އަދި އެޤިސްމުގެ ދެވަނަ ފަޞްލުގެ ސުރުޚީގައި ވިދާޅުވެފައިވެއެވެ. “ޞަހާބީ ބޭކަލުންގެ ތެރެއިން ޢިލްމު ލިޔުއްވިކަމަށް އެނގެން އޮތް ބޭކަލުންނާއި އެކަންކުރުމަށް އަމުރުކުރެއްވި ބޭކަލުން” މިއެވެ.
މިފަޞްލުގައި އެބޭކަލުންގެ އަރިހުން ވަރަށް ގިނަ ރިވާޔަތްތައް ގެންނަވާފައިވެއެވެ. އޭގެ ތެރެއިން ގިނަ ރިވާޔަތްތައް ޞައްޙައެވެ. އެހެނީ ޞަޙީޙު ފޮތްތަކުގައިވާ ރިވާޔަތްތަކާއި ސުނަނުގައިވާ ރިވާޔަތްތައްވެސް އޭގައިވެއެވެ.
އެ ރިވާޔަތްތައް ގެންނަވާފައިވާއިރު، އެކަލޭގެފާނުގެ ތަޢުލީޤުތަކާއި އިސްތިންބާޠުތައްވެސް އެއާއެކު ޛިކުރުކުރައްވާފައިވެއެވެ. (ތަޢުލީޤަކީ އެރިވާޔާތްތަކާ ގުޅޭ މުހިންމު ނުކުތާތަކެވެ. އިސްތިންބާތަކީ އެރިވާޔަތްތަކުގައި ފުން މާނަތައް ބަޔާންކޮށްދިނުމެވެ.)
އޭގެ މިޘާލަކީ:
އަބޫ ސަޢީދުލް ޚުދްރީގެ އަންނަނިވި ރިވާޔަތް ގެންނަވާފައި ވިދާޅުވިއެވެ.
“مَا كُنَّا نَكْتُبُ شَيْئاً غَيْرَ القُرْآن وَالتَّشَهُّد”
މާނައީ: “ކީރިތި ޤުރުއާނާއި އައްތަޙިއްޔާތު ފިޔަވާ އެހެން އެއްޗެއް ތިމަންބޭކަލުން ނުލިޔުއްވަމެވެ.”
ވިދާޅުވިއެވެ. “އަބޫ ސަޢީދުލް ޚުދްރީއަކީ ﷲ ގެ ރަސޫލާ ﷺ ގެ އަރިހުން އަންނަނިވި ޙަދީޘް ރިވާކުރެއްވި ޞަޙާބީއެވެ.
((لَا تَكْتُبُوا عَنِّي سِوَى القُرْآن، وَمَنْ كَتَبَ عَنِّي غَيْرَ الْقُرْآنِ فَلْيَمْحُهُ))
މާނައީ: “ތިމަންކަލޭގެފާނުގެ އަރިހުން ކީރިތި ޤުރުއާން ފިޔަވާ އެހެން އެއްޗެއް ނުލިޔުއްވާށެވެ. ތިމަންކަލޭގެފާނުގެ އަރިހުން ކީރިތި ޤުރުއާން ފިޔަވާ އެހެން އެއްޗެއް ލިޔުއްވި ބޭކަލަކު، އެފުހެލައްވާށެވެ.”
އެއާއެކުވެސް އެކަލޭގެފާނު އެވަނީ ކީރިތި ޤުރުއާނުގެ އިތުރަށް އައްތަޙިއްޔާތުވެސް ލިޔުއްވިކަމަށް ވިދާޅުވެފައެވެ. އޭގެން ދަލީލު ލިބެނީ ކީރިތި ޤުރުއާން ފިޔަވާ އެހެން އެއްޗެއް ލިޔުން ނަހީކުރެއްވުނީ ކުރިން ބަޔާންކުރެވުނު ފަދައިންނެވެ. އެއީ ﷲ ތަޢާލާގެ ފޮތާ އެހެން އެއްވެސް އެއްޗެއް އެއްހަމަ ނުކުރުމަށާއި ކީރިތި ޤުރުއާން ދޫކޮށްލާފައި އެހެން ތަކެއްޗާ މަޝްޣޫލުވެދާނެތީއެވެ. އެސަބަބުތައް ނެތިދިޔުމުން އަދި ޢިލްމު ލިޔެރައްކާކުރުން މުހިންމުވުމުން އެލިޔުން މަކްރޫހަ ނުވީއެވެ. އެއީ އައްތަޙިއްޔާތު ލިޔުމަކީ މަކްރޫހަކަމެއްކަމުގައި ޞަޙާބީ ބޭކަލުން ދެކެވަޑައިނުގެންނެވިއެވެ. އައްތަޙިއްޔާތާއި އެހެން ޢިލްމުތައް ލިޔުމުގައި ތަފާތުތަކެއް ނުވެއެވެ. އެހެނީ ޤުރުއާން ފިޔަވާ އެފަދަ އެހެން ޢިލްމުތައްއެވަނީ އެއްޙުކުމެއްގައެވެ. ޞަޙާބީ ބޭކަލުން އެލިޔުއްވި ޢިލްމެއް ލިޔުއްވައި އެކަމަށް އަމުރުކުރެއްވީވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައެވެ. އަދި ހަމައެއާއެކު އެބޭކަލުން ޢިލްމު ލިޔުމަށް ނުރުހުންތެރިވެވަޑައިގަތީވެސް ހަމަ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. والله أعلم”[1]
= ނުނިމޭ =
_____________________
[1] تقييد العلم ص: 93 – 94.