[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާން މަހުގެ ވަގުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

މި ބަރަކާތްތެރި މަހުގެ މާތްކަމާއި މިމަހުގައި ތައުބާވާ މީހުންގެ ޢަދަދުގެ ގިނަކަމާއި، ކިޔަމަންތެރިކަން އަދާކުރުމުގައި މީސްތަކުން ގަދައަޅާ މަސައްކަތްކުރާކަމާއި މުންކަރާތްތައް ދޫކޮށް ﷲ ގެ މަގަށް މީސްތަކުން ރުޖޫޢަވާން ފަށާކަން އެނގުމާއެކު މިއުންމަތުގެ ޢަދުއްވުން މަސައްކަތްކުރަނީ އެމަހުގައިވާ އެފަދަކަންކަމުން މީސްތަކުން ދުރުކުރުވުމަށެވެ. އަދި އެމަގުތައް ބަންދުކުރުމަށެވެ. ފަހެ، ޙަޤީޤަތުގައި އެއީ ވަގުންނެވެ. ރަމަޟާން މަހުގެ ވަގުންނެވެ.

ރާގުތަކާ ހަވީރީ ހަފްލާތަކުގައި އެބައިމީހުން މީސްތަކުން މަޝްޣޫލުކުރުވައެވެ. އަދި ހަމައެދަފައިން ފިލްމުތަކާއި ސިލްސިލާތަކުންވެސް މެއެވެ. އެގޮތުން އަހަރުގެ އެހެން އެއްވެސް މަހަކާ އަޅާނުކިޔޭ މިންވަރަށް މިމަހަށް ޚާއްޞަކޮށްގެން މީސްތަކުން މަޝްޣޫލުކުރުވާފަދަ ޕްރޮގްރާމްތައް ހަދައެވެ. މިފަދަ ޗެނަލްތަކާއި ޕްރޮގްރާމް ހަދާ ތަންތަނުގެ ވެރިން މަސައްކަތްކުރަނީ ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާފަދަ ޕްރޮގްރާމްތަކުން މިމަސް ފުރާލާށެވެ. އަދި މީސްތަކުންނަށް ހެޔޮ މަގު ބަންދުކުރާށެވެ. އަދި ފިލްމުކުޅޭ އަންހެނުންނަށާއި ފިރިހެނުންނަށް މިމަހުގައި އެބައިމީހުން ބޮޑު މުސާރަދެއެވެެ. މިއީ ތައުބާވެ ﷲ ގެ ޙަޟްރަތަށް ރުޖޫޢަވުމުގެ މައްސަރަށް ވީހިނދު، މިފަދަ ކަންކަމުން މިމަސް ފުރާ މިލަނީ ކީއްވެގެން ހެއްޔެވެ؟

އެބައިމީހުންގެ ތެރެއިން ބައެއްމީހުންގެ ހުރީ މާއްދީ އެދުންތަކެކެވެ. ފަހެ، އެބައިމީހުން ބުނެއެވެ. މީސްތަކުން ޓީވީ ދޮށަށް ޖަމާވުމުން، މިއީ  ޕްރޮގްރާމްތައް ދެއްކުމަށް އަހަރެމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އޭރުން އެޕްރޮގްރާމްތަކާއެކު އަންނަ ވިޔަފާރީގެ އިސްތިހާރުތަކުން އަހަރެމެންނަށް ފައިދާ ވާނެއެވެ. ފަހެ، މިފަދަ ބައެއް ޕްރޮގްރާމްތަކުގެ 25 ޕަސެންޓަކީ އިސްތިހާރަށް ވުމުން ހައިރާންވާކަށް ނުޖެހެއެވެ. އަދި އޭގައިވާ އެއްޗެއް ބަލައިފިއްޔާ ފެންނާނީ “ކޮމިޑީއޭ” މިކިޔާ އެއްޗެވެ. ހެއްވާ މަޖާ ކަންކަމެވެ. އަދި އޭގައިވާނީ އީމާންކަމަށް ބުރުއަރާ، ލަދުހަޔާތްނެތޭ ކަންކަމެވެ. އަދި މިފަދަ ބައެއް ޕްރޮގްރާމުގައި ޖުވާއާއި ބާޖުމެރުން (ބެޓުކުރުން) ހިމެނެއެވެ. އަދި މިޕްރޮގްރާމްތަކުގައި އިޢުލާންކުރާ މުބާރާތްތަކުގައި ބައިވެރިވުމަށް ކުރާ މުއާމަލާތްތަކަށް އަގުނަގައެވެ. (އެފަދަ މުބާރާތްތަކުގައި ބައިވެރިވެވެނީ ފައިސާ ކެނޑޭގޮތަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެނެވެ.) ރަމަޟާން މަހުގައި ޖުވާކުޅެނީއެވެ. މިފާފައިގެ ބޮޑުކަމާއެވެ!

އަދި މީގެ އިތުރަށްވެސް އިސްލާމީ ތާރީޚުގައި ފާޅުވި މުސްލިމުންގެ މަތިވެރި ޝަޚްޞިއްޔަތުތަކުގެ ޞޫރަ ބަދަލުކޮށް އެކަމުގައިވެސް މަޝްޣޫލުކޮށްފިއެވެ. އެގޮތުން ޢުމަރު ބުން ޢަބްދުލްޢަޒީޒާއި، ޚާލިދު ބުން ވަލީދާއި، ޞަލާޙުއްދީނާއި، އިބްނު ތައިމިއްޔާފަދަ ބޭކަލުން ހިމެނެއެވެ. އަދި އިމާމް ޝާފިޢީއާމެދުވެސް އެފަދައިން ކަންތައް ކޮށްފައިވެއެވެ. – رحمهم الله – އުންމަތުގެ މިފަދަ މަތިވެރި ޝަޚްޞިއްޔަތުތަކާ ގުޅޭގޮތުން އެފަދަގޮތަކަށް ޞައްޙަތޯ ނޫންތޯ ބެލުމެއްނެތި ފިލްމު ޑްރާމާ ހަދައިގެން ހުށަހެޅުމަކީ ގޯހެކެވެ. އެއީ ފާޅުވެގެންވާ އުރެދުމެކެވެ. އެބަލާމީހުންގެ ނަފްސުތަކުގައި އެބޭކަލުންނާމެދު ޤަދަރު ކުޑަވެގެންދެއެވެ. އަދި އެބޭކަލުންގެ ބައި ހުށަހަޅައިދޭން މިތިބެނީ މިފަދަ ސިލްސިލާތަކުގައި ބައިވެރިވާ ތަންދޮރު ނުފިލާ މީހުންނާއި ފާސިޤުންނެވެ. މިއީ އުންމަތުގެ ތަރިކަތަކާއި، ޝަޚްޞިއްޔަތުތަކާއި، ބަޠަލުންނާއި، ޢިލްމުވެރިންނާ ދެކޮޅަށް ހިންގޭ ޖަރީމާއެކެވެ.

އަދި ހަމައެފަދައިން އެއީ ބާޠިލަށް މަގުފަހިކުރުވާ އަދި މީސްތަކުން މަޝްޣޫލުކުރުވާ ކަންކަމެވެ. މީސްތަކުން އެކަމުގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އަދި އެބައިމީހުން ރޭގަނޑުގެ ވަގުތުތައް ހޭދަކޮށްލަނީ ވާނުވާ ނޭނގޭ ޙާލުގައެވެ. ކޮންމެވެސް ޗެނަލަކަށް ގެއްލިފައެވެ. އަދި ކޮންމެވެސް ފިލްމެއް ނުވަތަ ސިލްސިލާއެއް ބެލުމުގައެވެ. ނަބިއްޔާ صلي الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((وَمَنْ دَعَا إِلَى ضَلَالَةٍ، كَانَ عَلَيْهِ مِنَ الْإِثْمِ مِثْلُ آثَامِ مَنْ تَبِعَهُ، لَا يَنْقُصُ ذَلِكَ مِنْ آثَامِهِمْ شَيْئًا)) [رواه مسلم (16 – (2674))]

މާނައީ: “އަދި ނުބައި މަގަށް ގޮވާލާމީހާ ދަންނައެވެ. އޭނާ އެގޮވާލާ ކަމަށް ތަބާވާ މީސްތަކުންގެ ފާފަތަކާ އެއްފަދައިން އޭނާގެ މައްޗަށް ފާފަވެއެވެ. އެއީ އެބައިމީހުންގެ ފާފަތަކުން އެއްވެސް މިންވަރެއް އުނިވުމެއްނެތިއެވެ.”

ފަހެ، މިފަދައިން ކަންތައް ހުރިއިރު ދަންނައެވެ. އެބައިމީހުންގެ މުދާ އެހޭދަކުރަނީ މީސްތަކުން ﷲ ގެ މަގުން ދުރުކުރުމަށެވެ. ފަހެ، އެކަމުގެ ފާފަ އެބައިމީހުން އުފުލަން ޖެހޭނެއެވެ. އެހެންކަމުން ވާޖިބުވެގެންވަނީ ﷲގެ މަގުން އެއްކިބާކުރުވާ ހުރިހާ ޗެނަލްތަކެއް ހުއްޓާލުމެވެ. އަދި ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި މިބަރަކާތްތެރި މައްސަރުގައި މަޝްޣޫލުވުމެވެ. އަދި ﷲ ތަޢާލާ ކޯފާވެވޮޑިގަންނަވާ އެންމެހާ ކަންކަމުން ދުރުހެލިވުމެވެ. އަދި މުސްލިމުން އެބައިމީހުންގެ ރޯދައާމެދު ރައްކާތެރިވުން ހުއްޓެވެ. ރޯދައަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. އަދި އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.

*********************************

މިއީ މުޙައްމަދު ޞާލިޙު އަލްމުނައްޖިދު ދެއްވާފައިވާ ޚުޠުބާއަކުން ނަގާފައިވާ ލިޔުމެކެވެ.

ޚުޠުބާގެ އަޞްލު ބެއްލެވުމަށް