[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

عيسى عليه السلام – ١

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި، ނަޞާރާއިންގެ އަޤީދާގައި ﷲއަށް ދަރިކަލަކުވާކަމަށް ކުރާ ދަޢުވާ ދޮގުކުރައްވާފައިވެއެވެ. ނަޞާރާއިން މިގޮތަށް ބުނަމުންދާތީވެ ﷲ ތަޢާލާ ޤުރުއާނުގެ ވަރަށް ގިނަތަންތަނުގައި ޢީސާ عليه السلام އަކީ ﷲގެ އަޅެއްކަމަށާއި، އެކަލާނގެ އެކަލޭފާނު އުފެއްދެވީ އެކަލޭފާނުގެ މަންމަގެ ރަޙިމުގައި އެހެންވެސް ޚަލްޤުތަކުން އުފައްދަވާގޮތަށް ކަމަށާ އަދި އެކަލާނގެ އެކަލޭފާނު އުފެއްދެވީ ބައްޕަޔަކު މެދުވެރިވުމަކާއި ނުލައި، އާދަމްގެފާނު މަންމައަކާއި ބައްޕައަކުނުލައި ޚަލްޤުކުރެއްވި ފަދައިންކަމަށް ވަޙީކުރައްވާފައިވެއެވެ.

މަރްޔަމް عليها السلام” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]މަރްޔަމް عليها السلام ގެ ނަސަބުފުޅު

މުޙައްމަދު ބުނު އިސްޙާޤު ވިދާޅުވާގޮތުގައި އެކަމަނާއަކީ:-

މަރްޔަމް ބިންތު ޢިމްރާން ބުނު ބާޝިމް ބުނު އަމޫން ބުނު މީޝާ ބުނު ޙަޒްޤިޔާ ބުނު އަޙްރީޤް ބުނު މޫޘަމް ބުނު ޢަޒާޒިޔާ ބުނު އަމްޞިޔާ ބުނު ޔާވުޝް ބުނު އަޙްރީހޫ ބުނު ޔާޒިމް ބުނު ޔަހްފާޝާޠު ބުނު އީޝާ ބުނު އިޔާން ބުނު ރަޙްބަޢާމް ބުނު ސުލައިމާން ބުނު ދާވޫދު عليه السلام އެވެ.

ޒަކަރިއްޔާ عليه السلام ގެ އަބިކަނބަލުންގެ އުޚްތެއްގެ، ހަންނާ ކިޔާ ދަރިކަނބަލަކު ހުއްޓެވެ. އޭނާ ކައިވެނިކޮށްގެން އުޅުނީ ބަނީ އިސްރާއީލުގެ ވެރިއެއްކަމުގައިވާ ޢިމްރާންއާއެވެ. ވަރަށް ގިނަ އަހަރުތަކެއް ވަންދެން މިދެމަފިރިންނަށް ދަރިޔަކު ނުލިބިތިއްބެވެ. ކޮންމެފަހަރަކު ހަންނާއަށް އެހެން އަންހެން ކަނބަލަކު، ދަރިއަކާއެކު ފެންނަ ހިނދު، ދަރިއަކަށް އެދޭ އެދުން އިތުރުވެގެން ދެއެވެ. އެތައް އަހަރުތަކެއް ވޭތުވެގެން ދިޔަކަމަށްވިއަސް އެކަމަނާގެ އުންމީދު ގެއްލިގެން ނުދެއެވެ. އެކަމަނާ ޤަބޫލުކޮށްގެން ހުރީ އެއްދުވަހަކުން ﷲ ތަޢާލާގެ ބަރަކާތުން ދަރިއަކު ލިބި، އެކުއްޖާއަށް އެކަމަނާގެ މައިވަންތަކަމުގެ ލޯބި އޮއްސަވާލެވޭނެކަމަށެވެ.

އެއްދުވަހަކު ޢާލަމްތަކުގެ ވެރިއިލާހަށް އެނބުރިވަޑައިގެން އެކަމަނާއަށް ދަރިއަކު ދެއްވުމަށް އެދި އާދޭސް ދެންނެވިއެވެ. ދަރިއަކު ދެއްވަފިނަމަ އޫރުޝަލިމްގައިވާ ﷲ ގެ ގެކޮޅުގެ ޙިދުމަތަށް އެކުއްޖާ ޚާއްޞަކުރައްވާނެކަމަށްވެސް ދެންނެވިއެވެ. ﷲ ތަޢާލާ އެކަމަނާގެ ދުޢާ އިޖާބަކުރައްވަވާ، އެކަމަނާ ބަލިވެ އިންނެވިކަން އެނގުނެވެ. އެއަށްފަހު މީސްތަކުންގެ ތެރޭގައި އެއަށްވުރެ އުފާވެރި އަންހެނަކު ނުވެއެވެ. އެކަމަނާ އާއި ފިރިކަލުން ޢިމްރާން ﷲ ގެ ރަޙްމަތަށް ޝުކުރުއަދާކުރިއެވެ.

އެހެނެއްކަމަކު ހަންނާ ބަލިވެ އިންނަވަނިކޮށް ފިރިކަލުން ޢިމްރާން އަވަހާރަވިއެވެ. އެކަމަނާ އެކަމާ ވަރަށް ހިތާމަކުރެއްވިއެވެ. އެއީ އެކަމަނާއާއި ފިރިކަލުން އެހާ ޒަމާންވަންދެން ކުރަމުންއައި އިންތިޒާރުގެ ފޮނިކަން އިމްރާނަށް ނުފެންނާނެތީއެވެ. ހަންނާ ވިހެއީ އަންހެން ކުއްޖެއްކަމުން، އެކަމަނާ އަނެއްކާ ﷲ އަށް ދުޢާ ދެންނެވިއެވެ.

“ދެން، އެކަމަނާ، އެ ދަރިކަނބަލުންނާއިގެން ރައްކާވިހިނދު، ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޯއެވެ! ހަމަކަށަވަރުން، އަޅު ވިހޭ ދަރިޔަކީ، އަންހެން ކުއްޖެކެވެ. އެކަމަނާ ރައްކާވީ، ކޮންކަހަލަ ކުއްޖެއްކަން ﷲ ދެނެވޮޑިގެންވެތެވެ. (އެކަމަނާ ދެންނެވިއެވެ.) ފިރިހެންކުއްޖަކު އަންހެންކުއްޖަކާ އެއްފަދައެއްނޫނެވެ. އަދި، ހަމަކަށަވަރުން، އެ ދަރިކަނބަލުންނަށް مريم އޭ ނަންދީފީމެވެ. އަދި، ހަމަކަށަވަރުން، رحمة ން ބޭރުކުރައްވާފައިވާ شيطان އާގެ ކިބައިން، އެ ދަރިކަނބަލުންނާއި، އެ ދަރިކަނބަލުންގެ ދަރިފަސްކޮޅު، ރައްކާތެރިކޮށްދެއްވުމަށްއެދި، އިބަރަސްކަލާނގެ حضرة އަށް ދަންނަވަމެވެ.”) سورة آل عمران: 36)

ހަންނާގެ ނަދުރު ފުއްދުން ބޮޑުކަމަކަށްވެ، ކަންބޮޑުވުން އިތުރުވެގެން ދިޔައީ މިސްކިތުން އަންހެން ކުދިން ޚިދުމަތުގައި ނުބައިތިއްބާތީއެވެ. ނަމަވެސް އެކަމަނާގެ ދައްތަގެ ފިރިކަލުން ޒަކަރިއްޔާ عليه السلام އެކަމަނާ ހިތްހަމަޖައްސަވައި ދެއްވިއެވެ. އެކަލޭފާނު ވިދާޅުވިއެވެ. ﷲ ތަޢާލާ ކަމަނާއަށް ތިޔަލިބުނު ދަރިފުޅު މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ ކަމަނާފަރާތުން އެކުއްޖާފުޅު ޤަބޫލުކުރައްވާނެތެވެ. ދެން އެކަމަނާ އެދަރިފުޅު (ގެންގުޅެވޭ ވަރަށް ބޮޑުވުމުން) ފޮށާއަކުން އޮޅާލައްވާފައި އިސް ފަރީސީންނާއި ޙަވާލުކުރިއެވެ. އެކުއްޖާއަކީ އަންހެން ކުއްޖަކަށްވުމުން ބަލަހައްޓާނެ ފަރާތަކާމެދު މިސްކިތުގެ ބޮޑުން އިޚްތިލާފުވިއެވެ. މިކުއްޖާފުޅަކީ އެންމެ ފަހުން އެމީހުންގެ ހުންނެވި ވެރިމީހާގެ ދަރިފުޅުކަމުން އެންމެންވެސް އެކުއްޖާގެ ކަންތައްތަކާ ހަވާލުވާން ބޭނުންވިއެވެ. ޒަކަރިއްޔާ عليه السلام ބޮޑުންނަށް ވިދާޅުވިއެވެ. “ތިމަންނާއަކީ އެކުއްޖާފުޅުގެ މަންމަފަރާތު ބޮޑުދައިތަގެ ފިރިކަލުންނެވެ. އަދި އެކުއްޖާފުޅާއި މިސްކިތުގެ ފަރާތުން އެންމެ ކައިރި ގުޅުމެއް އޮތީ ތިމަންކަލޭފާނާއެވެ. އެހެންވީމާ އޭނާގެ ކަންތައްތަކަށް ތިޔަބައިމީހުންނަށްވުރެ، ތިމަންކަލޭފާނު ރައްކާތެރިވާހުށީމެވެ.”

އެބައިމީހުންގެ އާދަޔަކަށްވެފައި އޮތީ އިޚްތިލާފު އުފެދޭކަންކަމުގައި ގުރުއަތުލުންކަމުން، ގުރުއަތުލިއެވެ. ކޮންމެ މީހެއްގެ އަތަށް ދަނޑިކޮޅެއް ކޯރަށް އެއްލުމަށް ދިނެވެ. އެއެންމެން އެއްބަސްވިގޮތުގައި ފެންމަތީގައި އަޑިއަށް ނުގޮސް އޮންނަ ފަރާތަކާ އެކުއްޖާފުޅުގެ ބެލެހެއްޓުން ހަވާލުކުރާނީއެވެ. ޒަކަރިއްޔާ عليه السلام ފިޔަވައި އެހެން އެންމެންގެ ދަނޑިކޮޅުތައް އަޑިއަށް ދިޔައެވެ. އެހެންކަމުން މިޢަލާމާތުން، އެބައިމީހުން ﷲ ތަޢާލާގެ ޤަދަރަށް ރުހި އެކަލޭފާނާ ބެލެހެއްޓުން ހަވާލުކުރިއެވެ.

އެއްވެސް ފަރާތަކަށް މަރިޔަމް عليها السلام އަރިހަށް ނުވަދެވޭނެގޮތް ޔަޤީންކުރެއްވުމަށްޓަކައި، މިސްކިތުގައި ވަކި ކޮޓަރިކޮޅެއް ހެއްދެވިއެވެ. އެކަމަނާ ބޮޑުވަމުން އަންނަވަރަކަށް ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި ހީވާގިވެލެއްވިއެވެ. ޒަކަރިއްޔާ عليه السلام އެކަމަނާގެ ހާޖަތްތައް ފުއްދަވާދެއްވުމަށް ކޮންމެ ދުވަހަކު ޒިޔާރަތްކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވޭތުވެގެންދިޔައެވެ. އެއްދުވަހަކު، އެކަލޭފާނު ހައިރާންވެ ވަޑައިގަތީ އެކަމަނާގެ ކޮޓަރިކޮޅުގައި ތާޒާ މޭވާ ހުންނާތީއާއި އެދުވަސްވަރަކީ މޭވާގެ މޫސުމަށް ނުވުމެވެ. އެކަލޭފާނަކީ އެކޮޓަރިކޮޅަށް ވަނުމުގެ ހުއްދަ އޮންނަ ހަމައެކަނި ފަރާތްކަމުން، އެމޭވާ އެތަނަށް އަންނަގޮތަކާމެދު ސުވާލުކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ އެއީ ﷲ ތަޢާލާ ދެއްވި ރިޒްޤެއްކަމަށާއި އެކަލާނގެ އިރާދަކުރައްވާ މީހަކަށް ރިޒްޤުދެއްވާކަމުގައެވެ. މިހިސާބުން ޒަކަރިއްޔާ عليه السلام އަށް ވިސްނިވަޑައިގަތީ، މަރިޔަމް عليها السلام އެހެން އަންހެންތަކުންނަށްވުރެ މާތްކުރައްވައިފިކަމެވެ.

އެހެންކަމުން، ޒަކަރިއްޔާ عليه السلام މަރްޔަމް عليها السلام ތަރުބިއްޔަތު ކުރެއްވުމަށް އިތުރަށް ވަގުތު ހޭދަކުރައްވަން ފެއްޓެވިއެވެ. މަރްޔަމް عليه السلام ބޮޑުފުޅުވެގެން އައީ ރެއާއި ދުވާލު ﷲ ތަޢާލާ ހަނދުމަކޮށް މަތިވެރިކޮށް އަޅުކަން ކުރެއްވުމުގައެވެ.

ޢަލީ ބުނު އަބީޠާލިބު ރަޟިޔަﷲ އަންހުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

“ދުނިޔޭގެ އެންމެ ހެޔޮ އަންހެން ކަނބަލަކީ މަރްޔަމް ބިންތު ޢިމްރާނެވެ. އަދި ދުނިޔޭގެ އެންމެ ހެޔޮ އަންހެން ކަނބަލަކީ ޚަދީޖާ ބިންތު ޚުވައިލީދެވެ.” (ޞަޙީޙުލް ބުޚާރީ)

މަރްޔަމް عليها السلام ކޮޓަރިކޮޅުގައި ނަމާދަށް ހުންނަވަނިކޮށް، މަލާއިކަތަކު މީހެއްގެ ޞިފައިގައި އެކަމަނާ އަރިހަށް ފައުޅުވިއެވެ. އެކަމަނާ ބިރުފުޅުން ދުޢާކުރެއްވިއެވެ.

“އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (ﷲ އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ. އެ ملائكة އާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންނާއަކީ، ކަމަނާގެ ވެރިރަސްކަލާނގެ ފޮނުއްވި رسول އަކީމެވެ. ހެޔޮލަފާ، صالح ފިރިހެން ދަރިކަލަކު ކަމަނާއަށް ދެއްވުމަށްޓަކައެވެ. އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ދަރިއަކު ލިބޭހުށީ ކޮންފަދައަކުންތޯއެވެ؟ ތިމަންގެ ގައިގައި އެއްވެސް آدم ގެދަރިޔަކު ބީހިފައެއްނުވެއެވެ. އަދި ތިމަންނާއީ، ކަސްބީއަކު ކަމުގައިވެސް ނުވަމެވެ. އެ ملائكة އާ ވިދާޅުވިއެވެ. ކަންހުރީ އެފަދައިންނެވެ. ކަމަނާގެ ވެރިރަސްކަލާނގެ وحى ކުރެއްވިއެވެ. އެއީ ތިމަންރަސްކަލާނގެއަށް ދާދިފަސޭހަ ކަމެކެވެ. އަދި ތިމަންރަސްކަލާނގެ حضرة ން މީސްތަކުންނަށް ފޮނުއްވި آية އެއް ކަމުގައްޔާއި، رحمة އެއްކަމުގައި، އެ ދަރިކަލުން ލެއްވުމަށްޓަކައެވެ. ކަނޑައެޅި ނިމިފައިވާ ކަމެއްކަމުގައި އެކަންތައްވިއެވެ.” (سورة مريم: 18-21)

މަލާއިކަތާގެ ޒިޔާރަތުގެ ސަބަބުން މަރްޔަމް عليها السلام ވަރަށް ކަންބޮޑު ހާސްވެ އިންނަވަނިކޮށް މަސްތައް ފާއިތުވެގެން ދިޔައެވެ. ފިރިޔަކާ ނުލައި ދަރިއަކު އުފަންވާނީ ކިހެނެއްތޯއެވެ؟ ފަހުން، އެކަމަނާއަށް ހަށިގަނޑު ތެރެއިން އެއްޗެއް ތޮޅޭކަން އިޙްސާސްކުރެވެން ފެށިއެވެ. އެކަމާ ކަންބޮޑުވެގެންވާ ޙާލު ބައިތުލް މަޤްދިސް ދޫކޮށް އެކަމަނާގެ އުފަން ރަށްކަމުގައިވާ ނަޞްރާނަތުގެ ދަނޑުވެރިކަންކުރާ ގެއަކަށް ބަދަލުވިއެވެ. އެއީ މީސްތަކުންގެ ކިބައިން ފޮރުވެގަތުމަށެވެ.

ނަމަވެސް ބިރުވެރިކަމާ މޮޅިވެރިކަން އެކަމަނާގެ ހިތުން ފިލައިގެން ނުދެއެވެ. އެކަމަނާއަކީ އެންމެ ހެޔޮލަފާ މީހުންގެ ޢާއިލާގެ ބޭފުޅެކެވެ.  އެކަމަނާގެ ބައްޕައަކީ ނުބައި މީހެއްނޫނެވެ. އަދި މަންމައަކީ އަބުރުގެއްލިފައިވާ ނުޠާހިރުކަނބަލެއް ނޫނެވެ. އެކަމަނާގެ އަބުރާ ޢިއްޒަތް މީސްތަކުން ކަތިލާތަން ބަލަން އެކަމަނާއަށް ކުޅަދާނަވާނީ ކިހިނަކުންތޯއެވެ؟

ބުނެވޭގޮތުގައި، މަރްޔަމް عليها السلام އާލާސްވެ އިންނަވާ، އެކަމަނާގެ ބޮޑުދައިތަގެ އަރިހަށް ދިއުމުން އެކަމަނާ ވިދާޅުވިއެވެ. ތިމަންނާއަށް ހީވަނީ ތިމަން އާލާސްވެ އިންނެވިފަދައިން ކަމަނާވެސް އާލާސްވެ އިންނަވާހެންނެވެ. މަރްޔަމް عليها السلام ޖަވާބުގައި ވިދާޅުވީ، އެކަމަނާއަށްވެސް އެހެން އިޙްސާސް ކުރެވޭކަމަށެވެ. ދެން އެކަމަނާގެ ބޮޑުދައިތަ ވިދާޅުވިއެވެ. “ތިމަންނައަށް ކަމަނާގެ ރަޙިމުގައިތިޔަވާ ފަރާތަށް ތިމަންގެ ރަޙިމުގައިވާ ފަރާތް ސަޖިދަކުރާތަން އެބަފެނެއެވެ.”

=ނުނިމޭ=

ލިޔެ ޖަމާކުރީ:

ޢަބްދުﷲ ނަސީފް

އަަޙްމަދު ޙުސައިން


މައިގަނޑު މަޞްދަރު: البداية والنهاية لابن كثير

މިލިޔުމުގެ އެހެން ބައިތައް