މިއީ 27 ރަޖަބު 1439 ވީ ހުކުރު ދުވަހު މަސްޖިދުއް ނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާއެވެ.
ޚުޠުބާ ދެއްވީ: الشيخ عبد المحسن بن محمد القاسم –حفظه الله–
ޚުޠުބާގެ ޚުލާޞާ:
ފުރަތަމަ ޚުޠުބާ
إنَّ الحمدَ لله، نحمدُه ونستعينُه ونستغفرُه، ونعوذُ باللهِ من شُرورِ أنفُسِنا ومن سيئاتِ أعمالِنا، من يهدِه الله فلا مُضِلَّ له، ومن يُضلِل فلا هادِيَ له، وأشهدُ أن لا إله إلا اللهُ وحدَه لا شريكَ له، وأشهدُ أن نبيَّنا محمدًا عبدُه ورسولُه، صلَّى الله عليه وعلى آلِه وأصحابِه، وسلَّمَ تسليمًا كثيرًا.
* ދުނިޔެއަކީ މުޞީބާތްތަކާއި އިމްތިޙާނުގެ ގޮވައްޗެވެ. އެންމެ ބޮޑު މުޞީބާތަކީ އަޅާއާއި އޭނާގެ ރައްބާ އަދި އޭނާގެ ދީނާއޮތް ގުޅުން ކެނޑުމެވެ. އެންމެ ބުއްދިވެރި ގޮތަކީ އަޅާ އޭނާގެ ޢަދުއްވަކީ ކޮބާކަމާއި އެކުވެރިންނަކީ ކޮބާކަން ވަކިކުރަން މަސައްކަތްކުރުމެވެ. ހަމަކަށަވަރުން ﷲ ވަނީ އަޅުގަނޑުމެންނަށް ބަޔާންވެގެންވާ ޢަދުއްވެއް އަންގަވާދެއްވާފައެވެ. ޚަލްޤުތަކުންނަށް އެއަށްވުރެ ބޮޑު ފިތުނައެއް ނުވެއެވެ. އެއީ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ޢަދުއްވެވެ. ހުރިހާ މުޞީބަތްތަކުގެ ފެށުމަކީ އެއީ އެވެ.
އާދަމުގެ ދަރީންނަށް އޭނާގެ ޢަދާވާތްތެރިކަން ވަރަށް ބޮޑެވެ. އަދި އެކަމަކީ ބަޔާންވެ އެނގިގެންވާ ކަމެކެވެ. އެއަށްވުރެ ފާޅުކަންބޮޑު ޢަދާވާތްތެރިއަކު ނުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ الشَّيْطَانَ لِلْإِنْسَانِ عَدُوٌّ مُبِينٌ﴾ [يوسف: 5]
މާނައީ: “ހަމަކަށަވަރުން ޝައިޠާނާއަކީ އިންސާނާއަށްހުރި ފާޅުވެގެންވާ ޢަދާވާތްތެރިއެކެވެ.”
* އެ ޢަދާވާތްތެރިޔާއަކީ މެދުކެނޑުމެއް ނެތި މަސައްކަތްކުރާ ފަރާތެކެވެ. އަދި އޭނާ ރުއްސަން އުޅެގެން ނުވަތަ އޭނާއާއެކު މަޑުމައިތިރިކޮށް މުޢާމަލާތްކޮށްގެންވާނޭ ފައިދާއެއް ނެތެވެ. އަދި އެސޮރު އެންމެހާ އާދަމުގެ ދަރީންގެ މައްޗަށް ޢަދާވާތްތެރިވާނެކަމަށާއި އެންމެހާ ވަސީލަތްތަކަކުން އެބައިމީހުން ތެދުމަގުން އެއްކިބާކުރާނެކަމަށްވަނީ ހުވާ ކޮށްފައެވެ.
﴿قَالَ فَبِمَا أَغْوَيْتَنِي لَأَقْعُدَنَّ لَهُمْ صِرَاطَكَ الْمُسْتَقِيمَ [16] ثُمَّ لَآتِيَنَّهُمْ مِنْ بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ وَعَنْ أَيْمَانِهِمْ وَعَنْ شَمَائِلِهِمْ وَلَا تَجِدُ أَكْثَرَهُمْ شَاكِرِينَ [17]﴾ [الأعراف: 16، 17]
މާނައީ: “އެކަލޭގެ (އެބަހީ: އިބިލީސް) ދެންނެވިއެވެ. އިބައިލާހު ތިމަންނާ ތެދުމަގުން އެއްކިބާ ކުރައްވައި، ލެހެއްޓެވިކަމުގެ ސަބަބުން، ހަމަކަށަވަރުން، އެބައިމީހުން އިބައިލާހުގެ ތެދުމަގަށް ވާޞިލުވުމަށް ހުރަސް އަޅާހުށީމެވެ. [16] ދެން އެބައިމީހުންގެ ކުރިމަތިންނާއި، ފަހަތުންނާއި، އެބައިމީހުންގެ ކަނާތްފަރާތުންނާއި ވާތްފަރާތުން (ވަސްވާސްދިނުމަށް) އެބައިމީހުންގެ ގާތަށް ތިމަން އަންނަ ހުށީމެވެ. އަދި އޭގެ ގިނަމީހުންނަކީ، ޝުކުރުކުރާ މީހުން ކަމުގައި އިބައިލާހު ދެކެވޮޑިއެއް ނުގަންނަވާނެވެ. [17]”
* އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް އެސޮރު ޢަދާވާތްތެރިވުމުގެ ސަބަބަކީ ﷲ އާދަމުގެފާނު ޝަރަފުވެރިކުރައްވާ މާތްކުރެއްވުމެވެ. އަދި އެއިލާހުގެ ދެއަތްޕުޅުން އެކަލޭގެފާނު ޚަލްޤުކުރައްވާ އެއިލާހުގެ ސުވަރުގޭގައި އެކަލޭގެފާނު ވަޒަންވެރިކުރެއްވުމެވެ. އަދި އެއިލާހު އެކަލޭގެފާނަށް ނަންތައް ދަސްކޮށްދެއްވުމެވެ. އަދި އެއިލާހުގެ މަލާއިކަތުން އެކަލޭގެފާނަށް ސަޖިދަކުރުމެވެ. އަދި އެކަލޭގެފާނަށް ފަހު، އެކަލޭގެފާނުގެ ދަރިފަސްކޮޅު މާތްކުރެއްވުމެވެ. ފަހެ، މިނިޢުމަތްތަކަށް އިބިލީސް ހަސަދަވެރިވިއެވެ. އަދި އޭނާ ކިބުރުވެރިވިއެވެ. ފަހެ، އެއީ ހުރިހާ ބައްޔަކާއި ނުބައެއްގެ އަސާސެވެ. ދެންފަހެ، އެކަލޭގެ އާދަމުގެފާނަށް ސަޖިދަކުރުމުން މަނާވެގަތެވެ. އަދި ބުންޏެވެ.
﴿أَنَا خَيْرٌ مِنْهُ خَلَقْتَنِي مِنْ نَارٍ وَخَلَقْتَهُ مِنْ طِينٍ﴾ [الأعراف: 12]
މާނައީ: “އެކަލޭގެ ދެންނެވިއެވެ. އެކަލޭގެފާނަށްވުރެ (އެބަހީ: އާދަމުގެފާނަށްވުރެ) ތިމަން މާމޮޅެވެ. އިބައިލާހު ތިމަން ހެއްދެވީ އަލިފާނުންނެވެ. އަދި އިބައިލާހު އެކަލޭގެފާނު ހެއްދެވީ މަށީންނެވެ.”
* އަދި އެކަލޭގެ ސުވަރުގޭން ބޭރުކުރެއްވުމުން ޢަދާވާތްތެރިކަން އިޢުލާންކޮށް ފާޅުކުރިއެވެ.
﴿قَالَ فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ﴾ [ص: 82]
މާނައީ: “ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެބައިމީހުން އެންމެން މަގުފުރައްދާހުށީމެވެ.”
* ފަހެ، އެކަލޭގެ އާދަމުގެފާނާއި ޙައްވާގެފާނަށް މަކަރުހަދާ، އެދެބޭކަލުން ސުވަރުގޭން ނެރެލައްވަންދެން އެދެބޭކަލުންނަށް އެކުރެވުނު ފާފަ ޒީނަތްތެރިކޮށްދިނެވެ. އަދިވެސް އެގޮތުގެ މަތީގައި މީސްތަކުންނަށް އެކި ގޮތްގޮތުން އުނދަގޫކުރުމުގެ މަތީގައި އޭނާވެއެވެ. އަދި މީސްތަކުންގެ ސާފު ޢަޤީދާ ކިލަނބުކުރެއެވެ. އަދި އެބައިމީހުންގެ އަޅުކަންތަކާއި، ހަށިތަކާއި، ރޫޙުތަކާއި، މުދާތަކާއި، ދަރިންނާއި، ކާބޯތަކެއްޗާއި، ނިދުމާއި، ނަމާދާއި، ޞިއްޙަތާއި، ބަލިމަޑުކަމާ އަދި އެބައިމީހުންގެ ހުރިހާ ޙާލަތެއްގައި އެބައިމީހުންގެ މައްޗަށް ބާރުފޯރުވައެވެ.
ނަބިއްޔާ – عليه الصلاة والسلام – ޙަދީޘްކުރެއްވިއެވެ.
«إِنَّ الشَّيْطَانَ يَحْضُرُ أَحَدَكُمْ عِنْدَ كُلِّ شَيْءٍ مِنْ شَأْنِهِ» [رواه مسلم]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ކޮންމެ ކަމެއް ކުރާއިރުގައިވެސް ޝައިޠާނާ އެތަނަށް ޙާޟިރުވެއެވެ.”
* ފަހެ، ސާފު ޢަޤީދާގެ ނިމުމަކީ ޢަޤީދާ ފަސާދަވުމެވެ. ﷲ ވަޙީކުރެއްވިއެވެ.
﴿أَلَمْ أَعْهَدْ إِلَيْكُمْ يَابَنِي آدَمَ أَنْ لَا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ﴾ [يس: 60]
މާނައީ: “އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުން ޝައިޠާނާއަށް އަޅުކަން ނުކުރުމަށް ތިމަންއިލާހު ތިޔަބައިމީހުންނަށް އަމުރުނުކުރައްވަން ހެއްޔެވެ؟ ހަމަކަށަވަރުން، އޭނާޔަކީ ތިޔަބައިމީހުންނަށްހުރި، ފާޅުވެގެންވާ ޢަދާވާތްތެރިޔެކެވެ.”
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«إِذَا أَصْبَحَ إِبْلِيسُ بَثَّ جُنُودَهُ، فَيَقُولُ: مَنْ أَضَلَّ الْيَوْمَ مُسْلِمًا أَلْبَسْتُهُ التَّاجَ» [رواه ابن حبَّان وصححه الألباني]
މާނައީ: “ކޮންމެ ހެނދުނެއްގައިވެސް އިބިލީސް އޭނާގެ ލަޝްކަރުތައް ފޮނުވައެވެ. އަދި ބުނެއެވެ. މިއަދު މުސްލިމަކު މަގުފުރައްދައިފިމީހާ ދަންނައެވެ. އޭނާގެ ބޮލުގައި ތާޖު އަޅުވާނަމެވެ.”
* ﷲ ނޫން ފަރާތަކަށް އަޅުކަންކުރާ ކޮންމެ މީހަކު ދަންނައެވެ. ފަހެ، ހަމަކަށަވަރުން އެބައިމީހުންނަށް ޝައިޠާނާ ގޮވައެވެ. އަދި އެކަލޭގެއަށް އަޅުކަންކުރެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿إِنْ يَدْعُونَ مِنْ دُونِهِ إِلَّا إِنَاثًا وَإِنْ يَدْعُونَ إِلَّا شَيْطَانًا مَرِيدًا﴾ [النساء: 117]
މާނައީ: “އެއިލާހު ފިޔަވައި އަންހެން (ނަންތަކެއް ކިއިގެންވާ) ބުދުތަކަކަށް މެނުވީ، އެބައިމީހުން އަޅުކަމެއް ނުކުރެއެވެ. އަދި ނުބައިކަމާއި ނުކިޔަމަންތެރިކަން ބޮޑުވެގެންވާ ޝައިޠާނާއަށް މެނުވީ، އެބައިމީހުން އަޅުކަމެއް ނުކުރެއެވެ.”
* ޢަޤީދާ ފަސާދަކުރުމަށް ޝައިޠާނާ ކުރާކަންކަމުގެ ތެރޭގައި ސިޙުރު އުނގަންނައިދިނުން ހިމެނެއެވެ. އެކަންކުރާމީހާ ކާފިރުވާނެއެވެ. އަދި ސިޙުރު ހެދުމަށް ސިޙުރުވެރިއެއްގެ ގާތަށް ދާމީހާވެސް މެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَاتَّبَعُوا مَا تَتْلُو الشَّيَاطِينُ عَلَى مُلْكِ سُلَيْمَانَ وَمَا كَفَرَ سُلَيْمَانُ وَلَكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ﴾ [البقرة: 102]
މާނައީ: “އަދި ސުލައިމާނުގެފާނުގެ ވެރިކަމުގެ ޒަމާނުގައި ޝައިޠާނުންތައް ކިޔަވައި އުޅުނު ތަކެއްޗަށް އެބައިމީހުން ތަބާވިއެވެ. ސުލައިމާނުގެފާނު ކާފިރުވެވަޑައެއް ނުގަނެއެވެ. އެހެނެއްކަމަކު އެޝައިޠާނުން ކާފިރުވިއެވެ. އެބައިމީހުން މީސްތަކުންނަށް ސިޙުރު އުނގަންނައި ދިނުމުންނެވެ.”
* ޚަލްޤުތަކުންގެ ތެރެއިން އެންމެ ނުބައިމީހުންގެ މައްޗަށް މެނުވީ ޤިޔާމަތް ނުވާ ހުއްޓެވެ. ފަހެ، ބުދުތަކަށް އަޅުކަންކުރުމަށް ޝައިޠާނާ އެބައިމީހުންނަށް އަމުރުކުރާނެއެވެ.
* ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ އެކަމުގެ އުފާވެރިކަން ލިއްބައިދޭކަމެކެވެ. މުސްލިމަކު ނަމާދުކުރުމަށް ތެދުވާހިނދު، އޭނާއާ އޭނާގެ ނަމާދާ ދެމެދަށް ޝައިޠާނާ ވަދެ ވަސްވާސްދެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِنَّ أَحَدَكُمْ، إِذَا قَامَ يُصَلِّي جَاءَهُ الشَّيْطَانُ فَلَبَسَ عَلَيْهِ، حَتَّى لَا يَدْرِيَ كَمْ صَلَّى» [متفق عليه]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންކުރެ މީހަކު ނަމާދުކުރުމަށް ތެދުވާ ހިނދު އޭނާގެ ގާތަށް ޝައިޠާނާ އައިސް، އޭނާއަށް މިކުރެވުނީ ކިހާ މިންވަރެއްކަން ނޭނގޭ ވަރަށް އޮޅުވާލައެވެ.”
* ނަމާދުގައި އެކި ފަރާތްތައް ބެލުމަކީވެސް އޭނާގެ ދަންތުރައެކެވެ.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«هُوَ اخْتِلاَسٌ يَخْتَلِسُهُ الشَّيْطَانُ مِنْ صَلاَةِ العَبْدِ» [رواه البخاري]
މާނައީ: “(ނަމާދުގައި އެކިފަރާތް ފަރާތަށް ބެލުމަކީ) އެއީ އަޅާގެ ނަމާދުން، ޝައިޠާނާ އޮޅުވާލައިގެން ކުރާ ވައްކަމެކެވެ.”
* ޝައިޠާނާގެ ޢަދާވާތްތެރިކަމަށް ޙައްދެއް ނުވެއެވެ. ފަހެ، މީސްތަކުންގެ ކާބޯތަކެއްޗާ އަދި އެނޫންކަންތައްތަކުގައިވެސް އޭނާ ބައިވެރިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَشَارِكْهُمْ فِي الْأَمْوَالِ وَالْأَوْلَادِ﴾ [الإسراء: 64]
މާނައީ: “އަދި މުދާތަކާއި، ދަރިފަސްކޮޅުތަކުގައި އެއުރެން ބައިވެރިކުރާށެވެ!”
* ފަހެ، އާދަމުގެ ދަރިންގެ ކާތަކެތީގައި ޝައިޠާނާ ބައިވެރިވެއެވެ. ކާން ފަށާއިރު ﷲގެ އިސްމުފުޅު ޛިކުރު ނުކޮށްފިނަމަ އޭނާއާއެކު ކައެވެ. އަދި ކާތަކެތީގެ ތެރެއިން ވެއްޓޭ އެތިކޮޅުވެސް ކައެވެ.
* މީހަކު އޭނާގެ އަނބިމީހާގެ ގާތަށް އަންނަހިނދު، އެދެމީހުންގެ ކިބައިން ޞާލިޙު ދަރިއަކު ލިބިދާނެ ކަމަށްޓަކައި ޝައިޠާނާ ބިރުގަނެއެވެ. އެހެންކަމުން އޭނާ ﷲ ގެ ޛިކުރުކުރުމަށް ހަނދުމަ ނެތިކޮށްލުމަށް އެސޮރު މަސައްކަތްކުރެއެވެ.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِيَ أَهْلَهُ، فَقَالَ: بِاسْمِ اللَّهِ، اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا، فَإِنَّهُ إِنْ يُقَدَّرْ بَيْنَهُمَا وَلَدٌ فِي ذَلِكَ لَمْ يَضُرُّهُ شَيْطَانٌ أَبَدًا» [رواه البخاري]
މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް އެދޭހިނދު ” بِاسْمِ اللَّهِ، އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ.” މިފަދައިން ބުނެފިނަމަ، ހަމަކަށަވަރުން އެދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ.”
* އަދި ގެދޮރަށް ވަނުމުގައި ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ އެކަމުގައިވެސް ބައިވެރިވެއެވެ.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«إِذَا دَخَلَ الرَّجُلُ بَيْتَهُ، فَذَكَرَ اللهَ عِنْدَ دُخُولِهِ وَعِنْدَ طَعَامِهِ، قَالَ الشَّيْطَانُ: لَا مَبِيتَ لَكُمْ، وَلَا عَشَاءَ، وَإِذَا دَخَلَ، فَلَمْ يَذْكُرِ اللهَ عِنْدَ دُخُولِهِ، قَالَ الشَّيْطَانُ: أَدْرَكْتُمُ الْمَبِيتَ، وَإِذَا لَمْ يَذْكُرِ اللهَ عِنْدَ طَعَامِهِ، قَالَ: أَدْرَكْتُمُ الْمَبِيتَ وَالْعَشَاءَ» [رواه مسلم]
މާނައީ: މީހަކު އޭނާގެ ގެއަށް ވަންނަހިނދު، ﷲ ތަޢާލާގެ އިސްމުފުޅު ޛިކުރުކޮށް އަދި ކާހިނދުގައިވެސް އެފަދައިން ޢަމަލުކޮށްފިނަމަ ޝައިޠާނާ ބުނެއެވެ. “ތިޔަބައިމީހުން ރޭކުރާނެ ތަނެއް އަދި ރޭގަނޑުގެ ކެއުމެއްވެސް މިތާކު ނެތެވެ.” އަދި އޭނާ ވަންނަހިނދު، ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ޝައިޠާނާ ބުނެއެވެ. “ތިޔަބައިމީހުން ރޭކުރާނެ ތަނެއް ލިބިއްޖެއެވެ.” އަދި ކާހިނދު ﷲގެ އިސްމުފުޅު ޛިކުރު ނުކުރާނަމަ ބުނެއެވެ. “ތިޔަބައިމީހުން ރޭކުރާނެ ތަނަކާ އަދި ރޭގަނޑުގެ ކެއުންވެސް ލިބިއްޖެވެ.”
* ރޭގަނޑު ފެށޭއިރު (އިރުއޮއްސޭއިރު) އަޅުތަކުންނަށް އުނދަގޫކުރުމަށް ޝައިޠާނުންތައް ފެތުރިގަނެއެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«إِذَا كَانَ جُنْحُ اللَّيْلِ، أَوْ أَمْسَيْتُمْ، فَكُفُّوا صِبْيَانَكُمْ، فَإِنَّ الشَّيَاطِينَ تَنْتَشِرُ حِينَئِذٍ» [متفق عليه]
މާނައީ: “ރޭވެއްޖެހިނދު ނުވަތަ ތިޔަބައިމީހުންގެ މައްޗަށް ހަވީރުވުމުން، ފަހެ ތިޔަބައިމީހުންގެ ކުޑަކުދިން ހިފަހައްޓާށެވެ. ފަހެ، އެހާއިރުން ޝައިޠާނުންތައް ފެތުރިގަނެއެވެ.”
* މީހަކު ނަމާދު އަޅާފައި ނިދާހިނދު، ޝައިޠާނާ އޭނާގެ ކަންފަތަށް ކުޑަކަމުދެއެވެ. އެއީ އޭނާ އިހާނެތިކޮށް ދަށްކޮށްލުމުގެ ގޮތުންނެވެ.
ހެނދުނު ވަންދެން ނިދަން އޮންނަ މީހެއްގެ ވާހަކަ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ޛިކުރުކުރެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«ذَاكَ رَجُلٌ بَالَ الشَّيْطَانُ فِي أُذُنَيْهِ»، أَوْ قَالَ: «فِي أُذُنِهِ» [متفق عليه]
މާނައީ: “އެމީހާގެ ދެކަންފަތަށް ޝައިޠާނާ ކުޑަކަމުގޮއްސިއެވެ.”
* ނިދުމަކީ އިންސާނާއަށް އަރާމާ ހަމަޖެހުން ގެނެސްދޭކަމެކެވެ. ނިދީގައި އޭނާއަށް ޝައިޠާނާ ޖެއްސުންކުރެއެވެ. އަދި ހުވަފެނުގައި އޭނާ ބިރުގަންނަވައެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«الرُّؤْيَا مِنَ اللَّهِ، وَالحُلْمُ مِنَ الشَّيْطَانِ» [متفق عليه]
މާނައީ: “ހެޔޮ ރަނގަޅު ހުވަފެނަކީ ﷲގެ ޙަޟްތަރުންވާކަމެކެވެ. އަދި ނުރުހޭފަދަ ނުބައި ހުވަފެންވަނީ ޝައިޠާނާގެ ފުށުންނެވެ.”
* އޯގާތެރިކަމާއި ލޯބި، ނަފްސާއި މުޖުތަމަޢަށް ހަމަޖެހުން ގެނެސްދެއެވެ. އަދި ޝައިޠާނާގެ އާދައަކީ މީސްތަކުން ބައިބައިކޮށް އެބައިމީހުންގެ މެދުގައި ފަސާދަކުރުމެވެ.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«إِنَّ الشَّيْطَانَ قَدْ أَيِسَ أَنْ يَعْبُدَهُ الْمُصَلُّونَ فِي جَزِيرَةِ الْعَرَبِ، وَلَكِنْ فِي التَّحْرِيشِ بَيْنَهُمْ» [رواه مسلم]
މާނައީ: “ހަމަކަށަވަރުން ޢަރަބިކަރައިގައި އުޅޭ ނަމާދުކުރާމީހުން (އެބަހީ: މުސްލިމުން) ޝައިޠާނާއަށް އަޅުކަންކުރާނެކަމާމެދު އެސޮރު ނާއުންމީދުވެއްޖެއެވެ. އެހެނަސް އެސޮރު މަސައްކަތްކުރަނީ އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިކުރުމަށެވެ.”
* އެސޮރުގެ ނުބައިކަމުން އެކަކުވެސް ސަލާމަތް ނުވެއެވެ. ފަހެ، އަލަށް އުފަންވާ ކުއްޖާއާވެސް އޭނާ އުނދަގޫކުރެއެވެ.
* މީސްތަކުން މަގުފުރެއްދުމަށް ދެވެން ހުރި ހުރިހާ މަގަކުން އެސޮރު ދެއެވެ. އަދި އާދަމުގެ ދަރިންގެ ހަށިގަނޑުގެ ތެރޭގައި ލޭ ދައުރުވާފަދައިން އެސޮރު ދައުރުއެވެ.
«مَا مِنْكُمْ مِنْ أَحَدٍ، إِلَّا وَقَدْ وُكِّلَ بِهِ قَرِينُهُ مِنَ الْجِنِّ» [رواه مسلم]
މާނައީ: ” ޖިންނިންގެ ތެރެއިން ޤަރީނަކާ ހަވާލުކުރެވިފައި ނުވާ އެކަކުވެސް ތިޔަބައިމީހުންގެ ތެރެއިން ނުވެއެވެ.”
* އަދި އިންސާނުންގެ ހަށިގަނޑުގެ ތެރެއަށްވެސް އެސޮރު ވަދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ﴾ [البقرة: 275]
މާނައީ: “ރިބާ ކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތް ދުވަހުން) ނުތެދުވާނެއެވެ.”
* އަދި އާދަމުގެ ދަރީން މަގު ފުރެއްދުމަށް އެސޮރު ކުރާ މަސައްކަތުގައި އޭނާ މަރުގެ ސަކަރާތުގައިވާ ހިނދުވެސް އޭނާ ދޫނުކުރެއެވެ.
އެސޮރުގެ ކިބައިން އަމާންކަން ހޯދުމަށް މިފަދައިން ދުޢާކުރުމަށް ނަބިއްޔާ صلى الله عليه وسلم ވަނީ އުނގަންނަވައިދެއްވާފައެވެ.
«وَأَعُوذُ بِكَ أَنْ يَتَخَبَّطَنِي الشَّيْطَانُ عِنْدَ الْمَوْتِ» [رواه النسائي وصححه الألباني]
މާނައީ: “އަދި މަރުވާ ވަޤުތު ޝައިޠާނާ ތިމަންކަލޭގެފާނުގެ މައްޗަށް ގަދަވެގަތުމުން، އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.”
* އާދަމުގެ ދަރިންނަށް މަކަރު ހަދާ އޮޅުވާލުމުގައި ވަރަށް ގިނަ ވަސީލަތްތައް އެސޮރު ބޭނުންކުރެއެވެ. ފަހެ، އުރެދޭމީހާއަށް އޭނާގެ ފާފަ ޒީނަތްތެރިކޮށްދީ، އެއީ ރަނގަޅުކަމެއްގެ ގޮތުގައި ދައްކައެވެ. ބަދުރުގެ ދުވަހު މުޝްރިކުންނަށް އެބައިމީހުން ކުރި ކަންތައް ޒީނަތްތެރިކޮށްދިނެވެ. އެބައިމީހުންގެ ބާރާއި،ޢަދަދުގެ ގިނަކަމުން އެބައިމީހުން ހެއްލުންތެރިކުރުވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَكُمْ﴾ [الأنفال: 48]
މާނައީ: “އެބައިމީހުންގެ (ނުބައި) ޢަމަލުތަކަކީ، ޒީނަތްތެރި ޢަމަލުތަކެއް ކަމުގައި ޝައިޠާނާ އެބައިމީހުންނަށް ދެއްކިހިނދު، ހަނދުމަކުރާށެވެ! އަދި އެކަލޭގެ (އެބައިމީހުންނަށް) ބުންޏެވެ. މިއަދު ތިޔަބައިމީހުންގެ މައްޗަށް ގަދަވެގަންނާނޭ އެއްވެސް މީހަކު، މީސްތަކުންގެ ތެރެޔަކުން ނުވެއެވެ. އަދި ހަމަކަށަވަރުން ތިމަން މިހުރީ ތިޔަބައިމީހުންގެ ރައްކާތެރިޔަކަށެވެ.”
* އެސޮރުގެ ޒީނަތްތެރިކޮށްދިނުމުގެ ތެރޭގައި ފާފާތަކަށް އޭގެ ނަން ނޫން އެހެން ނަންތައް ދިނުން ހިމެނެއެވެ.
﴿هَلْ أَدُلُّكَ عَلَى شَجَرَةِ الْخُلْدِ وَمُلْكٍ لَا يَبْلَى﴾ [طه: 120]
މާނައީ: “(އެ ގަހުން ފަރިއްކުޅުއްވައިފިނަމަ، ކަލޭގެފާނު އަބަދަށް ދެމިހުންނަވާނެ) شجرة الخُلد ގަހާއި، ފަނާވެގެންނުދާނޭ ވެރިކަމެއް، ކަލޭގެފާނަށް ތިމަން ދައްކަންތޯއެވެ؟”
* އަދި އެސޮރުގެ މަކަރުވެރިކަމުގެ ތެރޭގައި: އެމީހަކު ލޯބިކުރާ އަދި އޭނާގެ ހަވާނަފްސު އެދޭފަދަ ކަންކަމުން އޭނާއާ ކުރިމަތިލައެވެ. އަދި ނަސޭހަތެއްގެ ގޮތުގައި ފާޅުކުރެއެވެ. ފަހެ، އާދަމުގެފާނާއި ޙައްވާގެފާނަށް އެސޮރު ބުންޏެވެ.
﴿مَا نَهَاكُمَا رَبُّكُمَا عَنْ هَذِهِ الشَّجَرَةِ إِلَّا أَنْ تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ﴾ [الأعراف: 20]
މާނައީ: “ތިޔަ ދެކަނބަލުން ދެ މަލާއިކަތުން ކަމުގައި ވެދާނެ ކަމަށްޓަކައި، ނުވަތަ އަބަދަށް ދެމިތިބެނިވި މީހުންގެ ތެރެއިން ތިޔަ ދެކަނބަލުން ވެދާނެކަމަށްޓަކައި މެނުވީ ތިޔަ ދެކަނބަލުންގެ ވެރިރައްބު ތިޔަ ދެކަނބަލުން އެގަހާ ކައިރިވެވަޑައިގަތުން މަނައެއް ނުކުރައްވަތެވެ.”
އަދި އެކަމުގެ މައްޗަށް ހުވާވެސް ކުރިއެވެ.
﴿وَقَاسَمَهُمَا إِنِّي لَكُمَا لَمِنَ النَّاصِحِينَ﴾ [الأعراف: 21]
މާނައީ: “އަދި އެކަލޭގެ ހުވާކޮށް، އެ ދެކަނބަލުންނަށް ދެންނެވިއެވެ. ހަމަކަށަވަރުން ތިމަންނާވަނީ ތިޔަ ދެކަނބަލުންނަށް ހެޔޮ ނަސޭހަތް ދޭ މީހުންގެ ތެރެއިންކަން ކަށަވަރެވެ.”
* ޝައިޠާނާ އެބައިމީހުންނަށް ވަޢުދުކުރެއެވެ. އަދި އެބައިމީހުންލައްވާ ބާޠިލު އުންމީދު ކުރުވައި ކެހިދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا﴾ [النساء: 120]
މާނައީ: “ޝައިޠާނާ އެބައިމީހުންނަށް ވަޢުދުކުރެއެވެ. އަދި އެބައިމީހުންލައްވާ ބާޠިލު އުންމީދު ކުރުވައެވެ. އަދި ހެއްލުންތެރިކަން މެނުވީ ޝައިޠާނާ އެބައިމީހުންނަކަށް ވަޢުދެއް ނުކުރެއެވެ.”
* އަދި ދޮގުވެރި އުންމީދުތަކުން އޭނާ ކެހިދެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ وَعْدَ اللَّهِ حَقٌّ فَلَا تَغُرَّنَّكُمُ الْحَيَاةُ الدُّنْيَا وَلَا يَغُرَّنَّكُمْ بِاللَّهِ الْغَرُورُ﴾ [فاطر: 5]
މާނައީ: “ހަމަކަށަވަރުން ﷲ ގެ ވަޢުދުފުޅަކީ ޙައްޤު ތެދެވެ. ފަހެ، ދުނިޔޭގެ ދިރިއުޅުން ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ! އަދި ﷲ އާމެދު ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ!”
* އެސޮރުގެ ލަޝްކަރުން މުއުމިނުން ގެ ތެރެއިން ނިކަމެތިން ބިރުގަންނަވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّمَا ذَلِكُمُ الشَّيْطَانُ يُخَوِّفُ أَوْلِيَاءَهُ﴾ [آل عمران: 175]
މާނައީ: “ހަމަކަށަވަރުން، އެއީ، ހަމަ ޝައިޠާނާއެވެ. އެކަލޭގެ، އެކަލޭގެ އެކުވެރިން ދެކެ (ތިޔަބައިމީހުން) ބިރުގަންނަވަނީއެވެ.”
* އަދި ހޭދަކުރުމަކީ ފަޤީރުވާނެކަމެއްކަމުގައި އެސޮރު ވަސްވާސްދެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿الشَّيْطَانُ يَعِدُكُمُ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ﴾ [البقرة: 268]
މާނައީ: “ފަޤީރު ވެދާނޭ ކަމުގެ ބިރުން، ތިޔަބައިމީހުންނަށް ޝައިޠާނާ ބިރުދައްކައެވެ. އަދި އެޝައިޠާނާ ތިޔަބައިމީހުންނަށް ނުބައިކަންތަކަށް އަމުރު ކުރެއެވެ.”
* އަދި އަޅުތަކުންގެ ހިތްތަކަށް ހިތާމަވެރިކަން ވައްދައެވެ. އަދި ވެނިމިފައިވާ ކަންކަމާމެދު އެބައިމީހުންގެ ހިތްތަކަށް މާޔޫސްކަން ވެރިކުރުވައެވެ. އެއީ މިފަދަ ބުނުންތަކުންނެވެ.
«لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا»
މާނައީ: “ތިމަންނައަށް އެފަދައިން ކަންތައް ކުރެވުނު ނަމައެވެ.”
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ» [رواه مسلم]
މާނައީ: “ފަހެ، ހަމަކަށަވަރުން ‘ނަމަ‘ ކިޔުމުން ޝައިޠާނާގެ މަސައްކަތަށް މަގު ފަހިވެގެންދެއެވެ.”
* ޝަހުވަތްތަކުގެ މަގުން ޝައިޠާނާ އޭނާގެ މުރާދަށް ވާސިލުވެއެވެ.
«لَا يَخْلُوَنَّ رَجُلٌ بِامْرَأَةٍ إِلَّا كَانَ ثَالِثَهُمَا الشَّيْطَانُ» [رواه الترمذي وصححه الألباني]
މާނައީ: “ހިލޭ ފިރިހެނަކު ހިލޭ އަންހެނަކާއެކީ އެކަހެރިނުވާހުށިކަމެވެ. (އެފަދައިން) އެކަހެރިވެއްޖެނަމަ، އެދެމީހުންނާއެކު ތިންވަނަ ފަރާތަކަށް ޝައިޠާނާވާނެއެވެ.”
* އަދި ލަދުވެތިކަން ނެތިކޮށްލުމަށް އެސޮރު ގޮވާލައެވެ. އަދި ނިވާކުރުމާއި ޢިއްފަތްތެރިވުން ދޫކޮށްލުމަށް ގޮވާލައެވެ. އެހެނީ ޢައުރަ ފާޅުވާހިނދު ޢުޤޫބާތް ޙައްޤުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِنْ سَوْآتِهِمَا﴾ [الأعراف: 20]
މާނައީ: “ދެންފަހެ، އެ ދެކަނބަލުންގެ ޢައުރައިން އެ ދެކަނބަލުންނަށް ނިވައިވެގެންވާ ތަން ފާޅުކުރުމަށްޓަކައި، އެ ދެކަނބަލުންނަށް ޝައިޠާނާ ވަސްވާސްދިނެވެ.”
* އަދި މިއުޒިކު ސާމާނާއި ޙަރާމް އަޑުތަކުގެ ޒަރިއްޔާއިން އެސޮރު މީސްތަކުން ހައްލާލައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ﴾ [الإسراء: 64]
މާނައީ: “އަދި އެބައިމީހުންގެ ތެރެއިން، ކަލޭގެޔަށް ކުޅަދާނަވީ ބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވައި ހެއްލުންތެރިކުރާށެވެ!”
* އަދި އޭނާ ވާސިލުވާން ބޭނުންވާ ހިސާބަކީ މީސްތަކުން މަގުފުރައްދައިގެން ބޮޑު ޝިރުކާ ހަމައަށް ގެންދިޔުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ﴾ [البقرة: 168]
މާނައީ: “އަދިި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށްހުރި ކަނޑައެޅި ބަޔާންވެގެންވާ ޢަދަވާތްތެރިޔެކެވެ.”
* އަދި އެއިން ކޮންމެ ކަމަކަށް ލަޝްކަރުތަކާއި ވާގިވެރިންވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَى أَوْلِيَائِهِمْ لِيُجَادِلُوكُمْ﴾ [الأنعام: 121]
މާނައީ: “އަދި ހަމަކަށަވަރުން ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިޠާނުން އެބައިމީހުންގެ ވާގިވެރިންނަށް ވަސްވާސް ދޭނެއެވެ.”
* ޝައިޠާނާގެ މަކަރުވެރިކަމާއި ޢަދާވާތްތެރިކަމުގައި އޭނާ ޙާޞިލުކުރަން ލަނޑުދަނޑިތަކެއްވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް މަޤްޞަދަކީ ﷲ ގެ މަތިން ހަނދުމަކުރުމުން އެއްކިބާކުރުމާއި އަޅުތަކުން މަގުފުރެއްދުމެވެ.
﴿رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ﴾ [الحجر: 39]
މާނައީ: ” އަޅުގެ ރައްބެވެ. އިބައިލާހު ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެބައިމީހުންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ.”
* ފަހެ، އެސޮރު މީސްތަކުން ޣާފިލުކަމުގެ ތެރެއަށް ވައްދައެވެ. އަދި ޛިކުރުކުރުން ހަނދުމަނެތިކުރުވައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنْسَاهُمْ ذِكْرَ اللَّهِ﴾ [المجادلة: 19]
މާނައީ: “ޝައިޠާނާވަނީ، އެބައިމީހުންގެ މައްޗަށް ވެރިވެގެންފައެވެ. ފަހެ، އެ ޝައިޠާނާ، އެބައިމީހުން ﷲ ހަނދުމަކުރުން ހަނދާންނެތިކޮށްލިއެވެ.”
* ދަށުދަރަޖައިގެ ކޮންމެ ޢަމަލަކަށް އެސޮރު ގޮވާލައެވެ. އަދި ކޮންމެ މާތްކަމަކަށް އޭނާ ހުރަސްއަޅައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّمَا يَأْمُرُكُمْ بِالسُّوءِ وَالْفَحْشَاءِ وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ﴾ [البقرة: 169]
މާނައީ: “އެ ޝައިޠާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަންބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެންނުވާ އެއްޗެއް ﷲ އާމެދު ތިޔަބައިމީހުން ބުނުމަށެވެ.”
* އެސޮރުގެ މަޤްޞަދުތަކުގެ ތެރޭގައި ޚަލްޤުތަކުންގެ މެދުގައި ފަސާދަކުރުމާއި ޚާލިޤުވަންތަ އިލާހާ އެބައިމީހުން ދުރުކުރުވުން ހިމެނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ﴾ [المائدة: 91]
މާނައީ: “ޝައިޠާނާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ.”
* އަދި އެސޮރުގެ މަޤްޞަދުތަކުގެ ނިމުމަކީ ﷲ ގެ ރަޙްމަތުން މީސްތަކުން ދުރުކޮށް އެބައިމީހުން ނަރަކައަށް ވެއްދުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ﴾ [فاطر: 6]
މާނައީ: “އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ވުމަށެވެ.”
* ޝައިޠާނާއަށް ތަބާވުމުން އެކަމުގެ ނިމުން ވަރަށް ހިތިކޮށްފެންނާނެއެވެ. ދުނިޔެއާއި އާޚިރަތުގައިވާ ކޮންމެ އަބާއްޖަވެރިކަމެއް ދިމާވަނީ އެސޮރަށް ތަބާވުމުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ هَذَا عَدُوٌّ لَكَ وَلِزَوْجِكَ فَلَا يُخْرِجَنَّكُمَا مِنَ الْجَنَّةِ فَتَشْقَى﴾ [طه: 117]
މާނައީ: “ހަމަކަށަވަރުން މިއީ ކަލޭގެފާނާއި ކަލޭގެފާނުގެ އަނބިކަނބަލުންނަށްހުރި ޢަދާވާތްތެރިޔެކެވެ. ފަހެ، އެކަލޭގެ ތިޔަ ދެކަނބަލުން ސުވަރުގެއިން ނެރެލިޔަނުދެއްވާހުށިކަމެވެ! އޭރުން ކަލޭގެފާނު ދަތިތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެތެވެ.”
* އޭނާއަށް ތަބާވެއްޖެމީހަކު ހުންނާނީ މަގުފުރެދުމާއި ވާނުވާ ނޭނގުމާއި ގެއްލުމެއްގެ ތެރޭގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا﴾ [النساء: 119]
މާނައީ: “ﷲ ފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.”
* އެސޮރަށް ތަބާވާ ބަޔަކު ޤިޔާމަތް ދުވަހުން އަލުން ދިރުއްވާ ހުށީ އެސޮރާއެކުގައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَوَرَبِّكَ لَنَحْشُرَنَّهُمْ وَالشَّيَاطِينَ ثُمَّ لَنُحْضِرَنَّهُمْ حَوْلَ جَهَنَّمَ جِثِيًّا﴾ [مريم: 68]
މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވަޙީކުރައްވަމެވެ. ހަމަކަށަވަރުން، ޝައިޠާނުންނާ އެކުގައި އެބައިމީހުން މަޙްޝަރަށް ފޮނުއްވާހުށީމެވެ. ދެން ކަކޫޖެހިގެންވާ ޙާލު، ނަރަކައިގެ ވަށައިގެން އެބައިމީހުން ގެންނަވާހުށީމެވެ.”
* އަދި (ޤިޔާމަތްދުވަހު) އެސޮރާ ތަބާވި މީހުންގެ ކިބައިން އެސޮރު ބަރީއަވުމުން އެކަމުގެ ހިތާމަ އެބައިމީހުންނަށް ބޮޑުވެގެންދާނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ﴾ [إبراهيم: 22]
މާނައީ: “ހަމަކަށަވަރުން ﷲ، ތިޔަބައިމީހުންނަށް ވަޢުދު ކުރައްވާފައިވަނީ، ޙައްޤު ތެދު ވަޢުދެވެ. އަދި ތިމަންވެސް ތިޔަބައިމީހުންނަށް ވަޢުދު ކުރީމެވެ. ފަހެ، ތިޔަބައިމީހުންނަށް ތިމަންކުޅަ ވަޢުދާ ޚިލާފުވީމެވެ.”
* އެތަބާވެވޭ ފަރާތާއި އެފަރާތަށް ތަބާވާ މީހުންގެ ނިމުން ކަމުގައިވާ ހުށީ ނަރަކައިގެ އަލިފާނެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިއުމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿قَالَ اخْرُجْ مِنْهَا مَذْءُومًا مَدْحُورًا لَمَنْ تَبِعَكَ مِنْهُمْ لَأَمْلَأَنَّ جَهَنَّمَ مِنْكُمْ أَجْمَعِينَ﴾ [الأعراف: 18]
މާނައީ: “އެއިލާހު ވަޙީކުރެއްވިއެވެ. މަލާމާތް ލިބި، ރަޙްމަތުން ދުރުކުރައްވާފައިވާ ޙާލު، ތިޔަތަނުން ކަލޭ ނުކުންނާށެވެ! އެބައިމީހުންގެ ތެރެއިން ކަލެޔަށް ތަބާވީ މީހުންނާއި، ތިޔަ އެންމެން އަޅުއްވައި، ތިމަންއިލާހު ނަރަކަ ފުރުއްވާހުށީމެވެ.”
* ޝައިޠާނާވަނީ ރަސޫލުންގެ ދަރިންނާއި އެބޭކަލުންގެ ބަފައިންވެސް މަގުފުރައްދާފައެވެ. އަދި ކިއެއް ހެއްޔެވެ. ބޮޑެތި އުންމަތްތައް އެސޮރުވަނީ މަގުފުރައްދާފައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿وَعَادًا وَثَمُودَ وَقَدْ تَبَيَّنَ لَكُمْ مِنْ مَسَاكِنِهِمْ وَزَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ فَصَدَّهُمْ عَنِ السَّبِيلِ وَكَانُوا مُسْتَبْصِرِينَ﴾ [العنكبوت: 38]
މާނައީ: “އަދި ތިމަންއިލާހު ޢާދު ބާގައިމީހުންނާއި، ޘަމޫދު ބާގައިމީހުން ހަލާކުކުރެއްވީމެވެ. އެބައިމީހުންގެ ގެތަކުން ތިޔަބައިމީހުންނަށްޓަކައި މިކަމުގެ ހެކިތައް ފާޅުވެ އެނގިގެންވެއެވެ. އަދި ޝައިޠާނާ، އެއުރެންނަށް އެބައިމީހުންގެ ޢަމަލުތައް ޒީނަތްތެރިކޮށް ދެއްކިއެވެ. އަދި ތެދުމަގުން އެބައިމީހުން ދުރުކުރިއެވެ. ބުއްދިވެރިންކަމުގައި އެބައިމީހުންވިއަސް މެއެވެ. (ނޯޓު: ނަމަވެސް، އެބައިމީހުންގެ ބުއްދީގެ ބޭނުން ނުކޮށް ޙައްޤުގެ މަގުން އެއްކިބާވެގަތެވެ.)”
* ﷲ އަށް ވަކީލުކުރާ މުއުމިނުންނަށް މެނުވީ އެސޮރުގެ ނުރައްކާތެރިކަމުން ސަލާމަތްނުވެވޭނެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّهُ لَيْسَ لَهُ سُلْطَانٌ عَلَى الَّذِينَ آمَنُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ﴾ [النحل: 99]
މާނައީ: “ހަމަކަށަވަރުން އީމާންވެ، އެބައިމީހުންގެ ވެރިރައްބަށް ވަކީލުކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިޠާނާއަކަށް ނުވެއެވެ.”
* ފަހެ، އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ އަޅުގަނޑުމެން އެންމެން ﷲ އަށް ތައުބާވުމެވެ. އަދި އެއިލާހުގެ އަމުރުފުޅުތަކަށް ތަބާވުމެވެ. އަދި އެއިލާހަށް އުރެދެވޭ އެންމެހާ ކަންކަމުން ރައްކާތެރިވުމެވެ. ފަހެ، ޢިއްޒަތާ ޝަރަފުވަނީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމާއި އެއިލާހުގެ އަމުރުފުޅުތަކަށް ތަބާވުމުގައެވެ. އަދި ނިކަމެތިކަންވަނީ ޝައިޠާނާގެ މަޅީގައި ޖެހުމުގައެވެ.
﴿إِنَّ الشَّيْطَانَ لَكُمْ عَدُوٌّ فَاتَّخِذُوهُ عَدُوًّا إِنَّمَا يَدْعُو حِزْبَهُ لِيَكُونُوا مِنْ أَصْحَابِ السَّعِيرِ﴾ [سورة فاطر ٦]
މާނައީ: “ހަމަކަށަވަރުން ޝައިޠާނާއީ ތިޔަބައިމީހުންނަށްވާ ޢަދާވާތްތެރިޔެކެވެ. ފަހެ، އެ ޝައިޠާނާއީ، ޢަދާވާތްތެރިޔަކު ކަމުގައި ތިޔަބައިމީހުން ދެކޭށެވެ! އޭނާގެ ޖަމާޢަތަށް އޭނާ ގޮވާކަން ކަށަވަރީ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ވުމަށެވެ.”
باركَ الله لي ولكم في القرآنِ العظيم، ونفَعَني الله وإياكم بما فيه من الآياتِ والذكرِ الحكيم، أقولُ ما تسمَعُون، وأستغفرُ الله لي ولكم ولجميعِ المُسلمين من كل ذنبٍ، فاستغفِروه، إنه هو الغفورُ الرحيمُ.
ދެވަނަ ޚުޠުބާ
الحمدُ للهِ على إحسانِه، والشكرُ على توفيقِهِ وامتِنانِه، وأشهدُ أن لا إله إلا اللهُ وحده لا شريكَ له تعظِيمًا لشأنِه، وأشهدُ أنَّ نبيَّنا محمدًا عبدُه ورسولُه، صلَّى الله عليه وعلى آلهِ وأصحابِه، وسلَّمَ تسليمًا مزيدًا.
* މުސްލިމުންނޭވެ. ﷲ އަށް ތަޤުވާވެރިވެގެން މެނުވީ ޝައިޠާނާގެ ކިބައިން ސަލާމަތް ނުވެވޭނެއެވެ. ޚަލްޤުތަކުންގެ ތެރެއިން ޝައިޠާނާގެ މައްޗަށް ގަދަވެވޭނެ ބަޔަކީ ﷲ އެއްކައުވަންތަކުރާ އެއިލާހުގެ އަޅުތަކުންނެވެ. މިއީ އިބިލީސްވެސް އެކަމަށް އިޤުރާރުވެފައިވާ ކަމެކެވެ. އެއީ އެސޮރު ބުނެފައިވާ ފަދައިންނެވެ.
﴿فَبِعِزَّتِكَ لَأُغْوِيَنَّهُمْ أَجْمَعِينَ [82] إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ [83]﴾ [ص: 82، 83]
މާނައީ: “ފަހެ، އިބައިލާހުގެ ޢިއްޒަތްތެރިވަންތަކަން ގަންދީ ބުނަމެވެ. ހަމަކަށަވަރުން، އެބައިމީހުންގެ އެންމެން މަގުފުރައްދާހުށީމެވެ. [82] އެބައިމީހުންކުރެ، އިބައިލާހު ސަލާމަތްކޮށްދެއްވާ އަޅުން މެނުވީއެވެ. [83]”
* އަދި ނިދަން ތަންމައްޗަށް އަރާހިނދު ފަހެ، އާޔަތުލް ކުރުސި ކިޔާށެވެ. ފަހެ، ހެނދުނު ވެއްޖެއުމަށްދާންދެން، އެމީހަކު ރައްކާތެރިކޮށްދޭނެ ބޭކަލަކު ﷲގެ ޙަޟްރަތުން ފޮނުއްވާނެއެވެ. އަދި ހެނދުނުވަންދެން އޭނާއާ އެއްވެސް ޝައިޠާނަކު ކައިރިނުވާނެއެވެ.
«مَنْ قَالَ: لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، فِي يَوْمٍ مِائَةَ مَرَّةٍ، كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ، وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ، وَكَانَتْ لَهُ حِرْزًا مِنَ الشَّيْطَانِ، يَوْمَهُ ذَلِكَ، حَتَّى يُمْسِيَ» [متفق عليه]
މާނައީ: “ދުވާލަކު ސަތޭކަފަހަރު لاَ إِلَهَ إِلَّا اللَّهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރިފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ.”
* ﷲގެ އަމުރުފުޅުތަކަށް ކިޔަމަންވުމާ އަދި އެއިލާހު ކަނޑައަޅުއްވާފައިވާ އިންތައް ފަހަނައަޅާ ނުދިޔުމަކީ ޝައިޠާނާގެ އުނދަގޫތަކުން ރައްކާތެރިވުމަށް އެންމެ ބޮޑަށް އެހީތެރިވެދޭނެކަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ﴾ [الأعراف: 201]
މާނައީ: “ހަމަކަށަވަރުން ތަޤުވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެބައިމީހުން (ﷲ) ހަނދުމަކުރެއެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެބައިމީހުންވެއެވެ.”
* ﷲ ގެ އަތްޕުޅުވަނީ ޖަމާޢަތާއެކުގައެވެ. އަދި ޝައިޠާނާ ޖަމާޢަތާ ދުރުވެގެން ވެއެވެ.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ.
«فَمَنْ أَحَبَّ مِنْكُمْ أَنْ يَنَالَ بُحْبُوحَةَ الْجَنَّةِ، فَلْيَلْزَمُ الْجَمَاعَةَ، فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ، وَهُوَ مِنَ الِاثْنَيْنِ أَبْعَدُ» [رواه أحمد وصححه الألباني]
މާނައީ: “ސުވަރުގޭގެ އެންމެ ރަނގަޅު ހިސާބަށް ދިޔުމަށް އެދޭމީހާ ދަންނައެވެ. ފަހެ މުސްލިމުންގެ ޖަމާޢަތާއެކުގައި އޭނާ ވާށެވެ. ފަހެ، ހަމަކަށަވަރުން އެކަކާއެކު ޝައިޠާނާވެއެވެ. އަދި ދެމީހަކުވާނަމަ އެސޮރު އެއަށްވުރެ ދުރަށް ޖެހިލައެވެ.”
* އަދި ހެޔޮކަލިމައަކީ ޝައިޠާނާގެ ވަސްވާސްތަކުން ދުރުހެލިކޮށްދޭނެކަމެކެވެ.
﴿وَقُلْ لِعِبَادِي يَقُولُوا الَّتِي هِيَ أَحْسَنُ إِنَّ الشَّيْطَانَ يَنْزَغُ بَيْنَهُمْ﴾ [الإسراء: 53]
މާނައީ: “އެންމެ ރިވެތި ހެޔޮބަސްތަކުން ވާހަކަދައްކައި އުޅުމަށް، ތިމަންއިލާހުގެ އަޅުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ޝައިޠާނާ، އެބައިމީހުންގެ މެދުގައި ފަސާދަ އުފައްދައެވެ.”
* ޝައިޠާނާއަކީ ޢަދުއްވެއްކަމަށް ހަދައިފި މީހަކު އެސޮރުގެ ކިބައިން ބަރީއަވާނެއެވެ. އަދި އެސޮރާ ޢަދާވާތްތެރިވާނެއެވެ. އަދި އެސޮރާ އެއްގޮތްވުމުން ދުރުހެލިވާނެއެވެ.
اللهم صلِّ وسلِّم وبارِك على نبيِّنا محمدٍ، وارضَ اللهم عن خُلفائِه الراشِدين، الذين قضَوا بالحقِّ وبه كانُوا يعدِلُون: أبي بكرٍ، وعُمرَ، وعُثمان، وعليٍّ، وعن سائِرِ الصحابةِ أجمعين، وعنَّا معهم بجُودِك وكرمِك يا أكرَم الأكرَمين.
اللهم أعِزَّ الإسلامَ والمُسلمين، وأذِلَّ الشركَ والمُشرِكين، ودمِّر أعداءَ الدين، واجعَل اللهم هذا البلدَ آمنًا مُطمئنًّا رخاءً، وسائِرَ بلاد المُسلمين.
اللهم مَن أرادَنا أو أرادَ ديارَنا بسُوءٍ فأشغِله في نفسِه، واجعَل كيدَه في نحرِه يا قويُّ يا عزيز.
اللهم انصُر جُنودَنا، وثبِّت أقدامَهم، وانصُرهم على العدوِّ يا ذا الجلال والإكرام.
اللهم وفِّق إمامَنا لهُداك، واجعَل عملَه في رِضاك، ووفِّق جميعَ وُلاة أمورِ المسلمين للعمل بكتابِك، وتحكيمِ شرعِك يا ذا الجلال والإكرام.
﴿رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ﴾ [البقرة: 201].
عباد الله:
﴿إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ وَإِيتَاءِ ذِي الْقُرْبَى وَيَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَالْبَغْيِ يَعِظُكُمْ لَعَلَّكُمْ تَذَكَّرُونَ﴾ [النحل: 90].
فاذكُروا اللهَ العظيمَ الجليلَ يذكُركم، واشكُرُوه على آلائِه ونِعمِه يزِدكم، ولذِكرُ الله أكبر، والله يعلَمُ ما تصنَعون.