ދުޢާކުރުމުގެ ސަބަބުން ނަފްސަށް މަތިވެރިކަން ލިއްބައިދެއެވެ. އަދި ހިންމަތް އާލާވެއެވެ. އަދި މީސްތަކުންގެ އަތުގައިވާ ތަކެއްޗާމެދު އުންމީދުކުރުން ކެނޑިގެންދެއެވެ. އަދި އެއީ ކިޔަމަންތެރިއަޅުން، ރޭގަނޑުގެ ވަޤުތުގައި ފޮނުވާލާ ދުނިދަނޑިއެވެ. އަދި އެއީ އުޑާއި ބިމާ ދެމެދުގައި ދަމާލެވިފައިވާ ވާފަށެކެވެ.
ފަހެ ކަންކަމަށް އެދި ﷲ ގެ ޙަޟްރަތުގައި ދަންނަވާށެވެ. އަދި ދުޢާކުރުމާއި ކަންކަމުގައި ދެންނެވުމުގައި ހަމައެކަނި އެއިލާހުގެ ޙަޟްރަތަށް ރުޖޫޢަވާށެވެ. އަދި އެއިލާހުގެ ދަރުބާރުގައި މަޑުމޮޅިވާށެވެ. ރިޒުޤުތަކަކީ ޚަޒާނާތަކެކެވެ. އޭގެ ތަޅުދަނޑިތަކަކީ އެކަމަށް އެދި ދެންނެވުމެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައިވާ ޚަޒާނާތަކާއި އެއިލާހުގެ ދެއަތްޕުޅު ފުރިފައިވާކަން ޔަޤީންކުރާށެވެ. އަދި އެއިލާހީ ރެއާއި ދުވާލު މެދުކެނޑުމެއްނެތި ދެއްވާ ފަރާތެވެ. ހޭދަކުރުމަކުން އެއިލާހުގެ އަތްޕުޅުގައިވާ އެއްޗަކަށް އުނިކަމެއް ނާދެއެވެ.
ފަހެ ތިބާ ދުޢާކުރާހުށިކަމެވެ. އަދި ތިބާގެ ވެރިރައްބަކީ އެންމެ ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ ދަރުބާރުގައި މަޑުމޮޅިކަމާއެކު ދަންނަވައި އެއިލާހަށް ހުރިހާކަމެއް ހަވާލުކުރާށެވެ. އަދި ބޭނުންވާކަމުގައި އެދެމުންދާށެވެ. އަދި އެއިލާހުގެ ޙަޟްރަތުން އުންމީދުކުރާށެވެ. ފަހެ އެއިލާހުގެ ޙަޟްރަތުގައި ދަންނަވާ މީހަކު ނިކަމެތިނުކުރައްވާނެއެވެ. އަދި އަނބުރާ ފޮނުވާވެސް ނުލައްވާނެއެވެ.
ފަހެ މުޞީބާތެއް ޖެހިގެން މީސްތަކުންގެ ކައިރީ އެކަމަށް އެދިއްޖެމީހާ ދަންނައެވެ. އޭނާގެ އެކަމެއް ފުރިހަމަވެގެން ނުދާނެއެވެ. އެހެނެސް އޭނާގެ ވެރިރައްބުގެ ޙަޟްރަތުގައި ދަންނަވައިފި މީހާ ދަންނައެވެ. އެއިލާހީ ގިނަގިނައިން ރިޒްޤުދެއްވާ އިލާހެވެ. އެމީހެއްގެ ވެރިރައްބާމެދު ހެޔޮކޮށް ހީކޮށްފިމީހަކު ދަންނައެވެ. އެއިލާހުގެ ގިނަގުނަވެގެންވާ ހެޔޮކަމުން އޭނާއަށް ދެއްވާނެއެވެ.
ފަހެ ދެންނެވުމުގައި ދާއިމުވާށެވެ. ދެއްވާ ފަރާތަކީ އެންމެ ދީލަތި ފަރާތެވެ. އަދި (މުޞީބާތްތައް) ފިއްލަވައިދެއްވާ ފަރާތަކީ އެންމެ ކުޅަދުންވަންތަ ފަރާތެވެ. ދުޢާކުރުމަށް ފަހު ދުޢާއިޖާބަނުވެގެން އަވަސްއަރުވާ ނުލާށެވެ. އަދި އެކަން ފަސްކުރެވިއްޖެނަމަ ލަސްވެގެން ނޫޅޭށެވެ. ގިނަގިނައިން ދޮރުތަކުގައި ޓަކި ޖަހާމީހާއަށް އެދޮރުތައް ހުޅުވުން ގާތްވެގެންވެއެވެ. ބޮޑެތި ކަންތައްތައް ދިމާވެގެން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދިއްޖެމީހަކު، އެއިލާހު ހިމާޔަތްކޮށްދެއްވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ أَإِلَـٰهٌ مَّعَ اللَّـهِ قَلِيلًا مَّا تَذَكَّرُونَ﴾[سورة النمل ٦٢]
މާނައީ: “ނުވަތަ ދަތި އުނދަގޫ ޙާލުޖެހިފައިވާ މީހާ، އެއިލާހަށް ދުޢާކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުންލައްވާ އިލާހު ހެއްޔެވެ؟ ﷲ އާއެކު އެހެން އިލާހަކު ވޭހެއްޔެވެ؟ ތިޔަބައިމީހުން ހަނދުމަކުރަނީ ވަރަށްވެސް މަދުންނެވެ.”
ޔޫނުސް ޢަލައިހިއްސަލާމް މަހުގެ ބަނޑުތެރޭގައި ވަނިކޮށް، ކުރެއްވި ދުޢާގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބި ހުސްބިމަކަށް އެކަލޭގެފާނު ވާސިލުކޮށްދިނެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.