މުސްލިމުންގެ ޤާޟީންގެ ގާތަށް ސަނާކިޔުމުގައި ހައްދުފަހަނައަޅާދިއުމަށް މަޝްހޫރު މީހަކު އައުމުން، އެފަދަ މީހެއްގެ ހެކިބަސް ޤަބޫލު ނުކުރައްވާ ރައްދުކުރައްވައެވެ. ވަރަށް ގިނަ ފަހަރު ޝާޢިރުންގެ ޙާލަތަކީ މިއީއެވެ. އެހެންކަމުން ބައެއް މީހުން ބުނެއެވެ. “ޝާޢިރަކު އަޚެއްކަމުގައި ނަހަދާށެވެ. ފަހެ، އޭނާ އުޖޫރައަށް ތިބާއަށް ސަނާކިޔާނެއެވެ. އަދި ހިލޭ ތިބާއަށް ފުރައްސާރަ ކުރާނެއެވެ.” އެބަހީ: ތިބާއަށް ސަނާކިޔާފައި އެކަމަށް އަގު ނަގާނެއެވެ. ނަމަވެސް ތިބާއަށް ފުރައްސާރަކުރާކަމުގައިވާނަމަ އަގަކާނުލާ އެކަން ކުރާނެއެވެ. އެގޮތުން ކުރީގެ ބައެއް ޝާޢިރުން މީހުންނަށް ސަނާކިޔުމުގައި ހައްދުފަހަނައަޅާގޮސް، ﷲ ތަޢާލާ ނުރުއްސަވާފަދަ ބަސްތައްވެސް ކިޔާފައިވެއެވެ.
އިމާމް ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި އަބޫ މޫސާ رضي الله عنهގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“މީހަކު އެހެންމީހަކަށް ސަނާކިޔާއަޑު ނަބިއްޔާ صلى الله عليه وسلم އަށް އިވިވަޑައިގަތެވެ. އެމީހާ ސަނާކިޔުމުގައި ހައްދުފަހަނައަޅާ ދިޔައެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.”
«أَهْلَكْتُمْ – أَوْ قَطَعْتُمْ – ظَهْرَ الرَّجُلِ» [رواه البخاري ٢٦٦٣]
މާނައީ: “ތިޔަބައިމީހުން އެމީހާގެ ބުރަކަށި ހަލާކު ކޮށްފިއެވެ. – ނުވަތަ ބިންދާލައިފިއެވެ.-“
މީހަކަށް ސަނާ ކިޔާނަމަ ބުނާށެވެ. “އަހަރެން ދެކޭ ގޮތުގައި އޭނާއަކީ މިވެނި އެވެނި ފަދަ މީހެކެވެ.” އެހެނަސް އެގޮތަށްވެސް ސަނާ ކިޔުމުގައި ބުނެވޭނީ ކަމަށް ޤާބިލުމީހަކަށް ސަނާކިޔާއިރެވެ. ނުވަތަ އެކަން ކުރާ މީހަކަށް ސަނާ ކިޔާނަމައެވެ. މިސާލަކަށް: ނަމާދު ނުކުރާ މީހަކާ ދިމާއަށް “އަހަރެން ދެކޭ ގޮތުގައި އެއީ ނަމާދުކުރާމީހެކޭ” މިފަދައިން ނުބުނެވޭނެއެވެ. އެހެނީ އެއީ ތެދު ބަހަކަށް ނުވާނެއެވެ.
=ނުނިމޭ=
______________________________________________________
މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.