الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين
ފިޤުހު ފޮތްތަކުގައި ޠަހާރަތުގައި ބޭނުން ކުރެވޭ ފެނުގެ ބާވަތްތަކުގެ ވާހަކަ ދެކެވޭ އިރު، އިރުގެ އަވިން ހޫނުވެފައިވާ ފެން (ޢަރަބި ބަހުން ބުނާ ނަމަ الماء المشمَّس) ޠަހާރަތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ބަޙުޘްކުރެވިފައިވެއެވެ. މިގޮތުން މިހުށަހަޅާލަނީ މިމައްސަލައިގެ ތަފްސީލެވެ.
އަވިން ހޫނުވެފައިވާ ފެން ޠަހާރަތުގައި ބޭނުން ކުރުމުގައި ޢިލްމުވެރީންގެ ދެ ރައުޔެއް ވެއެވެ.
1. އެއީ ހުއްދަ ކަމެއް ކަމުގައި (މިއީ ޙަންބަލީ މަޛުހަބާއި[1] އަދި ޙަނަފީ މަޛުހަބުގެ ގިނަ ޢިލްމުވެރިންގެ ޤައުލެވެ.[2])
2. އެއީ މަކުރޫހަ ކަމެއް ކަމުގައި (މިއީ ޝާފިޢީ މަޛުހަބާއި[3] މާލިކީ މަޛުހަބާއި[4] އަދި ޙަނަފީ މަޛުހަބުގެ ބައެއް ޢިލްމުވެރިންގެ[5] ޤައުލެވެ.)
މަކުރޫހަ ކަމަށް ވިދާޅުވާ ޢިލްމުވެރީން މަކުރޫހަ ކަމަށް ވިދާޅުވަނީ ތަށްޓެއް ނުވަތަ ކަންވާރެއް ފަދަ އެއްޗަކަށް އަޅާފައި ހުންނަ ފެން އިރުގެ އަވީން ހޫނުވުމުންނެވެ.[6] ކޯރެއްގައި ނުވަތަ ފެން އާރެއްގައި ހުންނަ ފެން މިފަދައިން ހޫނުވިޔަސް ތަހާރަތުގައި ބޭނުން ކުރުން އެއީ މަކުރޫހަ ކަމެއް ނޫން ކަމަށް އިއްތިފާޤެވެ.
ހުއްދަކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ދަލީލު: (ޙަންބަލީ މަޛުހަބާއި ޙަނަފީ މަޛުހަބު)
އެކަން މަނާ ކުރާ ޞައްޙަ ޙަދީޘެއް ނުވަތަ ޞަޙާބީ ބޭކަލެއްގެ އަރިހުން އަޘަރެއްވެސް ޘާބިތުވެފައި ނުވުމެވެ.
އަދި އެފެން ހޫނުވެފައި އެވަނީ ޠާހިރު އެއްޗަކުން ކަމުގައި ވެފައި ކޯރުގައި ހުރެ ހޫނުވާ ފެނާއި އަދި އަލިފާނުން ހޫނުކުރާ ފެނާ އެއްފަދަ އެއްޗަކަށް ވުމުންނެވެ.[7]
މަކުރޫހަކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ދަލީލުތައް: (ޝާފިޢީ މަޛުހަބާއި މާލިކީ މަޛުހަބާއި އަދި ޙަނަފީ މަޛުހަބުގެ ބައެއް ޢިލްމުވެރިން)
މިބޭފުޅުން މިމައްސަލާގައި އިސްތިދުލާލު ކުރައްވަނީ ޢާއިޝާ رضي الله عنها ގެ އަރިހުންނާއި އަނަސް رضي الله عنه ގެ އަރިހުން ރިވާވެފައިވާ އިރުގެ އަވިން ހޫނެވެފައި ހުންނަ ފެން ބޭނުން ކުރުން މަނާ ކުރާ ޙަދީޘްފުޅުތަކުންނެވެ. އަދި ޢުމަރުގެ ފާނަށް ނިސްބަތް ކުރެވޭ މިމާނަ ދޭހަވާ ބަސްފުޅަކުންނެވެ.
ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެފައިވާ ޙަދީޘް:
(ضعيف) عن عائشة قالت: أسخنت ماء في الشمس فقال النبي صلى الله عليه وسلم : (لا تفعلي يا حميراء فإنه يورث البرص)
އަވީގައި ފެންފޮދެއް ބަހައްޓައިގެން، ޢާއިޝާ رضي الله عنها ހޫނު ކުރެއްވިއެވެ. ފަހެ، ނަބިއްޔާ صلى الله عليه وسلم އެކަމަނާއަށް ޙަދީޘްފުޅުކުރެއްވިއެވެ. “އޭދޮން އަންހެނާއެވެ. އެހެން ނަހަދާށެވެ. ފަހެ ހަމަކަށަވަރުން އެއީ ބަރަސް ބަލި ޖެހުމަށް މެދުވެރި ކުރާކަމެކެވެ.”
މިއީ ޟަޢީފު (ބަލިކަށި) ޙަދީޘެކެވެ.
އަނަސް رضي الله عنه ގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅު:
(ضعيف) عن أنس أنه سمع رسول الله صلى الله عليه وسلم يقول : (لا تغتسلوا بالماء الذي يسخن في الشمس فإنه يعدي من البرص)
ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވަނިކޮށް އަނަސްގެފާނަށް އިވިވަޑާއިގެންނެވިކަމަށް އެކަލޭގެފާނުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. “އިރުގެ އަވިން ހޫނުވެފައިވާ ފެނުން ފެން ނުވަރާށެވެ. އެއީ ބަރަސް ބަލި ފަތުރާކަމެކެވެ.”
މިއީ ޟަޢީފު (ބަލިކަށި) ޙަދީޘެކެވެ.
މި ދެ ޙަދީޘަކީ ބަލިކަށި ޙަދީޘްތަކެއް ކަމުގައި ވަރަށް ގިނަ މުޙައްދިޘުން ޙުކުމްކުރައްވާފައިވެއެވެ. މިބޭފުޅުންގެ ތެރޭގައި ޝާފިޢީ މަޛުހަބުގެ ފުންނާބު އުސް ޢިލްމުވެރީންވެސް ހިމެނޭކަން ފާހަގަކުރެވެއެވެ. މިޙަދީޘްތައް ضعيف ކުރައްވާފައިވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި ابن الجوزي[8]، ابن حجر[9]، الزيلعي[10]، الشوكاني[11] އަދި ناصر الدين الألباني[12] ހިމެނިވަޑައިގަންނަވައެވެ. އަދި މިނޫނަސް މިމައުޟޫޢުގައި އިބުނު ޢައްބާސް رضي الله عنه ގެ އަރިހުންވެސް ވާރިދުވެފައިވެއެވެ. ނަމަވެސް މިމައުޟޫޢުގައި އައިސްފައިވާ ހުރިހާ ޙަދީޘަކީ ބަލިކަށި ޙަދީޘްތަކެކެވެ.
العقيلي އަރިހުން އިމާމުއް ޛަހަބީ ނަގުލުކުރެއްވިއެވެ. “ليس في الماء المشمس شيء يصح مسنداً”.[13] “އިރުގެ އަވީން ހޫނުވެފައި ހުރި ފެނާބެހޭގޮތުން މުސްނަދުކޮށް އެއްވެސް ޞައްޙަ ރިވާޔަތެއް ނެތެވެ.”
ޢުމަރުގެ ފާނަށް ނިސްބަތް ކުރެވޭ މިމާނަ ދޭހަވާ ބަސްފުޅު:
(ضعيف) عن جابر : ” أن عمر كان يكره الاغتسال بالماء المشمس وقال : (إنه يورث البرص)” .
“ޖާބިރުގެފާނު ރިވާކުރެއްވިއެވެ. ހަމަކަށަވަރުން އިރުގެ އަލިން ހޫނުވަފައި ހުރި ފެނުން ފެންވެރުމަށް ޢުމަރުގެފާނު ނުރުހުންތެރިވެވަޑައިގަންނަވައެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. “އެއީ ބަރަސް ބަލި ޖެހުމަށް މެދުވެރި ކުރާކަމެކެވެ.” ”
މިއަޘަރަކީ ބަލިކަށި ކޮށްރިވާވެގެންއައިސްފައިވާ އަޘަރެއް ކަމުގައި މުޙައްދިޘުން ޙުކުމް ކުރައްވާފައިވެއެވެ. މިއަޘަރު ضعيف ކުރައްވާފައިވާ ބައެއް ޢިލްމުވެރިންގެ ތެރޭގައި ابن الجوزي،[14] الزيلعي[15] އަދި ناصر الدين الألباني[16] ހިމެނިވަޑައިގަންނަވައެވެ.
މައްސަލައިގެ ރާޖިޙު:
މިމައްސަލައިގައި ރާޖިޙު ކުރެވޭ ނުވަތަ ބުރަދަން ހުރި ޤައުލެއް ކަމަށް ބެލެވެނީ އަވީން ހޫނުވެފައިވާ ފެނުން ވުޟޫ ކުރުން އެއީ ހުއްދަކަމެއްކަމުގައި ވިދާޅުވާ ޢިލްމުވެރީންގެ ޤައުލެވެ.
އެހެނީ އެކަން އެއީ މަކުރޫހަ ކަމެއްކަމުގައި ވިދާޅުވާ ޢިލްމުވެރީން ގެންނަވާފައިވާ ޙަދީޘްތަކާއި އަދި އަޘަރު (ޢުމަރުގެ ފާނުގެ ބަސްފުޅު) ޞައްޙަ ނޫން ވީމައެވެ.
މިމައްސަލަ މިފަދައިން ރާޖިޙު ކުރައްވާފައިވާ ޢިލްމުވެރީންގެ ތެރޭގައި ابن القيم[17]، ابن الجوزي[18]، ابن حزم[19]، إمام النووي[20] އަދި ސުޢޫދީ ޢަރަބިއްޔާ ފަތުވާދޭ ދާއިމީ ލަޖުނާގެ ބޭފުޅުން[21] ހިމެނިވަޑައިގަންނަވައެވެ.
މިއީ މިކަމުގެ ޝަރުޢީ ޙުކުމެވެ. ނަމަވެސް ބައެއް ބާވަތްތަކުގެ ކަންވާރަށް ނުވަތަ ތަށްޓަށް އަޅާފައި ހުންނަ ފެން، އިރުގެ އަވިން ހޫނުވެފައި ވަނިކޮށް ބޭނުން ކުރުން އެއީ ގެއްލުން ހުރި ކަމެއް ކަމަށް ޑޮކްޓަރީ ގޮތުން ސާބިތުވެއްޖެނަމަ އެފަދަ ފެން ބޭނުންކުރުމުން ދުރުހެލިވުމަކީ މައްސަލައެއް ނޫނެވެ.
والله تعالى أعلم.
____________________________________
[1] الإنصاف للمرداوي/ ص 24 / مجلد 1
[2] الموسوعة الفقهية الكويتية
[3] المجموع للنووي/ ص17 / مجلد 1/ طبعة: دار إحياء التراث العربي
[4] الإكليل شرح مختصر الخليل للأمير / ص 8 / مجلد1 / طبعة: مكتبة القاهرة
[5] الموسوعة الفقهية الكويتية
[6] الإنصاف للمرداوي/ ص 24-25 / مجلد 1
[7] المغني لأبن قدامة / ص / مجلد / طبعة: دار الكتاب العربي
[8] تنقيح التحقيق في أحاديث التعليق / ص64-68 / مجلد 1
[9] تلخيص الحبير لأن حجر / ص 24-26 / مجلد 1 / طبعة: مؤسسة قرطبة ودار المشكاة
[10] نصب الراية للزيلعي / ص101-103 / مجلد 1 / طبعة: دار القبلة ومؤسسة الريان والمكتبية المكية
[11] الفوائد المجموعة للشوكاني / ص 28 / طبعة: مكتب الإسلامي
[12] إرواء الغليل / ص 50-53 / مجلد 1 / طبعة: مكتب الإسلامي
[13] لسان الميزان / ص 213 / مجلد 4 /
[14] تنقيح التحقيق في أحاديث التعليق / ص68-71/ مجلد 1
[15] نصب الراية للزيلعي / ص 103 / مجلد 1 / طبعة: دار القبلة ومؤسسة الريان والمكتبية المكية
[16] إرواء الغليل / ص 53-54/ مجلد 1 / طبعة: مكتب الإسلامي
[17] زاد المعاد / ص 358-359 / مجلد 4 / طبعة: مؤسسة الرسالة
[18] تنقيح التحقيق في أحاديث التعليق / ص64 / مجلد 1
[19] المحلى / ص 128 / طبعة: بيت الأفكار الدولية
[20] المجموع للنووي/ ص17 / مجلد 1/ طبعة: دار إحياء التراث العربي
[21] فتاوى اللجنة الدائمة / ص 90/ جزء 5