[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އިޤްތިޞާދު 101 (4)

އަސާސް 3: ރިޒްޤު ހޯދުމުގެ މަފްހޫމް

 

ރިޒުޤުގެ މަފްހޫމްގެ ތެރޭގައި ވިސްނުންތޫނުކަމާއި، ހުނަރުތަކާއި، އުޅެން ލިބިފައިވާ މާހައުލާއި، އަނބިދަރިންނާއި، ދުޅަހެޔޮކަމާއި، ފައިސާގެ ތަނަވަސްކަން ހިމެނެއެވެ.

ﷲ ތަޢާލާވަނީ ރިޒުޤުގައި އަޅުތަކުން ތަފާތުކުރައްވާފައެވެ.

﴿وَاللَّهُ فَضَّلَ بَعْضَكُمْ عَلَى بَعْضٍ فِي الرِّزْقِ﴾ [النّحل 71]

މާނައީ: “އަދި މާތް ﷲ، ރިޒްޤު ދެއްވުމުގައި، ތިޔަބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކުގެ މައްޗަށް މާތްކުރައްވައި، އިތުރުކުރެއްވިއެވެ.”

މި ގޮތަށް ރިޒުޤުގައި ތަފާތުކުރެއްވުމުގެ ހިކުމަތަކީ އިންސާނުން އެއްބަޔަކު އަނެއްބައެއްގެ ޚިދުމަތްތަކަށް ބޭނުންޖެހިފައިވާފަދަ ބައެއް ގޮތުގައި ލެއްވުމެވެ. އަދި މިދުނިޔެއަކީ ފުރިހަމަ ތަނެއް ނޫން ކަމާއި، ނިމުމެއްނެތް، އިމެއްނެތް ފުރިހަމަ ޙަޔާތް ލިބުންވަނީ އާޚިރަތުގައިކަން ހަނދާންކޮށްދެއްވުމެވެ.

﴿أَهُمْ يَقْسِمُونَ رَحْمَةَ رَبِّكَ نَحْنُ قَسَمْنَا بَيْنَهُمْ مَعِيشَتَهُمْ فِي الْحَيَاةِ الدُّنْيَا وَرَفَعْنَا بَعْضَهُمْ فَوْقَ بَعْضٍ دَرَجَاتٍ لِيَتَّخِذَ بَعْضُهُمْ بَعْضًا سُخْرِيًّا وَرَحْمَةُ رَبِّكَ خَيْرٌ مِمَّا يَجْمَعُونَ﴾ [الزّخرُف 32]

މާނައީ: “ކަލޭގެފާނުގެ ވެރިރައްބުގެ ރަޙްމަތް ބަހައިދެނީ އެއުރެން ހެއްޔެވެ؟ ދުނިޔޭގެ ދިރިއުޅުމުގައި އެއުiރެންގެ މެދުގައި ދިރިއުޅުމުގެ ކަންތައްތައް ބެއްސެވީ ތިމަންއިލާހެވެ. އަދި ތިމަންއިލާހު އެއުރެންކުރެ ބައެއްމީހުން، އަނެއްބައިމީހުންގެ މައްޗަށް ދަރަޖަތަކަކަށް އުފުއްލެވީމެވެ. (އެއީ) އެއުރެންކުރެ އެއްބަޔަކު އަނެއްބަޔެއްގެ ޚިދުމަތްތެރިކަން ހިފުމަށްޓަކައެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުގެ ރަޙްމަތް އެއުރެން އެއްކުރާ ތަކެއްޗަށްވުރެ ހެޔޮކަން ބޮޑެވެ.”

އަދިވެސް އެއިލާހު ވަޙީ ކުރައްވާފައިވެއެވެ.

﴿كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَإِنَّمَا تُوَفَّوْنَ أُجُورَكُمْ يَوْمَ الْقِيَامَةِ فَمَنْ زُحْزِحَ عَنِ النَّارِ وَأُدْخِلَ الْجَنَّةَ فَقَدْ فَازَ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ﴾  [آل عمران  185]

މާނައީ: “ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ފުރިހަމަޔަށް ޖަޒާދެއްވާނެކަން ކަށަވަރީ ޤިޔާމަތްދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާ ކުރައްވައި، ސުވަރުގެޔަށް ވެއްދެވި މީހާ (ދަންނާށެވެ.) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވަރުކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.”

އަދި އެއްބަޔަކު އަނެއްބަޔަކަށް ޙަސަދަވެރިނުވުމަށް އަމުރުކުރައްވައިފައިވެއެވެ.

﴿أَمْ يَحْسُدُونَ النَّاسَ عَلَى مَا ءَاتَاهُمُ اللَّهُ مِنْ فَضْلِهِ﴾ [النِّسَاء 54]

މާނައީ: “ނުވަތަ، ﷲ ގެ ފަޟުލަވަންތަވެރިކަމުގެ ތެރެއިން، އެއިލާހު މީސްތަކުންނަށް ދެއްވާފައިވާ ކަންތަކާމެދު އެއުރެން މީސްތަކުންނަށް ހަސަދަވެރި ވަނީހެއްޔެވެ؟”

އެހެނީ، މި ދުނިޔޭގެ ޙަޔާތަކީ އުޚުރަވީ ޙަޔާތާއި އަޅާ ބަލާއިރު، މާ ބޮޑު އަގެއްހުރި އެއްޗެއް ނޫންކަމުގައިވީތީ، ރިޒުޤު ތަނަވަސްކުރެވިފައިވާ ފަރާތްތަކުގެ ނިޢުމަތްތަކާއިމެދު ޙަސަދަވެރިވުމުގެ ބޭނުމެއް، ފައިދާއެއް ނެތެވެ. އަދި ކޮންމެ މީހަކަށްވެސް އުޚުރަވީ ނިޢުމަތްތައް ހޯދުމުގެ މަގުފަހިވެފައިވެއެވެ. ދެމިގެންވާ ނިޢުމަތްތަކަކީ އުޚުރަވީ ނިޢުމަތްތަކެވެ.

އެހެންކަމުން ކޮންމެމީހަކުވެސް އެމީހެއްގެ ހުނަރާއި ޝައުޤުވެރިކަމަށް ރިޢާޔަތްކުރުމަށްފަހު، އާމްދަނީ ހޯދާނެ ދާއިރާއެއް ކަނޑައެޅުމަށް އިސްލާމްދީން ބާރުއަޅައެވެ. އަދި މި ދާއިރާއަކީ ޝަރުޢީގޮތުން ހުއްދަ ދާއިރާއެއް ކަމުގައިވާންޖެހެއެވެ.

 

=ނުނިމޭ=

 


މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް