ޢީސާ عليه السلام ރަސޫލުކަމާއިގެން ފޮނުއްވުނު ޒަމާނުގައި ޔަހޫދީންގެ ޙާލަތު ” title_size=”h2″ title_color=”custom” separator_style=”disabled” title_bg=”enabled” separator_color=”accent” custom_title_color=”#ffffff”]
ﷲގެ ރަސޫލު ޢީސާ عليها السلام ބޮޑުފުޅުވަމުން އައިހިނދު، ނަބީކަމުގެ ޢަލާމާތްތައް އެކަލޭފާނުގެ ކިބައިން ފާޅުވަމުން ދިޔައެވެ. އެކަލޭފާނުގެ އެކުވެރިން ގޭގައި ފަރިއްކުޅަވަން ތައްޔާރުކޮށްފައި ހުރި ތަކެއްޗާއި، ގޭގައި އެކުވެރިން ފޮރުވާފައި ހުރި އެއްޗެއްސާއި ފޮރުވާފައިވާ ތަންތަން ބަޔާންކޮށްދެއްވަވައެވެ. އެކަލޭފާނުގެ އުމުރުފުޅުން 12 އަހަރުވުމުން މަންމާފުޅާއެކު އޫރްޝަލީމަށް ވަޑައިގެންނެވިއެވެ. މިސްކިތުގެ މާހައުލުގައި އެކަލޭފާނު ޙާޚާމުންގެ ވާހަކަތަކާއި ދަރުސްތައް އަޑުއައްސަވަމުން ގެންދެވިއެވެ. އެތަނުގައި އަޑުއަހަން ތިބެނީ ބާލިޣުވެފައިތިބޭ މީހުންކަމުގައިވީނަމަވެސް އެކަލޭފާނު އެއްވެސް ޖެހިލުންވުމެއްނެތި އެތަނުގައި އިންނަވައެވެ. އެބައިމީހުންގެ ވާހަކަތައް ކަނުލައި އަޑުއެއްސެވުމަށްފަހު، އެކަލޭފާނު ސުވާލުކުރައްވަވާ އަމިއްލަފުޅު ރައުޔު ފާޅުކުރައްވަވައެވެ. އެކަލޭފާނު ކުރިމަތިކުރާ ސުވާލުތަކާއި ވިސްނުންފުޅުގެ ވަރުގަދަކަމުން ޙާޚާމުން ކަންބޮޑުވެ، އެސުވާލުތަކަށް ޖަވާބު ދިނުމަށް ނުކުޅެދުނެވެ. އެބައިމީހުން އެކަލޭފާނުގެ އަޑުކަނޑުވާލަން މަސައްކަތްކުރިކަމުގައިވިޔަސް، އެކަލޭފާނު އަމިއްލަފުޅު ރައުޔުތައް ފާޅުކުރައްވަމުން ގެންދެވިއެވެ. މިގޮތުގައި މަޝްޣޫލުވެވަޑައިގެންނެވުނުލެއް ބޮޑުކަމުން ގެއަށް ދިއުމަށް އެކަލޭފާނަށް ހަނދުމަފުޅު ނެތުނެވެ.
މިހެން ކަންތަހިނގާފައި ވަނިކޮށް އެކަލޭފާނުގެ މަންމާފުޅު ގެއަށް ވަޑައިގެންނަވަން ހިނގާވަޑައިގެންނެވި ހިނދު ނުފެނުމުން، ހީފުޅުކުރެއްވީ ތިމާގެބޭކަލުންނާއެކު ނުވަތަ ރަޙްމަތްތެރިންނާއެކު ގެއަށް ވަޑައިގެންނެވީކަމަށެވެ. މަންމާފުޅު ގެއަށް ދުރުވިހިނދު ފެންނަން ނެތުމުން އެނބުރި މިސްކިތަށް ވަޑައިގެންނެވިއިރު، ޙިބުރުންނާއެކު އިށީނދެވަޑައިގެން އިނދެ މަޝްވަރާކުރައްވާ (ބަހުޘް ކުރައްވާ) ތަން ދެކެވަޑައިގެންނެވިއެވެ. އެކަލޭފާނުގެ އުޅުއްވިގޮތުން މަންމާފުޅަށް ފެނުނީ މުޅި ޢުމުރު އެފަދަކަންކަމުގެ އުޅުއްވާފައިވާ ތަޖުރިބާކާރު ބޭކަލެއްގެ ފަދައިންނެވެ. މަންމާފުޅަށް އެކަލޭފާނުގެ ޢަމަލުފުޅުތަކާހުރެ ހިތްނުތަނަވަސްވެ ހާސްކަންވެރިވިއެވެ. ނަމަވެސް އެކަލޭފާނުވަޑައިގެން ކަންހިނގާދިޔަގޮތް ބަޔާންކުރައްވައި މަންމާފުޅުގެ ހިތަށް ތަސައްލީދެއްވިއެވެ.
ޢީސާ عليه السلام ޒުވާން އުމުރުފަޅާއި ހަމައަށް ފޯރިއެވެ. އެދުވަހަކީ ހޮނިހިރު ދުވަހެވެ. އެއީ ޙުރުމަތްތެރި ދުވަހެއް ކަމުން އެއްވެސް ތަނެއްގައި އަލިފާން ނިއްވުމާއި އަންހެނުން ފުނާ އެޅުން މަނާވެގެން ވެއެވެ. މޫސާ عليه السلام ޢަމުރު ކުރައްވާފައިވަނީ ހޮނިހިރު ދުވަހުގައި ހަމައެކަނި އަޅުކަން ކުރުމަށް ޚާއްޞަ ކުރުމަށެވެ. އެހެން ކަމުގައި ވިޔަސް މިކަމުގެ ޙިކުމަތާއި ރޫޙް ވަނީ ގެއްލިގެއްލިގެން ގޮސްފައެވެ. ހަމައެކަނި އެމީހުންގެ ހިތްތަކުގައި މިކަމުގެ ޢަމުރުފުޅު ދެމިއޮތްކަމެވެ. އެމީހުން ދެކުނު ގޮތުގައި އުޑުގައި އެދުވަހުގެ އަޅުކަންތައްތައް ދަނީ ކުރެވެމުންނެވެ. އަދި ބަނީ އިސްރާއީލް މީހުންނަކީ މާތް ﷲ ހޮއްވަވައިފައިވާ ބައެއް ކަމުން ހަމައެކަނި އެމީހުން އެދުވަސް ފާހަގަކޮށްލުމުން ފުދެއެވެ.
އެބައިމީހުން އެތައް ސަތޭކަކަމެއް ޙަރާމް ކޮށް ހޮނިހިރު ދުވަހުގައި ދިފާއީ ހަނގުރާމަ ކުރުމާއި (އެބަހީ: ޖިހާދުއް ދަފްޢު) ބަލިވެފައިވާ މީހުން ކިތަންމެ ބަލި ކަމުގައިވިޔަސް ޑޮކްޓަރަށް ދެއްކުންވެސް ޙަރާމްކުރެވެ. މިއީ އެބައިމީހުންގެ ނިފާޤުކަން ގޮސްފައިވާ މިންވަރެވެ. ފަރީސީންނަކީ ޙުއްކާމުން ކަމުގައިވިޔަސް އެބައިމީހުންވަނީ ދުނިޔެވީ އަމިއްލަ ފައިދާތަކަށްޓަކައި ޙުކުމްތައް ކުޑަ އަގެއްގައި ވިއްކާލައިފައެވެ. ﷲ އެބައިމީހުންނަށް ހޮނިހިރު ދުވަހުގައި މަސްހިފުން މަނާކުރެއްވުމުން އެމީހުންގެ ޢަމަލުތައް ހުރިގޮތް މިކަމުގެ މިސާލަކަށް ފުދެއެވެ.
އެއީ ހޮނިހިރު ދުވަސް ކަމުގައި ވީނަމަވެސް ޢީސާ عليه السلام ބައިތުލް މަޤްދިސްއަށް ވަޑައިގަތުމުގެ މަގުމަތީގައި ބަނޑުހައިވެފައިވާ ކުޑަ ކުއްޖަކަށް ދެ މޭވާ އެކަލޭގެފާނުގެ އަތްޕުޅުން ދެއްވިއެވެ. ހޮނިހިރު ދުވަހުގެ ޙުކުމަށް ބަލާއިރު މިއީ ޙަރާމް ކަމެކެވެ. އަދި ފިނި ބޮޑުވެފައިވާ މުސްކުޅިއަކަށް އެކަލޭގެފާނު އަލިފާންގަނޑެއް ޖައްސަވައިދެއްވިއެވެ. މިއީ ޙަރާމް ކުރައްވާފައިވާ އަނެއް ކަންތަކެވެ. އެކަލޭގެފާނު ބައިތުލް މަޤްދިސްއަށް ވަޑައިގެން ވަށައިގެން ބައްލަވާލެއްވިއެވެ. ބައިތުލް މަޤްދިސްގެ ޚަރަދުގައި ދިރިއުޅުމުގެ ކަންތައްތައް ހަމަޖައްސައިދީފައިވާ ވިހިހާސް ޙާޚާމުން އެތާނގައި ރެޖިސްޓްރީ ކުރެވިފައިވެއެވެ. ބައިތުލް މަޤްދިސްގެ ކޮޓަރި ކޮޅުތައްވަނީ އެމީހުންގެ ގިނަކަމުން ފުރިފައެވެ.
އެތަނުގެ ޙާޚާމުންނަށްވުރެ އެތަނަށް ޒިޔާރަތްކުރާ މީހުންގެ ޢަދަދު މަދުކަން ޢީސާ عليه السلام އަށް ފާހަގަ ކުރެވުނެވެ. އެހެނަސް މިސްކިތުގައި ޤުރުބާން ކުރުމަށްޓަކައި މީސްތަކުންނަށް ވިއްކަން ހުރި ކަންބަޅި އާއި ކައްފާރާގެ ގޮތުގައި ގެނެވޭ ތަކެތި ވަރަށް ގިނައިން ހުއްޓެވެ. ކޮންމެ ފިޔަވަޅަކަށް ވެސް މިސްކިތަށް ޒިޔާރަތްކުރާ މީހުންގެ އަތުން ފައިސާ ނަގައެވެ. އެމީހުން އަޅުކަން ކުރަމުންގެންދިޔައީ ފައިސާ ފިޔަވައި އިތުރު އެއްޗަކަށް ނޫނެވެ. ބައިތުލް މަޤްދިސްގައި ފަރީސީންނާއި ސައްދުސީންގެ ޢަމަލުތައް ހުރީ ބާޒާރެއް ފަދައިންނެވެ. އަދި މިދެބައިމީހުންގެ ދެމެދުގައި ކޮންމެ ކަމެއްގައިވެސް އަބަދުވެސް ދެބަސްވުން އޮވެއެވެ. ޢީސާ عليه السلام އެމަންޒަރު ބައްލަވަން ހުންނަވާ ދެނެވަޑައިގެންނެވީ ފަރީސީންނާއި ސައްދުސީން، ކަންބަޅިތަކުގެ އަގު އަދާކުރަން ކުޅަދާނަވެގެން ނުވާ ފަޤީރުން، މެއްސެއް ފޮޅާލައި ފަދައިން އެތަނުން ފައްސާލާކަމެވެ. ޢީސާ عليه السلام އެކަމާއިމެދު ޙައިރާންވެވަޑައިގެންނެވިއެވެ. (އެކަލޭގެފާނުގެ ހިތްޕުޅަށް އަރާވައިގެންނެވިއެވެ.) ފިދުޔައިގެ ގޮތުގައި ލިބޭތަކެތި، ޙާޚާމުން މިސްކިތުގެ އެތެރޭގައި އެހާގިނައިން ކައްކަމުންދާއިރު ބޭރުގައި ހާހުން ފަޤީރުން ބަނޑުހައިހޫނުކަންމަތީގައި ބައިތިއްބަނީ ކީއްވެބާއެވެ؟
=ނުނިމޭ=
ލިޔެ ޖަމާކުރީ:
އަަޙްމަދު ޙުސައިން
ޢަބްދުﷲ ނަސީފް
މައިގަނޑު މަޞްދަރު: البداية والنهاية لابن كثير