޭގެފާނުގެ އަތްޕުޅުގައި ހިއްޕަވައެވެ.”

ނަބިއްޔާ صلى اللّه عليه وسلم ޙަދީޘްކުރެއްވިކަމަށް އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.

((أَفْضَلُ نِسَاءِ أَهْلِ الْجَنَّةِ خَدِيجَةُ بِنْتِ خُوَيْلِدٍ وَفَاطِمَةُ بِنْتُ مُحَمَّدٍ وَمَرْيَمُ بِنْتُ عِمْرَانَ وآسية بنت مزاحم امرأة فرعون)) [رواه أحمد وصححه الألباني]

މާނައީ: “ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ މާތް އަންހެން ކަނބަލުންނަކީ ޚަދީޖަތު ބިންތި ޚުވައިލިދާއި، ފާޠިމަތު ބިންތި މުޙައްމަދާއި، މަރްޔަމް ބިންތި ޢިމްރާން އަދި ފިރުޢައުނުގެ އަނބިކަނބަލުން އާސިޔަތު ބިންތި މުޒާޙިމެވެ.”

ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ.

)) أَقْبَلَتْ فَاطِمَةُ تَمْشِي كَأَنَّ مِشْيَتَهَا مَشْيُ النَّبِيِّ صَلَّى اللّهُ عَلَيْهِ وَسَلَّمَ فَقَالَ النَّبِيُّ صَلَّى اللّهُ عَلَيْهِ وَسَلَّمَ مَرْحَبًا بِابْنَتِي ثُمَّ أَجْلَسَهَا عَنْ يَمِينِهِ أَوْ عَنْ شِمَالِهِ ثُمَّ أَسَرَّ إِلَيْهَا حَدِيثًا فَبَكَتْ فَقُلْتُ لَهَا لِمَ تَبْكِينَ ؟ ثُمَّ أَسَرَّ إِلَيْهَا حَدِيثًا فَضَحِكَتْ . فَقُلْتُ مَا رَأَيْتُ كَالْيَوْمِ فَرَحًا أَقْرَبَ مِنْ حُزْنٍ فَسَأَلْتُهَا عَمَّا قَالَ فَقَالَتْ مَا كُنْتُ لأُفْشِيَ سِرَّ رَسُولِ اللّه صَلَّى اللّهُ عَلَيْهِ وَسَلَّمَ. حَتَّى قُبِضَ النَّبِيُّ صَلَّى اللّهُ عَلَيْهِ وَسَلَّمَ فَسَأَلْتُهَا فَقَالَتْ أَسَرَّ إِلَيَّ إِنَّ جِبْرِيلَ كَانَ يُعَارِضُنِي الْقُرْآنَ كُلَّ سَنَةٍ مَرَّةً وَإِنَّهُ عَارَضَنِي الْعَامَ مَرَّتَيْنِ وَلا أُرَاهُ إِلا حَضَرَ أَجَلِي. وَإِنَّكِ أَوَّلُ أَهْلِ بَيْتِي لَحَاقًا بِي. فَبَكَيْتُ . فَقَالَ : أَمَا تَرْضَيْنَ أَنْ تَكُونِي سَيِّدَةَ نِسَاءِ أَهْلِ الْجَنَّةِ أَوْ نِسَاءِ الْمُؤْمِنِينَ فَضَحِكْتُ لِذَلِكَ)) [رواه البخاري]

މާނައީ: ފާޠިމަތުގެފާނު ވަޑައިގެންނެވިއެވެ. އެކަމަނާގެ ހިންގެވުން ނަބިއްޔާ صلى اللّه عليه وسلم ގެ ހިންގެވުމާ ވަރަށް ވައްތަރެވެ. ފަހެ، ނަބިއްޔާ صلى اللّه عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިމަންކަލޭގެފާނުގެ ދަރިކަނބަލުންނަށް މަރުޙަބާއެވެ.” ދެން އެކަލޭގެފާނުގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި އެކަމަނާ ބޭންދެވިއެވެ. ދެން އެކަލޭގެފާނު، އެކަމަނާގެ އަރިހުގައި ސިއްރުން އެއްޗެއް ޙަދީޘްކުރެއްވިއެވެ. އެހިނދު އެކަމަނާ ކީރިތި ކުރެއްވިއެވެ. ފަހެ، އެކަމަނާ ކީރިތި ކުރެއްވީ ކީއްވެގެންތޯ ތިމަންކަމަނާ ސުވާލު ކުރެއްވީމެވެ. ދެން އަނެއްކާވެސް އެކަލޭގެފާނު، އެކަމަނާގެ އަރިހުގައި ސިއްރުން އެއްޗެއް ޙަދީޘްކުރެއްވިއެވެ. އެހިނދު އެކަމަނާ ހިނިވަރުނަ ކުރެއްވިއެވެ. ފަހެ އެކަމަނާގެ އަރިހުގައި ތިމަންކަމަނާ ދެންނެވީމެވެ. މިއަދު ފެނުނުފަދައިން މީހަކު ހިތާމަ ކުރުމަށްފަހު އެހާ އަވަހަށް އުފާކުރިތަން މީގެ ކުރިން ތިމަންކަމަނާ ދެކެވަޑާއިނުގަންނަވަމެވެ. ފަހެ، އެކަލޭގެފާނު އެކަމަނާގެ އަރިހުގައި ޙަދީޘްކުރެއްވި އެއްޗަކާ ބެހޭގޮތުން ސުވާލު ކުރެއްވީމެވެ. އެކަމަނާ ދެންނެވިއެވެ. “ރަސޫލުﷲ صلى اللّه عليه وسلم ގެ ސިއްރު، ތިމަންކަމަނާއަށް ފާޅު ނުކުރެވޭނެއެވެ.” ނަބިއްޔާ صلى اللّه عليه وسلم އަވަހާރަވުމުން އެކަމަނާގެ އަރިހުގައި އެކަމާ ބެހޭގޮތުން ތިމަންކަމަނާ ސުވާލުކުރެއްވީމެވެ. ފަހެ އެކަމަނާ ދެންނެވިއެވެ. “ތިމަންކަމަނާގެ އަރިހުގައި އެކަލޭގެފާނު ސިއްރުން ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން ޖިބްރީލުގެފާނު ކޮންމެ އަހަރަކު އެއްފަހަރު ތިމަންކަލޭގެފާނަށް ޤުރުއާން ކިޔައިދެއްވައެވެ. މިއަހަރު ދެފަހަރު ކިޔައިދެއްވައިފިއެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ އަޖަލު ގާތްވެއްޖެކަމަށް ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ. އަދި ތިމަންކަލޭގެފާނުގެ އަހުލު ބައިތުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ފުރަތަމަ ބައްދަލުކުރާނީ ކަމަނާއެވެ.” ފަހެ، ތިމަންކަމަނާ ކީރިތި ކުރެއްވީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ސުވަރުގޭގެ އަންހެނުންގެ ނުވަތަ މުއުމިން އަންހެނުންގެ ސާހިބާއަށްވުމަށް ކަމަނާ ރުހޭނަން ހެއްޔެވެ.” ފަހެ، އެކަމާ ތިމަންކަމަނާ ހިނިވަރުނަ ކުރެއްވީމެވެ.”

ނަބިއްޔާ صلى اللّه عليه وسلم އަވަހާރަވީތާ ހަމަސް ފަހުން ފާޠިމާ رضي الله عنها ވެސް އަވަހާރަވެއްޖެއެވެ. އެކަމަނާގެ ޖަނާޒާ އޮތީ ރޭގަނޑެވެ. އެކަމަނާގެ މައްޗަށް ކަށުނަމާދު ކުރެއްވީ އައްޢައްބާސް رضي الله عنه އެވެ.

ނަބިއްޔާ صلى اللّه عليه وسلم ގެ ނަސަބު ދެމިގެންގޮސްފައިވަނީ ފާޠިމާ رضي الله عنها ގެ ކިބައިންނެވެ.

*******

މަޞްދަރު: سير أعلام النبلاء / الجزء الثاني / ص: ١١۹ – ١٣٦