އަދި ތިންވަނަ ޤިސްމާމެދު ދަންނައެވެ. އޭގެ ތިން ފަޞްލު އެކަލާގެފާނު ޚާއްޞަކުރައވާފައިވަނީ ޢިލްމު ލިޔެ ރައްކާކުރުމަކީ ހުއްދަކަމެއްކަމަށް ވާރިދުވެފައިވާ ޙަދީޘްތަކާއި ބަސްފުޅުތައް ބަޔާންކުރެއްވުމަށެވެ.
ފުރަތަމައީ: ނަބިއްޔާ ﷺ ގެ އަރިހުން ރިވާވެފައިވާ ޙަދީޘްތައް: އެކަލޭގެފާނު ވަރަށް ގިނަ ޙަދީޘް ގެންނަވާފައިވެއެވެ. އޭގެ ތެރޭގައި ޞައްޙަ ޙަދީޘްތައްވެސް ހިމެނެއެވެ. އޭގެ ބައެއް މިސާލުތައް ތިރީގައި އެވަނީއެވެ.
- އަބޫ ހުރައިރާ ވިދާޅުވިއެވެ.
((مَا مِنْ أَصْحَابِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَحَدٌ أَكْثَرَ حَدِيثًا عَنْهُ مِنِّي، إِلَّا مَا كَانَ مِنْ عَبْدِ اللَّهِ بْنِ عَمْرٍو، فَإِنَّهُ كَانَ يَكْتُبُ وَلاَ أَكْتُبُ))
މާނައީ: “ތިމަންކަލޭގެފާނަށް ވުރެ ގިނައިން ނަބިއްޔާ ﷺ ގެ އެއްވެސް ޞަޙާބީބޭކަލަކު ޙަދީޘް ރިވާކުރައްވާފައި ނުވެއެވެ. ޢަބްދުﷲ ބުން ޢަމްރު ފިޔަވައެވެ. އެހެނީ އެކަލޭގެފާނު ޙަދީޘް ލިޔުއްވިއެވެ. ތިމަންކަލޭގެފާނު ނުލިޔުއްވަމެވެ.”[1]
- އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ.
ﷲ ގެ ރަސޫލާ ﷺ މައްކާ ފަތަޙަކުރެއްވި ދުވަހު ޚުޠުބާއެއް ދެއްވިއެވެ… (މިޙަދީޘްގައިވެއެވެ.) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
((اكْتُبُوا لِأَبِي شَاهٍ))
މާނައީ: “އަބޫ ޝާހަށް (މިޚުޠުބާ) ލިޔެދެއްވާށެވެ.”[2]
- އިބްނު ޢައްބާސްގެ ޙަދީޘްގައިވެއެވެ.
ހަމަކަށަވަރުން ﷲ ގެ ރަސޫލާ ﷺ، އެކަލޭގެފާނު އާލާސްކަންފުޅާ އުޅުއްވި ދުވަސްވަރު ޙަދީޘްކުރެއްވިއެވެ.
((ائْتُونِي بِكِتَابٍ أَكْتُبْ لَكُمْ كِتَابًا لاَ تَضِلُّوا بَعْدَهُ))
މާނައީ: ” ތިމަންކަލޭގެފާނަށް ލިޔާނެ އެއްޗެއް ގެނެސްދެއްވާށެވެ. އެއީ އެއަށްފަހު ތިޔަބައިމީހުން ފުރެދިގެންނުދާނެފަދަ ލިޔުމެއް ލިޔެދެއްވުމަށްޓަކައެވެ.”[3]
- ޢަބްދުﷲ ބުން ޢަމްރުގެ ޙަދީޘް: ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން އިވޭ ހުރިހާ އެއްޗެއް ތިމަންކަލޭގެފާނު ލިޔުއްވީމެވެ… (މިޙަދީޘްގައިވެއެވެ.) ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.
((اكْتُبْ فَوَالَّذِي نَفْسِي بِيَدِهِ مَا خَرَجَ مِنِّي إِلَّا حَقٌّ))
މާނައީ: “ކަލޭގެފާނު ލިޔުއްވާށެވެ. އެއިލާހެއްގެ އަތްޕުޅުގައި ތިމަންކަލޭގެފާނުގެ ނަފްސުފުޅުވާ އިލާހު ގަންދީ ޙަދީޘްކުރައްވަމެވެ. ޙައްޤު ކަލިމައެއް މެނުވީ ތިމަންކަލޭގެފާނުގެ އަރިހުން ނުނުކުންނާނެއެވެ.”[4]
އަދި އެޤިސްމުގައިވާ ޙަދީޘްތަކުގެ ތެރޭގައި ވަރަށް ގިނަ ޟަޢީފު ޙަދީޘްވެސްވެއެވެ. އެހެނަސް އޭގެ ތެރެއިން ބައެއް ޙަދީޘަށް ބާރުދޭ އެހެން ޙަދީޘްތައްވެއެވެ. [5]
= ނުނިމޭ =
_________________________
[1] ޞަޙީޙުލް ބުޚާރީގެ باب: كتابة العلم ބައްލަވާށެވެ.
[2] އިސްވެދިޔަ މަޞްދަރު ބައްލަވާށެވެ.
[3] އިސްވެދިޔަ މަޞްދަރު ބައްލަވާށެވެ.
[4] އަލްއިމާމު އަޙްމަދު އެކަލޭގެފާނުގެ މުސްނަދުގައި ރިވާކުރެއްވިއެވެ. (2 / 163) އަދި ދާރިމީ އެކަލޭގެ ފާނުގެ ސުނަނުގައިވެސްމެއެވެ. (باب من رخص في كتابة العلم 1 / 103)، އަދި އަބޫ ދާވޫދުވެސް އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރެއްވިއެވެ. (كتاب العلم من سننه 4 / 60) އަދި އަލްޚަޠީބުލް ބަޣްދާދީ އެކަލޭގެފާނުގެ ތަޤްޔީދުލް ޢިލްމު އޭ ކިޔުނު ފޮތުގައި (ص: 74، 81) އެކި ސަނަދުން އަދި އެކި ލަފްޒުން ރިވާކުރެއްވިއެވެ.
[5] ބައްލަވާ: الروايات في تقييد العلم (ص: 65 – 73)