އިޚްލާޞްތެރިކަމާއެކު ޞަދަޤާތްކުރުމަކީ އަޅާގެ ދަރަޖަ މަތިވެރިވެގެންދާކަމެކެވެ. އެއީ އެކަންކުރާއިރު ޙާލުގައި ޖެހިފައިވާ މީހެއްގެ ދުޢާ ލިބުމުގެ އެދުމެއް ނެތި ނުވަތަ ޘަނާލިބުމަށް އެދުމެއް ނެތި ނުވަތަ މަޝްހޫރުވުމަށް އެދުމެއް ނެތި ނުވަތަ ދުނިޔަވީ މަންފާއެއް ލިބުމަށް އެދުމެއް ނެތި އެކަންކުރުމެވެ. ފަހެ ފަޤީރަކަށް ޞަދަޤާތްކުރާއިރު ތިބާއަށްޓަކައި ދުޢާކޮށްދޭނެކަމުގެ އުންމީދުގައި ޞަދަޤާތްނުކުރާށެވެ.
އަދި ކިއެއް ހެއްޔެވެ. ﷲ ތަޢާލާގެ ރުއްސެވުން އެދި އެފަދަ މީހުންނަށް ހޭދަކުރާށެވެ. އެއީ އަންނަނިވި އާޔަތުގައިވާ ފަދަ މީހަކަށް ވުމަށެވެ.
﴿وَمِنَ النَّاسِ مَن يَشْرِي نَفْسَهُ ابْتِغَاءَ مَرْضَاتِ اللَّـهِ وَاللَّـهُ رَءُوفٌ بِالْعِبَادِ﴾ [سورة البقرة ٢٠٧]
މާނައީ: “އަދި ﷲގެ ރުހިވޮޑިގަތުން އެދި (އެއިލާހަށްޓަކައި) ތިމާގެ ނަފްސުން ހޭދަކުރާ މީހުންވެސް މީސްތަކުންގެ ތެރެއިން ވެއެވެ. ﷲއީ، އަޅުތަކުންނާމެދު، ނުހަނު އޯގާވަންތަ އިލާހެވެ.”
އަންނަނިވި އާޔަތާ ބެހޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ.[1]
وَيُطْعِمُونَ الطَّعَامَ عَلَىٰ حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا ﴿٨﴾ إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّـهِ لَا نُرِيدُ مِنكُمْ جَزَاءً وَلَا شُكُورًا ﴿٩﴾ [سورة الإنسان]
މާނައީ: “އަދި އެއުރެން އެކާތަކެއްޗަށް ބޭނުންވެ، ހިތްޖެހިގެންވުމާއެކުވެސް މިސްކީނުންނާއި، ޔަތީމުކުދިން އަދި އަސީރުންނަށް އެއުރެން ކާންދެތެވެ. [8] (އަމިއްލަ ނަފްސުތަކަށް ބުނަމުންނެވެ.) އަހުރެމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ތިޔަބައިމީހުންގެ ފުށުން ބަދަލެއް އަދި ޝުކުރެއްވެސް ނޭދޭ ޙާލު، ހަމައެކަނި ﷲގެ ވަޖުހުފުޅު އަދައިގެންނެވެ. [9] “
ފަޤީރުންގެ ކިބައިން ދުޢާކޮށްދިނުމަށާއި ޘަނާއަށް އެދޭމީހާ މިއާޔަތުގައި މިވާ މީހުންގެ ތެރެއިން ނުވާނެއެވެ. ސުނަނު އަބޫ ދާވޫދުގައިވާ ޙަދީޘެއްގައިވެއެވެ.
« وَمَنْ صَنَعَ إِلَيْكُمْ مَعْرُوفًا فَكَافِئُوهُ، فَإِنْ لَمْ تَجِدُوا مَا تُكَافِئُونَهُ، فَادْعُوا لَهُ حَتَّى تَرَوْا أَنَّكُمْ قَدْ كَافَأْتُمُوهُ». [رواه أبو داود وصححه الألباني]
މާނައީ: “އަދި ތިޔަބައިމީހުންނަށް ހެޔޮކަމެއްކޮށްދީފި މީހަކަށް އޭގެ ބަދަލުދޭށެވެ. ފަހެ އޭގެ ބަދަލުދޭނެ އެއްޗެއް ތިޔަބައިމީހުންނަށް ނުލިބުނުނަމަ ދަންނައެވެ. އޭނާއަށް ބަދަލުދެވުނުކަމަށް ޤަބޫލުކުރެވެންދެން އޭނާއަށްޓަކައި ދުޢާކޮށްދޭށެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الفتاوى 11/111