[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަބިއްޔާ صلي الله عليه وسلم ދެނެގަތުން

ނަބިއްޔާ صلي الله عليه وسلم ދެނެގަތުމުގައި 5 ކަމެއް ހިމެނިގެން ވެއެވެ.

 

 

 (1) އެކަލޭގެފާނުގެ ނަސަބު ދެނެގަތުން

އެންމެ ޝަރަފުވެރި ނަސަބު ލިބިގެންވާ އިންސާނަކީ އެކަލޭގެފާނެވެ. އެކަލޭގެފާނަކީ ޢަރަބިންގެ ތެރެއިންވާ ޤުރައިޝް ވަންހައިގެ ހާޝިމީ ދަރިކޮޅުގެ ބޭކަލެކެވެ. އެކަލޭގެފާނަކީ މުޙައްމަދު ބުން ޢަބްދު ﷲ ބުން ޢަބްދުލް މުއްޠަލިބު ބުން ހާޝިމެވެ. صلي الله عليه وسلم.

 

 

 (2) އެކަލޭގެފާނުގެ ޢުމުރުފުޅާއި އުފަންވި ރަށް އަދި ހިޖުރަކުރެއްވި ރަށް ދެނެގަތުން

ޝައިޚް މުޙައްމަދު ބުން އަބްދުލް ވައްހާބު رحمه الله ބަޔާން ކުރައްވާފައިވެއެވެ.

“ރަސޫލާ صلي الله عليه وسلم (އަވަހާރަވިއިރު) ޢުމުރުފުޅަކީ 63 އަހަރެވެ. އެކަލޭގެފާނުގެ ރަށަކީ މައްކާއެވެ. އަދި އެކަލޭގެފާނު ހިޖުރަކުރެއްވީ މަދީނާ އަށެވެ.”

އެކަލޭފާނު އުފަންވީ މައްކާގައެވެ. މައްކާގައި 53 އަހަރު ހޭދަކުރެއްވިއެވެ. އެއަށްފަހު މަދީނާއަށް ހިޖުރަކުރެއްވިއެވެ. މަދީނާ ގައި 10 އަހަރު ހޭދަކުރެއްވިއެވެ. އެކަލޭގެފާނު އަވަހާރަވަންދެން މަދީނާގައި ދިރިއުޅުއްވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލް އައްވަލް މަހުގައެވެ.

 

 

 (3) އެކަލޭގެފާނުގެ ނަބީކަމުގެ ޙަޔާތްޕުޅު ދެނެގަތުން

އެއީ 23 އަހަރެވެ. ފަހެ އެކަލޭގެފާނަށް ވަޙީބާވައިލައްވަން ފެށުނީ އެކަލޭގެފާނުގެ އުމުރުފުޅުން 40 އަހަރު ގައެވެ.

 

 

 (4) އެކަލޭގެފާނުގެ ނަބީކަމާއި ރަސޫލުކަމުގެ ދަލީލު ދެނެގަތުން

އެކަލޭގެފާނު ނަބީކަމާއިގެން ފޮނުއްވުނީ ﴿اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ * خَلَقَ الْإِنْسَانَ مِنْ عَلَقٍ * اقْرَأْ وَرَبُّكَ الْأَكْرَمُ * الَّذِي عَلَّمَ بِالْقَلَمِ * عَلَّمَ الْإِنْسَانَ مَا لَمْ يَعْلَمْ﴾ [ސޫރަތުލް ޢަލަޤް 1-5] ބާވައިލެއްވުމުންނެވެ. އަދި އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ ﴿يَا أَيُّهَا الْمُدَّثِّرُ * قُمْ فَأَنْذِرْ * وَرَبَّكَ فَكَبِّرْ * وَثِيَابَكَ فَطَهِّرْ * وَالرُّجْزَ فَاهْجُرْ * وَلَا تَمْنُنْ تَسْتَكْثِرُ * وَلِرَبِّكَ فَاصْبِرْ﴾ [ސޫރަތުލް މުއްދައްޘިރް 1 – 7] ބާވައިލެއްވުމުންނެވެ.

 

 

 (5) އެކަލޭގެފާނު ރިސާލަތާއިގެން ފޮނުއްވުނު ސަބަބު ދެނެގަތުން

ފަހެ ހަމަކަށަވަރުން އެކަލޭގެފާނު ފޮނުއްވުނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމާއި ޝަރީޢަތަށް މިސްތަކުންނަށް ގޮވާލެއްވުމަށެވެ. އެޝަރީޢަތުގައި ކުރުމަށް އަމުރު ކުރެވިގެންވާ ކަންތައްތަކާއި ނުކޮށް ދޫކޮށްލަމަށް އަމުރުކުރެވިގެންވާ ކަންތައްތަށް ހިމެނިގެން ވެއެވެ.

އަދި އެކަލޭގެފާނު ފޮނުއްވުނީ ޢާލަމް ތަކަށް ރަޙުމަތެއް ކަމުގައެވެ. މީސްތަކުން ޝިރުކާއި ކުފުރާއި ޖާހިލުކަމުގެ އަނދިރިކަމުން ޢިލްމާއި އީމާންކަމާއި ތައުޙީދުގެ އަލިކަމަށް ނެރުއްވުމަށް ޓަކައެވެ.

 

 

__________________________________

މަޞްދަރު: ޝައިޙް މުޙައްމަދް ބުން ޞާލިޙް ބުން ޢުޘައިމީން رحمه الله ގެ ޝަރްޙު ޘަލާޘަތުލް އުޞޫލް