[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢާދުބާގައިމީހުންގެ ވާހަކަ 1

ނޫޙުގެފާނަށް ފަހު

ނޫޙުގެފާނުގެ ދަރިފަސްކޮޅުގައި ﷲ ބަރަކާތް ލެއްވިއެވެ. އެދަރިފަސްކޮޅު މުޅި ބިންމަތީ ފެތުރިގެން ދިޔައެވެ. އެދަރިފަސްކޮޅުގެ ތެރޭގައި ޢާދު ކިޔާ އުއްމަތެއްގެ ބަޔަކުވިއެވެ. އެބައިމީހުންނަކީ ވަރަށް ވަރުގަދަ ބައެކެވެ. އެބައިމީހުންގެ ހަށިގަނޑުތައް ދަގަނޑުންވާ ފަދައެވެ. އެބައިމީހުންނާ ހަނގުރާމަކުރާ ކޮންމެ ބައެއް ބަލިކޮށް އެބައެއްގެ މައްޗަށް ކާމިޔާބު ހޯދައެވެ. އެހެންކަމުން އެބައިމީހުން ބިރުގަންނަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެހެން މީސްތަކުން އެބައިމީހުން ދެކެ ބިރުގަނެއެވެ.

ޢާދު ބާގައިމީހުންގެ އެންމެހާ އެއްޗެއްގައި މާތް ﷲ ބަރަކާތް ލެއްވިއެވެ. އެބައިމީހުންގެ ގެރިބަކަރިތަކުންވަނީ މުޅި ވާދީތައް ފުރާލެވިފައެވެ. އެންމެހާ އަސްތަކުން ވަނީ މައިދާންތައް ފުރާލެވިފައެވެ. އަދި އެބައިމީހުންގެ ދަރިންތައް ގިނަވުމުގެ ސަބަބުން ގެތައްވަނީ ފުރިފައެވެ. ޢާދުބާގައިގެ މީހުންގެ ގެރިބަކަރިތައް ހުއިހައްޕަން ބޭރަށް ނެރޭ ވަގުތަކީ ވަރަށް ރީތި މަންޒަރުތަކެއް ސިފަކުރެވޭ ވަގުތެކެވެ. އަދި އެބައިމީހުންގެ ދަރިންތައް ކުޅެން ނުކުމެ އުޅޭ ވަގުތަކީވެސް އެހާމެ ހިއްގައިމު ވަގުތެކެވެ. ހަމައެހެންމެ އެބައިމީހުން ދިރިއުޅެމުންދާ ބިމަކީ ފެހިކަންގަދަ ބިމެކެވެ. ބަގީޗާތަކާއި ކޯރުތައް އެބިމުގައި ވަރަށްވެސް ގިނައެވެ.

ޢާދުބާގައިމީހުން ކުފުރުވުން

ނަމަވެސް އެއެންމެހާ ނިޢުމަތްތައް ދެއްވިކަމަށްޓަކައި، އެނިޢުމަތްތައް ދެއްވި ﷲ އަށް އެބައިމީހުން ޝުކުރުވެރިއެއް ނުވެއެވެ. އަދި އެބައިމީހުންގެ ކާބަފައިންގެ ކިބައިން އަޑުއިވެމުން އައި، ނޫޙުގެފާނުގެ ޤައުމުގެ މީހުނަށް އައި ވަރުގަދަ ޠޫފާނުގެ ވާހަކަ މަތިން އެބައިމީހުން ހަނދާން ނައްތާލިއެވެ. އަދި ބިމުގައިވާ އެޠޫފާނުގެ އަޘަރުތަކުގެ މަތިންވެސް ހަނދާން ނައްތާލިއެވެ.

އަދި ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ޠޫފާން ފޮނުވުނީ ކޮން ސަބަބަކާ ހުރެކަންވެސް ހަނދާން ނައްތާލިއެވެ. އެކަމުގެ ސަބަބެއްގެ ގޮތުން އެބައިމީހުންވެސް ނޫޙުގެފާނުގެ ޤައުމުގެ މީހުން އަޅުކަންކުރަމުންއައި ބުދުތަކަށް އަޅުކަން ކުރަން ފެށިއެވެ. އެބައިމީހުންގެ އަތްތަކުން ހިލައިން ބުދުތައް ހަދައިގެން އެތަކެއްޗަށް ސަޖިދަޖަހައި އަޅުކަންކޮށް އުޅެތެވެ. އަދި އެބައިމީހުން ބޭނުންވާ ކަންކަމުގައި އެބުދުތަކަށް ދުޢާކޮށް، އެބުދުތަކަށް ޖަނަވާރުތައް ކަތިލައި އުޅެތެވެ. އެބައިމީހުން ކަންތައްކުރަމުން ގެންދިޔައީ ނޫޙުގެފާނުގެ ޤައުމުގެ މީހުން ކަންތައް ކުރަމުން ގެންދިޔަ ފަދައިންނެވެ.

އެބައިމީހުންގެ ވިސްނުންތަކުން، ފުރާނައެއްނެތް އެއްވެސްކަމެއް ކޮށްނުދެވޭ ބުދުތަކަށް އަޅުކަންކުރުމަކީ ފައިދާއެއްނެތްކަމެއް ކަމަށް ޤަބޫލެއް ނުކުރެއެވެ. އެބައިމީހުންގެ ވިސްނުންތަކުން އެބައިމީހުންނަކަށް ހިދާޔަތެއް ދައްކައެއްނުދިނެވެ. އެބައިމީހުންނަކީ ދުނިޔެވީ ކަންތައްތަކުގައި ވިސްނުންތެރި އަދި ދީނުގެ ކަންތައްތަކުގައި ބުއްދި ހަމަނުޖެހޭ ބައެއްކަމުގައިވިއެވެ.

ޢާދުބާގައިމީހުންގެ ޢަދާވާތްތެރިކަން

ޢާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. އެކަމުގެ ސަބަބަކީ ޢާލަމްތަކުގެ ވެރި ﷲ އަށާއި ޤިޔާމަތްދުވަހަށް އެބައިމީހުން އީމާންނުވުމެވެ.

އަނިޔާވެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި ޢަދާވާތްތެރިވުމުން އެބައިމީހުން މަނާވާނީ ކިހިނެއްތޯއެވެ؟ އަދި އެހެން މީސްތަކުންނަށް އެބައިމީހުން އަނިޔާވެރިނުވާންވީ ކީއްވެތޯއެވެ؟ އެބައިމީހުން ދެކޭގޮތުގައި އެބައިމީހުންނަށްވުރެ ބާރުވެރި އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެބައިމީހުން ބިރުގަނެ ޖެހިލުންވާ އެއްވެސް މީހެއް ނުވެއެވެ. އެބައިމީހުން ބުނާކަމުގައިވިއެވެ. ((مَنْ أَشَدُّ مِنَّا قُوَّةً)) فصلت: 15 މާނައީ: “ބާރުގެގޮތުން ތިމަންނަމެންނަށްވުރެ ވަރުގަދައީ ކާކު ހެއްޔެވެ؟” އެބައިމީހުން ހައްދަވައި، އެބައިމީހުންނަށް އެބާރު ދެއްވި އިލާހު އެބައިމީހުންނަށްވުރެ ބާރުގަދަކަން އެބައިމީހުންކަށް ނުވިސްނުނެވެ.

އެބައިމީހުންގެ މިސާލަކީ މިނިކާ ޖަނަވާރުތަކެއްގެ މިސާލެވެ. އެބައިމީހުންގެ ތެރެއިންވާ ބޮޑެތިމީހުން ކުޑަކުދިންނަށް އަނިޔާވެރިވެއެވެ. އަދި އެމީހުންގެ ތެރެއިންވާ ބާރުގަދަ މީހުން ދެރަނިކަމެތިންނަށް ގޯނާކޮށް އަދަބު ދެއެވެ. އަދި އެބައިމީހުން ރުޅި އަތުވެއްޖަނަމަ މިސާލަކީ ރުޅިއައިސްފައިވާ އެތްތަކެއްގެ މިސާލެވެ. އެއްވެސް އެއްޗެއް މަރާނުލައި ދޫކޮށްނުލައެވެ.

އެބައިމީހުން ހަނގުރާމައެއްކޮށްފިނަމަ އެބައެއްގެ ދަރިފަސްކޮޅާއި ދަނޑުބިންތައް ސުންނާފަތިކޮށްލައެވެ. އަދި އެބައިމީހުން ރަށަކަށް ވަދެއްޖެނަމަ އެރަށެއްގެ މީހުންގެ ތެރެއިންވާ ޢިއްޒަތްތެރިން ނިކަމެތިކޮށްލައެވެ. އެންމެހާ ދެރަނިކަމެތިމީހުން ޢާދުބާގައިގެ މީހުންގެ ނުބައިކަމާމެދު ބިރުގަނެއެވެ. އަދި އެބައިމީހުންގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން ފިލާ އުޅެއެވެ.

މިފަދަ ސަބަބުތަކާހުރެ ޢާދުބާގައިމީހުންގެ ވަރުގަދަކަން އެބައިމީހުންނަށާއި، އެންމެހާ މީސްތަކުންނަށް ބޮޑު ވަބާއަކަށް ވެގެންދިޔައެވެ. މިއީ ﷲ އަށް ބިރުވެތިނުވެ، އަދި ޤިޔާމަތްދުވަހަށް އީމާންނުވެ އުޅޭ ކޮންމެ މީހެއްގެވެސް އުޅުން ހުންނަގޮތެވެ.

ޢާދުބާގައިމީހުންގެ ބިނާތައް

ޢާދުބާގައިމީހުން، ކެއުމާއިބުއިމާއި، ކުޅިވަރުކުޅުމުގައި ވަނީ ހައްދުފަހަނަ އަޅާގޮސްފައެވެ. އެކަންތައްތައް ފިޔަވައި އިތުރުކަމެއް އެބައިމީހުންނަށް ކުރަންނުޖެހޭ ފަދައެވެ. އަދި އެއިގެ ތެރެއިން އެއްބައިމީހުންގެ އުސްބިނާތަކާއި ތަނަވަސް ގެތަކާހުރެ އަނެއްބަޔެއްގެ މައްޗަށް ފަޚްރުވެރިވެ ބޮޑާވެގަނެއެވެ. އެބައިމީހުން ބިނާތައް ހެދުމަށްޓަކައި، އެބައިމީހުންގެ އެންމެހާ ފައިސާތަކެއް ފެނާއި، ވެއްޔާއި، ގާ ހޯދުމަށް ޚަރަދުކުރެއެވެ. އެބައިމީހުންގެ އަމާޒަކީ އުސްތަނެއްހުރިކަމުގައި ވަނީނަމަ އެތަނެއްގައި ވަރުގަދަ ބިނާއެއް ހެދުމެވެ.

އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ، އެބައިމީހުންނަކީ ދާއިމަށް މަރުވުމެއްނެތި އެބިނާތަކުގައި ދިރިއުޅޭނެ ބައެއްކަމަށް ހީކޮށެވެ. އަދި އެބައިމީހުން މިފަދަ ބިނާތައް ހަދަމުން ގެންދިޔައީ ބޭނުމެއްނެތި އެކަކު އަނެކަކާ ވާދަކުރުމުގެ ގޮތުންނެވެ. އެބައިމީހުންގެ ތެރޭގައިވާ ފަޤީރުންނަށް އެއްވެސް އަޅާލުމެއް ނެތިއެވެ. އެބައިމީހުންގެ ތެރޭގައިވާ ފަޤީރުންވީ ވަންނާނެ ގެއެއްނެތް ބައެއްގެ ގޮތުގައެވެ. އަދި މުއްސަނދިންގެ ގެތަކަށް އެފަޤީރުންތައް ނުވައްދައެވެ.

މިބައިމީހުންގެ ބޮޑެތި ބިނާތައް ފެނިއްޖެމީހަކަށް އެނގޭނީ މިބައިމީހުންނަކީ ޤިޔާމަތް ދުވަހަށް އީމާންނުވާ ބައެއްކަމެވެ.

ގެ ރަސޫލާ ހޫދު ޢަލައިހިއްސަލާމް

ޢާދުބާގައިމީހުންގެ ގާތަށް ރަސޫލަކު ފޮނުއްވެވުމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރެއްވިއެވެ. އެއީ އެއްވެސް ޙާލެއްގައި މީސްތަކުން، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަންކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އަދި ބިންމަތި ފަސާދަވުމަކަށްވެސް އެއިލާހު ރުހިވޮޑިނުގަންނަވައެވެ.

ޢާދުބާގައިމީހުން، އެބައިމީހުންގެ ބުއްދި ބޭނުންކޮށްއުޅެނީ ކެއިންބުއިމާއި، ކުޅިވަރުކުޅުމުގަޔާއި، ގެތައް ބިނާކުރުން ފަދަ ކަންތައްތަކުގައި އެކަންޏެވެ. އެބައިމީހުންގެ ބުއްދިތައް އެބައިމީހުން ހެއްދެވި އިލާހުގެ ދީނާމެދު ނުވިސްނުމުގެ ސަބަބުން އެބައިމީހުންގެ ވިސްނުންތައް ވަނީ ފަސާދަވެފައެވެ. އެބައިމީހުންގެ ތެރޭގައި ދުނިޔެވީ ކަންތައްތަކުގައި ވަރަށްވެސް ވިސްނުންތެރިން އުޅުނެވެ. ނަމަވެސް އެބައިމީހުން އަޅުކަންކުރަމުން ދަނީ އެބައިމީހުންގެ އަތުން ހަދާފައިވާ ބުދުތަކަށެވެ. އެބައިމީހުންނަށް އަޅުކަންމިކުރެވެނީ އެއްވެސް ފައިދާއެއް އަދި ގެއްލުމެއް ނުދެވޭ ހިލަގަނޑަކަށްކަމެއް އެބައިމީހުންނަކަށް ނުވިސްނެއެވެ.

މިފަދަ ދަށު ދަރަޖައެއްގައި މިބައިމީހުންގެ ކަންތައްތައް ވަނިކޮށް، އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ރަސޫލަކު ފޮނުއްވެވުމަށް ﷲ އިރާދަކުރެއްވިއެވެ. އަދި އެއިލާހު އެދިވޮޑިގެންވަނީ އެބައިމީހުންގެ ތެރެއިން، އެބައިމީހުން ވާހަކަ ދައްކާ އުޅޭ ބަސް ދެނެވަޑައިގަންނަވާ ބޭކަލަކު ފޮނުއްވެވުމަށެވެ.

އެރަސޫލުބޭކަލަކީ ހޫދު ޢަލައިހިއްސަލާމެވެ. އެކަލޭގެފާނު ނިސްބަތްވެ ވަޑައިގަންނަވަނީ ޢާދުބާގައިގެ މީހުންގެ ތެރެއިންވާ ޝަރަފުވެރި އާއިލާއަކަށެވެ. އެކަލޭގެފާނު އުޅުއްވަމުން ގެންދެވީ ވިސްނުންތެރިކަމާއެކު ޞާލިޙު ދިރިއުޅުއްވުމެކެވެ. (ނުނިމޭ)

ޢާދުބާގައިމީހުންގެ ވާހަކަ 2