އެހެންކަމުން އުންމުލްމުއުމިނީން ޢާއިޝާ رضي الله عنها ބަޔަކަށް ހަދިޔާއެއް ފޮނުއްވާނަމަ އެގެންދާމީހާ ގާތު ވިދާޅުވެއެވެ. “އަހަރެމެންނަށްޓަކައި އެބައިމީހުންކޮށްދޭ ދުޢާ އަޑުއަހާށެވެ. އެއީ އެކުރި ދުޢާއަކާ އެއްފަދަ ދުޢާއެއް އެބައިމީހުންނަށް ކޮށްދިނުމަށްޓަކައެވެ. އޭރުން އަހަރެމެންގެ އަޖުރުވާނީ ﷲ ގެ ޙަޟްރަތުންނެވެ.”
އަދި ސަލަފުންގެ ބައެއް ބޭކަލުން ވިދާޅުވެއެވެ.
“ތިބާ މިސްކީނަކަށް އެއްޗެއް ދިނުމުން ‘ތިބާއަށް ﷲއަށް ބަރަކާތްލައްވާށިއެވެ.’ މިފަދައިން ބުނެފިނަމަ، ފަހެ ބުނާށެވެ. ‘ތިބާއަށްވެސް ﷲއަށް ބަރަކާތްލައްވާށިއެވެ.'”
އޭގެ ބޭނުމަކީ ތިބާކޮށްދިންކަމުގެ ބަދަލުގައި ދުޢާކޮށްދިނުމުން އެމީހާއަށްވެސް އެފަދަ ދުޢާއެއްކޮށްދިނުމެވެ. އެއީ ބަދަލުގައި އެމީހާގެ އަތުން އެއްޗެއް ނުހޯދުމަށްޓަކައެވެ.
އަދިވެސް (އިބްނު ތައިމިއްޔާ) ވިދާޅުވިއެވެ.[1]
“އަޅުތަކުންގެ ކިބައިން ބަދަލެއްގެ ގޮތުގައި ޘަނާއަށް ނުވަތަ ދުޢާކޮށްދިނުމަށް ނުވަތަ އެފަދަ އެހެންކަމަކަށް އެދޭމީހާއީ ﷲ އަށްޓަކައި އިޙްސާންތެރިވި މީހަކުކަމުގައި ނުބެލެވޭނެއެވެ.”
ފަހެ ޝައިޚުލް އިސްލާމް ބަޔާންކުރައްވާފައިވަނީ ދުޢާކޮށްދިނުމަށް އެދި، އެނިޔަތުގައި ޞަދަޤާތްކުރާމީހާ އަންނަނިވި އާޔަތުގައިވާ މީހުންގެ ތެރެއިން ނުވާނެކަމުގައެވެ.
﴿ إِنَّمَا نُطْعِمُكُمْ لِوَجْهِ ﴾ [سورة الإنسان ٩]
މާނައީ: “(އަމިއްލަ ނަފްސުތަކަށް ބުނަމުންނެވެ.) އަހުރެމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، ހަމައެކަނި ﷲގެ ވަޖުހުފުޅު އަދައިގެންނެވެ.”
ފަހެ އެހެންކަމުން މުސްލިމުންނަށް އޮތީ ﷲގެ ވަޖުހުުފުޅު އަދާއިގެން ޞަދަޤާތްކުރުމެވެ. އެގޮތަށް ޞަދަޤާތްކުރުމުން، ކަންބޮޑުވުމާއި ހާސްކަންފިލުމާއި މުޞީބާތްތައް ދުރުވުމަކީ އެކަމުގެ މޭވާތަކުންކުރެ މޭވާއެކެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الفتاوى 1/55