[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ބިއުރު މަޢޫނާގެ ހިތާމަވެރި ޙާދިޘާ

މިޙާދިޘާ ހިނގީ ހިޖުރައިން 4 ވަނަ އަހަރުގެ ޞަފަރު މަހުގައެވެ.

އަބޫ ބަރާއު ޢާމިރު ބުން މާލިކު، ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް މަދީނާއަށް އައެވެ. އެކަލޭގެފާނު އޭނާއަށް އިސްލާމްދީނަށް ދަޢުވަތު ދެއްވިއެވެ. ނަމަވެސް އޭނާ އިސްލާމެއް ނުވެއެވެ. އަދި އެދަޢުވަތަށް އިންކާރެއްވެސް ނުކުރެއެވެ. އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނުގެ ދީނަށް ދަޢުވަތުދެއްވުމަށްޓަކައި ނަޖުދުގެ އަހުލުވެރިންގެ ގާތަށް ކަލޭގެފާނުގެ އަޞްޙާބުން ފޮނުއްވައިފިނަމަ އެބައިމީހުން އިޖާބަދީފާނެކަމަށް އަހުރެންނަށް އުންމީދުކުރެވެއެވެ.” އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” އެބޭކަލުންނާމެދު ނަޖުދުގެ އަހުލުވެރިން ކަންތައްކޮށްފާނެ ގޮތަކާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެއެވެ.” ފަހެ، އަބޫ ބަރާއު ދެންނެވިއެވެ. “އަހުރެން އެބޭކަލުން ރައްކާތެރި ކޮށްދޭނަމެވެ.”

ދެންފަހެ، 70 ބޭކަލުން އޭނާއާއެކު ފޮނުއްވިއެވެ. އެބޭކަލުންގެ އަމީރެއްގެ ގޮތުގައި ލެއްވީ ބަނޫ ސާޢިދާގެ ބޭކަލެއްކަމުގައިވާ އަލްމުންޛިރު ބުން ޢަމްރެވެ. އެބޭކަލުންނީ މުސްލިމުންގެ ތެރެއިން އެންމެ ހެޔޮ މީހުންގެ ތެރެއިންވާ ބޭކަލުންތަކެކެވެ. އަދި އެއީ ޤުރުއާނުގެ ޢިލްމުގައި އަރާތިއްބެވި ބޭކަލުންތަކެކެވެ. އެބޭކަލުން ދަތުރުކުރައްވަމުން ވަޑައިގެންނެވިއިރު ދުވާލު ދަރު އެއްކުރެއްވިއެވެ. އެއީ ޞުއްފާގެ އަހުލުވެރިންނަށް ކާބޯތަކެތި ގަނެދިނުމަށްޓަކައެވެ. އަދި ރޭގަނޑު ޤުރުއާން މުދާރަސާ ކުރައްވާ ނަމާދުކުރައްވައެވެ. ބިއުރު މަޢޫނާއާ ހަމައަށް ވަޑައިގެންނެވެންދެން އެބޭކަލުން އެގޮތުގައި ތިއްބެވިއެވެ. ބިއުރު މަޢޫނާއަކީ ބަނޫ ޢާމިރުއާއި ޙައްރާ ބަނޫ ސަލީމުއާ ދެމެދުގައިވާ ބިމެކެވެ. ފަހެ، އެބޭކަލުން އެތަނަށް ފައިބާ ވަޑައިގެންނެވިއެވެ. އަދި ﷲގެ ޢަދުއްވު، ޢާމިރު ބުން އައްޠުފައިލުގެ ގާތަށް ﷲގެ ރަސޫލާގެ ފަތްކޮޅާއެކު، އުންމު ސުލައިމުގެ އަޚް، ޙަރާމް ބުން މިލްޙާން ފޮނުއްވިއެވެ.

ފަހެ، އޭނާ އެފަތްކޮޅުގައި އޮތް އެއްޗެއް ނުބަލައެވެ. އަދި ޙަރާމުގެ ފުރަގަހުން އެކަލޭގެފާނުގެ ހަށިކޮޅަށް ވަޅިން ހަމަލާދިނުމަށް އޭނާއަށް ތަބާވާމީހަކަށް އަމުރުކުރިއެވެ. ފަހެ، އެކަލޭގެފާނުގެ ހަށިކޮޅަށް ވަޅި ހަރާލެވުމުން އެކަލޭގެފާނުގެ ހަށިކޮޅުން ލޭފޮދު އޮހޮރުނުތަން ފެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. “الله أَكْبَرُ! ކަޢުބާގެ ވެރިރައްބު ގަންދީ ބުނަމެވެ. ފަހެ، ތިމަންކަލޭގެފާނަށް ކާމިޔާބު ވެއްޖެއެވެ.”

ދެން ބާކީ ތިއްބެވި ބޭކަލުންނާ ހަނގުރާމަކުރުމަށް ބަނޫ ޢާމިރުގެ މީހުންނަށް ﷲގެ ޢަދުއްވު ގޮވާލިއެވެ. ނަމަވެސް އެއީ އަބޫ ބަރާއުގެ ހިމާޔަތުގައިވާ ބަޔަކަށް ވާތީ އެބޭކަލުންނާ ހަނގުރާމަކުރުމަށް އެބައިމީހުން ދެކޮޅުހެދިއެވެ. ދެން އޭނާ ގޮވާލީ ބަނޫ ސަލީމަށެވެ. ފަހެ، ޢުޞައްޔާއާއި، ރިޢުލް އަދި ޛަކްވާން ޤަބީލާ އޭނާއަށް އިޖާބަދިނެވެ. އަދި އެބައިމީހުން އައިސް ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުން ވަށާލިއެވެ. އަދި އެބޭކަލުންގެ ތެރެއިން ބާކީ ތިއްބެވި ބޭކަލުން ޤަތުލުވެއްޖައުމަށް ދާންދެން އެބޭކަލުން އެބައިމީހުންނާ ހަނގުރާމަކުރެއްވިއެވެ. އެބޭކަލުންގެ ތެރެއިން ސަލާމަތްވީ ކަޢުބް ބުން ޒައިދު ބުން އައްނައްޖާރު އެކަންޏެވެ. ޤަތުލުވީ ބޭކަލުންގެ ތެރޭގައި އެކަލޭގެފާނު ޒަޚަމްވެފައި ވަނިކޮށް ނަގައިގެން ގެންދިޔައީއެވެ. ފަހެ، އެކަލޭގެފާނު ޤަތުލުވީ ޚަންދަޤު ހަނގުރާމައިގެ ދުވަހުއެވެ.

ޢަމްރު ބުން އުމައްޔާ އައްޟަމަރީ އާއި އަލްމުންޛިރު ބުން ޢުޤުބާ ބުން ޢާމިރު ތިއްބެވީ މުސްލިމުންގެ ނަޢަމްސޫފިތައް ބެލެހެއްޓެވުމަށް، އެބޭކަލުންނަށްވުރެ ފަހަތުގައެވެ. ހަނގުރާމަ ހިނގަމުންދިޔަ ތަނުގެ މަތީގައި ދޫނިތައް އުދުހޭތައް ފެނިވަޑައިގަތުމުން އަލްމުންޛިރު އެބޭކަލުންނާއެކު ހަނގުރާމައިގައި ބައިވެރިވުމަށް އެތަނަށް ވަޑައިގެން، އެކަލޭގެފާނު ޤަތުލުވަންދެން ހަނގުރާމަކުރެއްވިއެވެ. އަދި ޢަމްރު ބުން އުމައްޔާ އައްޟަމަރީ އަސީރުކުރެވުނެވެ. އެކަލޭގެފާނަކީ މުޟަރު ޤަބީލާގެ ބޭކަލެއްކަމުގެ ޚަބަރު ޢާމިރުއަށް ލިބުމުން، އެކަލޭގެފާނުގެ އިސްތަށިގަނޑު ކޮށާލެއްވުމަށްފަހު މިނިވަންކުރެއްވިއެވެ. އެއީ އަޅަކު މިނިވަންކުރުމަށް އޭނާގެ މަންމައަށް ވެފައިވާ ޢަހުދެއް ފުއްދުމުގެ ގޮތުންނެވެ.

މުސްލިމުންގެ ތެރެއިން އެންމެ މާތް 70 ބޭކަލުން ޤަތުލުކޮށްލެވުނު ބޮޑުވެގެންވާ މުޞީބާތުގެ ޚަބަރާއިގެން ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް ޢަމްރު ބުން އުމައްޔާ އައްޟަމަރީ ވަޑައިގެންނެވިއެވެ. އެބޭކަލުންގެ މިމުޞީބާތަކީ އުޙުދުގައި ލިބުނު މުޞީބާތުގެ ހަނދާން އާކޮށްދިން މުޞީބާތެކެވެ. އުޙުދުގައި މުސްލިމުން ނުކުތީ ހަނގުރާމައަށެވެ. ނަމަވެސް އެ 70 ބޭކަލުން ވަޑައިގެންނެވީ ހަނގުރާމައަކަށް ނޫނެވެ.

އަލްޤަރްޤަރާއަށް ވަޑައިގެންނެވި މަގުމަތީ ޢަމްރު ބުން އުމައްޔާ ގަހެއްގެ ހިޔަލުގައި މަޑުކުރެއްވިއެވެ. އެތަނަށް ބަނޫ ކިލާބުގެ ދެމީހަކު އައިސް އެކަލޭގެފާނާއެކު މަޑުކުރިއެވެ. އެ ދެމީހުން ނިދުމުން އެކަލޭގެފާނު އެދެމީހުން ޤަތުލުކޮށްލިއެވެ. އެއީ އަޞްޙާބުން ޤަތުލުކުރުމުން އެކަމުގެ ބަދަލުހިފުމުގެ ގޮތުންނެވެ. ނަމަވެސް އެދެމީހުންނަކީ ﷲގެ ރަސޫލާ صلى الله عليه وسلم އާއެކު އަޙުދު ކޮށް، މުޢާހަދާގެ ދަށުގައި ތިބި ދެމީހުންކަމެއް އޭރު އެކަލޭގެފާނަށް އެނގިވަޑައި ނުގަންނަވައެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވުމުން އެކަލޭގެފާނު އެކަމުގެ ޚަބަރު ދެއްވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ކަލޭގެފާނު ތިޔަވަނީ ދެމީހުން ޤަތުލުކޮށްފައެވެ. އެދެމީހުންގެ މަރުގެ ދިޔަ ތިމަންކަލޭގެފާނު ދަރަންޏެއްގެ ގޮތުގައި ހޯއްދަވައިދެއްވާނަމެވެ.”

މިމުޞީބާތުގެ ސަބަބުން ނަބިއްޔާ صلى الله عليه وسلم ނުހަނު ބޮޑަށް ހިތާމަކުރެއްވިއެވެ. މިޙާދިޘާ އަދި މިޙާދިޘާގެ ދުވަސްކޮޅެއް ކުރިން ހިނގާދިޔަ ރަޖީޢުގެ ހިތާމަވެރި ޙާދިޘާގެ ސަބަބުން އެކަލޭގެފާނަށް ލިބިލެއްވި ހިތާމައިގެ ބޮޑުކަމުން އެކަލޭގެފާނުގެ އަޞްޙާބުންނަށް ޚިޔާނާތްތެރިވެ، އެބޭކަލުން ޤަތުލުކުރި މީހުންނާއި ޤަބީލާތަކުގެ މައްޗަށް އެކަލޭގެފާނު ބަދުދުޢާ ކުރެއްވިއެވެ. އައްޞަޙީޙުގައި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ.

«دَعَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى الَّذِينَ قَتَلُوا يَعْنِي أَصْحَابَهُ بِبِئْرِ مَعُونَةَ ثَلاَثِينَ صَبَاحًا حِينَ يَدْعُو عَلَى رِعْلٍ، وَلَحْيَانَ، وَعُصَيَّةَ عَصَتِ اللَّهَ وَرَسُولَهُ صَلَّى اللهُ عَلَيْهِ وَسَلَّمَ»  [رواه البخاري]

“ބިއުރު މަޢޫނާގައި އެކަލޭގެފާނުގެ އަޞްޙާބުން ޤަތުލުކުރިމީހުންގެ މައްޗަށް ނަބިއްޔާ صلى الله عليه وسلم ތިރީސް ދުވަސްވަންދެން ބަދުދުޢާކުރެއްވިއެވެ. އެއީ ރިޢުލާއި، ލަޙްޔާން ޤަބީލާއެވެ. ޢުޞައްޔާގެ މައްޗަށްވެސްމެއެވެ. (އަދި ޙަދީޘްކުރެއްވިއެވެ.) އެބައިމީހުންވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށް އުރެދިފައެވެ.”

_______________________________

މަޞްދަރު: الرحيق المختوم للشيخ صفي الرحمن المباركفوري  (ص: 251-253)