[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިމާމު ނަވަވީގެ ސާޅީސް ޙަދީސް 26

الحديث السابع والثلاثون:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا، عَنْ رَسُولِ اللَّهِ ﷺ فِيمَا يَرْوِيهِ عَنْ رَبِّهِ تَبَارَكَ وَتَعالَى، قَالَ: ((إِنَّ اللَّهَ كَتَبَ الْحَسَنَاتِ وَالسَّيِّئَاتِ، ثُمَّ بَيَّنَ ذَلِكَ؛ فَمَنْ هَمَّ بِحَسَنَةٍ فَلَمْ يَعْمَلْهَا، كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً.

وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ عِنْدَهُ عَشْرَ حَسَنَاتٍ إِلَى سَبْعِ مِائَةِ ضِعْفٍ إِلَى أَضْعَافٍ كَثِيرَةٍ.

وَإِنْ هَمَّ بِسَيِّئَةٍ فَلَمْ يَعْمَلْهَا كَتَبَهَا اللَّهُ عِنْدَهُ حَسَنَةً كَامِلَةً. وَإِنْ هَمَّ بِهَا فَعَمِلَهَا، كَتَبَهَا اللَّهُ سَيِّئَةً وَاحِدَةً((

[رواه البخاري ومسلم في صحيحيهما بهذه الحروف]

 

މާނައީ: ޢަބްދު ﷲ ބުން ޢައްބާސް رضي اللّه عنهما ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ، ﷲ تبارك وتعالىގެ ޙަޟްރަތުން ރިވާކުރައްވާފައިވާ (ޤުދުސިއްޔަ) ޙަދީޘެއްގައިވެއެވެ.

“ހަމަކަށަވަރުން އިންސާނާ ކުރާ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް، ﷲ ލިޔުއްވައެވެ. ދެން އެއަށްފަހު އެކަން ބަޔާން ކުރެއްވިއެވެ؛ ހެޔޮކަމެއް ކުރަން ޤަޞްދުކޮށް، ދެން އެކަން ނުކުރިމީހާ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ހެޔޮކަމެއް ކުރުމަށް ޤަޞްދުކޮށް، ދެން އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ދިހަހެޔޮކަމުން ފެށިގެން ހަތްސަތޭކަ ގުނައަށާއި އެއަށްވުރެ އެތައް ގުނައެއް އިތުރަށްވެސް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަން ނުކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ފުރިހަމަ ހެޔޮކަމެއް ލިޔުއްވައެވެ. އަދި މީހަކު ނުބައިކަމެއް ކުރުމަށް ޤަޞްދުކޮށް، އެކަންކޮށްފިނަމަ ދަންނައެވެ. ﷲ ގެ ޙަޟްރަތުގައި އެމީހަކަށް، ނުބައިކަމެއްގެ ގޮތުގައި އެކަން ލިޔުއްވައެވެ.”

 

 

الحديث الثامن والثلاثون:

عَنْ أَبِي هُرَيرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ ﷺ: ((إِنَّ اللَّهَ تَعَالَى قَالَ: مَنْ عَادَى لِي وَلِيًّا، فَقَدْ آذَنْتُهُ بِالْحَرْبِ. وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ.

وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ. فَإِذَا أَحْبَبْتُهُ؛ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ، وَبَصَرَهُ الَّذِي يُبْصِرُ بِهِ، وَيَدَهُ الَّتِي يَبْطِشُ بِهَا، وَرِجْلَهُ الَّتِي يَمْشِي بِهَا، وَلَئِنْ سَأَلَنِي لَأُعْطِيَنَّهُ، وَلَئِنِ اسْتَعَاذَنِي لَأُعِيذَنَّهُ((

[رواه البخاري]

މާނައީ: އަބޫ ހުރައިރާ رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

“ހަމަކަށަވަރުން ﷲ ތަޢާލާ (ޤުދުސިއްޔަ ޙަދީޘެއްގައި) ވަޙީކުރެއްވިއެވެ. ތިމަންއިލާހުގެ ވަލީވެރިއަކާ ޢަދާވާތްތެރިވެއްޖެ މީހާ ދަންނައެވެ. ހަމަކަށަވަރުން އެމީހަކާ ދެކޮޅަށް ތިމަންއިލާހު ހަނގުރާމަ އިޢުލާނު ކުރައްވާހުށީމެވެ. (ވަލީވެރިންނަކީ އީމާންތެރި ތަޤްވާވެރިމީހުންނެވެ.) އަދި ތިމަންއިލާހުގެ އަޅާ، ތިމަންއިލާހާ ކުއްތަންވުމަށްޓަކައި ކުރާ ޢަމަލުތަކުގެ ތެރެއިން، ތިމަން އިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ޢަމަލަކީ އޭނާގެ މައްޗަށް ތިމަން އިލާހު ފަރުޟުކުރެއްވި ކަންތައްތަކެވެ. އަދި ތިމަންއިލާހާ ކުއްތަންވުމުގެ ގޮތުން ސުންނަތްތައް އަދާކުރުމުގެ މަތީ އެއަޅާ ދެމިހުރިހާ ހިނދަކު، އެއަޅާދެކެ ތިމަންއިލާހު ލޯބިވެވޮޑިގަންނަވަމެވެ. ފަހެ ތިމަންއިލާހުގެ ލޯބިވެވޮޑިގަތުން އެއަޅާއަށް ލިބިއްޖެނަމަ، އެ އަޅާ އަޑުއަހައި އުޅޭ އިވުން ކަމުގައި، އަދި ބަލާ އުޅޭ ބެލުން ކަމުގައި، އަދި ހިފާ އުޅޭ އަތް ކަމުގައި، އަދި ހިނގައި އުޅޭ ފައި ކަމުގައި ތިމަންއިލާހު ވެވޮޑިގަންނަވާނަމެވެ. (އެބަހީ: އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުވިވޮޑިގަންނަވާ ޢަމަލުތަކެވެ.) އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެ އަޅާ ކަމަކަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް އެކަމެއް ކޮށްދެއްވާހުށީމެވެ. އަދި ތިމަންއިލާހުގެ ޙަޟްރަތުގައި އެއަޅާ ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، އެއަޅާއަށް ރައްކާތެރިކަން ދެއްވާހުށީމެވެ.”

 

 

ޙަދީޘުން ލިބޭ ފައިދާތައް

މާތްﷲގެ ވަލީވެރިންނަކީ އީމާންތެރި ތަޤްވާވެރިމީހުންނެވެ.

ކަރާމާތަކީ ރަސޫލުންގެ ރިސާލަތަށް ފުރިހަމައަށް ތަބަޢަވެ ޢަމަލުކުރި ޞާލިޙް އަޅުންގެ އަތްމައްޗަށް މާތްﷲ ފާޅުކުރައްވާ އާދަޔާޚިލާފުކަންކަމެވެ.

ޤުދުސިއްޔަ ޙަދީޘަކީ އޭގެ މާނަ ﷲގެ ހަޟްރަތުން އައިސްފައިވާ ނަމަވެސް  ޢިބާރާތް ރަސޫލާ صلى الله عليه وسلم ވިދާޅުވެފައިވާ ގޮތަށް ބަޔާންވެވޭ ޙަދީޘެވެ.

“އޭނާ އެއްޗެއްގައި ހިފާހިފުމާއި އަދި އޭނާ ހިނގާހިނގުންވަނީ ތިމަންﷲއާ އެކުގައެވެ.”

އެގުނަވަންތަކުން އެއަޅާކުރާނީ ﷲ ތަޢާލާ ރުވިވޮޑިގަންނަވާ ޢަމަލުތަކެވެ.

 

އިމާމު ނަވަވީގެ 40 ޙަދީޘް – އެހެންބައިތައް