بسم الله الرحمن الرحيم
إن الحمد لله نحمده ونستعينه ونستغفره ونعوذ بالله من شرور أنفسنا وسيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له، و أشهد ألا إله إلا الله وحده لا شريك له و أشهد أن محمداً عبده و رسوله ((يا أيها الذين ءامنوا اتقوا الله حق تقاته و لا تموتن إلا و أنتم مسلمون)) ، ))يا أيها الناس اتقوا ربكم الذي خلقكم من نفس واحدة وخلق منها زوجها وبث منهما رجالاً كثيراً ونساء واتقوا الله الذي تساءلون به و الأرحام إن الله كان عليكم رقيباً (( ، )) يا أيها الذين ءامنوا اتقوا الله وقولوا قولاً سديداً يصلح لكم أعمالكم ويغفر لكم ذنوبكم ومن يطع الله و رسوله فقد فاز فوزاً عظيماً (( أما بعد فإن أصدق الحديث كتاب الله، و أحسن الهدي هدي محمد صلى الله عليه وسلم، و شر الأمور محدثاتها وكل محدثة بدعة وكل بدعة ضلالة وكل ضلالة في النار.
އާދެ! ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފުވެއެވެ. އަދި އެޚިލާފުގެ ނާރެހަކީ عبد الله بن بسر رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެކެވެ. އެ ޙަދީޘަކީ: “لا تصوموا يوم السبت إلا فيما افترض عليكم، وإن لم يجد أحدكم إلا لحاء عنبة ، أو عود شجرة فليمضغه” މާނައީ: “ތިޔަބައިމީހުންގެ މައްޗަށް ފަރުޟުވެވިގެންވާ ރޯދައެއްގައި މެނުވީ ތިޔަބައިމީހުން ހޮނިހިރު ދުވަހު ރޯދާ ނުހިފާށެވެ! އަދި (ރޯދަ ވީއްލާނެ އެއްޗެއް ނުލިބިގެން) މޭބިސްކަދުރެއްގެ ތޮށިގަނޑު ނުވަތަ ގަހެއްގެ ދަނޑިގަނޑެއް މެނުވީ ނުފެނުނަމަ، ފަހެ އެ ހަފާށެވެ! (އެބަހީ: އެ ހަފައިގެން ވިޔަސް ރޯދަ ދޫކުރުރާށެވެ!)” މިޙަދީޘާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވަނީ ދެގޮތަކުންނެވެ:
ފުރަތަމައީ: މިޙަދީޘުގެ ޙާލަތާމެދުގައެވެ. އެބަހީ: މިޙަދީޘުގެ ޞައްޙަކަމާމެދުގައެވެ. ފަހެ އެއްބައި ޢިލްމުވެރިން މިޙަދީޘް ޞައްޙަކުރައްވައެވެ. އަދި އަނެއްބައި ޢިލްމުވެރިން މިޙަދީޘް ޟަޢީފް ކުރައްވައެވެ.
ދެވަނައީ: މިޙަދީޘުގެ ފިޤްހާ މެދުގައެވެ. އެބަހީ ފިޤްހީ ގޮތުން މިޙަދީޘުން ދޭހަވާ މާނައާއި އެއިން ލާޒިމްކުރުވާ ޙުކުމާ މެދުގައެވެ.
ދަންނައެވެ! މިޙަދީޘް ޟަޢީފްކުރައްވާ ޢިލްމުވެރިން އެކަމުގެ މައްޗަށް އެކިގޮތްގޮތުން ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން މިޙަދީޘަކީ منسوخ ވެގެންވާ ޙަދީޘެކޭ އިމާމު أبو داود ވިދާޅުވާއިރު النسائي އާއި ابن حجر ވިދާޅުވަނީ މިޙަދީޘަކީ مضطرب ޙަދީޘެއް ކަމަށެވެ. މީގެއިތުރުން ابن تيمية އާއި ابن القيم އާއި މިޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން ابن باز ފަދަ ޢިލްމުވެރިން ވިދާޅުވަނީ މިޙަދީޘަކީ منسوخ ނުވަތަ شاذ ޙަދީޘެއްކަމުގައެވެ. މިފަދައިން ޢިލްމުވެރިން މިޙަދީޘާމެދު ދައްކަވާފައިވާ ވާހަކަތަކުގެ ތަފްޞީލް މިލިޔުމުގައި ބަޔާންކުރުމަށް އަޅުގަނޑު ޤަޞްތުނުކުރަމެވެ. ސަބަބަކީ މިލިޔުމުގައި އަޅުގަނޑުގެ މަޤްޞަދަކީ މިޙަދީޘް ޞައްޙަ ކުރައްވާ ޢިލްމުވެރިން ފިޤްހީގޮތުން ދައްކަވާފައިވާ ވާހަކަތަކުގެ އަލީގައި ހޮނިހިރު ދުވަހު ރޯދަހިފުމުގެ ޙުކުމަކީ ކޮބައިކަން ބަޔާންކުރުމެވެ. އެހެންކަމުން މިމައްސަލައިގައި އިތުރަށް ކުރިއަށް ދިއުމުގެ ކުރިން މިޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިންނާއި ޞައްޙަ ނުކުރައްވާ ޢިލްމުވެރިން ތިރީގައި ޛިކުރުކުރަމެވެ.
މިޙަދީޘަކީ ޟަޢީފް ޙަދީޘެއްކަމަށް ވިދާޅުވާ ޢިލްމުވެރިން:
1 ابن شهاب الزهري (އަވަހާރަވީ ހިޖުރައިން 124 ވަނަ އަހަރުގައެވެ.)
2 الأوزاعي (އަވަހާރަވީ ހިޖުރައިން 157 ވަނަ އަހަރުގައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: “މިޙަދީޘް ފެތުރިގެންދާތަން އަހަންނަށް ފެނިއްޖެއުމަށް ދާންދެންވެސް އަހަރެން މިއަންނަނީ މި ޙަދީޘް ފޮރުވަމުންނެވެ.”
3 مالك بن أنس (އަވަހާރަވީ ހިޖުރައިން 179 އަހަރުގައެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ: “މިއީ ދޮގު ޙަދީޘެކެވެ.”
4 يحيى بن سعيد القطان (އަވަހާރަވީ ހިޖުރައިން 194 ވަނަ އަހަރުގައެވެ.)
5 أحمد بن حنبل (އަވަހާރަވީ ހިޖުރައިން 241 ވަނަ އަހަރުގައެވެ.)
6 أبو بكر بن الأثرم (އަވަހާރަވީ ހިޖުރައިން 261 ވަނަ އަހަރުގައެވެ.)
7 أبو داود (އަވަހާރަވީ ހިޖުރައިން 275 ވަނަ އަހަރުގައެވެ.)
8 النسائي (އަވަހާރަވީ ހިޖުރައިން 303 ވަނަ އަހަރުގައެވެ.)
9 الطحاوي (އަވަހާރަވީ ހިޖުރައިން 321 ވަނަ އަހަރުގައެވެ.)
10 ابن العربي (އަވަހާރަވީ ހިޖުރައިން 543 ވަނަ އަހަރުގައެވެ.)
11 ابن تيمية (އަވަހާރަވީ ހިޖުރައިން 728 ވަނަ އަހަރުގައެވެ.)
12 ابن القيم (އަވަހާރަވީ ހިޖުރައިން 751 ވަނަ އަހަރުގައެވެ.)
13 ابن مفلح (އަވަހާރަވީ ހިޖުރައިން 762 ވަނަ އަހަރުގައެވެ.)
14 ابن حجر (އަވަހާރަވީ ހިޖުރައިން 852 ވަނަ އަހަރުގައެވެ.)
15 ابن باز (އަވަހާރަވީ ހިޖުރައިން 1420 ވަނަ އަހަރުގައެވެ.)
16 ابن العثيمين (އަވަހާރަވީ ހިޖުރައިން 1421 ވަނަ އަހަރުގައެވެ.)
މިޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން:
1 الترمذي (އަވަހާރަވީ ހިޖުރައިން 279 ވަނަ އަހަރުގައެވެ.)
2 ابن خزيمة (އަވަހާރަވީ ހިޖުރައިން 311 ވަނަ އަހަރުގައެވެ.)
3 ابن حبان (އަވަހާރަވީ ހިޖުރައިން 354 ވަނަ އަހަރުގައެވެ.)
4 الحاكم (އަވަހާރަވީ ހިޖުރައިން 405 ވަނަ އަހަރުގައެވެ.)
5 ابن السكن (އަވަހާރަވީ ހިޖުރައިން 353 ވަނަ އަހަރުގައެވެ.)
6 الضياء المقدسي (އަވަހާރަވީ ހިޖުރައިން 643 ވަނަ އަހަރުގައެވެ.)
7 ابن قدامة (އަވަހާރަވީ ހިޖުރައިން 620 ވަނަ އަހަރުގައެވެ.)
8 النووي (އަވަހާރަވީ ހިޖުރައިން 676 ވަނަ އަހަރުގައެވެ.)
9 ابن عبد الهادي (އަވަހާރަވީ ހިޖުރައިން 744 ވަނަ އަހަރުގައެވެ.)
10 الذهبي (އަވަހާރަވީ ހިޖުރައިން 748 ވަނަ އަހަރުގައެވެ.)
11 ابن الملقن (އަވަހާރަވީ ހިޖުރައިން 804 ވަނަ އަހަރުގައެވެ.)
12 العراقي (އަވަހާރަވީ ހިޖުރައިން 806 ވަނަ އަހަރުގައެވެ.)
13 الألباني (އަވަހާރަވީ ހިޖުރައިން 1422 ވަނަ އަހަރުގައެވެ.)
(ސަމާލުވާށެވެ!) މިމައްސަލަ އިތުރަށް ދިރާސާކުރުމުގެ ކުރިން އަޅުގަނޑުމެން ދަންނަންޖެހޭ ވަރަށް މުހިއްމު ދެނުކުތާއެއް ވެއެވެ. އެއީ:
(1)މިޙަދީޘް ޟަޢީފްކުރައްވާ ޢިލްމުވެރިންގެ އަރިހުގައި ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމަކީ މުޠްލަޤު ގޮތެއްގައި ހުއްދަކަމެކެވެ. އެބަހީ: އެކަހެރިކޮށް ވަކިން ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ ހުއްދަކަމެކެވެ. އެހެންކަމުން މިޙަދީޘަކީ ޟަޢީފް ޙަދީޘެއްކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަހަށް ތަބަޢަވާ މީހެންނަމަ އެމީހަކަށް މިމައްސަލައިގައި އިތުރު ބަޙުޘަކަށް ބޭނުން ނުވާނެއެވެ. ނަމަވެސް ފިޤްހީ ގޮތުން މިމައްސައްލަ އިތުރަށް ބަޙުޘްކޮށް ދިރާސާކުރަންޖެހެނީ މިޙަދީޘް ޞައްޙަކަމަށް ދެކޭ މީހުންނެވެ.
(2)މިޙަދީޘަކީ ޞައްޙަ ޙަދީޘެއްކަމުގައި ވިދާޅުވާ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާގޮތުގައި މިޙަދީޘުގައި ވާރިދުވެގެންވާ ނަހީ ނެގިގެންވަނީ ކަރާހަތުގެ މައްޗަށެވެ. އެބަހީ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހު ކަމެކެވެ. ޙަރާމްކަމެއް ނޫނެވެ. މިއީ މިޙަދީޘް ޞައްޙަކުރައްވާ ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތެވެ. އަލްއިމާމް އަލްބާނީ رحمه الله ފިޔަވައެވެ. އިމާމު އަލްބާނީގެ ކުރިން 14 ގަރުނުގެ ތެރޭގައި ވަޑައިގެންނެވި ޢިލްމުވެރިންގެ ތެރެއިން މިޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން ވިދާޅުވަނީ ހޮނިހިރު ދުވަހު ރޯދަ ހިފުމަކީ މަކްރޫހު ކަމެއް ކަމުގައެވެ. އަދި އެބޭކަލުން ބަޔާންކުރައްވާ ގޮތުގައި ހޮނިހިރު ދުވަހު ރޯދަހިފުން މަކްރޫހުވުމުގެ ސަބަބަކީ އެދުވަހަކީ ޔަހޫދީން މަތިވެރިކޮށް މާތްކުރާ ދުވަހަކަށް ވުމެވެ. ޔަހޫދީން ދެކޭ ގޮތުގައި އެދުވަހަކީ ﷲ ތަޢާލާ ހަދުވަހުން އުޑުތަކާއި ބިން ހެއްދެވުމަށްފަހު އަރާމް ކުރެއްވި ދުވަހެވެ. (އެއުރެންގެ ނުބައި ބަސްތަކުން ﷲ ތަޢާލާ ހުސްޠާހިރުވެ ވޮޑިގެންވެއެވެ.) އެހެންކަމުން ހޮނިހިރު ދުވަހަކީ ޔަހޫދީންގެ ރަސްމީ ބަންދު ދުވަހެވެ. ހަފްތާގެ ދުވަސްތަކުގައި ބުރަ މަސައްކަތުގައި އުޅުމަށްފަހު އެބައިމީހުން އަރާމްކުރާ ދުވަހެވެ. އަދި އެބައިމީހުންގެ ދީނީ މާތް ދުވަހެވެ. ފަހެ ހަމަކަށަވަރުން ﷲ ތަޢާލާ އެބައިމީހުންގެ މިނުބައިވެގެންވާ ދަޢުވާއަށް ކީރިތި ޤުރްއާނުގައި ރައްދު ދެއްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ: (وَلَقَدْ خَلَقْنَا السَّمَاوَاتِ وَالأرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِنْ لُغُوب فَاصْبِرْ عَلَى مَا يَقُولُونَ) [ق 38] މާނައީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އުޑުތަކާއި، ބިމާއި، އެދެމެދުގައިވާހާ ތަކެތި ހަދުވަހުގެ ތެރޭގައި ހެއްދެވީމެވެ. އަދި ތިމަންރަސްކަލާނގެއަށް ވަރުބަލިކަމެއް ލިބިވޮޑިއެއް ނުގަންނަވަތެވެ. ފަހެ، އެއުރެން ދައްކާ ވާހަކަތަކަށް ކަލޭގެފާނު ކެތްކުރައްވާށެވެ!” އެހެންކަމުން އެދުވަހު ރޯދަހިފުމުގެ މަޤްޞަދުގައި އެދުވަސް ޚާއްޞަ ނުކުރާނަމަ، ނުވަތަ އެދުވަހު އެކަހެރިކޮށް ރޯދަ ނުހިފައި އެދުވަހާއެކު އެހެން ދުވަހެއްގައި ރޯދަ ހިފާނަމަ، ނުވަތަ އެދުވަހު ރޯދަ ހިފުމަކީ ރޯދަވެރިޔާގެ އާދައަކަށް ނުހަދާނަމަ އެދުވަހު ރޯދަހިފުން ހުއްދަވާނެއެވެ. މިއާ ޚިލާފާއަށް އިމާމް އަލްބާނީ رحمه الله ވިދާޅުވަނީ ފަރުޟު ރޯދަ ނޫން ރޯދައެއް އެދުވަހު ހިފުމަކީ ޙަރާމް ކަމެއްކަމުގައެވެ.
މިހާހިސާބުން އަޅުގަނޑުމެންގެ ހިތުގައި މުހިއްމު ދެ ސުވާލެއް އުފެދެއެވެ.
ފުރަތަމަ ސުވާލަކީ: މި ޙަދީޘް ޞައްޙަކުރައްވާ ޢިލްމުވެރިން އަލްބާނީ ވިދާޅުވިފަދައިން އެދުވަހު ސުންނަތް ރޯދަ ހިފުމަކީ ޙަރާމް ކަމެކޭ ވިދާޅުނުވީ ކީއްވެ ބާވައެވެ؟ އަދި (ރޯދަ ވީއްލާނެ އެއްޗެއް ނުލިބިގެން މޭބިސްކަދުރު ގަހެއްގެ ތޮށިގަނޑު ނުވަތަ ގަހެއްގެ އޮފިގަނޑެއް މެނުވީ ނުފެނުނަމަ، ފަހެ އެ ހަފައިގެން ވިޔަސް ރޯދަ ވީއްލުމަށް) އެއޮތް ބަސްފުޅު އެހާ ވަރުގަދަ އިރު އެއީ މަކްރޫހަ ކަމެކޭ ވިދާޅުވީ ކޮން ސަބަބަކާހުރެ ތޯއެވެ؟ ކަމެއް ނަހީވުމުގެ އަޞްލަކީ އެކަމެއް ޙަރާމްވުން ނޫންތޯއެވެ؟
ދެވަނަ ސުވާލަކީ: ޙަދީޘުގައި ވަރަށް ޞަރީޙަބަހުން އެވަނީ ހޮނިހިރު ދުވަހު ފަރުޟު ރޯދައެއް މެނުވީ ނުހިފުމަށެވެ. އޭގެ މާނައަކީ ފަރުޟު ރޯދަ ފިޔަވައި ހުރިހާ ވައްތަރެއްގެ ރޯދަ ހިފުން ނަހީވެގެންވުމެވެ. ހަމައެކަނި އިސްތިސްނާވެގެންވަނީ ފަރުޟު ރޯދައެވެ. ވީމާ އެފަދައިން އެބަސްފުޅުވަނިކޮށް އެދުވަސް އެކަހެރި ނުކުރާނަމަ، ނުވަތަ އެދުވަސް ޚާއްޞަ ނުކުރާނަމަ، ނުވަތަ އެދުވަހު ރޯދަހިފުން އާދަޔަކަށް ނުހަދާނަމަ، އެދުވަހު ސުންނަތް ރޯދަހިފުން ހުއްދަވާނެއޭ ބުނެވޭނީ ކޮންފަދައަކުން ތޯއެވެ؟
ފުރަތަމަ ސުވާލުގެ ޖަވާބުގައި ދަންނަވަންޖެހެނީ: ކަމެއް ނަހީވުމުގެ އަޞްލަކީ އެކަމެއް ޙަރާމްވުންކަން ކަށަވަރެވެ. ނަމަވެސް ނަހީވެގެންވާ ކޮންމެ ކަމަކީ ޙަރާމްގެ ދަރަޖައިގައިވާ ކަންކަމެއް ނޫނެވެ. ބައެއްފަހަރު އެނަހީކުރެވިގެންވާ ކަމަކީ މަކްރޫހަ ކަމެއް ކަމުގައި ވެދާނެއެވެ. އެކަން ބިނާވެގެންވަނީ ދަލީލުތައް ނިޔާކުރާ ގޮތެއްގެ މައްޗަށެވެ. މިކަން ތަޤްރީރުކުރައްވަމުން مجموع الفتاوى ގައި ابن تيمية ވިދާޅުވެފައިވެއެވެ: (المقرر عند عامة الأصوليين أن النهي عن الشيء قاضٍ بتحريمه أو كراهته على حسب مقتضى الأدلة) މާނައީ: “ޖުމްލަކޮށް އެންމެހައި ޢުޞޫލީ ޢިލްމުވެރިންގެ އަރިހުގައި ކަމެއް ނަހީވެގެންވުމަކީ އެކަމެއް ޙަރާމްވުން ނުވަތަ އެކަމެއް މަކްރޫހުވުން ނިޔާކަނޑައަޅާނޭ ކަމެކެވެ. އެއީ ދަލީލުތައް ނިޔާކުރާ ގޮތެއްގެ މަތީންނެވެ.” އެގޮތުން ކަމެއް ނަހީވެގެންވަނީ ޙަރާމްގެ ދަރަޖައިގައި ނޫންކަން ދަލީލުކޮށްދޭ ޤަރީނާއެއް (ހެއްކެއް) އެކަމެއް ނަހީވެވުނު ދަލީލުން ނުވަތަ އޭގެ ބޭރުން އެހެން ދަލީލުތަކަކުން ލިބިއްޖެނަމަ އެނަހީ ނެގޭނީ ކަރާހަތުގެ މައްޗަށެވެ. މިކަމުގެ މިސާލުތައް އިސްލާމީ ޝަރީޢަތުގައި ވަރަށްގިނައެވެ. ޢަރަބި ޙިކްމަތްތެރި ބަހެއްގައިވެއެވެ: (وبالمثال يتضح المقال) “ވާހަކަ ބަޔާންވެ ފާޅުވާހުށީ މިސާލުންނެވެ.” އެހެންކަމުން އިސްވެ އެބަޔާންކުރެވުނު ފިޤްހީ ޤަވާޢިދު ބަޔާންކޮށްދޭނޭ މިސާލެއް މިތަނުގައި ޛިކުރުކުރަމެވެ. عمران بن حصين ގެ އަރިހުން ރިވާވެގެންވެއެވެ: «نَهَى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْكَيِّ ….» މާނައީ: ކަވާޖެހުން (ދޮންދަގަނޑުން ފަރުވާކުރުން) رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ނަހީކުރެއްވިއެވެ. …” މިޙަދީޘުގެ ޝަރަޙައިގައި الحافظ ابن حجر ވިދާޅުވިއެވެ: وَالنَّهْيُ فِيهِ مَحْمُولٌ عَلَى الْكَرَاهَةِ أَوْ عَلَى خِلَافِ الْأَوْلَى لِمَا يَقْتَضِيهِ مَجْمُوعُ الْأَحَادِيثِ މާނައީ: “އެ ޙަދީޘުގައި އެވާ ނަހީ ނެގިގެންވަނީ ކަރާހަތުގެ މައްޗަށެވެ. ނުވަތަ އެންމެ އަޢުލާވެގެންވާ ގޮތާ ޚިލާފުވުމުގެ މައްޗަށެވެ. އެއީ ހުރިހާ ޙަދީޘެއް އެގޮތް ނިޔާކުރާކަމަށްޓަކައެވެ.” މިފަދަ އެހެން މިޘާލެއް ދަންނަވާލަމެވެ. ކީރިތި ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އަރިހުން ރިވާވެގެންވެއެވެ: «لَا يَحْكُمْ أَحَدٌ بَيْنَ اثْنَيْنِ وَهُوَ غَضْبَانُ» . مُتَّفَقٌ عَلَيْهِ) މާނައީ: “އެއްވެސް މީހަކު އޭނާ ރުޅިއައިސްފައިވާ ޙާލު ދެމީހެއްގެ ދެމެދުގައި ޙުކުމް ނުކުރާށެވެ!” މިޙަދީޘުގައި ވާރިދުވެގެން އެވާ ނަހީއާމެދު «سبل السلام» ގައި الصنعاني ވިދާޅުވެފައިވެއެވެ: “އެކަން ޙަރާމްވުމުގައި (ޙަދީޘުގައި އެވާ) ނަހީ އެވަނީ ފާޅުވެގެންނެވެ. އަދި ޖުމްހޫރީ ޢިލްމުވެރިން އެކަން ނަންގަވާފައިވަނީ ކަރާހަތުގެ މައްޗަށެވެ. އަދި صحيح مسلم ގެ ޝަރަޙައިގައި النووي އެޙަދީޘަށް ބާބު ބަންނަވާފައިވަނީ: (ޤާޒީ މީހާ ރުޅިއައިސްފައިވާ ޙާލު ޙުކުމްކުރުން މަކްރޫހުވެގެންވާކަން ނަންގަނެވުނު ބާބު) މިފަދައިންނެވެ.” ދެންއެއަށްފަހު ޖުމްހޫރީ ޢިލްމުވެރިން އެކަން މަކްރޫހުގެ މާނައިގައި ނެންގެވި ސަބަބު ބަޔާންކުރެއްވިއެވެ. މިދެމިސާލުން އަޅުގަނޑުމެންނަށް އެނގެނީ ނަހީގެ ދެދަރަޖައެއް ވާކަމެވެ. އެއީ ޙަރާމްގެ ދަރަޖައާއި މަކްރޫހުގެ ދަރަޖައެވެ. އަދި ކަމެއް ނަހީވެއްޖެނަމަ އަޞްލަކީ އެކަން ޙަރާމުގެ ދަރަޖައިގައި ނެގުމެވެ. ނަމަވެސް އެކަން ޙަރާމުގެ ދަރަޖައިގައި ނުނުގޭނެކަމުގެ ދަލީލެއް އޮވެއްޖެނަމަ އެކަން ނެގޭނީ މަކްރޫހުގެ ދަރަޖައިގައެވެ.
މިހާހިސާބުން އަޅުގަނޑުމެން ދަންނަންޖެހޭ ޙަޤީޤަތަކީ ހޮނިހިރު ދުވަހު ރޯދަހިފުން ނަހީވުމާމެދު ވާރިދުވެގެންވާ ޙަދީޘް ޞައްޙަކުރެއްވި ޢިލްމުވެރިން އެކަން ޙަރާމުގެ ދަރަޖައިގައި ނުނަންގަވައި މަކްރޫހުގެ ދަރަޖައިގައި ނަންގަވާނީ ދަލީލެއްގެ މައްޗަށް ބުރަވެކަމެވެ. އާދޭހެވެ! އެންމެ ދަލީލެއްގެ މައްޗަށް ބުރަވެއެއްނޫނެވެ. އެތައް ދަލީލުތަކެއްގެ މައްޗަށް ބުރަވެއެވެ. އެ ދަލީލުތަކުގެ ތެރެއިން ބައެއް ދަލީލުތައް ތިރީގައި މިދަންނަވަނީއެވެ:
1 ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: (كان يصوم شعبان كله) މާނައީ: “އެކަލޭގެފާނު މުޅި ޝަޢުބާނުގައި އެއްކޮށް ރޯދަ ހިއްޕަވައެވެ.” މުސްލިމްގެ ރިވާޔަތުގައިވަނީ މިފަދައިންނެވެ: (كان يصوم شعبان إلا قليلاً) މާނައީ: “އެކަލޭގެފާނު މަދުދުވަސްތަކެއް ފިޔަވައި މުޅި ޝަޢުބާންމަހުގައި ރޯދަ ހިއްޕަވާ ކަމުގައި ވިއެވެ.” އެމަދު ދުވަސްތަކަކީ ކަނޑައެޅިގެން ހޮނިހިރު ދުވަސްތައް ކަމުގައި އެނގޭކަށް ނެތެވެ. އެހެންކަމުގައި ވާނަމަ އެދުވަސްތަކުގެ ތެރޭގައި ހޮނިހިރު ދުވަސް ވުމުގެ އިޙްތިމާލު ވަރަށް ބޮޑެވެ.
2 ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: (من صام رمضان ثم أتبعه ستاً من شوال كان كصيام الدهر) رواه مسلم. މާނައީ: “ރަމަޟާންމަހު ރޯދަ ހިފައި، ދެންއެއަށްފަހު ޝައްވާލު މަހުން ހަޔެއް އެއާ ތަބަޢަކޮށްފިމީހާގެ ރޯދަ މުޅިއަހަރުގެ ރޯދަފަދައެވެ.” އާދެ! ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި މިޙަދީޘުގައި އެވާ ހަރޯދަ ހިފުން އެންމެ މޮޅުއިތުރު ގޮތަކީ ވަޅުޢީދު ދުވަހުން ފެށިގެން ހަދުވަސް ހަމަވަންދެން ވިދިވިދިގެން ހިފުމެވެ. ވީމާ އެދުވަސްތަކުގެ ތެރެއަށް ހޮނިހިރު ދުވަސް ވަނުމުގެ އިޙްތިމާލު ވަރަށް ބޮޑެވެ.
3 عبد الله بن عمرو بن العاص އަށް އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: (فصم يوماً وأفطر يوماً فذلك صيام داود عليه السلام وهو أفضل الصيام) متفق عليه މާނައީ: “ފަހެ ކަލޭގެފާނު އެއްދުވަހު ރޯދަ ހިއްޕެވިއްޔާ އަނެއްދުވަހު ރޯދަ ނުހިއްޕަވާށެވެ! (އެބަހީ ދެދުވަހުން އެއްދުވަހު ރޯދަ ހިއްޕަވާށެވެ!) އެހެނީ އެއީ داود عليه السلام ރޯދަ ހިއްޕެވި ގޮތެވެ. އަދި އެއީ އެންމެ މޮޅުއިތުރު ރޯދައެވެ.” އެއްވެސް ޝައްކެއް ނެތް ގޮތުގައި ދެދުވަހުން އެއްދުވަހު ރޯދަ ހިފާ މީހަކާ ހޮނިހިރު ދުވަސް ބައްދަލުވުމީ އެކަށީގެންވާ ކަމެކެވެ.
4 أبو ذر رضي الله عنه އަށް އިރުޝާދު ދެއްވަމުން ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: (إذا صمت من الشهر ثلاثا فصم ثلاث عشرة وأربع عشرة وخمس عشرة) رواه أحمد والترمذي وصححه الألباني މާނައީ: “ތިބާ ކޮންމެ މަހަކުން ތިންދުވަހު ރޯދަހިފާނަ؛ ތޭރަވަނަ ދުވަހާއި، ސާދަވަނަ ދުވަހާއި ފަނަރަވަނަ ދުވަހު ރޯދަހިފާށެވެ!” މިޙަދީޘުގައި އެވަނީ ކަނޑައެޅިގެން ވަކިދުވަސްތަކެއްގައި ރޯދަހިފުމަށް އިރުޝާދުދެވިގެންނެވެ. އެއީ ކޮންމެ މަހެއްގެ 13، 14، 15، މިތިންދުވަހެވެ. މިދުވަސްތަކުގެ ތެރެއިން ދުވަހަކާ ހޮނިހިރު ދުވަސް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.
5 معاذة العدوية ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ عائشة ގެފާނާ ސުވާލުކުރެއްވިއެވެ: ” أكان رسول الله صلى الله عليه وسلم يصوم من كل شهر ثلاثة أيام؟ قالت: نعم. فقلت لها: من أي أيام الشهر كان يصوم؟ قالت: لم يكن يبالي من أي أيام الشهر يصوم.”رواه مسلم.މާނައީ: ” رسول الله صلى الله عليه وسلم ކޮންމެ މަހަކުން ތިންދުވަހު ރޯދައަށް ހުންނަވާތޯއެވެ؟عائشة ގެފާނު ވިދާޅުވިއެވެ: އާނއެކެވެ! އެހިނދު އަހުރެން ދެންނެވީމެވެ: އެކަލޭގެފާނު ރޯދައަށް ހުންނަވަނީ މައްސަރުގެ ކޮންކޮން ދުވަސްތަކެއްގައި ތޯއެވެ؟ عائشة ގެފާނު ވިދާޅުވިއެވެ: އެކަލޭގެފާނު ރޯދައަށް ހުންނެވުމުގައި މައްސަރުގެ ވަކި ދުވަހަކަށް ސަމާލުކަމެއް ނުދެއްވައެވެ.” މިޙަދީޘާމެދު ވަރަށް ފުންކޮށް ވިސްނަވާށެވެ! މިޙަދީޘުން ވަރަށް ޞަރީޙަކޮށް އިނގޭ ގޮތުގައި ހަފްތާގެ ދުވަސްތަކުގެ ތެރެއިން ވަކިދުވަހެއް އޭގެ ޒާތުގައި ޚާއްޞަ ނުކުރާނަމަ ރޯދަ ހިފުން ޙަރާމްވެގެންވާ ވަކިދުވަހެއް ނުވެއެވެ. އެހެނީ ހޮނިރު ދުވަސް އެކަހެރިނުކޮށް އެދުވަހު ރޯދަހިފުން ޙަރާމްވެގެންވާނަމަ ކީރިތި ރަސޫލާ ވަކިދުވަހަކަށް ބެއްލެވުމެއްނެތި ރޯދަ ނުހިއްޕެވީސްކަން ކަށަވަރެވެ. އަދި ހޮނިހިރު ދުވަހަކީ އެދުވަހާއެކު އެހެން ދުވަހެއްގައި ރޯދަހިފިޔަސް ޢާއްމުގޮތެއްގައި ސުންނަތް ރޯދަހިފުން ޙަރާމްވެގެންވާ ދުވަހެއްގެ ގޮތުގައި އެނގި ފާޅުވެގެންވާނަމަ ޢާއިޝަތުގެފާނު އެފަދައިން ޖަވާބު ނުދެއްވީސްކަން ކަށަވަރެވެ.
6 ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: “لا يصومن أحدكم يوم الجمعة إلا أن يصوم يوما قبله أو يوماً بعده “. متفق عليه މާނައީ: “ހުކުރުދުވަހުގެ ކުރިން ދުވަހެއްގައި ނުވަތަ އެދުވަހުގެ ފަހުން ދުވަހެއްގައި ރޯދަހިފާގޮތަށް މެނުވީ ތިޔަބައިމީހުންކުރެ މީހަކު ހުކުރުދުވަހު ރޯދަ ނުހިފާހުށިކަމެވެ.” ހޮނިހިރު ދުވަހު ރޯދަހިފުމަކީ އެހާ ވަރުގަދައަށް ރޯދަހިފުން ޙަރާމްވެގެންވާ ދުވަހެއްނަމަ އެދުވަހު ރޯދަ ހިފުމަށް އެކަލޭގެފާނު އިރުޝާދު ނުދެއްވީހެވެ. މިހެން ދެންނެވީމާ ބުނާމީހަކު ބެނެފާނެއެވެ: ބުރާސްފަތި ދުވަހު ރޯދަނުހިފައި ހުކުރު ދުވަހު ރޯދަ ހިފައިފި މީހާއަށް ހޮނިހިރު ދުވަހު ރޯދަ ހިފުން ވާޖިބުވާނެއެވެ. އެއީ ހުކުރު ދުވަސް އެކަހެރި ނުކުރުމަށްޓަކައެވެ. އަދި ހޮނިހިރު ދުވަހު ހިފުން ޙަރާމްވަނީ ސުންނަތް ރޯދައެވެ. ޖަވާބުގައި ބުނަމެވެ: ތިޔަ ދެންނެވީ ބުރާސްފަތިދުވަހު ރޯދަ ނުހިފައި ހުކުރު ދުވަހު ރޯދައަށް ހުރިމީހާގެ ވާހަކަނޫންތޯއެވެ؟ އެފަދަ މީހާގެ މައްޗަށް ހޮނިހިރު ދުވަހު ރޯދަހިފުން ވާޖިބުވުމާމެދު އަޅުގަނޑު ދެކޮޅުނަހަދަމުއެވެ. ނަމަވެސް އަޅުގަނޑު ދަންނަވަން މިއުޅެނީ އެހެން ޙާލަތެކެވެ. އެޙާލަތާމެދު ފުންކޮށް ވިސްނަވާށެވެ! ތަޞައްވުރު ކޮށްލައްވާށެވެ! ހޮނިހިރު ދުވަހަކީ ސުންނަތް ރޯދަހިފުން އެހާ ވަރުގަދައަށް ޙަރާމްވެގެންވާ ދުވަހެއްނަމަ އަޞްލަކީ އެދުވަހުގައި ރޯދަނުހިފުމަށް އިރުޝާދު ދިނުމެވެ. ހުކުރު ދުވަސް އެކަހެރި ނުކުރުމަށްޓަކައި ހަމައެކަނި ބުރާސްފަތި ދުވަހު ރޯދަ ހިފުމަށް ބާރުއެޅުމެވެ. ރޯދަހިފުން ޙަރާމް ދުވަހެއްގައި ރޯދަހިފުމުގެ އިޚްތިޔާރު ނުދިނުމެވެ. އެއާ ޚިލާފަށް އިސްވެދިޔަ ޙަދީޘުގައި އެވަނީ ހުކުރުދުވަސް އެކަހެރި ނުކުރުމަށްޓަކައި ބުރާސްފަތި ދުވަހު ނުވަތަ ހޮނިހިރު ދުވަސް އިޚްތިޔާރު ކުރުމުގައި އެދެދުވަސް ހަމަހަމަ ކުރައްވާފައެވެ. އަދި ބޭނުންނަމަ ބުރާސްފަތިދުވަހު ގަސްތުގައި ރޯދަނުހިފައި ހުކުރާއި ހޮނިހިރުގައި ރޯދަ ހިފުމުގެ އިޚްތިޔާރު ދެއްވާފައެވެ. އަދި ހުކުރު ދުވަހާ އެކީގައި ހޮނިހިރު ދުވަހު ރޯދަހިފުމަށް ޤަޞްދުކުރި މީހާ ފާފަވެރި ނުވާނެކަންވެސް އެޙަދީޘުން ދޭހަވެއެވެ. ވީމާ މިހުރިހާކަމަކުން ދޭހެވަނީ ހޮނިހިރު ދުވަހު ރޯދަހިފުމަކީ ޙަރާމްކަމެއް ނޫންކަމެވެ.
7 جويرية رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ: (أن النبي صلى الله عليه وسلم دخل عليها يوم الجمعة وهي صائمة فقال: أصمت أمس؟ قالت: لا. قال: تريدين أن تصومي غداً؟ قالت: لا. قال: فأفطري) رواه البخاري މާނައީ: “ހަމަކަށަވަރުން އެކަމަނާ ރޯދައަށް ހުންނަވަނިކޮށް ހުކުރުދުވަހު އެކަމަނާގެ އަރިހަށް ނަބިއްޔާ صلى الله عليه وسلم ވަޑައިގަތެވެ. ފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އިއްޔެ ކަމަނާ ރޯދަ ހިއްޕެވިންތޯއެވެ؟ އެކަމަނާ ދެންނެވިއެވެ: ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: މާދަމާ ރޯދައަށް ހުންނަވަން ކަމަނާ ޤަޞްތުކުރައްވަންތޯއެވެ؟ އެކަމަނާ ދެންނެވިއެވެ: ނޫނެކެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: އެހެންކަމުގައި ވަނީނަމަ ރޯދަ ދޫކޮށްލައްވާށެވެ!” ޙަޤީޤަތުގައި މިޙަދީޘަކީ ޢިލްމުވެރިން މިމައްސަލައިގައި ނަންގަވާ އެންމެ ވަރުގަދަ ޙުއްޖަތެވެ. މިޙަދީޘުގެ ފިޤުހާމެދު ވަރަށް ފުންކޮށް ވިސްނަވާށެވެ! މާތް ނަބިއްޔާ އެކަލޭގެފާނުގެ އަނބިކަނބަލުންނާ ސުވާލުކުރެއްވީ މިފަދައިންނެވެ: “މާދަމާ ކަމަނާ ރޯދައަށް ހުންނަވަން ޤަޞްތުކުރައްވަންތޯއެވެ؟” އެބަހީ: މާދަމާ ރޯދައަށް ހުރުމާއި ނުހުރުމުގައި ކަމަނާއަށް އިޚްތިޔާރު ލިބިގެންވެއެވެ. އެހެންކަމުގައިވާނަމަ ރޯދަހިފުމާއި ނުހިފުމުގެ އިޚްތިޔާރު ލިބިގެންވާނަމަ އެއީ ފަރުޟު ރޯދައެއް ނޫނެވެ. އެއީ ސުންނަތް ރޯދައެކެވެ. އެހެނީ އެރޯދަ ވާޖިބު ރޯދައަކަށް ވިޔަސް ވާނީ ހުކުރުދުވަހު ރޯދަ ފުރިހަމަކުރުމުންނެވެ. މިޙަދީޘުގައި ވާގޮތުންނަމަ އެކަމަނާ އަރިހަށް ރަސޫލާ ވަޑައިގެންނެވީ ދުވާލުގެ ވަގުތެއްގައެވެ. އެހެންކަމުން ރޯދަ ދޫކުރުމުގެ އިޚްތިޔާރު އެކަމަނާއަށް ލިބިގެންވެއެވެ. ވީމާ ހޮނިހިރު ދުވަހު ރޯދަހިފުމަށް ޤަޞްތުކުރައްވަންތޯ އެކަލޭގެފާނު އެއްސެވުމުން ދޭހަވަނީ އެދުވަހު ރޯދަހިފުމަކީ ހުއްދަކަމެއްކަމެވެ. އަދި އެދުވަހަކީ ރޯދަހިފުން ޙަރާމްދުވަހެއްނަމަ އެކަލޭގެފާނު ފުރަތަމަވެސް އިރުޝާދު ދެއްވާނީ ހުކުރުދުވަހުގެ ރޯދަ ދޫކޮށްލުމަށެވެ. އިތުރު ތަފްޞީލަކަށް ދަމާތޯއެވެ؟ މިސާލަކަށް މިއަދަކީ ހުކުރުދުވަހެވެ. ހުކުރުދުވަހު އެކަހެރިކޮށް ރޯދަހިފުމުގެ ޙުކުމެއް އަޅުގަނޑަކަށް ނޭނގެއެވެ. މާދަމާއަކީ އަޟްޙާ ޢީދު ދުވަހެވެ. މިއަދު އަޅުގަނޑު މިހުރީ ރޯދައަށެވެ. މިއަދުގެ މެންދުރު ވަގުތެއްގައި އަޅުގަނޑާ ޢިލްމުވެރިއަކާ ބައްދަލުވެއްޖެއެވެ. އެޢިލްމުވެރިޔާއަށް އަޅުގަނޑު ރޯދައަށްހުރިކަން އެނގިގެން އިރުޝާދު ދެއްވާނީ ހުކުރުދުވަހު ރޯދަދޫކޮށްލުމަށްތޯއެވެ؟ ނުވަތަ ޢީދުދުވަހު ރޯދަހިފުމަށްތޯއެވެ؟ ޝައްކެއްނެތެވެ ހުކުރުދުވަހު ރޯދަފުރިހަމަކުރުމަށް އިރުޝާދު ދެއްވިއަސް ޢީދުދުވަހު ރޯދަހިފުމަށް އިރުޝާދު ނުދެއްވާނެއެވެ. އެޢިލްމުވެރިޔާއަކީ ޚުދް އިމާމު އަލްބާނީވިޔަސް ޢީދުދުވަހު ރޯދަހިފުމަށް ހުއްދަނުދެއްވާނެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ ޢީދުވަހަކީ ރޯދަހިފުން ޙަރާމް ދުވަހެއްކަމަށް މުޅިއުއްމަތް އިޖްމާޢުވެ އިއްތިފާޤުވާ ދުވަހަކަށްވާތީއެވެ. ހުކުރު ދުވަސް އެކަހެރި ނުކުރުމަށްޓަކައި ހޮނިހިރުދުވަހު ރޯދަހިފުން ހުއްދަވަނީ ކީއްވެތޯއެވެ؟ ޖަވާބަކީ އެއީ ރޯދަހިފުން ހުއްދަދުވަހަކަށް ވާތީއެވެ. މިހާހިސާބުން އެނގި ފާޅުވެގެންދަނީ ރޯދަހިފުން ޙަރާމްވުމުގައި ޢީދުދުވަހާއި ހޮނިހިރު ދުވަސް ހަމަހަމަވެގެންވާ ކަމަށް އިމާމް އަލްބާނީ ވިދާޅުވާ ބަސްފުޅަކީ އެހާވަރުގަދަ ބަސްފުޅެއް ނޫންކަމެވެ. والله أعلم.
8 ކީރިތި މާތްނަބިއްޔާ صلى الله عليه وسلم ގެ ބައެއް އަނބިކަނބަލުންގެ އަރިހުން ރިވާވެގެންވެއެވެ: “أن النبي صلى الله عليه وسلم كان يصوم يوم عاشوراء ، وتسعا من ذي الحجة ، وثلاثة أيام من الشهر؛ أول اثنين من الشهر؛ وخميسين .” أخرجه أبو داود والنسائي وصححه الألباني މާނައީ: “ހަމަކަށަވަރުން ނަބިއްޔާ r ޢާޝޫރާ ދުވަހާއި ޙައްޖުމަހުގެ ނުވަދުވަހާއި އަދި ކޮންމެ މަހަކު ތިންދުވަހު؛ މަހުގެ އެންމެފުރަތަމަ ހޯމައާއި ދެބުރާސްފަތީގައި ރޯދަ ހިއްޕަވައެވެ.” ދަންނައެވެ! މިޙަދީޘުގައި އެވަނީ އިތުރު އެކަލޭގެފާނު ޙައްޖުމަހުގެ ނުވަދުވަހުގައި ރޯދަ ހިއްޕެވިކަމެވެ. އެތަނުގައި ނުވަދުހުގެ މުރާދަކީ ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޢަރަފާތު ދުވަހާ ހަމައަށެވެ. އެއްވެސް ޙާލެއްގައި ހަމައެކަނި ނުވަވަނަ ދުވަހެއް ނޫނެވެ. އެހެނީ ޢަރަބިބަހުގައި ނުވަވަނަ ދުވަހަށް ނިސްބަތްކޮށް ކިޔާނަމަ ކިޔާނީ التاسع އެވެ. އެހެންކަމުން ނުވަދުވަހުގެ ތެރެއަށް ހޮނިހިރު ދުވަސް ނުވަނުމަކީ މުސްތަޙީލުކަމެކެވެ. މިހާހިސާބުން ބުނަންކެރޭ މީހަކު ބުނެފާނެއެވެ: ތިއީ ރަސޫލާއަށް ޚާއްޞަ ކަމެކެވެ. އެހެން ނޫނަސް އެކަލޭގެފާނުގެ ޢަމަލުފުޅުގެ މައްޗަށް ބަސްފުޅު އިސްކުރެވިގެންވެއެވެ. ޖަވާބުގައި ދަންނަވަންޖެހެނީ: ރަސޫލާއަށް ޚާއްޞަކަމެކޭ ބުނެވޭނީ އެކަމުގެ މައްޗަށް ދަލީލު ލިބިގެންނެވެ. ހޮނިހިރު ދުވަހު ރޯދަހިފުން ރަސޫލާއަށް ހުއްދަވެފައި އުއްމަތައް ޙަރާމްވިކަމުގެ ދަލީލަކީ ކޮބައިތޯއެވެ؟ ދެންއޮތީ އެކަލޭގެފާނުގެ ޢަމަލުފުޅުގެ މައްޗަށް ބަސްފުޅު އިސްކުރެވޭ ވާހަކައެވެ. ދަންނަވަންތޯއެވެ! ތިއިކީ އަދި ތިހާ ފަސޭހައިން ނިންމެން އޮތްކަމެއް ނޫނެވެ. އެހެނީ ދެޙަދީޘެއް ބޭރުފުށުން ފުށުއަރައިފިނަމަ ޢިލްމުވެރިން ވިދާޅުވަނީ އެންމެ ފުރަތަމަވެސް ވާޖިބުވެގެންވަނީ އެދެޙަދީޘް އެއްގަލަކަށް އެރުވޭތޯ ބެލުމެވެ. އެއަށް ކިޔަނީ ފުށުއަރާފައިވާ ދެނައްޞެއް ޖަމްޢުކުރުމެވެ. ފަހެ ކިރިޔާވެސް ޖަމްޢުކުރެވެން އޮއްވާ އެއްޙަދީޘުގެ މައްޗަށް އަނެއް ޙަދީޘް އިސްކޮށް ތަރްޖީޙު ކޮށްގެން ނުވާނެއެވެ. އެހެނީ ތަރްޖީޙުކުރުމަކީ އެއްޙަދީޘުގެ މާނަ އިހްމާލުކޮށް އެއަށް ޢަމަލުކުރުން ދޫކޮށްލުމެވެ. ޖަމްޢުކުރުމަކީ ދެޙަދީޘުގެ މާނަ ޘާބިތުކޮށް ދެޙަދީޘަށް ޢަމަލުކުރުމެވެ. ދެން ނިކަން ބައްލަވާށެވެ! މިޙަދީޘާމެދުގައި އެކަލޭގެފާނުގެ ޢަމަލުފުޅުގެ މައްޗަށް ބަސްފުޅު އިސްކުރެވިގެންވެއޭ ބުނުމަކީ ދެޙަދީޘް ޖަމްޢުކުރުމެއްތޯއެވެ؟ ނުވަތަ އެއްޙަދީޘުގެ މައްޗަށް އަނެއް ޙަދީޘް އިސްކޮށް ތަރްޖީޙްކުރުމެއްތޯއެވެ؟ ޝައްކެއްނެތެވެ. އެއީ ތަރްޖީޙްކުރުމެކެވެ. އެބަހީ އެހެންބުނާ މީހަކަށް އެބުނެވެނީ: ހައްޖުމަހުގެ ނުވަދުހުގައި ހޮނިހިރު ދުވަސް ޝާމިލްވާގޮތަށް ނުވަދުވަހު ރޯދަހިފުމަކީ ހުއްދަކަމެއް ނޫނެވެ. އެޙަދީޘަށް ޢަމަލުކޮށްގެން ނުވާނެއެވެ. ޢަމަލުކުރާނީ ހަމައެކަނި ހޮނިހިރު ދުވަހު ރޯދަހިފުން ނަހީވެގެންވާ ޙަދީޘަށެވެ. ނަމަވެސް ނިކަން ބައްލަވާށެވެ! ދެ ޙަދީޘް ޖަމްޢުކޮށްފިނަމަ ދެޙަދީޘަށްވެސް ޢަމަލުކުރެވޭނެއެވެ. އެގޮތަކީ ހޮނިހިރު ދުވަސް އެކަހެރި ނުކުރާނަމަ ނުވަތަ އެދުވަސް ވަކިން ޚާއްޞަ ނުކުރާނަމަ ނުވަތަ އެދުވަހު ރޯދަހިފުމަކީ އާދަޔަކަށް ނުހަދާނަމަ އެދުވަހު ރޯދަހިފުން ހުއްދަވުމެވެ. އެއިރުން ޙައްޖުމަހުގެ ދިހަދުވަހުވެސް އަދި ހޮނިހިރު ދުވަހާ ދިމާވާ އެހެން މާތްދުސްތަކުގައިވެސް ރޯދަހިފުނީއެވެ. އަދި ހުރިހާ ޙަދީޘަކަށް ޢަމަލުކުރެވުނީއެވެ.
9 عَبْد اللَّهِ بْنِ مَسْعُود ގެ އަރިހުން ރިވާވެގެންވެއެވެ: (كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَصُومُ مِنْ غُرَّةِ كُلِّ شَهْرٍ ثَلَاثَةَ أَيَّامٍ وَقَلَّمَا كَانَ يفْطر يَوْم الْجُمُعَةَ.) رَوَاهُ التِّرْمِذِي وصححه الألباني މާނައީ: “رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ކޮންމެ މަހެއްގެ ކުރީކޮޅުގައި ތިންދުވަހު ރޯދަ ހިއްޕަވައެވެ. އަދި އެކަލޭގެފާނު ހުކުރުދުވަހު ރޯދައަށް ނުހުންނަވަނީ ވަރަށް މަދުންނެވެ.”
އިސްވެ ބަޔާންވެ އެދިޔައީ ހޮނިހިރު ދުވަހު ރޯދަހިފުން ހުއްދަކަމަށް ދަލީލުކޮށްދޭ ޢާއްމު ބައެއް ޙަދީޘްތަކެވެ. މިނޫނަސް ވަރަށް ގިނަ ޙަދީޘްތައް ވާރިދުވެގެންވެއެވެ. އެޙަދީޘްތައް މުތަވާތިރުގެ ދަރަޖައާ ހަމައަށް ފޯރާފައިވެއެވެ.
-ނުނިމޭ –