الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ވުޟޫއަކީ އެކި އަޅުކަންތައްތައް އަދާކުރުމުގެ ކުރިން ކުރުމަށް ޝަރުޢުކުރައްވާފައިވާ ޢަމަލެކެވެ. މިއީ ވަރަށް މާތް އަދި އޭގެ ސަބަބުން ފާފަތައް ފުހެވިގެންދާ ޢަމަލެކެވެ. ކީރިތި ޤުރުއާނުގައި އަދި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި މިކަން ވަރަށް ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވެއެވެ. މިލިޔުމުގައި ކުރުގޮތަކަށް އަލިއަޅުވާ މިލަނީ ސުންނަތުން ސާބިތުވެފައިވާ ގޮތަށް ވުޟޫ ކުރާނެ ގޮތެވެ.
- ވުޟޫ ކުރަން ހިތުން ނިޔަތްގަތުން.
- بِسْمِ الله ކިޔުން.
- އަތުގެ ކުޑަހުޅާ ހަމައަށް ދެއަތްތިލަ ތިންފަހަރު ދޮވުން.
- ތިންފަހަރު އަނގައަށް ފެންލައި ކޯ ދޮވުން. އަނގަޔާ ނޭފަތަށް ފެންލާނީ އެކުއެކީގައެވެ. (އެބަހީ: ފެން އަތްގޮށިނަގައި އޭގެން އެއްބައި އަނގައަށް ލާ އަދި އަނެއްބައި ނޭފަތަށް ލާނީއެވެ.) އަނގައަށާއި ނޭފަތަށް ކަނާއަތުން ފެން ލުމަށް ފަހު ވައަތުން ނޭފަތް ފޮޅާލާނީއެވެ.
- ތިންފަހަރު މޫނު ދޮވުން. މޫނުގެ ޙައްދަކީ ތިއްކުރީގެ މަތީކައިރިން ފެށިގެން ދިގަށް ތުނބުޅީގެ އެންމެ ތިރިއާހަމައަށެވެ. އަދި އެއް ކަންފަތުގެ ފޫޅުން ފެށިގެން ހުރަހަށް އަނެއް ކަންފަތުގެ ފޫޅާހަމައަށެވެ. ފިރިހެނުން ތުނބުޅީގެ އިސްތަށިތަކުގެ ތެރެއަށް ފެން ރަނގަޅަށް ވަންނަ ގޮތަށް ދޮންނަންވާނެއެވެ. އިސްތަށިބޯ ތުނބުޅިއެއްނަމަ ވިނަވައިލުމުން ފުދޭނެއެވެ.
- ދެއަތް ދެއުޅަނބޮއްޓާއެކު ތިންފަހަރު ދޮވުން. އަތުގެ ޙައްދަކީ އިނގިލިތަކުގެ ކުރިން ފެށިގެން އުޅަނބޮށީގެ ހުޅާހަމައަށެވެ.
- ބޮލާއި ދެކަންފަތުގައި އެއްފަހަރު ފެން ފުހުން. އެގޮތުން ނިތްކުރިން ފެށިގެން ކަނދުރާއާހަމައަށް އަދި އަލުން ކަނދުރާއިން ނިއްކުރިއާހަމައަށް ފެންފުހޭނީއެވެ. އަދި ޝަހާދަތް އިނގިލިން ކަންފަތުގެ އެތެރޭގައި، އަދި ބޮޑުވައިއިނގިލިން ކަންފަތުގެ ބޭރުގައި ފެންފުހޭނީއެވެ.
- ދެފައިތިލަ ތަނބިކަށްޓާއެކު ތިންފަހަރު ދޮވުން.
- ވުޟޫ ދުޢާ ކިޔުން. ވުޟޫކުރުމަށްފަހު ކިޔުމަށް ޘާބިތުވެފައިވަނީ އެންމެ ދުޢާއެއް ނޫނެވެ. އެތަނުން ކޮންމެ ދުޢާއެއް ކިޔަސް މައްސަލައެއް ނެތެވެ. އޭގެ ތެރެއިން ބައެއް ދުޢާތަކަކީ:
– ((أَشْهَدُ أَن لاَّ إِلٰهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ))
– ((اَللَّهُمَّ اجْعَلْنِيْ مِنَ التَّوَابِيْنَ وَاجْعَلْنِيْ مِنَ الْمُتَطَهِّرِيْنَ))
– ((سُبْحاَنَكَ اللَّهُمَّ وَبِحَمْدِكَ، أَشْهَدُ أَن لاَّ إِلٰهَ إِلاَّ أَنْتَ, أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ))
____________________________