ސުންނަތްކަންކަމުގެ ތެރޭގައި ހިމެނޭ މާތްވެގެންވާ ބައެއް ޢަމަލުތައް
ގިނައިން ޛިކުރުކުރުން
ﷲ ގެ ޛިކުރުކުރުމީ މަތިވެރިވެ މާތްވުމުގެ މީޒާނެވެ. އެއީ ތިބާގެ ދޫ އެއިން ޒީނަތްތެރިކުރެވޭ ކަމެވެ. އަދި އަޅާއާއި އޭނާގެ ވެރިރައްބާ ދެމެދުގައި ހުޅުވިފައިވާ ދޮރެކެވެ. އެއީ ޣާފިލުވުމުގެ ސަބަބުން އަޅާ އެދޮރު ބަންދުނުކުރާހާ ހިނދަކުއެވެ. އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.
“ހަމަކަށަވަރުން އެއީ – އެބަހީ: ޛިކުރުކުރުމަކީ – ﷲ ތަޢާލާ އެމީހެއްގެ ޛިކުރުކުރައްވާނޭ ކަމެކެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿فَاذْكُرُونِي أَذْكُرْكُمْ﴾ [سورة البقرة ١٥٢]
މާނައީ: “ފަހެ، ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ.”[1]
ޛިކުރުކުރުމުގައި މިނޫން މާތްކަމެއް ނުވަތަ ޝަރަފެއް ނުވިނަމަވެސް ފުދުނީހެވެ.”
ގިނައިން ޛިކުރުކުރުމުން އަޅާ އޭނާގެ ވެރިރައްބުގެ ޙަޟްރަތުގައި މަތިވެރިވެގެންދެއެވެ. އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم، ކޮންމެ ހިނދެއްގައިވެސް ﷲ ގެ ޛިކުރު ކުރައްވާ އުޅުއްވިއެވެ.
ޛިކުރުކުރުމަކީ ހިތަށް ބާއްޖަވެރިކަން ލިބިގެންދާ ކަމެކެވެ. އަދި ﷲގެ ޙަޟްރަތަށް ކުއްތަންވެވޭ ކަމެކެވެ. އިބްނުލް ޤައްޔިމު ވިދާޅުވިއެވެ.
ޝައިޚުލް އިސްލާމް (އިބްނު ތައިމިއްޔާ) އެއްފަހަރު ތިމަން ގާތުގައި ވިދާޅުވިއެވެ. ‘ޛިކުރުކުރުން ތިމަން ދޫކޮށްލާއިރެއްގައި، އިތުރު ޛިކުރެއްކުރުމަށް ނަފްސަށް އަރާމާއި އާރޯކަން ހޯދައިދިނުމުގެ ނިޔަތުގައި މެނުވީ އެކަން ދޫކޮށްނުލައްވަމެވެ.’ “[2]
ކީރިތި ޤުރުއާން ތިލާވަތުކުރުން
މަތިވެރިވެގެންވާ ފޮތަކީ (އެބަހީ: ކީރިތި ޤުރުއާނަކީ) މިމިއްލަތުގެ އަސާސެވެ. އަދި ޙިކުމަތުގެ ފެންއާރެވެ. އަދި ރިސާލަތުގެ ހެއްކެވެ. އަދި ލޮލާއި ހިތުގެ ނޫރެވެ. އެތިލާވަތުކޮށް އެއަށް ޢަމަލުކުރުމުން މަތިވެރިވެގެންދެއެވެ. އަދި އީމާންކަން އިތުރުވެ ޤަދަރު އުފުލެއެވެ. މަތިވެރިވެގެންވާ ޤުރުއާނަކީ ޢިލްމުތަކުގެ އަޞްލާއި އަސާސެވެ. އަދި އަދަބު އަޚްލާޤު ލިބިގަނެވެނީ އޭގެންނެވެ. ﷲ ގެ ފޮތް ހިތުދަސްކުރުމަކީ ﷲ ގެ އިޛުނަފުޅާ ލައިގެން ނުބައިކަމުންނާއި ފިތުނައިން އަޅާ ރައްކާތެރިކޮށްދޭނޭ ކަމެކެވެ. އަދި ޝުބުހަތަކުންނާއި (އެބަހީ: ދީނުގައި އޮޅުން އަރާކަންކަމުން) ޝަހްވަތްތަކުގެ ކިބައިން ހުރި ރައްކާތެރިކަމެކެވެ. ފަހެ ޤުރުއާން ދުލުން ކިޔަވާއިރު، ހިތުން އޭގެ މާނަތަކާމެދު ވިސްނާ ފިކުރުކުރާށެވެ.
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] الوابل الصيب (ص: 62)
[2] الوابل الصيب (ص: 93)