[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަނާކިއުން 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މިއަދު މުސްލިމުންގެ ޙަޔާތުގައި ކުރިމަތިވެފައިވާ އިޖުތިމާއީ މައްސަލަތަކުގެ ތެރެއިން އެއްކަމަކީ ދުލާ ގުޅުންހުރި ކަމެކެވެ. އެއީ ސަނާކިއުމެވެ. މިއަދު ވަރަށް ގިނަމީހުން މިވަނީ ސަނާކިއުމުގައި ހައްދުފަހަނައަޅާ ގޮއްސައެވެ. ފާޖިރުންނާއި ފާސިޤުންނާއި މުނާފިޤުންނާއި ކާފިރުންނަށްވެސް ސަނާކިއުން މިވަނީ އާންމުވެފައެވެ. -ﷲ ތަޢާލާ، އަޅަމެން މިކަމުން ރައްކާތެރިކުރައްވާށިއެވެ.- އެކަމަށް އެކަށީގެންނުވާ މީހުންނަށް ސަނާކިއުމުގެ ސަބަބުން ވަރަށް ނުރައްކާތެރިކަންކަމަށް މަގުފަހިވެއެވެ. އެގޮތުން ކައިވެނީގެ ކަންކަމާއި ވަޒީފާގެ ކަންކަމުގައިވެސް މައްސަލަތައް ކުރިމަތިވެއެވެ. އެހެނީ ކަމަށް އަހުލުވެރި ނޫން މީހަކަށް ސަނާކިޔައިފިނަމަ، އޭނާއަށް ޔަޤީންކުރެވޭނީ އޭނާ ފިޔަވާ ދެންތިބި މީހުންނަކީ އެކަމަށް ޤާބިލުބައެއް ނޫންކަމަށެވެ. އޭގެ ސަބަބުން ސަނާކިއުނު މީހާގެ ހިތާއި ނިޔަތް ފަސާދަވެއެވެ. ތަޢުރީފުގެ ބަސްތަކުން އެފަދަމީހެއްގެ އިޚްލާޞްތެރިކަން ޚަރާބުކޮށްލައެވެ. އެހެންކަމުން ރަސޫލުﷲ صلى الله عليه وسلم ގެ ސީރަތާއި އެކަލޭގެފާނުގެ ޙަދީޘްތަކާއި، މިކަމާގުޅުންހުރި ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި މިމައުޟޫޢަށް އަލިއަޅުވާލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޞައްޙަ ޙަދީޘެއްގައި ހައްމާމް ބުން އަލްޙާރިޘްގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. މީހަކު ޢުޘްމާނު رضي الله عنه އަށް ސަނާކިއެވެ. ފަހެ، އެމަޖިލީހުގައި އިންނެވި ޞަޙާބީބޭކަލެއްކަމުގައިވާ މިޤްދާދުގެފާނު ކަކޫ މައްޗަށް ތެދުވެ ވަޑައިގެންނެވިއެވެ. – އެކަލޭގެފާނަކީ ވަރަށް ބިޔަ ބޭކަލެކެވެ. – އެކަލޭގެފާނު، އެމީހާގެ މޫނަށް ވެލި ޖެއްސެވިއެވެ. ދެންފަހެ، ޢުޘްމާނުގެފާނު ވިދާޅުވިއެވެ. “ކަލޭގެފާނު ތިޔަކުރެއްވީ ކީއްހެއްޔެވެ؟” މިޤްދާދުގެފާނު ދެންނެވިއެވެ. “ހަމަކަށަވަރުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«إِذَا رَأَيْتُمُ الْمَدَّاحِينَ، فَاحْثُوا فِي وُجُوهِهِمِ التُّرَابَ» [رواه مسلم ٣٠٠٢]

މާނައީ: “ގިނައިން ސަނާކިޔާބަޔަކު ތިޔަބައިމީހުންނަށް ފެންނަ ހިނދު، ފަހެ، އެބައިމީހުންގެ މޫނަށް ވެލި ޖަހާށެވެ.”

 =ނުނިމޭ=

________________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް