އަރާމު ތަންމަތިތަކުގައި މީސްތަކުން ޒީނަތްތެރިވާ ވަޤުތުގައި، އާދޭހުގެ އަތް އުފުލާ މަތިވެރިވެގެންވާ އިލާހުގެ ޙަޟްރަތުގައި ހާރުދަމުގެ ވަޤުތުތަކުގައި ދަންނަވާށެވެ. އެންމެ ދުޢާއެއްގެ ސަބަބުންވެސް ހުރިހާކަމެއް ބަދަލުވެގެން ހިނގައިދާނެއެވެ. ފަހެ ދަރިން ނުލިބޭމީހުންނަށް ދަރިން ލިބި، ބަލިމީހުންނަށް ޝިފާލިބި، ފަޤީރުންނަށް ރިޒުޤު ތަނަވަސްވެ އަދި އަބާއްޖަވެރިން ބާއްޖަވެރިވެދާނެއެވެ. ﷲ ތަޢާލާ އިރާދަކުރެއްވިބަޔަކު ފިޔަވާ، މިދުނިޔޭގައި ތިބި އެންމެން ޣަރަޤުވެގެން ދިޔައީވެސް އެންމެ ދުޢާއެއްގެ ސަބަބުންނެވެ. އަދި ފިރުޢައުނު ހަލާކުވެގެން ދިޔައީވެސް މޫސާ ޢަލައިހިއްސަލާމްގެ ދުޢާގެ ސަބަބުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَقَالَ مُوسَىٰ رَبَّنَا إِنَّكَ آتَيْتَ فِرْعَوْنَ وَمَلَأَهُ زِينَةً وَأَمْوَالًا فِي الْحَيَاةِ الدُّنْيَا رَبَّنَا لِيُضِلُّوا عَن سَبِيلِكَ رَبَّنَا اطْمِسْ عَلَىٰ أَمْوَالِهِمْ وَاشْدُدْ عَلَىٰ قُلُوبِهِمْ فَلَا يُؤْمِنُوا حَتَّىٰ يَرَوُا الْعَذَابَ الْأَلِيمَ﴾ [سورة يونس ٨٨]
މާނައީ: “މޫސާގެފާނު ދެންނެވިއެވެ. އަޅަމެންގެ ވެރިރައްބެވެ! ހަމަކަށަވަރުން، އިބައިލާހު، ފިރުޢައުނަށާއި، އޭނާގެ ބޮޑުންނަށް ދުނިޔޭގެ ދިރިއުޅުމުގައި ޒީނަތްތެރިކަމާއި، މުދާތައް ދެއްވީމުއެވެ. އަޅަމެންގެ ވެރިރައްބެވެ! (އެތަކެތިން) އެއުރެން އިބައިލާހުގެ ތެދުމަގުން (މީސްތަކުން) އެއްކިބާކުރެތެވެ. އަޅަމެންގެ ވެރިރައްބެވެ! އެއުރެންގެ މުދާތައް ހަލާކު ކުރައްވައި، ނެތިކުރައްވާނދޭވެ! އަދި އެއުރެންގެ ހިތްތައް ހަރުކަށިކުރައްވައި، ސިއްކަޖައްސަވާނދޭވެ! ފަހެ، އެއުރެންނަށް ވޭންދެނިވި ޢަޛާބުފެނިއްޖައުމަށް ދާނދެން، އެއުރެން އީމާންވިޔަ ނުދެއްވާނދޭވެ.”
އަދި ސުލައިމާން ޢަލައިހިއްސަލާމަށް ޢަދަދުނުކުރެވޭ ވަރުގެ ކަންތައްތައް ދެއްވީވެސް އެކަލޭގެފާނު، ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވި ދުޢާއެއްގެ ސަބަބުންނެވެ. އަދި އައްޔާބު ޢަލައިހިއްސަލާމް، އާލާސްކަންފުޅުގައިވަނިކޮށް ޝިފާލިބިވަޑައިގަތީވެސް އެކަލޭގެފާނު އާދޭހާއެކު ދެންނެވި ދުޢާއެއްގެ ސަބަބުންނެވެ.
﴿وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ﴾[سورة الأنبياء ٨٣]
މާނައީ: “އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ވެރިރައްބަށް ދުޢާކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން، މިއަޅާޔަށް ދަތިކަމާއި، އުނދަގޫ ޖެހިއްޖެއެވެ. އަދި އިބައިލާހީ، ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ”.
ފަހެ ތިބާގެ އަމިއްލަ ނަފްސަށްޓަކައި ގިނަގިނައިން ދުޢާކުރާށެވެ. ހިދާޔަތް ދެއްކެވުމަށާއި ފިތުނަތަކުން ދުރުހެލިކޮށްދެއްވުމަށްޓަކައާއި ދީނުގައި ޘާބިތުކަން ދެއްވުމަށްޓަކައާއި ނިޔަތް ރަނގަޅުވެ އަދި ޢަމަލުތައް އިޚްލާޞްތެރިކޮށްދެއްވުން އެދިވެސް ދުޢާކުރާށެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.