އަސާސް 5: އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމް
އިސްލާމްދީން ގެނެސްދީފައިވާ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމްގެ އަސްލަކީ މުސްލިމުންގެ އުޚުއްވަތްތެރިކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ މުސްލިމުންނަކީ، އެކަކު އަނެކަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ރަޙުމްކޮށް އެކަކު އަނެކެއްގެ ހިތާމައާއި އުފަލުގައި ބައިވެރިވުމުގައި އެއްހަށިގަނޑެއްގެ މިސާލު ކަމުގައެވެ.
))مَثَلُ الْمُؤْمِنِينَ فِى تَوَادِّهِمْ وَتَرَاحُمِهِمْ وَتَعَاطُفِهِمْ مَثَلُ الْجَسَدِ إِذَا اشْتَكَى مِنْهُ عُضْوٌ تَدَاعَى لَهُ سَائِرُ الْجَسَدِ بِالسَّهَرِ وَالْحُمَّى)) [متفق عليه]
މާނައީ: “އެކަކު އަނެކަކުދެކެ ލޯބިވުމުގައްޔާއި އެކަކު އަނެކަކަށް ރަޙުމުކުރުމުގައްޔާ އަދި އެކަކު އަނެކަކަށް އޯގާތެރިވުމުގައި މުއުމިނުންގެ މިޘާލަކީ އެއްހަށިގަނޑެއްގެ މިސާލެވެ. ހަށިގަނޑުން ގުނަވަނަކަށް އުނދަގުލެއް ކުރިމަތިވާ ހިނދު، ނިދިނަގާލައި ހުންއައިސް، މުޅި ހަށިގަނޑު އެކަމުގައި ބައިވެރިވެއެވެ.”
މުސްލިމުންގެ ތެރެއިން ތަނަވަސްކަމުގެ އަހުލުވެރިން، އަތްމަތި ދަތި ނުވަތަ ހާލުގައިޖެހިފައިވާ އެހެން މުސްލިމުންނަށް ހޭދަކުރަންޖެހޭ ގޮތް ދެ ގިންތި އަކަށް ބެހެއެވެ. އެއީ ވާޖިބު ހޭދަކުރުމާއި އަދި މުސްތަޙައްބު ހޭދަކުރުމެވެ.
ވާޖިބު ހޭދަކުރުމުގައި މުދަލު ޒަކާތް އަދި ފިތުރު ޒަކާތް ހިމެނެއެވެ.
ޝަރީޢަތުގައި ޒަކާތުގެ މާނައަކީ ވަކި ބާވަތެއްގެ މުދަލަކުން، ވަކި ޚާއްސަ ވަގުތެއްގައި މީސްތަކުންކުރެ ވަކި ޚާއްޞަ ބަޔަކަށް ލިބިދިނުމަށް އިސްލާމީ ޝަރީޢަތުގައި ކަނޑައަޅުއްވައި ވާޖިބުކުރައްވާފައިވާ ޙައްޤެކެވެ.
ޒަކާތުގެ ބެހެނިވެރިންނަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.
﴿إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللَّـهِ وَاللَّـهُ عَلِيمٌ حَكِيمٌ﴾ [التوبة: 60]
މާނައީ: “ހަމަކަށަވަރުން، ޞަދަޤާތުގެ ތަކެތި ވަނީ ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: އަލަށް އިސްލާމުވީ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. ﷲގެ ޙަޟުރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. ﷲއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމް ވަންތަ އިލާހެވެ.”
މި ގޮތުން ޒަކާތުގެ ބެހެނިވެރިންގެތެރޭގައި މިހިމެނޭ ފަރާތްތަކަށް އެމީހުންގެ ބޭނުންތައް ފުއްދުމަށްޓަކައި ކޮންމެއަހަރަކުވެސް ވަކި މިންވަރެއް ދެވެއެވެ.
މުސްތަޙައްބު ހޭދަކުރުމަކީ އާޚިރަތަށްޓަކައި ގޮވާންކުރުމުގެ ގޮތުން ކުރުން އެދެވިގެންވާ ހޭދަތަކެވެ.
=ނުނިމޭ=