އެއަށް ފަހު ދެން އެމީހުން ނެގި ސުލްޙަލްޙުލައިބިއްޔާގެ ޙާދިޘާ ދަންނައެވެ ؛
ރ- އެ ޙާދިޘާއިން އެމީހުންނަށް ދަލީލެއް ކަމުގައި ނެގި ނުގުތާއަކީ، ޞަޙާބީ ބޭކަލުންނަށް ހަދްޔު ކަތިލަން އެންގެވުމުންވެސް އެއްވެސް ބޭކަލަކު އެ އަމުރުފުޅަށް ތަބާވެވަޑައިނުގެންނެވި ނުގުތާއެވެ. ސުންނަތަކީ ތަބާވާން ޖެހޭ އެއްޗެއް ކަމުގައި ވިނަމަ ހުރިހާ ބޭކަލުން އެކަން ކުރެއްވީސް ކަމުގައި އެމީހުން ބުނެއެވެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންގެ މިވާހަކައިންވެސް އަނެއްކާވެސް ހާމަވެގެން ދަނީ އެބައިމީހުންގެ އޮޅުވާލުންތަކާއި މަކަރުވެރިކަމެވެ. އެހެން ފަހަަރުތަކެކޭވެސް އެއްފަދައިން މިއީވެސް އެމީހުން ބޭނުންވާ ތަންކޮޅު އެކަނި ނަގައިގެން ބޭނުންވާ މަޤުޞަދު ޙާޞިލުކުރަން ހަދާފައިވާ ބޮޑު ހައިޖާނެއް ކަމެވެ.
ފަހެ ނަބިއްޔާ صلى الله عليه وسـلم ގެ ޞަޙާބީން އެކަލޭގެފާނުގެ އެ އަމުރުފުޅަށް ތަބާވެވަޑައިނުގެންނެވި ކަމަށް ބުނުމަކީ ކަނޑައެޅިގެން އެމީހުން ހެދި ބުހުތާނެކެވެ. ދޮގެކެވެ. އެހެނީ އެ ޙަދީޘްގެ ފަހުބައިގައި އެވަނީ ހުރިހާ ޞަޙާބީން އެބޭކަލުން ގެންނެވި ހަދްޔު ކަތިލިކަމަށެވެ.
“… فَلَمَّا فَرَغَ مِنْ قَضِيَّةِ الْكِتَابِ قَالَ رَسُولُ اللَّهِ صلى الله عليه وسلم لأَصْحَابِهِ ”قُومُوا فَانْحَرُوا، ثُمَّ احْلِقُوا ”. قَالَ فَوَاللَّهِ مَا قَامَ مِنْهُمْ رَجُلٌ حَتَّى قَالَ ذَلِكَ ثَلاَثَ مَرَّاتٍ، فَلَمَّا لَمْ يَقُمْ مِنْهُمْ أَحَدٌ دَخَلَ عَلَى أُمِّ سَلَمَةَ، فَذَكَرَ لَهَا مَا لَقِيَ مِنَ النَّاسِ. فَقَالَتْ أُمُّ سَلَمَةَ يَا نَبِيَّ اللَّهِ، أَتُحِبُّ ذَلِكَ اخْرُجْ ثُمَّ لاَ تُكَلِّمْ أَحَدًا مِنْهُمْ كَلِمَةً حَتَّى تَنْحَرَ بُدْنَكَ، وَتَدْعُوَ حَالِقَكَ فَيَحْلِقَكَ. فَخَرَجَ فَلَمْ يُكَلِّمْ أَحَدًا مِنْهُمْ، حَتَّى فَعَلَ ذَلِكَ نَحَرَ بُدْنَهُ، وَدَعَا حَالِقَهُ فَحَلَقَهُ. فَلَمَّا رَأَوْا ذَلِكَ، قَامُوا فَنَحَرُوا، وَجَعَلَ بَعْضُهُمْ يَحْلِقُ بَعْضًا، حَتَّى كَادَ بَعْضُهُمْ يَقْتُلُ بَعْضًا غَمًّا،….) (البخاري: 2731-2732).
“… އަދި (އެއްބަސްވުމުގެ) ފޮތުގެ ޤަޟިއްޔާއިން އަވަދިވެވަޑައިގެން ﷲ ގެ ރަސޫލާ صلى الله عليه وسـلم އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް ޙަދީޘްފުޅު ކުރެއްވިއެވެ: ‘ތިޔަބައިމީހުން ތެދުވެވަޑައިގެން ކަތިލާށެވެ. އަދި (ބޯ) ބާލާށެވެ”. (ޙަދީޘްގެ ރާވީ) ބުންޏެވެ: “ފަހެ ﷲ ގަންދީ ބުނަމެވެ. އެފަދައިން އެކަލޭގެފާނު ތިން ފަހަރު ޙަދީޘްފުޅު ކުރެއްވި އިރުވެސް އޭގެތެރެއިން ހަމަ އެންމެ ފިރިހެނެއްވެސް ނުތެދުވިއެވެ”. ފަހެ އޭގެ ތެރެއިން އެއްވެސް މީހަކު ނުތެދުވުމުން އެކަލޭގެފާނު އުއްމު ސަލަމާ رضي الله عنها ގެ އަރިހަށް ވަދެވަޑައިގެންނެވިއެވެ. އަދި މީސްތަކުންގެ ފަރާތުން އެކުރިމަތިވި ކަންތަކުގެ ވާހަކަ އެކަމަނާގެ އަރިހުގައި ޛިކުރު ކުރެއްވިއެވެ. އެހިނދު އުއްމު ސަލަމާ رضي الله عنها ވިދާޅުވިއެވެ: “އޭ ﷲ ގެ ނަބިއްޔާ صلى الله عليه وسـلم އެވެ. ކަލޭގެފާނުގެ އަމުރުފުޅު ތަންފީޒު ކުރައްވަން ލޯބިފުޅު ކުރައްވަން ތޯއެވެ؟ ކަލޭގެފާނު ނިކުމެވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނުގެ ޤުރުބާން ކަތިލައްވަވައި އިސްތަށިފުޅު ބާލާ މީހާއަށް ގެންނަވައި އިސްތަށިފުޅު ބޭލުއްވެންދެން އޭގެން އެއްވެސް މީހަކަށް ކަލިމައެއްހާ ހިސާބު ވެސް ވިދާޅުނުވާށެވެ”. ފަހެ އެކަލޭގެފާނު ނިކުމެވަޑައިގެން އެފަދައިން ޤުރުބާން ކަތިލައްވަވައި އިސްތަށިފުޅު ބާލާ މީހާއަށް ގެންނަވައި އިސްތަށިފުޅު ބާލައްވައި އޭގެން އެއްވެސް ބޭކަލަކާ ބަސްފުޅެއް ޙަދީޘްފުޅެއް ކަން ކުރައްވައި ނިންމެވިއެވެ. އެހިނދު އެމަންޒަރު ހަމަ ފެނުމާއެކު (މީސްތަކުން) ތެދުވެ (ޤުރުބާންތައް) ކަތިލައި، އެކަކު އަނެކެއްގެ ބޯ ބާލަން ފެއްޓިއެވެ. އަދި އެއްބަޔަކު އަތުން އަނެއްބައެއް ޤަތުލުވެދާނޭ ހީވާހާ ވަރަށް މީސްތަކުންގެ ބައިބޯވިއެވެ…”
ނުނިމޭ…
ސުންނަތަށް އިންކާރުކުރާ މީހުންގެ އޮޅުވާލުންތަކާއި އޭގެ ރައްދުތައް: 7