ބަދުރު ހަނގުރާމަ
ޙަމްދުހުރީ ﷲ އަށެވެ. އެއިލާހީ އެއްވެސްކަމަކަށް ނުކުޅެދިގެންނުވާ ގަދަފަދަވަންތަ އިލާހެވެ. އަދި އެއިލާހީ އެއިލާހުގެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހީ އަޅުތަކުންގެ މަތީގައި ވޮޑިގެންވާ އަޅުތަކުންގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. އަދި އެއިލާހީ އެންމެހާ ވެރިކަމެއް އެއިލާހަށް ލިބިވޮޑީގެންވާ، އެއިލާހުގެ އެއްކައުވަންތަކަން ބަޔާންވެގެންވާ، ޙައްޤުވަންތަ އިލާހެވެ. އެއިލާހަށް އެންމެ ހިމަ ކުކުރުމުގެ އަޑުވެސް ވަންހަނާވެވޮޑިގެން ނުވެއެވެ. އަދި މަޔެއްގެ ބަނޑުގައިވާ ކުޑަ ދަރިފުޅުގެ ހަރަކާތްތައްވެސް އެއިލާހަށް ވަންހަނާވެވޮޑިގެން ނުވެއެވެ. ޖައްބާރު ވެރިންތައްވަނީ އެއިލާހުގެ ކިބުރިޔާވަންތަކަމުގެ ކުރިމަތީ ނިކަމެތިވެގެންނެވެ. އަދި އެއިލާހުގެ ޙިކުމަތުން ނިޔާކުރައްވައެވެ. އެއިލާހީ އެންމެ ޙިކުމަތްވަންތަ އިލާހެވެ. ޝުކުރުވެރިންގެ ޙަމްދުން މިއަޅާ އެއިލާހަށް ޙަމްދު ކުރަމެވެ. އަދި ކެތްތެރިންގެ އެހީތެރިކަމަށް މިއަޅާ އެއިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި ﷲމެނުވީ ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް ބައިވެރިއަކު ނުވެއެވެ. އެއިލާހީ އިސްވެދިޔަ މީހުންނާއި ފަހުން އަންނާނޭހާ ބައެއްގެ ވެރި އިލާހެވެ. އަދި މުޙައްމަދުގެފާނަކީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަކީ ހުރިހާ ރަސޫލުބޭކަލުންގެ ތެރެއިން ޚިޔާރު ކުރެވިފައިވާ ބޭކަލެކެވެ. އެކަލޭގެފާނަކީ ފޮނުއްވުނު މަލާއިކަތުންގެ ސަބަބުން ބަދުރު ހަނގުރާމައިގައި ނަޞްރު ލިބިވަޑައިގެންނެވި ބޭކަލެވެ. އެކަލޭގެފާނުގެ މައްޗަށް ޞަަލަވާތް ލައްވާށިއެވެ. އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި ތާބިޢީންނާއި އެބޭކަލުންނަށް އިޙުސާންތެރި ގޮތުގައި ތަބަޢާވީހާ ބަޔަކަށް ޤިޔާމަތާއި ހަމައަށް ޞަލަވާތް ލައްވާށިއެވެ. އަދި ގިނަގުނަވެގެންވާ ސަލާމުން ސަލާމް ލައްވާށިއެވެ.
އަޚުންނޭވެ! މިމަހުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ، ބަދުރުގެ ބޮޑު ހަނގުރާމައިގައި، މުސްލިމުންނަށް އެމީހުންގެ ޢަދާވާތްތެރި މުޝްރިކުންގެ މައްޗަށް ނަޞްރު ދެއްވިއެވެ. އެދުވަހަށް ޔައުމުލް ފުރުޤާނުގެ ނަމުން ނަން ކިޔެއެވެ. އެހެނީ މިހަނގުރާމައިގައި، ﷲ ޞުބުޙާނަހޫ ވަތަޢާލާ މުޝްރިކުންގެ ކުއްފާރުން ނިކަމެތި ކުރައްވާ އެއިލާހުގެ ރަސޫލާއަށާއި މުސްލިމުންނަށް ނަޞްރުދެއްވުމުން ޙައްޤާއި ބާޠިލު ވަކިކުރެއްވިއެވެ. މިކަންހިނގީ ހިޖުރައިން ދެވަނަ އަހަރުގެ ރަަމަޟާން މަހުގައެވެ.
މިހަނގުރާމަ ހިނގުމަށް މެދުވެރި ސަބަބަކީ، ޤުރައިޝުންގެ ވިޔަފާރި ޤާފިލާއަކާއިގެން އަބޫ ސުފްޔާނު ޝާމުކަރައިން މައްކާއަށް އެނބުރި އަންނަ ޚަބަރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބުމުން، އެކަލޭގެފާނު އެކަލޭގެފާނުގެ އަޞްޙާބުންނަށް އެވިޔަފާރި ޤާފިލާ އަތުލައިގަތުމަށް ގޮވާލުމެވެ. އެހެނީ ޤުރައިޝުންވީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުންނާ ޙަނގުރާމަކުރުމުގެ މަތީގައެވެ. އެކަލޭގެފާނާ އެމީހުންނާއެކު އޭރު އަހުދެއް ނުވެއެވެ. އަދި އެބައިމީހުންވަނީ މުސްލިމުން އެމީހުންގެ ގެދޮރާއި މުދާތަކުން މަޙްރޫމުކޮށް ރަށުން ނެރެލާފައެވެ. އަދި އެބައިމީހުން މުސްލިމުން ގޮވާލަމުންދިޔަ ޙައްޤު ގޮވާލުމާ ދެކޮޅުވެރިވުމުގައި ދެމިތިއްބެއެވެ. އެ ވިޔަފާރި ޤާފިލާ ޙައްޤުވެގެންވާ ބައެއްކަމުގައި ވާތީވެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން އެ ވިޔަފާރި ޤާފިލާ ބޭނުންވީއެވެ.
ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިންސަތޭކަ ތޭރައާއި ތިންސަތޭކަ ނަވާރައާއި ދެމެދުގެ އަޞްޙާބުބޭކަލުންނާއިއެކު ނުކުމެވަޑައިގަތެވެ. އެބޭކަލުންނާއެކު ދެ އަހާއި ހަތްދިހަ ޖަމަލު ވިއެވެ. އޭގެ ތެރެއިން ހަތްދިހަ ބޭކަލުންނަކީ މުހާޖިރުންނެވެ. ބާކީތިއްބެވި ބޭކަލުންނަކީ އަންޞާރުންނެވެ. އެބޭކަލުން ބޭނުންވީ ވިޔަފާރި ޤާފިލާ އަތުލައިގަތުމަށެވެ. ހަނގުރާމައެއް ކުރުމަކަށް ނޫނެވެ. އެހެން ނަމަވެސް ﷲތަޢާލާ ބޭނުންވެ ވޮޑިގެންވީ، އެބޭކަލުންނާއި އެބޭކަލުންގެ ޢަދުވުން، އިސްވެ ވަގުތު ކަނޑައެޅުމެއް ނެތި ބައްދަލު ވުމަށެވެ. އެއީ ﷲ ނިޔާކުރައްވާފައިވާކަމެއް ހަމަޖެހި ނިމި ދިޔުމަށްޓަކައެވެ. އަދި އެއިލާހު އިރާދަކުރެއްވިކަމެއް ފުރިހަމަވުމަށްޓަކައެވެ. ފަހެ އަބޫ ސުފިޔާނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންގެ ކަންތައްތައް އެނގުނެވެ. އަދި އެމީހުންގެ ވިޔަފާރި ޤާފިލާ ޙިމާޔަތް ކުރުމަށްޓަކައި، މިކަމުގެ ޚަބުރު ޤުރައިޝުންނަށް ދިނުމަށް މީހަކު ފޮނުވިއެވެ. އަދި އާންމުކޮށް ދަތުރުކޮށްއުޅޭ މަގު ދޫކޮށްލައި އައްސޭރިންލާފައި ދަތުރުކޮށް ސަލާމަތްވިއެވެ.
އަދި ޤުރައިޝުން ދަންނައެވެ! ދެންފަހެ އެމީހުންގެ ކައިރިއަށް ގަދައަޑުން ޚަބަރުދޭ މީހާ އައުމުން، އެމީހުންގެ ޝަރަފުވެރިންނާއެކު، ގާތްގަނޑަކަށް އެއްހާހެއްހާ މީހުންނާއި އެކު، އެކަކުވެސް ދޫނުކޮށް އެކަތިގަނޑަކަށް ހަނގުރާމައަށް ނުކުތެވެ. އަދި އެމީހުންނާއެކު ސަތޭކަ އަހާއި ހަތްސަތޭކަ ޖަމަލު ވިއެވެ. ﴿بَطَرًا وَرِئَاءَ النَّاسِ وَيَصُدُّونَ عَن سَبِيلِ اللَّـهِ وَاللَّـهُ بِمَا يَعْمَلُونَ مُحِيطٌ﴾ [الأنفال: 47 ] މާނައީ: “ބޮޑާވެ، މީސްތަކުންނަށް ކަންދެއްކުމުގެ ގޮތުން، އަދި ﷲގެ މަގުން މީސްތަކުން ދުރުކުރާ ޙާލުއެވެ. ﷲއީ، އެއުރެންކުރާ ޢަމަލުތައް ފުރިހަމަޔަށް ދެނެވޮޑިގެންވާ އިލާހެވެ.” އަދި އެމީހުންނާއެކު މުސްލިމުންނަށް މަލާމާތްކޮށް ލަވަކިޔާ އަޅުންތަކެއް ވިއެވެ. ދެންފަހެ މައްކާގެ މުޝްރިކުން ހަނގުރާމައަށް ނުކުތްކަމުގެ ޚަބަރު އަބޫ ސުފުޔާނަށް ލިބުމުން، އެމީހުން ސަލާމަތްވިކަމުގެ ޚަބަރު ދިނުމަށްޓަކައި މީހަކު ފޮނުވިއެވެ. އަދި ހަނގުރާމަނުކޮށް އެނބުރި ދިޔުމަށް އެންގިއެވެ. އެމީހުން އެކަމަށް އިންކާރު ކުރިއެވެ. އަދި އަބޫ ޖަހުލު ބުނެފިއެވެ: “ﷲ ގަންދީ ބުނަމަވެ. ބަދުރާ ހަމައަށް ދާންދެން އަހަރެމެން އެނބުރި ނުދާނަމެވެ. އަދި އަހަރެމެން އެތާ ތިންދުވަހު ތިބޭނީއެވެ. އަދި އަހަރެމެން ގެރިބަކަރި ޖަމަލު ކަތިލާނީއެވެ. އަދި ކެއުންތަށް ކާނީއެވެ. އަދި ރާ ބޯނީއެވެ. އަދި އަހަރެމެންގެ ވާހަކަ ޢަރަބިން އަޑުއަހާނެއެވެ. އަބަދުވެސް އެމީހުންވަނީ އަހަރެމެން ދެކެ ބިރުގަންނަ ބައެއް ގޮތުގައެވެ.”
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަންނައެވެ. ދެންފަހެ އެކަލޭގެފާނަށް ޤުރައިޝުން ހަނގުރާމައަށް ނުކުންނަ ޚަބަރު ލިބުމުން، އެކަލޭގެފާނާ އެކުވީ ޞަޙާބިން ޖަމާކުރެއްވިއެވެ. އަދި މަޝްވަރާއަށް އެދިވަޑައިގަތެވެެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.“ހަމަކަށަވަރުން ﷲ ތަޢާލާވަނީ ދެޖަމާޢަތަކުންކުރެ ޖަމާޢަތެއް ދެއްވުމަށް ތިމަންކަލޭގެފާނަށް ވަޢުދުވެ ވޮޑިގެންފައެވެ. އެއީ ވިޔަފާރި ޤާފިލާ ނުވަތަ ހަނގުރާމައިގެ ލަޝްކަރެވެ.”[1] ދެންފަހެ މިޤުދާދު ބުން އަލްއަސްވަދު ތެދުވެ ވަޑައިގަތެވެ. -އެކަލޭގެފާނަކީ މުހާޖިރިއްޔަ ބޭކަލެކެވެ- އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ﷲ ޢައްޒަވަޖައްލަ އަމުރުކުރައްވާފައިވާ ތަނަކަށް ތިމަަންބޭކަލުންނާއިގެން ވަޑައިގަންނަވާށެވެ. ﷲ ގަންދީ ވިދާޅުވަމެވެ. އިސްރާއީލުގެ ދަރިން މޫސާގެފާނަށް ބުނިފަދައިން ﴿فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ﴾ [المائدة: 24 ] މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިއިލާހާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނީއެވެ.”[2] މިފަދައިން ތިމަންބޭކަލުން ވިދާޅުނުވާނަމެވެ. އެހެނެއްކަމަކު ކަލޭގެފާނުގެ ކަނާއަތުންނާއި ވައަތުންނާއި ކުރިމަތިންނާއި ފަހަތުން ތިމަންބޭކަލުން ހަނގުރާމަ ކުރައްވާނަމެވެ.” އަދި އައުސް ވަންހައިގެ ވެރިޔާ ސަޢުދު ބުން މުޢާޛު އަލްއަންޞާރީ ތެދުވެ ވަޑައިގަތެވެ. ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަންޞާރުން އެމީހުންގެ ރަށުގައި މެނުވީ ކަލޭގެފާނާށް ނަޞްރު ނުދެއްވާނެކަމުގެ ބިރު ކަލޭގެފާނަށް ހީވާކަހަލައެވެ. އަދި ހަމަކަށަވަރުން އެބޭކަލުންގެ ފަރާތުން ޖަވާބުދާރީވަމުން ތިމަންކަލޭގެފާނު ވިދާޅުވަމެވެ. ކަލޭގެފާނު ބޭނުންތަނަކަށް ދަތުރު ކުރައްވާށެވެ. އަދި ބޭނުން މީހަކާ ކަލޭގެފާނު ގުޅުން ދަމަހައްޓާށެވެ. އަދި ބޭނުން މީހަކާއި ގުޅުން ކަނޑާށެެވެ. އަދި ތިމަންބޭކަލުންގެ މުދަލުން ކަލޭގެފާނު ބޭނުންފުޅު މުދަލެއް ނަންގަވާށެވެ. އަދި އެމުދަލުން ކަލޭގެފާނު ބޭނުންފުޅު މުދަލެއް ތިމަންބޭކަލުންނަށް ދެއްވާށެވެ. އަދި ކަލޭގެފާނު ތިމަންބޭކަލުންގެ މުދަލުން ނަންގަވާ އެއްޗެއް، ކަލޭގެފާނު ދޫކޮށްލައްވާ އެއްޗަކަށްވުރެ ތިމަންބޭކަލުންގެ އަރިހުގައި މާ ލޯބިވެތިކަން ބޮޑެވެ. އަދި ކަލޭގެފާނު ކަމަކަށް އަމުރުކުރައްވައިފިނަމަ ތިމަންބޭކަލުންނަށްވަނީ ކަލޭގެފާނުގެ އަމުރަށް ކިޔަމަންވުމެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނު ތިމަންބޭކަލުންނާއިގެން ޣަމްދާނުގައިވާ އަލްބިރަކިއޭ ކިޔުނު ތަނާ ހަމައަށް ދިޔަކަމުގައި ވީނަމަވެސް ތިމަންބޭކަލުން ކަލޭގެފާނާއެކު ދާހުށީމުއެވެ. އަދި ކަލޭގެފާނު ތިމަންބޭކަލުންނާއިގެން މިއޮށް ކަނޑަށް އެރެން ދިޔަކަމުގައިވިއަސް ކަލޭގެފާނާއެކު ތިމަންބޭކަލުން އެރޭހުށީމެވެ. މާދަމާ ތިމަންބޭކަލުން ދުޝްމިނުންނާ ބައްދަލުވުމަކީ ތިމަންބޭކަލުން ނުރުހޭ ކަމެއް ނޫނެވެ. ތިމަންބޭކަލުންނަކީ ހަނގުރާމައިގައި ކެތްތެރި، ލަޝްކަރުތަކާ ބައްދަލުވާ ހިނދު ތެދުވެރި ބަޔަކީމުއެވެ. އަދި ﷲތަޢާލާ ތިމަންބޭކަލުންގެ ކިބައިން ކަލޭގެފާނުގެ ލޯފުޅަށް ފިނިކަންލިބޭފަދަ ކަންކަން ދައްކަވާނޭކަމަށް އުންމީދުކުރައްވަމެވެ.”[3] މުހާޖިރުންނާއި އަންޞާރުންގެ ވާހަކަތަށް އިވިިފައި އެކަލޭގެފާނު ވަރަށް އުފާކުރައްވައި ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުން (ކުރިއަށް) ވަޑައިގަންނަވާށެވެ. އަދި އުފާކުރައްވާށެވެ. ﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނަށް އެބައިމީހުން މަރުވެގެން ވެއްޓޭތަންތަން ފެންނަ ކަހަލައެވެ.”[4]
ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ރަޙްމާނުވަންތަ އިލާހުގެ ލަޝްކަރާއިގެން ބަދުރުގެ ފެން ހުންނަ ހިސާބަށް ދެވެންދެން ކުރިއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އަލްޙުބާބު ބުން އަލްމުންޛިރް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. މިމަންޒިލާމެދު ކަލޭގެފާނު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯއެވެ. މިއީ ކުރިޔަށް ނުވަތަ ފަހަތަށް ޖެހުމެއް ނެތި، ﷲތަޢާލާ ކަލޭގެފާނު އެމަންޒިލަކަށް ފައިބައި ވަޑައިގަންނަވަން އެންގެވި މަންޒިލުތޯއެވެ؟ ނުވަތަ ހަނގުރާމާގެ ގަވާއިދާއި މަކަރާއި ރައުޔާ އެއްގޮތަށް ދޫކޮށްލެވިފައިވާ ކަމެއްތޯއެވެ؟” މިހެންދެންނެވުމުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އަދި ކިއެއްހެއްޔެވެ. މިއީ ހަނގުރާމާގެ ހީލަތާއި މަކަރުވެރިކަމާއި ރައުޔަށް ދޫކޮށްލެވިފައިވާކަމެކެވެ.” ދެން އެކަލޭގެފާނު ދަންނަވައިފިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިޔަހެންވިއްޔާ، މިއީ ތިބުން އެކަށީގެންވާ ތަނެއް ނޫނެވެ. ތިމަންބޭކަލުންނާއިގެން ކަލޭގެފާނު ވަޑައިގެން އެންމެ ކައިރީގައި އެހެރަ ފެންވަޅުގެ ކައިރިއަށް ފައިބައި ވަޑައިގަންނަވާށެވެ. ދެން ތިމަންބޭކަލުން އެތަނަށް ގޮސް ފައިބައި އެވަޅު މިލްކުކޮށް އަތްދަށުލާފައި އޭގެ ކައިރީގައި ޙައުޟެއް ހަދައި އެހެން ވަޅުތައް ހިއްކާލާނީއެވެ. އޭރުން ތިމަންބޭކަލުންނަށް ފެން ބޯން ލިބިފައި އެބައިމީހުންނަށް ފެންބޯކަށް ނުލިބޭނެއެވެ.” ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެއީ ރަނގަޅު ރައުޔެއްކަމުގައި ދެކިވަޑައިގަންނަވައި އެތަނަށް ވަޑައިގަތެވެ.[5]
ދެން އެކަލޭގެފާނު ބަދުރުގެ ވާދީގެ ކައިރި ފަރާތުން މަދީނާއާ ކައިރިން އަދި މުޝްރިކުން ބަދުރުގެ ވާދީގެ ދުރުފަރާތުން، މައްކާއާ ކައިރިން މައިދާނަށް ފޭބިއެވެ. އެރޭ، ﷲތަޢާލާ ވާރެއެއް ވެއްސެވިއެވެ. އެވާރޭވެގެން ދިޔައީ މުޝްރިކުންނަށް ގަދަ ބޯ ވިއްސާރައަކަށެވެ. އަދި ބިމުގެ ވެލިގަނޑު ޗަސްވެ އެމީހުންނަށް ކުރިޔަށް ދިޔުން އުނދަގޫވެގެން ދިޔައެވެ. އަދި މުސްލިމުންނަށް އެވާރެ ވެގެންދިޔައީ ހިމަފޮދު ވާރެއަކަށެވެ. އެވާރޭ އެމީހުން ޠާހިރު ކުރެއްވިއެވެ. އަދި ބިންގަޑު ހަރުވިއެވެ. އަދި އެމީހުންގެ ފައިތިލަތަށް ބިމުގައި ޘާބިވެގެން ދިޔައެވެ.
ދެން މުސްލިމުން، ހަނގުރާމައިގެ މައިދާނުގެ ފަހަތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އުސްކޮށް ކުޑަ ގެކޮޅެއްހެން އަރީޝެއް ބިނާކޮށްދިނެވެ. ދެން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރީޝުން ނުކުމެ ވަޑައިގެން އަޞްޙާބުބޭކަލުންގެ ސަފުތައް އެއްވަރުކުރެއްވިއެވެ. އަދި ހަނގުރާމާގެ މައިދާނުގައި އެކަލޭގެފާނު ހިންގެވިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުގެ އިޝާރާތުން މުޝްރިކުން މަރުވެގެން ވެއްޓޭނެ ތަންތަން ދައްކަވަމުން ދިޔައެވެ. ޙަދީޘްކުރެެއްވިއެވެ. ((هَذا مَصْرَعُ فُلَانٍ غَدَا، إِنْ شَاءَ اللهُ))[6] މާނައީ: “ﷲ އިރާދަކުރެއްވިއްޔާ މިއީ އެވެނި މީހެއް މާދަމާ މަރުވެގެން ވެއްޓޭނެ ތަނެވެ.” އެކަލޭގެފާނު އެ އިޝާރާތް ކުރެއްވި ތަންތަނުން އެންމެ ތަންކޮޅެއްވެސް އެމީހުން ކުރިޔަށް ޖެހިލާފައިވެސް ނުވެއެވެ. ދެން އެއަށްފަހުގައި އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެކަލޭގެފާނުގެ އަޞްޙާބުންނަށާއި ޤުރައިޝުންނަށް ބައްލަވާލެއްވިއެވެ. އަދި މިފަދައިން ދުޢާކުރެއްވިއެވެ. ((اللهم هذه قريش جاءت بفخرها وخيلائها وخيلها تُحَادُّك وتكذب رسولك، اللهم نصرك الذي وعدتني، اللهم أنجز لي ما وعدتني، اللهم إني أنشدك عهدك ووعدك، اللهم إن شئت لم تُعْبَد، اللهم إن تهلك هذه العصابة اليوم لا تُعْبَ))[7] މާނައީ: “އޭ ﷲއެވެ. މިތިބީ ޤުރައިޝުން، އެމީހުންގެ ބޮޑާކަމާއި ކަންދެއްކުމާއިގެން އައިސްފައެވެ. ފަހެ އިބައިލާހުގެ ރަސޫލާ ދޮގުކޮށް އިބައިލާހަށް އެބައިމީހުން ދެކޮޅުވެރި ވެއްޖެއެވެ. އޭ ﷲއެވެ. އިބައިލާހު އަޅާއަށް ވަޢުދު ކުރައްވާފައިވާ ނަޞްރަށް އެދި ދަންނަވަމެވެ. އަދި އިބައިލާހު ވަޢުދު ކުރައްވާފައިވާ ކަންތަކަށް އެދި ދަންނަވަމެވެ. އޭﷲއެވެ. ހަމަކަށަވަރުން އިބައިލާހުގެ ޢަހުދާއި ވަޢުދުފުޅުގެ މަތިން ދަންނަވަމެވެ. އިބައިލާހު އިރާދަ ކުރައްވާނަމަ އިބަ އިލާހަށް އަޅުކަން ނުކުރެވުނީހެވެ. އޭﷲއެވެ. އިބައިލާހު މިއަދު މި މީސްކޮޅު ހަލާކުކުރައްވައިފިނަމަ އިބައިލާހަށް އަޅުކަން ކުރާނެ ބަޔަކު ނުތިބޭނެއެވެ.”
އަދި މުސްލިމުން އެބައިމީހުންގެ ވެރިރައްބުގެ ޙަޟުރަތުން ނަޞްރަށް އެދި، އެއިލާހުގެ ޙަޟުރަތުން ރައްކާތެރިކަމަށް އެދުނެވެ. ދެން އެއިލާހު އެބައިމީހުންގެ ދުޢާ އިޖާބަކުރެއްވިއެވެ. ﴿إِذْ يُوحِي رَبُّكَ إِلَى الْمَلَائِكَةِ أَنِّي مَعَكُمْ فَثَبِّتُوا الَّذِينَ آمَنُوا سَأُلْقِي فِي قُلُوبِ الَّذِينَ كَفَرُوا الرُّعْبَ فَاضْرِبُوا فَوْقَ الْأَعْنَاقِ وَاضْرِبُوا مِنْهُمْ كُلَّ بَنَانٍ﴿١٢﴾ ذَٰلِكَ بِأَنَّهُمْ شَاقُّوا اللَّـهَ وَرَسُولَهُ ۚ وَمَن يُشَاقِقِ اللَّـهَ وَرَسُولَهُ فَإِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿١٣﴾ ذَٰلِكُمْ فَذُوقُوهُ وَأَنَّ لِلْكَافِرِينَ عَذَابَ النَّارِ﴾ [الأنفال: 12 – 14 ] މާނައީ: “ކަލޭގެފާނުގެ ވެރި ރައްބުގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންއިލާހު ވޮޑިގެންވަނީ، ތިޔަބައިމީހުންނާ އެކުގައެވެ. ފަހެ، އީމާންވި މީހުންނަށް ސާބިތުކަން ދެއްވާށެވެ! ކާފަރުވި މީހުންގެ ހިތްތަކަށް ތިމަންއިލާހު ބިރުވެރިކަން ވައްދަވާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބައިމީހުން (ކަނޑިން) ޖަހާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި (ކަނޑިން) ޖަހާށެވެ. އެއީ އެއުރެން، ﷲއާއި، އެއިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވީ ކަމަށްޓަކައެވެ. ﷲއާއި، އެއިލާހުގެ ރަސޫލާ އާއަށް ދެކޮޅުވެރިވާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ﷲއީ، ޢުޤޫބާތް ގަދަފަދަވެގެންވާ އިލާހެވެ. އެއީ އެކަން އޮތްގޮތެވެ. ފަހެ، ތިޔަބައިމީހުން (އެބަހީ: ކާފަރުން) އެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ! އަދި ހަމަކަށަވަރުން، ކާފަރުވި މީހުންނަށް ނަރަކައިގެ ޢަޛާބު ހުށްޓެވެ.”
ދެން އެއަށްފަހުގައި ދެ ލަޝްކަރު ބައްދަލުވެ ހަނގުރާމަ ހޫނުވެގެން ދިޔައެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނަށް ތައްޔާރު ކުރައްވާފައިވާ ޢަރީޝްގައި ހުންނެވިއެވެ. އެކަލޭގެފާނުގެ އަރިހުގައި އަބޫބަކުރުގެފާނާއި ސަޢުދު ބުން މުޢާޛު، ފާރައަށް ތިއްބެވިއެވެ. އޭރުވެސް އެކަލޭގެފާނު ހުންނެވީ އެކަލޭގެފާނުގެ ވެރި ރައްބުގެ ޙަޟުރަތުން ނަޞްރު ދެއްވުމަށާއި ރައްކާތެރިކަމަށް އެދި ދުޢާ ދެންނެވުމުގައެވެ. ދެން އެކަލޭގެފާނު ކުޑަކޮށް ނިދިޖެހުނެވެ. އެއަށްފަހުގައި އެތަނުން ނުކުމެ ވަޑައިގަތެވެ. އަދި އަންނަނިވި އާޔަތް ކިޔަވާ ވިދާޅުވިއެވެ. ﴿سَيُهْزَمُ الْجَمْعُ وَيُوَلُّونَ الدُّبُرَ﴾ [القمر: 45 ] މާނައީ: “އެ (ކާފަރުންގެ) ޖަމާޢަތް ދެރަކުރައްވައި، ބަލިކޮށްލައްވާނެތެވެ. އަދި އެއުރެން ފުރަގަސްދީ، ފިލަން ދުވާނެތެވެ.” އަދި އެކަލޭގެފާނުގެ އަޞްޙާބުން ހަނގުރާމައަށް ފޯރި ޖެއްސުވިއެވެ. ހަދީޘްކުރެއްވިއެވެ. ((والذي نفس محمد بيده لا يقاتلهم اليوم رجل فيُقْتَل صابرا محتسبا مقبلا غير مدبر إلا أدخله الله الجنة)) މާނައީ: “އެފަރާތެއްގެ އަތްޕުޅިގައި މުޙައްމަދުގެފާނުގެ ފުރާނަފުޅުވާ ފަރާނަ ގަންދެއްވާ ވިދާޅުވަމެވެ. މިއަދު އެބައިމީހުންނާ ހަނގުރާމަކޮށް ކެތްތެރިވެ، ޘާވާބަށް އެދި، ކުރިމަތިލައިގެން ފުރަގަސްނުދީ ހަނގުރާމަކުރަނިކޮށް މަރުވެއްޖެ (ކޮންމެ) މީހަކު ސުވަރުގެ ވަންނަ ހުށްޓެވެ.”[8] (މިބަސްފުޅު އަހާފައި) ޢުމައިރު ބުން ޙުމާމު ތެދުވެ އެކަލޭގެފާނުގެ އަތުގައިއޮތް ކަދުރުކޮޅެއް ކައިކައި ހުރެފައި ވިދާޅުވެއްޖެއެވެ. “އޭ ﷲގެ ރަސޫލާއެވެ. ސުވަރުގެ އުޑުތަކާއި ބިމަށްވުރެ ތަނަވަސް ހެއްޔެވެ؟” ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އާނއެކެވެ.” އެކަލޭގެފާނު ވިދާޅުވިއެވެ. “އުފާހުއްޓެވެ! އުފާހުއްޓެވެ! އޭ ﷲގެ ރަސޫލާއެވެ. މިތިބަމީހުން އަތުން މަރުވުން ނޫން އެހެން ކަމެއް ތިމަންކަލޭގެފާނަކާ ސުވަރުގެއަކާ ދެމެދަކު ނެތެވެ. ތިމަންކަލޭގެފާނު މިކަދުރުކޮޅު ކާލަންދެން ދިރިހުރި ކަމުގައިވީނަމަވެސް ތިމަންކަލޭގެފާނުގެ ޙަޔާތަކީ ވަރަށް ދިގު ޙަޔާތެކެވެ.” މިހެން ކިޔާފައި ކަދުރުތައް އުކާލާފައި ހަނގުރާމަކޮށް ޤަތުލުވެގެން ހިނގައްޖެއެވެ. رضي الله عنه[9]
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަތްޕުޅުން ވެލިމުށެއް ނުވަތަ ކުދި ހިލަމުށެއް ނަންގަވައި އެމީހުންނާ ދިމާއަށް އުއްކަވާލެއްވިއެވެ. ދެން އެމީހުންގެ ލޮލަށް އޭގެން އަސަރުކުރިއެވެ. އަދި އެމީހެއްގެ ލޯ ހިރަފުހުން ފުރިގެން ނުދާ ހަމަ އެކަކުވެސް ނުވެއެވެ. އަދި އެމީހުން އެހިރަފުހުގައި މަޝްޣޫލުވެ އުޅުންވެގެން ދިޔައީ ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެއް ކަމުގައެވެ. ދެންފަހެ މުޝްރިކުންތަކެއް ހަލާކުވެ ހިނގައްޖެއެވެ. އަދި މައިދާނުން ފުރަގަސްދީ ފިލަން ދުއްވާގަތެވެ. އަދި މުސްލިމުން އެމީހުންގެ ފަހަތުން ޤަތުލު ކުރަމުން ހައްޔަރު ކުރަމުން ދިޔައެވެ. ހަތްދިހަ ފިރިހެނުން ޤަތުލުކޮށް ހަތްދިހަ މީހުން އަސީރު ކުރިއެވެ. އަދި ޤަތުލުވި މީހުން ދަންނައެވެ. އޭގެ ތެރެއިން އެމީހުންގެ ބޮޑުންގެ ސައްވީސް މީހުން ބަދުރުގެ އަޑިތަނަށް އެއްލާލެވުނެވެ. އޭގެ ތެރޭގައި އަބޫ ޖަހުލާއި، ޝުޢުބަތު ބުން ރަބީޢާއާއި އޭނާގެ އަޚާ ޢުތުބާއާއި އަދި އޭނާގެ ދަރި ވަލީދު ބުން ޢުތުބާ ހިމެނެއެވެ. ޞަޙީޙުލް ބުޚާރީގައި ވެއެވެ. ޢަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެފުޅާ ދިމާއަށް ކުރިމަތި ކުރައްވާ އެ ހަތަރު މީހުންގެ މައްޗަށް ބަދުދުޢާ ކުރެއްވިއެވެ.” އަދި ވިދާޅުވިއެވެ. “ﷲ ގަންދީ ބުނަމެވެ. ހަމަކަށަވަރުން އެމީހުން މަރުވެގެން ވެއްޓިފައިވަނިކޮށް ތިމަންކަލޭގެފާނު ދުށީމެވެ. ފަހެ ހަމަކަށަވަރުން އިރު އެމީހުން ތަޣައްޔަރު ކޮށްލައިފިއެވެ. އަދި އެއީ ހޫނުގަދަ ދުވަހެކެވެ.” [10]
އަދި ޠަލްޙާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޤުރައިޝުންގެ ބޮޑުންގެ ތެރެއިން ސައްވީސް މީހަކު، ބަދުރުގެ ހުތުރުވެގެންވާ ވަޅަކަށް އެއްލާލުމަށް އަމުރު ކުރެއްވިއެވެ. ދެން އެތަނުގައި ތިން ރޭވަންދެން އެބޭކަލުން ތިއްބެވިއެވެ. ދެން ބަދުރުގައި ތިންވަނައަށް ވީ ދުވަހުގައި ދަތުރަށް ތައްޔާރުވުމަށް އެކަލޭގެފާނު އަމުރުކުރެއްވިއެވެ. ދެން އެކަލޭގެފާނު އެއަޑި ވަޅުގަނޑާ ހަމައަށް އާދެވެންދެން ހިންގަވާފައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނާއި އެކު އެކަލޭގެފާނުގެ ޞަޙާބީބޭކަލުންވެސް ވަޑައިގަތެވެ. ދެން އެކަލޭގެފާނު އެމީހުންގެ ނަންތަކާއި އެމީހުންގެ ބަފައިންގެ ނަންތަކުން ގޮވިއެވެ. “އޭ މިވެނި މީހެއްގެ ދަަރި މިވެނި މީހާއެވެ. އަދި އޭ މިވެނި މީހެއްގެ ދަރި މިވެނި މީހާއެވެ. ފަހެ ތިޔަބައިމީހުން ﷲއަށާއި ރަސޫލާއަށް ކިޔަމަންވީނަމަ އުފާ ނުކުރީސް ހެއްޔެވެ؟ ފަހެ ހަމަކަށަވަރުން އަހަރެމެންނަށް އަހަރެމެންގެ ވެރި ރައްބު ޙައްޤު ގޮތުގައި ވަޢުދު ކުރެއްވި ކަންތައްތައް ފެނިއްޖެއެވެ. ފަހެ ތިޔަބަައިމީހުންނަށް ތިޔަބައިމީހުންގެ ވެރި ރައްބު ޙައްޤުގޮތުގައި ވަޢުދުކުރެއްވި ކަންތައްތައްތައް ފެނިއްޖެ ހެއްޔެވެ؟” ޢުމަރުގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނު ތިޔަ ވާހަކަފުޅު ދައްކަވަނީ ފުރާނައެއް ނެތް ޖިސްމުތަކަކާ ނޫން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، مَا أَنْتُمْ بِأَسْمَعَ لِمَا أَقُولُ مِنْهُمْ)) [11] މާނައީ: “މުޙައްމަދުގެފާނުގެ ނަފްސުފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. އެމީހުންނަށް ތިމަންކަލޭގެފާނު މި ވިދާޅުވާ ބަސްތައް އެމީހުންނަށްވުރެ ސާފުކޮށް ތިޔަބައިމީހުންނަކަށް ނީވޭނެއެވެ.”
އަދި ހަނގުރާމާގައި އަތުލައިގަނެވުނު އަސީރުން ދަަންނައެވެ. އެމީހުންނާމެދު ޢަމަލުކުރައްވާނެ ގޮތަކާމެދު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އަޞްޙާބުންނާ މަޝްވަރާ ކުރެއްވިއެވެ. ސަޢުދު ބުން މުޢާޛް ރަޟިޔަﷲ ޢަންހު އެމީހުންގެ ކަންތަކަމާމެދު ހިތާމަ ކުރެއްވިއެވެ. އަދި ވިދާޅުވިއެވެ. “ފަހެ މިއީ ﷲ ތަޢާލާ މުޝްރިކުންނާމެދު ހަނގުރާމަކުރުމަށް މެދުވެރިކުރެއްވި ފުރަތަމަ ފަހަރެވެ. ހަނގުރާމާގައި އެމީހުންގެ ތެރެއިން އެއްވެސް މީހެއް ޤަތުލުނުވެ ބާކީހުރުމަށްވުރެ ހަނގުރާމާގައި ޤަތުލުކޮށްލުން ތިމަންކަލޭގެފާނަށް ހެޔޮކަން ބޮޑުވެގެން ވެއެވެ.” އަދި ޢުމަރު ބުން ޚައްޠާބު ރަޟިޔަﷲ ޢަންހު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. “ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވަނީ އެމީހުންގެ ކަރުގައި ޖަހާ އެމީހުންގެ ބޯތައް ބުރިކުރުމަށެވެ. ޢަލީގެފާނު ޢަޤީލުގެ ކަރުގައި ޖަހާ އޭނާގެ ބޯ ކަނޑާނީއެވެ. އަދި އެވެނިމީހެއްގެ ކަރުގައި ޖަހާ ތިމަންކަލޭގެފާނު އޭނާގެ ބޯ ކަނޑާނީއެވެ. ފަހެ އެމީހުންނަކީި ކުފުރުގެ އިމާމުންނެވެ. އަދި ބޮޑުންނެވެ.”
ތިމަންކަަލޭގެފާނަށް ފެނިވަޑައި ގަންނަވަނީ އެމީހުންގެ އަތުން ފިދްޔަ ނަގާށެވެ. ފަހެ އޭގެ ސަބަބުން ކާފިރުންގެ މައްޗަށް އަހަރެމެންނަށް ބާރު ލިބޭނެއެވެ. ﷲތަޢާލާ އެމީހުންނަށް އިސްލާމް ދީނަށް ހިިދާޔަތް ދެއްކެވުމަށް އުންމީދު ކުރަމެވެ. ދެންފަހެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެމީހުންގެ އަތުން ފިދްޔަ ނެންގެވިއެވެ.
ފަހެ އެމީހުންގެ ތެރެއިން ގިނަމީހުން ފިދްޔަ ދިނީ ހާހަކާއި ހަތަރު ހާހާ ދެމެދުގެ ދިރުހަމުންނެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން މަދީނާގެ ކުޑަކުދިންނަށް ލިޔަންކިޔަން ދަސްކޮށްދިނުންވެސް ފިދްޔަައިގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ފިދްޔައަކީ ޤުރައިޝުންގެ އަތްދަށުގައިވާ މުސްލިމުން މިނިވަން ކުރުމެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އޭގެ ތެރެއިން ބައެއް މީހުން ހައްޔަރުކޮށްފައި ޤަތުލުކޮށްލެއްވިއެވެ. އެއީ އެމީހުންގެ ދުއްތުރާ ބޮޑުވުމުގެ ސަބަބުންނެވެ. އަދި މަޞްލަޙަތަށްޓަކައި އޭގެ ތެރެއިން ބައެއް މީހުން ފިދްޔައަކާ ނުލާ ދޫކޮށްލިއެވެ.
ފަހެ މިއީ، ގިނަ މީސްތަކުންގެ މައްޗަށް މަދު މީސްކޮޅަށް ނަޞްރު ލިބެގެންދިޔަ ބަދުރު ހަނގުރާމައެވެ. (فِئَةٌ تُقَاتِلُ فِي سَبِيلِ اللَّـهِ وَأُخْرَىٰ كَافِرَةٌ) [آل عمران: 13 ] މާނައީ: “އެއްބަޔަކީ ﷲގެ މަގުގައި ހަނގުރާމަކުރާ ބަޔެކެވެ. އަނެއްބަޔަކީ ކާފިރު ބަޔެކެވެ.” މަދު މީސްކޮޅަށް ނަޞްރު ލިބުނީއެވެ. އެހެނީ އެބޭކަލުން ﷲގެ ދީނުގެ މަތީ ޤާއިމުވިއެވެ. އަދި އެބޭކަލުން، އެއިލާހުގެ ކަލިމަފުޅު މަރިވެރިކޮށް އެއިލާހުގެ ދީނުގެ ދިފާޢުގައި ހަނގުރާމަ ކުރިއެވެ. ދެންފަހެ ﷲތަޢާލާ އެމަދު މީސްކޮޅަށް ނަޞްރު ދެއްވިއެވެ.
އެންމެހާ މުސްލިމުންނޭވެ! ތިޔަބައިމީހުންގެ ޢަދާވާތްތެރިންގެ މައްޗަށް ނަޞްރު ލިބިގަތުމަށްޓަކައި، ތިޔަބައިމީހުންގެ ދީނާއިގެން ތިޔަބައިމީހުން ތެދުވާށެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ. އަދި ރިބާތުކުރާށެވެ. އަދި ﷲއަށް ބިރުވެތިވާށެވެ. އެއީ ތިޔަބައިމީހުން ކާމިޔާބުވުމަށްޓަކައެވެ.
اللهم انصرنا بالإسلام واجعلنا من أنصاره والدعاة إليه، وثبتنا عليه إلى أن نلقاك، وصلى الله وسلم على نبينا محمد وآله وصحبه أجمعين.
________________________________
މިފޮތަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެވެ.
މަޖާލިސް ޝަހްރު ރަމަޟާންގެ އެހެންބައިތައް
[1] السيرة النبوية لابن هشام (3/162)
[2] السيرة النبوية لابن هشام (3/162)
[3] السيرة النبوية لابن هشام (3/162)
[4] السيرة النبوية لابن هشام (3/162)
[5] الحاكم (3/327)
[6] رواه مسلم
[7] انظر: سير أعلام النبلاء (26/344)
[8] السيرة النبوية لابن هشام
[9] السيرة النبوية لابن هشام (3/162)
[10] رواه البخاري
[11] رواه البخاري