[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 19

الحديث التاسع والعشرون

 

 

عَنْ مُعَاذِ بْنِ جَبَلٍ رَضِيَ اللَّهُ عَنْهُ قَالَ: ((قُلْتُ: يَا رَسُولَ اللَّهِ، أَخْبِرْنِي بِعَمَلٍ يُدْخِلُني الجَنَّةَ، ويُبَاعِدُنِي مِنَ النَّارِ. قَالَ: لَقَدْ سَأَلْتَ عَنْ عَظِيمٍ، -وَإِنَّهُ لَيَسِيرٌ عَلَى مَنْ يَسَّرَهُ اللَّهُ عَلَيْهِ-: تَعْبُدُ اللَّهَ لَا تُشْرِكُ بِهِ شَيْئًا، وَتُقِيمُ الصَّلَاةَ، وَتُؤْتِي الزَّكَاةَ، وَتَصُومُ رَمَضَانَ، وَتَحُجُّ الْبَيْتَ.

ثُمَّ قَالَ: أَلَا أَدُلُّكَ عَلَى أَبْوَابِ الْخَيْرِ؟ الصَّوْمُ جُنَّةٌ. وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ، وَصَلاَةُ الرَّجُلِ مِنْ جَوْفِ اللَّيْلِ. ثُمَّ تَلَا: ﴿تَتَجَافَى جُنُوبُهُمْ عَنِ الْمَضَاجِعِ﴾ حَتَّى بَلَغَ: ﴿يَعْمَلُونَ﴾.

ثُمَّ قَالَ: أَلَا أُخْبِرُكَ بِرَأْسِ الأَمْرِ، وَعَمُودِهِ، وَذِرْوَةِ سَنَامِهِ؟ قُلْتُ: بَلَى يَا رَسُولَ اللَّهِ!

قَالَ: رَأْسُ الأَمْرِ: الإِسْلاَمُ، وَعَمُودُهُ: الصَّلَاةُ، وَذِرْوَةُ سَنَامِهِ: الْجِهَادُ.

ثُمَّ قَالَ: أَلَا أُخْبِرُكَ بِمِلَاكِ ذَلِكَ كُلِّهِ؟ قُلْتُ: بَلَى يَا رَسُولَ اللَّهِ. فَأَخَذَ بِلِسَانِهِ، وَقالَ: كُفَّ عَلَيْكَ هَذَا.

قُلْتُ: يَا نَبِيَّ اللَّهِ، وَإِنَّا لَمُؤَاخَذُونَ بِمَا نَتَكَلَّمُ بِهِ؟ فَقَالَ: ثَكِلَتْكَ أُمُّكَ، وَهَلْ يَكُبُّ النَّاسَ فِي النَّارِ عَلَى وُجُوهِهِمْ -أَوْ عَلَى مَنَاخِرِهِمْ- إِلَّا حَصَائِدُ أَلْسِنَتِهِمْ؟))

[رَوَاهُ التِّرْمِذِيُّ، وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ]

 

މާނައީ: މުޢާޛު ބުން ޖަބަލު رضي اللّه عنه ރިވާކުރެއްވިއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲގެ ރަސޫލާއެވެ! ތިމަން ނަރަކައިން ދިންނަވައި، ސުވަރުގެ ވައްދަވާނެ ޢަމަލެއް ދަންނަވައިދެއްވާށެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަ ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާ ބެހޭގޮތުންނެވެ. ހަމަކަށަވަރުން، ﷲ ފަސޭހަ ކޮށްދެއްވައިފި މީހަކަށް އެކަން ފަސޭހަވާނެއެވެ. ﷲ އާ އެހެންފަރާތެއް ބައިވެރިނުކޮށް އެއިލާހަށް އަޅުކަންކުރާށެވެ. އަދި ނަމާދު ޤާއިމުކޮށް، (މުދަލު) ޒަކާތް ދީ، ރަމަޟާން މަހު ރޯދަ ހިފައި އަދި ގެފުޅަށް ގޮސް ޙައްޖުވާށެވެ.”

ދެން ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ހެޔޮކަންކަމުގެ ދޮރާށިތައް ކަލޭގެފާނަށް ބުނެދެއްވަން ހެއްޔެވެ؟ ރޯދަހިފުމަކީ އައްޑަނައެކެވެ. (އެބަހީ: ރައްކާތެރިކަމެކެވެ.) އަދި ފެން ޖެހުމުން އަލިފާން ނިވޭ ފަދައިން، ޞަދަޤާތުގެ ސަބަބުން ކުށް ފާފަތައް ފުހެވިގެންދެއެވެ. އަދި ރޭގަނޑުގެ ތިންބައިން ފަހުބައިގައި ކުރާ ނަމާދުވެސް އެފަދައެވެ.”

ދެން ފަހެ، އެކަލޭގެފާނު ކިޔަވައި ވިދާޅުވިއެވެ.

﴿تَتَجَافَى جُنُوبُهُمْ عَنْ الْمَضَاجِعِ يَدْعُونَ رَبَّهُمْ خَوْفاً وَطَمَعاً وَمِمَّا رَزَقْنَاهُمْ يُنفِقُونَ (16) فَلا تَعْلَمُ نَفْسٌ مَا أُخْفِيَ لَهُمْ مِنْ قُرَّةِ أَعْيُنٍ جَزَاءً بِمَا كَانُوا يَعْمَلُونَ (17) ﴾ [سورة السجدة]  

“އެބައިމީހުންގެ ރައްބުގެ ޙަޟްރަތަށް ބިރުވެތިކަމާއި އުންމީދާއެކު ދުޢާ ކުރާ ޙާލު، އެބައިމީހުންގެ އަރިކަށިތައް (ރޭއަޅުކަން ކުރުމަށްޓަކައި) ތަންމަތިތަކާ ފޭވެއެވެ. އަދި ތިމަންއިލާހު، އެބައިމީހުންނަށް ދެއްވި ތަކެތީން ހޭދަ ކުރެއެވެ. [16] ފަހެ، އެބައިމީހުންނަށްޓަކައި ފޮރުއްވާފައިވާ ލޮލުގެ ފިނިކަން (ސުވަރުގޭގެ ނިޢުމަތްތައް) އެއްވެސް މީހަކަށް ނޭނގޭނެއެވެ. އެއީ އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކުގެ ޖަޒާއެއްކަމުގައެވެ. [17]”

ދެން ފަހެ، ޙަދީޘްކުރެއްވިއެވެ. “ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) ކޮބައިކަމާ އަދި އޭގެ ތަނބާއި އޭގެ ކުރިބޯއްޓާ ބެހޭގޮތުން ކަލޭގެފާނަށް ޚަބަރުދެއްވަން ހެއްޔެވެ؟”

ދެން ތިމަން ކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ.)” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) އިސްލާމުކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ.”

ދެން ފަހެ، ޙަދީޘްކުރެއްވިއެވެ. “އެހުރިހާ ކަމަކަށް ބާރުދޭ ކަންތައް ބުނެދެއްވަން ހެއްޔެވެ؟” ތިމަންކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ.)” އެހިނދު (ރަސޫލާ صلى الله عليه وسلم) އެކަލޭގެފާނުގެ ދޫފުޅުގައި ހިއްޕެވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ. “މި (އެބަހީ: ދޫ) ހިފަހައްޓާށެވެ.”

އެހިނދު އެކަލޭގެފާނު (މުޢާޛް رضي اللّه عنه) ދެންނެވިއެވެ. “އޭ ﷲގެ ނަބިއްޔާއެވެ! ދައްކައި އުޅޭ ވާހަކައިގެ ސަބަބުން ތިމަންމެންނަށް ޢުޤޫބާތްދެއްވޭނެ ހެއްޔެވެ؟!” ދެން ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ މަންމައަށް ތިބާ ގެއްލިއްޖެއެވެ. [މިއީ ބަދުދުޢާއެއް ނޫނެވެ. އެހެނަސް މީހަކުކުރާކަމަކާމެދު ހައިރާންވުމުން ނުވަތަ ބޮޑުކަމަކަމަށްވުމުން ޢަރަބިން ބުނެ އުޅޭ ޢިބާރާތެކެވެ.] މީސްތަކުން މޫނުވަތަށް – ނުވަތަ ނޭފަތް ވަތަށް – ނަރަކައަށް ވައްޓައިލެވެނީ އެމީހުންގެ ދުލުން ބޭރުކުރި ބަސްތަކެއްގެ ސަބަބުން ނޫން އެހެން ކޮންކަމަކުން ހެއްޔެވެ؟!”

“ތިޔަ ސުވާލުކުރެއްވީ ވަރަށް ބޮޑު ކަމަކާ ބެހޭގޮތުންނެވެ.” މި ބަސްފުޅުގެ މުރާދަކީ ސުވަރުގެ ވެއްދެވުމާއި ނަރަކައިން ދިންނެވުމަކީ ވަރަށް ބޮޑުކަމެކެވެ. އެހެނީ ރަސޫލުންނާއި ނަބީން ފޮނުއްވެވި، ފޮތްތައް ބާއްވައިލެއްވުނީ އިންސާނުންނަށް ދިންނެވުމުގެ މަގު ބަޔާންކޮށްދެއްވުމަށެވެ.

 

ޙަދީޘުން ލިބޭ ފައިދާތައް

– ދޫރައްކާތެރިކުރުމުގެ މުހިއްމުކަން މި ޙަދީޘުން އެނގިގެންދެއެވެ. މިފަދަ އެހެން ޙަދީޘެއްގައިވެއެވެ.

«المُسْلِمُ مَنْ سَلِمَ المُسْلِمُونَ مِنْ لِسَانِهِ وَيَدِهِ، وَالمُهَاجِرُ مَنْ هَجَرَ مَا نَهَى اللَّهُ عَنْهُ»  [متفق عليه]

މާނައީ: “މުސްލިމަކީ އެމީހެއްގެ އަތާއި ދުލުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ. އަދި މުހާޖިރަކީ ﷲ ނަހީކުރެއްވި ތަކެތި ދޫކުރާ މީހާއެވެ.”

ފުރިހަމަ ގޮތުގައި ދޫ ރައްކާކުރެވިއްޖެނަމަ އެމީހަކަށް ސުވަރުގެލިބޭނެކަމުގެ އުފާވެރި ޚަބަރު ކީރިތި ރަސޫލާ صلى الله عليه وسلم ވަނީ ދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.

«مَنْ يَضْمَنْ لِي مَا بَيْنَ لَحْيَيْهِ وَمَا بَيْنَ رِجْلَيْهِ أَضْمَنْ لَهُ الجَنَّةَ» [رواه البخاري]

މާނައަކީ: “އެމީހެއްގެ ދުލާއި ލަދުވެތިގުނަވަނަށް ރައްކާތެރިވާނެކަމުގެ ޔަޤީންކަންދީފި މީހަކަށް ސުވަރުގެ ލިބޭނެކަމުގެ ޔަޤީންކަން ތިމަންކަލޭގެފާނު ދެއްވަމެވެ”.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

«إنَّ مِنْ أَرْبَى الرِّبَا الِاسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ» [رواه أحمد وأبو داود وصححه الألبانى فى صحيح الجامع]

މާނައަކީ: ” ޙައްޤަކާނުލާ މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެނީ އެންމެ ނުބައި ރިބާގެ ތެރެއިންނެވެ.”

– ﷲ ގެ މަގުގައި މުދާ ހޭދަކުރުމުގެ ދަރުމަ މިޙަދީޘުން އެނގިގެންދެއެވެ. ﷲގެ މަގުގައި މުދާހޭދަކުރުމުގެ ދަރުމަޔާއި ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވިއެވެ.

﴿مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّـهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّـهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّـهُ وَاسِعٌ عَلِيمٌ﴾ [سورة البقرة ٢٦١]

މާނައީ: “ﷲ ގެ މަގުގައި، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިސާލަކީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާގަނޑު އުފައްދާ އޮށެއްގެ މިސާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަ ކުރައްވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”

﴿وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ﴾ [سورة النجم ٣٩]

މާނައީ: “އަދި އިންސާނާޔަށް އޭނާ ކުޅަ ޢަމަލެއް މެނުވީ ނުވެއެވެ.”

– ދަމުނަމާދުކުރުމުގެ މާތްކަން މި ޙަދީޘުން އެނގިގެންދެއެވެ.

ދަމުނަމާދާއިބެހޭ ގޮތުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

«عَلَيْكُمْ بِقِيَامِ اللَّيْلِ فَإِنَّهُ دَأَبُ الصَّالِحِينَ قَبْلَكُمْ وَقُرْبَةٌ إِلَى اللَّهِ تعالى وَمَنْهَاةٌ عَنْ الْإِثْمِ وَتَكْفِيرٌ لِلسَّيِّئَاتِ وَمَطْرَدَةٌ لِلدَّاءِ عَنْ الْجَسَدِ »

މާނައީ : “ތިޔަބައިމީހުން ރޭއަޅުކަންކުރާށެވެ. ފަހެ ހަމަކަށަވަރުން އެއީ ތިޔަބައިމީހުންގެ ކުރިން އުޅުއްވި ޞާލިޙުންގެ ގޮތެވެ. އަދި ﷲގެ ޙަޟުރަތަށް ވެވޭ ކުއްތަން ވުމެކެވެ. އަދި ހުތުރު ކަންތައްތަކާ ދުރުހެލިކުރުވާ ކަމެކެވެ. އަދި ފާފަތަކުގެ ކައްފާރާއެކެވެ. ހަށިގަނޑަށް ދިމާވާ ބަލިތައް ދުރުކޮށްދޭ ކަމެކެވެ.”

މި ޙަދީޘް ރިވާކުރައްވާފައިވަނީ އިމާމު އަޙްމަދާއި ތިރުމިޛީއާއި އިބްނު ޢަސާކިރެވެ. އަދި މިއީ ޞައްޙަ ޙަދީޘެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ.

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް