[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ސަނާކިއުން 9

މިމައުޟޫޢު ނިންމާލުމުގެ ގޮތުން ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް ވެއެވެ. ސަނާކިޔުން ނަހީކުރައްވާފައިވާކަމަށް އަޅުގަނޑުމެން ބުނާއިރު އެއްވެސް ޙާލަތެއްގައި ސަނާނުކިޔޭނެކަމުގައި އަޅުގަނޑުމެން ނުދަންނަވަމެވެ. އަދި މީގެ މުރާދަކީ ހެޔޮކަމުގެ އަހުލުވެރިންނަށް އެއްގޮތަކަށްވެސް ސަނާ ނުކިޔާށޭއެއް ނޫނެވެ. އަދި މީސްތަކުންނާ މުޢާމަލާތްކުރުމުގައި ހަރުކަށިކަން ދެއްކުން މިކަމަކުން ލާޒިމެއް ނުކުރެއެވެ. އަދި ޢިލްމުވެރި ހެޔޮލަފާމީހެއްގެ ކުރިމަތީ އެއްގޮތަކަށްވެސް ސަނާގެ ބަހެއް ބުނުން މަނާ ވެގެންވެޔޭ ނުބުނެވޭނެއެވެ.

އަދި ދަންނާށެވެ. ﷲ ގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދިނުމުގައި އެބައިމީހުންނަށް އޯގާތެރިވުން ހުއްޓެވެ. އަދި އެބައިމީހުންގެ ކިބައިގައި ހުރި ހެޔޮކަންތައްތައް ފާހަގަކުރުމަކީ މައްސަލައެއް ނޫނެވެ. ބަޔަކަށް ދަޢުވަތު ދިނުމަށްޓަކައި ގޮސް ފުރަތަމަވެސް މިވެނިއެވެނި ކަމެއް ކުރާށޭ ބުނުމުގެ ބަދަލުގައި، އޯގާތެރިކަމާއެކު ރިވެތި ބަސްކޮޅަކުން ފަށާށެވެ. އެއީ އޭގެ ސަބަބުން އެބައިމީހުންގެ ހިތްތައް ހުޅުވާލުމަށްޓަކައެވެ. އެގޮތުން މިފަދަ ޢިބާރާތަކުން ފެށިދާނެއެވެ. “އަހަރެން ދެކޭގޮތުގައި ތިބާއަކީ ހެޔޮކަމުގެ އަހުލުވެރިންގެ ތެރެއިންވާ މީހެކެވެ. އެހެންކަމުން މިވެނި ކަމެއް ކޮށްލުން ރަނގަޅެވެ.” “އަހަރެން ދެކޭގޮތުގައި ތިބާއަކީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރާ މީހެކެވެ. އެހެންކަމުން ތިބާ މިވެނިކަމެއް ދޫކޮށްލުން ރަނގަޅެވެ.” އަދި ހަމައެފަދައިން ނަމާދުކުރާމީހަކަށް ނަސޭހަތްތެރިވަމުން މިފަދަ ޢިބާރާތެއް ބުނެވިދާނެއެވެ. “އޭ އަޚާއެވެ. ތިބާއަކީ ނަމާދުކުރާ މީހުންގެ ތެރެއިންވާ މީހެކެވެ. ﷲ އަށް ޙަމްދު ހުއްޓެވެ. އަދި ތިބާއަށް ބޮޑުވެގެންވާ ހެޔޮކަން ހުއްޓެވެ. އަދި ނަމާދުކުރާ މީހުންގެ ތެރެއިންވާހާ ހިނދަކު ތިބާގެ ކިބައިގައި އީމާންތެރިކަންވެއެވެ. އެހެންކަމުން މިވެނި ފާފައެއް ދޫކޮށްލުމުން އީމާންކަން އިތުރަށް ފުރިހަމަކޮށްލަންވީނުން ހެއްޔެވެ.

ޢިލްމު އުނގަންނައިދިނުމުގައި މިއުސްލޫބު ބޭނުންކުރުން އެދެވިގެންވެއެވެ. އެގޮތުން މުދައްރިސުން ދަރިވަރުން ކުރާ ރަނގަޅުކަންތައްތައް ފާހަގަކޮށް އެކަމަށް ސަނާކިޔުން އެދެވިގެންވެއެވެ. އެގޮތުން އެކަމުގައި ކުރިއަށްދިޔުމުގައި އިތުރު ބާރަކަށް ވެގެންދެއެވެ. އަދި އެގޮތުން ކޮންމެ މީހަކަށްވެސް އެމީހަކާ މުނާސަބު ބަސްތަކެއް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

އަބޫ ސުފްޔާން رضي الله عنه އިސްލާމްވުމަށް ހިތްވަރު ލިބުނު އެއް ސަބަބަކީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ބަސްފުޅެކެވެ.

«مَنْ دَخَلَ دَارَ أَبِي سُفْيَانَ فَهُوَ آمِنٌ، وَمَنْ أَغْلَقَ عَلَيْهِ دَارَهُ فَهُوَ آمِنٌ، وَمَنْ دَخَلَ الْمَسْجِدَ فَهُوَ آمِنٌ» [رواه أبو داود ٣٠٢٢]

މާނައީ: “އަބޫ ސުފްޔާނުގެ ގެއަށް ވަދެއްޖެމީހާ ދަންނައެވެ. ފަހެ، އޭނާއަށް އަމާންކަން ހުއްޓެވެ. އަދި އެމީހެއްގެ ގެއަށްވަދެ ދޮރު ލައްޕައިފިމީހާ ދަންނައެެވެ. ފަހެ، އޭނާއަށްވެސް އަމާންކަން ހުއްޓެވެ. އަދި މަސްޖިދުލްޙަރާމަށް ވަދެއްޖެމީހާ ދަންނައެވެ. ފަހެ، އޭނާއަށްވެސް އަމާންކަން ހުއްޓެވެ.”

وفقنا الله وإياكم لمعرفته حق المعرفة، وعبادته حق العبادة، وأن نقوم بحقوق الله جل وعلا وأن نقيم حدوده عز وجل في أعمالنا وجوارحنا وألسنتنا، ونسأله تعالى أن يقينا وإياكم آفات اللسان فإنها مهلكة، اللهم اجعلنا من الطائعين لك سراً وجهراً، ومن القائمين بحقوقك في الليل والنهار، وأدخلنا الجنة مع الأبرار.

=ނިމުނީ=

______________________________________________________

މިއީ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއެއް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް

މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް