[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 21

الحديث الثاني والثلاثون:

 

عَنْ أَبِي سَعِيدٍ، سَعْدِ بْنِ مَالِكِ بْنِ سِنَانٍ الخُدْرِيِّ رَضِيَ اللَّهُ عَنْهُ، أَنَّ رَسُولَ اللَّهِ ﷺ قَالَ: ((لاَ ضَرَرَ، وَلاَ ضِرَارَ((

[حَدِيثٌ حَسَنٌ، رَوَاهُ ابْنُ مَاجَهْ، وَالدَّارَقُطْنِيُّ، وَغَيرُهُمَا، مُسْنَدًا.

وَرَوَاهُ مَالِكٌ فِي الْمُوَطَّأِ – عَنْ عَمْرِو بْنِ يَحْيَى، عَنْ أَبِيهِ، عَنِ النَّبِيِّ ﷺ – مُرْسَلًا، فَأَسْقَطَ أَبَا سَعِيدٍ.

وَلَهُ طُرُقٌ يُقَوِّي بَعضُهَا بَعضًا.]

 

 

 

މާނައީ: އަބޫ ސަޢީދު، ސަޢްދު ބުން ސިނާނު އަލްޚުދްރީ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

“ގެއްލުން ދިނުމެއްވެސް އަދި (މީހަކު ގެއްލުމެއް ދިނުމުން) އޭގެ ބަދަލުގައި ގެއްލުން ދިނުމެއްވެސް ނުވެއެވެ.”

 

 

ޙަދީޘުން ލިބޭ ފައިދާތައް

މި ޙަދީޘަކީ ފިޤްހުގެ މައްސަލަތަކުގެ ދެބައިކުޅަ އެއްބައި އެޙަދީޘަކަށް ރުޖޫޢަވާ ޙަދީޘެކެވެ. އެހެނީ ފިޤްޙު ބިނާވެފައިވަނީ (جلب المنافع) ފައިދާ ލިބޭ ކަންކަން ހޯދައިގަތުމަށާއި އަދި (دفع المضار)ގެއްލުންދުރުކުރުމަށެވެ. މި ޙަދީޘް ގުޅޭނީ (دفع المضار) ގެ ގިންތިއާއިއެވެ.

 

މި ފިޤްހީ ޤާޢިދާގެ ހިޔާގައި އެހެނިހެން ޖުޒުއީ ޤާއިދާތައްވެއެވެ. އެއީ:

– الضرر يزال: ގެއްލުމަކީ ނެތިކޮށްލަންޖެހޭ އެއްޗެކެވެ.

– الضرر يدفع بقدر الإمكان: ގެއްލުންދުރުކުރަންޖެހޭނީ ވީވަރަކުންނެވެ.

– الضرر لا يزال بمثله: ގެއްލުމެއް ހަމަ އެފަދަ ގެއްލުމަކުން ދުރުކުރުމެއް ނުވެއެވެ.

– الضرر الأشد يزال بالضرر الأخف: ބޮޑު ގެއްލުން ކުޑަ ގެއްލުމަކުން ދުރުކުރެވިދާނެއެވެ.

– إذا تعارضت مفسدتان روعي أعظمهما بارتكاب أخفهما: ދެފަސާދައެއް ތަޢާރުޟުވެއްޖެނަމަ އޭގެ އެންމެ ބޮޑުކަމަށް ބަލާފައި ކުޑަކަމަށް އަރައިގަނެވިދާނެއެވެ.

– درء المفاسد أولى من جلب المصالح: މަޞްލަޙަތު ގެނައުމަށްވުރެ ފަސާދަތައް އެއްކިބާކުރުން މާއެދެވިގެންވެއެވެ.

 

 

މި ޤާޢިދާ ތަންފީޒުކުރެވޭ ދާއިރާތައް

  1. ވިޔަފާރީގެ މުޢާމަލާތުގައި ގަންނަމީހާއަށާއި ވިއްކާމީހާއަށް އިޚްތިޔާރު ދެވިގެންވަނީ ގެއްލުން ދުރުކުރުމަށެވެ. މިގޮތުން ޢައިބެއް ހުރި މުދަލެއް ވިއްކައިފިނަމަ، އެމުދާ ރައްދުކުރުމުގެ އިޚްތިޔާރު ގަންނަމީހާއަށް ލިބިގެންވެއެވެ. އަދި މިނޫން ބައެއް ޙާލަތްތަކުގައިވެސް ދެފަރާތަށްވެސް ކުރެވުނު މުޢާމަލާތް ކެންސަލްކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.
  2. އެންމެހާ ޙައްދުތަކެއް އައިސްފައިވަނީ އިންސާނާއަށް ނުވަތަ އޭނާގެ މުދަލަށް ނުވަތަ އޭނާގެ އަބުރަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިކޮށްދިނުމަށްޓަކައެވެ.
  3. ޤިޞާޞް ޝަރުޢުކުރެވިފައިވަނީވެސް ގެއްލުން ދުރުކުރުމުގެ ގޮތުންނެވެ.
  4. މީސްތަކުން ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުދަލެއްގެ އަގު މަތިކުރުމަށްޓަކައި ވިޔަފާރިވެރިން އޭގެ ސަޕްލައި މަދުކުރަން އެއްބަސްވެއްޖެނަމަ، ވަލިއްޔުލް އަމްރަށް އެވިޔަފާރިވެރިންގެ މައްޗަށް ސަޕްލައި އިތުރުކުރުމަށާއި، އެކަށީގެންވާ އަގެއްގައި އެ މުދަލެއް ވިއްކުމަށް އަމުރުކުރެވޭނެއެވެ. އެއީ ގެއްލުން ދުރުކުރުމަށްޓަކައެވެ. (الضرر يزال)

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް