ހޭދަކުރުމާ އަދި ޒަކާތާއި ގުޅޭ ގޮތުން އައިސްފައިވާ ބައެއް އާޔަތްތަކާއި އަދި ޙަދީޘްތައް
﴿خُذْ مِنْ أَمْوَالِهِمْ صَدَقَةً﴾ [التوبة: 103]
މާނައީ: “އެމީހުންގެ މުދަލުން ޞަދަޤާތެއް ކަލޭގެފާނު ނަންގަވާށެވެ.”
އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.
«أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ وَتُرَدُّ عَلَى فُقَرَائِهِمْ» [متفق عليه]
މާނައީ: “ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންގެ މައްޗަށް އެބައިމީހުންގެ މުދަލުން ޒަކާތް ފަރުޟު ކުރެއްވިއެވެ. އެމީހުންގެ މުއްސަދިންގެ އަތުން ނެގެއެވެ. އަދި ފަޤީރުންނަށް ރައްދު ކުރެވެއެވެ.”
ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިކަމަށް އަބޫހުރައިރާ رضى الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.
« قَالَ اللَّهُ أَنْفِقْ يَا ابْنَ آدَمَ أُنْفِقْ عَلَيْكَ» [صحيح البخاري 5073 / صحيح المسلم]
މާނައީ: “(ޤުދުސިއްޔަ ޙަދީޘެއްގައި) ﷲ ވަޙީކުރެއްވިއެވެ. އޭ އާދަމުގެ ދަރިޔާއެވެ. މުދަލުން ތިބާ ހޭދަކުރާށެވެ. އޭރުން ތިމަންއިލާހު ތިބާއަށް ހޭދަކުރައްވާހުށީމެވެ.”
«مَا نَقَصَتْ صَدَقَةٌ مِنْ مَالٍ» [أخرجه مسلم]
މާނައީ: “ޞަދަޤާތުގެ ސަބަބުން މުދަލުން އެއްވެސް އެއްޗެއް އުނިވެގެން ނުދެއެވެ.”
«دَاوُوا مَرْضَاكُمْ بِالصَّدَقَةِ» [أخرجه البيهقي وحسنه الألباني]
މާނައީ: “ޞަދަޤާތުން ތިޔަބައިމީހުންގެ ބަލިމީހުންނަށް ފަރުވާދޭށެވެ.”
އެބަހީ: ޞަދަޤާތްކުރުމަކީ ބަލިފަސޭހަވުމުގެ ސަބަބެކެވެ.
«أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا» [رواه الطبراني في المعجم الكبي: 13646 و صححه الألباني]
މާނައީ: “ﷲ ތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ. ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ.”
މާތް ﷲ ރުއްސުންލެއްވި سهل بن سعد ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.
«أَنَا وَكَافِلُ اليَتِيمِ فِي الجَنَّةِ هَكَذَا» وَقَالَ بِإِصْبَعَيْهِ السَّبَّابَةِ وَالوُسْطَى. [رواه البخاري]
މާނައީ: “ތިމަންކަލޭގެފާނާއި އަދި ޔަތީމުން ބަލާމީހުން ސުވަރުގޭގައި ތިބޭހުށީ މިހާ ކައިރިކައިރީގައެވެ.” އަދި އެކަލޭގެފާނު، އެކަލޭގެފާނުގެ މެދު އިނގިލިފުޅާއި ޝަހާދަތް އިނގިލިފުޅު ހަރަކާތްކުރައްވާ އިޝާރާތްކޮށްލެއްވިއެވެ.
=ނުނިމޭ=