ދަންނާށެވެ. ތައުޙީދުގެ އިދިކޮޅަކީ ޝިރުކެވެ. ޝިރުކު ބެހިގެންވަނީ ދެ ބަޔަށެވެ.
– ބޮޑު ޝިރުކު
– ކުޑަ ޝިރުކު
ފުރަތަމަ ބައި: ބޮޑު ޝިރުކު
ބޮޑު ޝިރުކާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدْ ضَلَّ ضَلَالًا بَعِيدًا﴾ [سورة النساء ١١٦]
މާނައީ: “ހަމަކަށަވަރުން، ﷲއަށް ޝަރީކުކުރުމުގެ ފާފައެއް އެއިލާހު ނުފުއްސަވާނެތެވެ. އެނޫން ފާފަތައް، އެއިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވަތެވެ. ﷲއަށް ޝަރީކުކުރާމީހާ (ދަންނައެވެ!) ފަހެ، އޭނާ ދުރުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެކަން ކަށަވަރެވެ.”
އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.
﴿وَقَالَ الْمَسِيحُ يَا بَنِي إِسْرَائِيلَ اعْبُدُوا اللَّـهَ رَبِّي وَرَبَّكُمْ إِنَّهُ مَن يُشْرِكْ بِاللَّـهِ فَقَدْ حَرَّمَ اللَّـهُ عَلَيْهِ الْجَنَّةَ وَمَأْوَاهُ النَّارُ وَمَا لِلظَّالِمِينَ مِنْ أَنصَارٍ﴾ [سورة المائدة ٧٢]
މާނައީ: “އަދި އަލްމަސީޙު (ޢީސާ) ވިދާޅުވިއެވެ. އޭ އިސްރާއީލުގެ ދަރިންނޭވެ! އަހުރެންގެ ވެރިރައްބު، އަދި ތިޔަބައިމީހުންގެވެސް ވެރިރައްބު ކަމުގައިވާ ﷲއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ! ހަމަކަށަވަރުން ﷲއަށް ޝަރީކުކުރާ މީހާ (ދަންނައެވެ!) ފަހެ، ހަމަކަށަވަރުން، ﷲ، އެމީހާގެ މައްޗަށް ސުވަރުގެ ޙަރާމް ކުރެއްވިއެވެ. އަދި އެމީހަކު އުޅޭނެ ތަނަކީ ނަރަކައެވެ. އަދި އަނިޔާވެރިންނަށް (އެބަހީ: ޝަރީކަކުޅަ މީހުންނަށް) ނަޞްރުދޭނޭ އެއްވެސް ބަޔަކު ނުވެއެވެ”.
ބޮޑު ޝިރުކުގެ ހަތަރު ވައްތަރެއްވެއެވެ.
ފުރަތަމަ ވައްތަރު: ދުޢާކުރުމުގައި ޝިރުކުކުރުން
މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ﴿٦٥﴾ لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا فَسَوْفَ يَعْلَمُونَ ﴿٦٦﴾ [سورة العنكبوت]
މާނައީ: “ފަހެ، އެބައިމީހުން (އެބަހީ: މުޝްރިކުން) ނަވަށް އެރިހިނދު، އެއިލާހަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، ﷲއަށް ދުޢާ ކުރެތެވެ. ފަހެ އެއިލާހު އެބައިމީހުން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެބައިމީހުން (އެއިލާހަށް) ޝަރީކު ކުރެތެވެ. [65] (އެބައިމީހުން ޝަރީކު ކުރަނީ) ތިމަންއިލާހު ދެއްވި ނިޢުމަތަށް ކާފިރުވުމަށްޓަކައެވެ. އަދި އެބައިމީހުން (ދުނިޔޭގައި) ވަގުތުކޮޅަކަށް އަރާމު ލިބިގަތުމަށްޓަކައެވެ. ފަހެ، ނިކަންހުރެ، އެބައިމީހުންނަށް (އޭގެ ނަތީޖާ) އެނގޭ ހުށްޓެވެ. [66]”
ދެވަނަ ވައްތަރު: ނިޔަތުގައި ޝިރުކުކުރުން (ކަމަކަށް ޤަޞްދުކުރާއިރު އެކަމުގައި ޝިރުކުކުރުން)
މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.
مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ ﴿١٥﴾ أُولَـٰئِكَ الَّذِينَ لَيْسَ لَهُمْ فِي الْآخِرَةِ إِلَّا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَّا كَانُوا يَعْمَلُونَ ﴿١٦﴾ [سورة هود]
މާނައީ: “ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނައެވެ!) އެއުރެންގެ ޢަމަލުތައް ތިމަންއިލާހު އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާ ހުށްޓެވެ. [15] އެއުރެންނީ އާޚިރަތުގައި ނަރަކަ ނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައް އެތާނގައި، ބޭކާރުވެގެންވެތެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް ބާޠިލުވެގެންވެތެވެ. []16] “
ފިލާވަޅުގެ އިރުޝާދުތައް
* ބޮޑު ޝިރުކަކީ ﷲ ނޫން ފަރާތަކަށް އަޅުކަމެއް އަދާކުރުމެވެ. އެއީ ﷲ ނޫން ފަރާތަކަށް ދުޢާކުރުމާއި ޛަބަޙަކުރުން ފަދަ ކަންކަމެވެ. އެކަންކުރާމީހާ މިއްލަތުން ބޭރުވާނެއެވެ. އަދި ތައުބާ ނުވެ އެގޮތުގައި މަރުވެއްޖެނަމަ ދާއިމަށް ނަރަކައިގައި އޮންނާނެއެވެ.
* ދުޢާކުރުމުގައި ޝިރުކުކުރުމަކީ މުޞީބާތެއް ފިއްލަވައިދެއްވުން އެދި ނުވަތަ ފައިދާއެއް ޙާޞިލުކުރުމަށް އެދިގެން ﷲ ނޫން ފަރާތަކަށް ދުޢާކުރުމެވެ. އެއީ ލުއިފަސޭހަކަމުގެ ދުވަސްވަރު މުޝްރިކުން ކޮށްއުޅުނު ކަމެކެވެ.
* މުޝްރިކުންގެ ބަޔަކު ނަވަކަށް އެރިއެވެ. އަދި އެބައިމީހުންގެ އިލާހުންތަކަށް އަޅުކަންކޮށް ދުޢާކޮށް އުޅުނެވެ. ދެން ވައި ގަދަވެ، ނަވު ހެލެން ފަށައިފިއެވެ. ފަހެ އޭގައި ތިބި މީހުން ބުނެފިއެވެ. އިޚްލާޞްތެރިކަމާއެކު ތިޔަބައިމީހުންގެ ރައްބަށް (ﷲއަށް) ދުޢާކުރާށެވެ. އެއިލާހަށް ފިޔަވައި ތިޔަބައިމީހުން މިކަމުން ސަލާމަތް ނުކޮށްދެވޭނެއެވެ. އޭރު ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ފިލައިގެން އައިސްފައިވާ ބޭކަލަކު އެނަވުގައި ހުއްޓެވެ. އެކަލޭގެފާނު މައްކާއަށް ވެދެވަޑައިގެން ވިދާޅުވިއެވެ. “އެއިލާހު ފިޔަވާ އެހެން ފަރާތަކަށް ކަނޑުގައި ސަލާމަތް ނުކޮށްދެވެންޏާ، ބިމުގައިވެސް އެއިލާހު ފިޔަވާ އެހެން ފަރާތަކަށް ސަލާމަތް ނުކޮށްދެވޭނެއެވެ.” ދެން އެނބުރި މައްކާއަށް ވަޑައިގަތުމަށްފަހުގައި އެކަލޭގެފާނު އިސްލާމްދީނަށް ވެދެވަޑައިގަތެވެ. އެބޭކަލަކީ ޢިކްރިމާ ބުން އަބީ ޖަހުލެވެ.[1]
* ލުއި ފަސޭހަކަމުގެ ވަޤުތުގައިވިޔަސް އަދި އުނދަލުގެ ވަޤުތުގައިވިޔަސް ﷲ ނޫން ފަރާތަކަށް ދުޢާކުރުމީ ބޮޑު ޝިރުކެކެވެ.
* ނިޔަތުގައި ޝިރުކުކުރަނީ އާޚިރަތް ހަނދާން ނައްތާލާފައި އާޚިރަތް ހޯދުމަށް މަސައްކަތް ނުކުރާ މީހުންގެ ކިބައިންނެވެ. އެބައިމީހުން އަބަދުވެސް މަސައްކަތްކުރާނީ ކޮންމެކަމަކުންވެސް ދުނިޔެ ހޯދާށެވެ. އަޅުކަންތައް އަދާކުރާނީވެސް ހަމައެކަނި އެނިޔަތުގައެވެ. އޭގެ މިޘާލަކީ ހަމައެކަނި ޣަނީމާމުދާ ހޯދުމަށްޓަކައި ޖިހާދުކުރާ މީހެކެވެ.
* މުއުމިނު އަޅާގެ ނިޔަތް ޚާލިޞްކޮށް، އަދި އޭނާ ކުރާ ދުޢާއަކީވެސް އިޚްލާޞްތެރިކަމާއެކު ޢާލަމްތަކުގެ ވެރިރައްބަށް އަދާކުރެވޭ ކަމެއްކަމުގައި ހަދަންޖެހެއެވެ. އަދި އެކަމުގައި އެއްވެސް ފަރާތެއް ބައިވެރިކުރުމެއް ނުވެއެވެ.
ސުވާލުތައް
1- ޝިރުކު ބެހިގެންވާ ބައިތައް ލިޔާށެވެ.
2- ބޮޑު ޝިރުކަކީ ކޮބާ ހެއްޔެވެ؟
3- ދުޢާކުރުމުގައި ޝިރުކުކުރުމަކީ ކޮބާ ހެއްޔެވެ؟
4- ރަނގަޅު ޖަވާބު ޚިޔާރުކުރާށެވެ.
فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ﴿٦٥﴾ [سورة العنكبوت]
މާނައީ: “ފަހެ، އެބައިމީހުން (އެބަހީ: މުޝްރިކުން) ނަވަށް އެރިހިނދު، އެއިލާހަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، ﷲއަށް އެބައިމީހުން ދުޢާ ކުރެތެވެ. ފަހެ އެއިލާހު އެބައިމީހުން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެބައިމީހުން (އެއިލާހަށް) ޝަރީކު ކުރެތެވެ. [65]”
މިއާޔަތުގައި “އެބައިމީހުން” ގެ މުރާދަކީ:
(ހ) މުޝްރިކުން
(ށ) މުނާފިޤުން
(ނ) މުސްލިމުން
5- ބޮޑު ޝިރުކުގެ މިޘާލެއް ބަޔާންކުރާށެވެ.
6- ނިޔަތުގައި ޝިރުކުކުރާކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟
= ނުނިމޭ =
_____________________________
[1] ބައްލަވާ: الإصابة في تمييز الصحابة (2/496) وسنن النسائي (4067) وصححه الألباني.