[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

عيسى عليه السلام – ١١

އިންޖީލުން މިވާހަކަތަކަށް ދެވޭ ރައްދު

1. އަލްމަޞީޙުގެ އިންސާނީ ވަންތަކަން

ހުރިހާ އިންޖީލުތަކެއްގައި ވެސް ވާގޮތުގައި އެކަލޭގެފާނަކީ މަރްޔަމްގެފާނުންގެ ދަރިކަލެކެވެ. ނެތުމުގެ ތެރެއިން ވުޖޫދުވުމަށްފަހު އާދަމްގެ ދަރިންނަށް މެދުވެރިވާ ކެއުމާއި ބުއިމާއި ވަރުބަލިވުމާއި ނިދުންފަދަ އެންމެހައި ކަމެއް އެކަލޭގެފާނަށް ވެސް ކުރިމަތިވިއެވެ. މިކަންކަމުން އެކަލޭގެފާނަކީ އިންސާނެއްކަން ކަށަވަރުވެގެންދެއެވެ.

2. އެކަލޭގެފާނަކީ ކަލާނގެ ނޫންކަމާއި ގެ ރަސޫލެއްކަން

އިންޖީލުގެ އެކި ތަންތަނުގައި އީސާގެފާނަކީ ﷲ ގެ ރަސޫލެއްކަމަށް އެކަލޭގެފާނު ޞަރީޙަކޮށް ވިދާޅުވި ކަމަށް އައިސްފައިވެއެވެ.

(އިންޖީލު މައްތާ: 10/40) ތިޔަބޭކަލުން ޤަބޫލުކޮށްފި މީހާ ތިމަންކަލޭގެފާނު ޤަބޫލުކޮށްފިއެވެ. ތިމަންކަލޭގެފާނު ޤަބޫލުކޮށްފި މީހާ ތިމަންކަލޭގެފާނު ފޮނުއްވި ފަރާތް ޤަބޫލުކޮށްފިއެވެ.

(އިންޖީލު ލޫޤާ: 4/43) ވިދާޅުވިއެވެ. އެހެން ރަށްތަކުގެ މީހުންނަށް ވެސް ދެއްވިފައި ވެއޭ ﷲ ގެ މަލަކޫތުގެ މަތިވެރިކަން، ސަބަބަކީ ތިމަން ފޮނުއްވުނީ އެކަމުގެ އުފާވެރި ޚަބަރު ދެއްވާށެވެ.

(އިންޖީލު ލޫޤާ: 10/16) ތިޔަބައިމީހުންގެ ވާހަކަތައް އަޑުއަހާމީހާ އަޑުއަހަނީ ތިމަންގެ އަޑެވެ. ތިޔަބައިމީހުން ނިކަމެތިކުރާ މީހަކު ތިމަން ނިކަމެތިކޮށްފިއެވެ. އަދި ތިމަން ނިކަމެތިކޮށްފި މީހަކު، ތިމަން ފޮނުއްވި ފަރާތް ނިކަމެތިކޮށްފިއެވެ.

(އިންޖީލު ޔޫޙަންނާ: 4/34) ތިމަންކަލޭގެފާނުގެ ކެއުމަކީ ﷲ އެންގެވި ކަންތައްތައްކޮށް، ފުރިހަމަކުރުމެވެ.

(އިންޖީލު ޔޫޙަންނާ: 17/3) އަބަދީ ޙަޔާތަކީ މިއީއެވެ. އެބައިމީހުން އިބަ އިލާހަކީ ޙަޤީޤީ ހަމައެކަނި އިލާހުކަމަށް ޤަބޫލުކުރުމެވެ. އަދި އިބަ އިލާހު ފޮނުއްވި މަޞީޙު ޢީސާ ކަމަށް އީމާންވުމެވެ.

(މަރުޤިސް : 13:32) “އެހެނެއްކަމަކު ޤިޔާމުވަހާއި އެދުވަސް އަންނާނޭ ވަޤުތެއް އެއްވެސް މީހަކަށް އަދި އުޑުގައިވާ މަލާއިކަތަކަށްވެސް ނޭނގޭނެ، އަދި ދަރިއަށް ވެސް ނޭނގޭނެ. އެކަމަކު ބައްޕައަށް އެނގޭނެ”

(މަރުޤިސް 29-12:28) ފުރަތަމަ ޢަމުރުފުޅަކީ ކޮބައިތޯ ޙަވާރީން ޢިސާ عليه السلام އާއި ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވަނީ “ފުރަތަމަ ޢަމުރުފުޅަކީ އަޑު އަހާށޭވެ! އޭ އިސްރާއީލުގެ ދަރީންނޭވެ! އަހަރެމެންގެ ގެ އިލާހަކީ އެއް ކަލާނގެއެކެވެ.”

3. ތަޘްލީޘް އަށް އެމީހުން ގެންނަ ދަލީލު:

(އައްތަކްވީން 1/26) ގައި ﷲ އެކަލާނގެ ނަންފުޅު ޢިބްރީ ބަހުން ގެންނަވާއިރު ގެންނަވާފައިވަނީ ألوهيم ، މިފަދައިންނެވެ. އެއީ ޖަމްޢުއެކެވެ. ނަންފުޅު ވެސް ޖަމްޢުގެ އިބާރާތުން ގެންނަވާފައި އެވަނީ އެހެންވެއެވެ.

ރައްދު: އަމިއްލަ ނަފްސަށް އެގޮތަށް އެކި ބަސްބަހުގައި ޖަމްޢުކޮށް މުޚާޠަބުކުރެވެއެވެ. ތައުރާތުގެ ނުސްޚާތަކަށް ބަލާއިރު އެނގެނީ ﷲ އަކީ އެއްކައުވަންތަ އިލާހުކަމެވެ. އެމީހުން މި ދަލީލު ނަގާފައިވަނީ ސިފްރުން ނަމަވެސް ޢިބްރީ ޔަހޫދީން ވެސް އެގޮތަކަށް މާނައެއް ނުކުރެއެވެ. އެއީ މާތް ކުރުމުގެ ގޮތުން ބޭނުންކުރެވޭ ޢިބާރާތެކެވެ.

=ނުނިމޭ=

ލިޔެ ޖަމާކުރީ:

އަަޙްމަދު ޙުސައިން

ޢަބްދުﷲ ނަސީފް


މައިގަނޑު މަޞްދަރު: البداية والنهاية لابن كثير

މިލިޔުމުގެ އެހެން ބައިތައް