[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ އިޤްތިޞާދު 101 (11)

ރިބާއާއި ގުޅޭގޮތުން އައިސްފައިވާ ބައެއް ނައްޞުތައް

އިސްލާމްދީނުގައި ރިބާވަނީ ޙަރާމްކުރައްވާފައެވެ.

ޤިޔާމަތް ދުވަހު ރިބާ ކާމީހުން ތެދުވާނެ ގޮތް ސިފަ ކުރައްވަމުން، ﷲ ވަޙީ ކުރައްވަނީ :

﴿الَّذِينَ يَأْكُلُونَ الرِّبَا لاَ يَقُومُونَ إِلاَّ كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ذَلِكَ بِأَنَّهُمْ قَالُواْ إِنَّمَا الْبَيْعُ مِثْلُ الرِّبَا وَأَحَلَّ اللّهُ الْبَيْعَ وَحَرَّمَ الرِّبَا فَمَن جَاءهُ مَوْعِظَةٌ مِّن رَّبِّهِ فَانتَهَىَ فَلَهُ مَا سَلَفَ وَأَمْرُهُ إِلَى اللّهِ وَمَنْ عَادَ فَأُوْلَـئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ﴾

މާނައީ: ”ރިބާ ކާމީހުން ދަންނައެވެ. ފަހެ ޝައިޠާނާ އަވަލުމުގެ ސަބަބުން މޮޔަވެ ދެބަންދިހާރަވެފައިވާ މީހަކު ތެދުވާ ފަދައިން މެނުވީ އެބައިމީހުން ޤިޔާމަތް ދުވަހު ނުތެދުވާނެތެވެ. އެހެނީ، އެބައިމީހުން ބުނެއުޅުނީ، ވިޔަފާރި ވާކަން ކަށަވަރީ، ރިބާ ކަހަލަކަމެއް ކަމުގައެވެ. ނަމަވެސް ﷲ ވަނީ ވިޔަފާރި ކުރުން ހުއްދަ ކުރައްވާފައެވެ. އަދި ރިބާވަނީ ޙަރާމްކުރައްވާފައެވެ. ފަހެ، އެމީހާގެ ވެރިރައްބުގެ ޙަޟްރަތުން ދެއްވާ ވަޢުޡާއި ނަސޭހަތް، އެމީހަކާ ހަމައަށް އައުމުން އެކަން (އެބަހީ: ރިބާ ކެއުން) ހުއްޓާލައިފި މީހާ (ދަންނާށެވެ!) ފަހެ، އިސްވެދިޔަ އެއްޗެއް ދެން އިސްވެދިޔައީއެވެ.  (އެބަހީ: ރިބާގެ ޙުކުމްތައް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރައްވާފައި ވެއެވެ.) އަދި އެމީހެއްގެ ކަންތައްއޮތީ، ﷲ އަށް ޚާއްޞަވެގެންނެވެ. އަދި، އަލުން (އެކަމަށް) އެނބުރި އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެބައިމީހުންނީ އެތަނުގައި ދެމިތިބެނިވި ބަޔެކެވެ.” [ބަޤަރާ :275]

ޖެހިގެން އޮތް އާޔަތުގައި ﷲ ވަޙީކުރައްވަނީ، ރިބާ ކެއުމަކީ މުދަލުގެ ބަރަކާތް، ކަނޑުއްވާނެ ކަމެއް ކަމަށެވެ. އަދި ޞަދަޤާތް ދިނުމަކީ މޮޅުއިތުރު ކަމެކެވެ.

﴿يَمْحَقُ اللّهُ الْرِّبَا وَيُرْبِي الصَّدَقَاتِ وَاللّهُ لاَ يُحِبُّ كُلَّ كَفَّارٍ أَثِيمٍ﴾

މާނައީ: “ﷲ، ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތި ކުރައްވައެވެ. އަދި ޞަދަޤާތް އިތުރު ކުރައްވައެވެ. (އެބަހީ: ދުނިޔޭގައި އޭގެ ބަރަކާތް އިތުރު ކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި ފާފަވެރި، އެއްވެސް ކާފިރަކު ދެކެ، ﷲ ލޯބިވެ ވޮޑިގެނެއް ނުވެއެވެ.” [ބަޤަރާ :276]

އެއަށްފަހު، 278 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ، އެއިލާހަށް ބިރުވެތިވުމަށެވެ. އަދި އީމާންވާ ބަޔަކު، ރިބާ ކައިގެން ނުވާނެ ކަމަށެވެ. އަދި ރިބާ ކެއުން ހުއްޓާލުމަށެވެ.

﴿يَا أَيُّهَا الَّذِينَ آمَنُواْ اتَّقُواْ اللّهَ وَذَرُواْ مَا بَقِيَ مِنَ الرِّبَا إِن كُنتُم مُّؤْمِنِينَ﴾

މާނައީ: ”އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ތިޔަބައިމީހުންނީ މުއުމިނުންކަމުގައިވާނަމަ، ރިބާގެ ތެރެއިން ބާކީ (ލިބޭން) ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ!”

އަދި 279 ވަނަ އާޔަތުގައި ވަޙީކުރައްވަނީ، ރިބާ ކެއުން ހުއްޓާ ނުލައިފި ބައެއްގެ މައްޗަށް ﷲ އާއި އެއިލާހުގެ ރަސޫލާ، ހަނގުރާމަ އިޢުލާން ކުރައްވާ ކަމަށެވެ. އިންސާނެއްގެ މައްޗަށް ﷲ އާއި އެއިލާހުގެ ރަސޫލާ ހަނގުރާމަ އިޢުލާން ކުރެއްވުމަކީ، ކިހާ ނުރައްކާތެރި ކަމެއްތޯއެވެ؟

﴿فَإِن لَّمْ تَفْعَلُواْ فَأْذَنُواْ بِحَرْبٍ مِّنَ اللّهِ وَرَسُولِهِ وَإِن تُبْتُمْ فَلَكُمْ رُؤُوسُ أَمْوَالِكُمْ لاَ تَظْلِمُونَ وَلاَ تُظْلَمُونَ﴾

މާނައީ: “ފަހެ، ތިޔަބައިމީހުންނަށް (އަމުރުވެވިގެންވާ ގޮތަށް) ޢަމަލު ނުކޮށްފިނަމަ، ﷲ އާއި، އެއިލާހުގެ ރަސޫލާގެ ޙަޟްރަތުން ހަނގުރާމައެއް އަތުވެދާނެކަމަށް ތިޔަބައިމީހުން ޔަޤީންކޮށް ދެނެގަންނަ ހުށިކަމެވެ! ތިޔަބައިމީހުން (ރިބާ ދޫކޮށް) އެނބުރި ރުޖޫޢަވެ ތައުބާވެއްޖެނަމަ ތިޔަބައިމީހުންގެ ރައުސުލްމާލުތައް، ފަހެ، ތިޔަބައިމީހުންނަށް ހުށްޓެވެ. (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށްވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.”

އައްސަރްޚަސީ ވިދާޅުވެފައި ވަނީ މި އާޔަތްތަކުގައި، ރިބާ ކާމީހާއަށް ލިބެން އޮތް ފަސް ވައްތަރެއްގެ ޢުޤޫބާތެއް މާތް ﷲ ބަޔާން ކުރައްވާފައި ވާ ކަމަށެވެ.

ފުރަތަމަ ޢުޤޫބާތަކީ އޭނާ ޤިޔާމަތް ދުވަހު ޤަބުރުން ތެދުވާނީ، އަދި ޤިޔާމަތް ދުވަހު ކޮއްޅަށް ހުންނާނީ ޝައިޠާނާގެ ބީހުމުން މޮޔަވެފައި ވާ މީހަކު ކޮއްޅަށް ހުންނަހެން، ވެއްޓިވެއްޓިއެވެ.

ދެވަނަ ޢުޤޫބާތަކީ، ރިޒުޤުން ބަރަކާތް ކެނޑުމެވެ.

ތިންވަނަ ޢުޤޫބާތަކީ، ރިބާ ކެއުން ހުއްޓާ ނުލައި މީހަކާ ދެކޮޅަށް ﷲ އާއި ރަސޫލާ ހަނގުރާމަ އިޢުލާން ކުރެއްވުމެވެ.

ހަތަރުވަނަ ޢުޤޫބާތަކީ، ރިބާ ޙަރާމްކަން އެނގިހުރެ އެ ކާމީހާގެ އީމާންކަން ގެއްލި، ކާފިރަކަށް ވެދާނެ ކަމުގެ ބިރު އޮތުމެވެ. އަދި އޭނާއަކީ ފާސިޤަކަށް ވުމެވެ.

ފަސްވަނަ ޢުޤޫބާތަކީ، ނަރަކައިގެ ދިގުދެމިގެންވާ ޢަޛާބު ލިބުމެވެ.

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿ فَبِظُلْمٍ مِّنَ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَن سَبِيلِ اللَّـهِ كَثِيرًا [160] وَأَخْذِهِمُ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ﴾

މާނައީ: ” ޔަހޫދީން ކަމުގައިވީ މީހުންނަށް ޙަލާލު ކުރައްވާފައިވާ ރަނގަޅު ތަކެތި، އެއުރެންގެ މައްޗަށް ތިމަންއިލާހު ޙަރާމްކުރެއްވީ އެބައިމީހުން އަނިޔާވެރިވުމުގެ ސަބަބުންނެވެ. އަދި އެބައިމީހުން ﷲގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. އަދި އެބައިމީހުންނަށް އެކަންތައް ނަހީކުރައްވާފައިވާ ޙާލު، އެބައިމީހުން ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި އެބައިމީހުން ކެއުމުގެ ސަބަބުންނެވެ.” [ސޫރަތުއްނިސާ ގެ 160 އަދި 161 ވަނަ އާޔަތް]

 

 

ރިބާ ޙަރާމްކުރެއްވުމުގެ ޙިކުމަތް

 

ރިބާ ޙަރާމްކުރެވިފައިވަނީ އޭގެ ސަބަބުން:

  1. އަނިޔާވެރިކަމުގެ ދޮރުތައް ހުޅުވޭތީއެވެ.
  2. ފަޤީރުން އިތުރަށް ފަޤީރުވާތީއެވެ.
  3. އިޤްތިޞާދަށް ފައިދާވާފަދަ މަސައްކަތްކޮށްގެން އާމްދަނީ ހޯދުމުގެ ރޫޙު ނެތިކޮށްލާތީއެވެ.

އަދިވެސް މިފަދަ އެތައް ބައިވަރު ސަބަބުތަކަށްޓަކައެވެ.

 

 

=ނުނިމޭ=

 


މިލިޔުމުގެ އެހެންބައިތައް ބެއްލެވުމަށް