[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢާދުބާގައިމީހުންގެ ވާހަކަ 2

ހޫދުގެފާނުގެ ދަޢުވަތު

ޢާދުބާގައިމީހުންނަށް ހިދާޔަތުގެ ތެދުމަގަށް ގޮވާލެއްވުމަށް ﷲ ހޫދުގެފާނަށް އެންގެވިހިނދު، އެކަލޭގެފާނު، ޤައުމުގެ މީހުންނަށް ޙައްޤުތެދު ދީނަށް ގޮވާލެއްވިއެވެ. އާލަމްތަކުގެ ވެރި ﷲ ފިޔަވާ އެބައިމީހުން އަޅުކަންކުރަމުން ގެންދާ ބުދުތަކަށް އަޅުކަން ނުކުރުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ((يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ)) الأعراف:65 މާނައީ: “އޭ ތިމަންގެ ޤައުމުގެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އެއިލާހު ފިޔަވާ އެހެން އިލާހެއް ތިޔަބައިމީހުނަކަށް ނުވެއެވެ.”

އަދިވެސް އެކަލޭގެފާނު ވިދާޅުވިއެވެ. “ތިޔަބައިމީހުން ﷲއަށް ތަޤްވާވެރި ނުވަނީހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ އަމާނާތްތެރި ރަސޫލަކީމެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ބޭކާރު ކުޅުންތައް ކުޅުމަށް ކޮންމެ އުސްތަނެއްގައި ބިނާއެއް ހަދަނީހެއްޔެވެ؟ އަދި ތިޔަބައިމީހުން އެތަންތާނގައި މަރުނުވެ އަބަދަށް ދެމިތިބޭނޭކަމަށް ގަނޑުވަރުތައް ހަދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން ގަދަފަދަކަން ދައްކާހިނދު އެއްވެސް ރަޙްމެއްނެތި ޖައްބާރުންގެ ގޮތުގައި ގަދަފަދަކަން ދައްކަމުއެވެ. ފަހެ، ތިޔަބައިމީހުން ﷲއަށް ތަޤްވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! ތިޔަބައިމީހުން ދަންނަ ނިޢުމަތްތަކުން ތިޔަބައިމީހުންނަށް މަދަދުދެއްވި އިލާހަށް ތަޤްވެރިވާށެވެ! ނަޢަމްސޫތްޕާއި، ދަރިންނާއި، ބަގީޗާތަކާއި، ފެންއާރުތަކުން އެކަލާނގެ ތިޔަބައިމީހުންނަށް ނިޢުމަތްދެއްވިއެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބަށް ތިޔަބައިމީހުންނާމެދު ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ.”

“ތިޔަބައިމީހުންނަށް އިންޒާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރިއިލާހުގެ ޙަޟްރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ޙައިރާންވީހެއްޔެވެ؟ އަދި ނޫޙުގެފާނުގެ ޤައުމަށްފަހުގައި، ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، ﷲގެ ނިޢުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ.

އޭ އަހުރެންގެ ޤައުމުގެމީހުންނޭވެ! ތިޔަބައިމީހުންގެ ވެރިއިލާހަށް، ފާފަފުއްސެވުންއެދި ދަންނަވާށެވެ. ދެން އެކަލާނގެއަށް ތަވްބާވާށެވެ! އޭރުން، ތިޔަބައިމީހުންގެ މައްޗަށް އުޑުން، ބޯކޮށް ގިނައިން ވާރޭ ވެއްސަވާނެތެވެ. އަދި ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ބާރު އިތުރުކޮށްދެއްވާނެތެވެ. އަދި ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ފުރަގަސްދީ ނުދާށެވެ!”

ހޫދުގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނަށް ދެންނެވި ޖަވާބު

ހޫދުގެފާނު ޤައުމުގެ މީހުން މަސްޢޫލުވެގެން އުޅުނީ ކެއުމާއިބުއިމާއި ކުޅިވަރުކުޅުމުގައެވެ. އެބައިމީހުން ދުނިޔަވީ ވަޤުތީ ޙަޔާތަށް ލޯބިކޮށް، މިދުނިޔެ އާރާސްތުކުރުމުގައި އެންމެހާ ވަގުތުތަކެއް ހޭދަކުރަމުން ގެންދިޔައެވެ. މީސްތަކުން އެއްކުރެވި، އެބައިމީހުން ކޮށްފައިވާ ޢަމަލުތަކުގެ ހިސާބު ބެއްލެވޭނެ ދުވަހެއް ކުރިމަތީގައި އޮތްކަމެއް އެބައިމީހުން ޤަބޫލެއް ނުކުރެއެވެ.

ހޫދުގެފާނުގެ ބަސްފުޅުތަކުން އެބައިމީހުންގެ ހިތްތައް ނުތަނަވަސް ވަމުން ދިޔައެވެ. އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ބުނެއުޅެއެވެ. “ހޫދު އެދައްކަވަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އެކަލޭގެފާނު ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟ އަހަރެމެންނަކަށް އެކަލޭގެފާނު އެދައްކަވާ ވާހަކަފުޅެއް އޮޅުމަކުން ނުފިލައެވެ.” އެއިގެ ތެރެއިން އެއްބަޔަކު ޖަވާބުދެއެވެ. “އެކަލޭގެފާނަކީ ތަނެއްދޮރެއް ނުދަންނަ މޮޔައެކެވެ.”

ހޫދުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ނަޞޭޙަތްތެރިވެ ވަޑައިގަތުމުގައި ޘާބިތުވިއެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ތެރެއިންވާ ބޮޑެތިމީހުން ބުންޏެވެ. ((إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنْ الْكَاذِبِينَ)) الأعراف:66 މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނުވަނީ، މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން، ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ، ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ.”

ހޫދުގެފާނު ޖަވާބުދެއްވިއެވެ. ((قَالَ يَا قَوْمِ لَيْسَ بِي سَفَاهَةٌ وَلَكِنِّي رَسُولٌ مِنْ رَبِّ الْعَالَمِينَ * أُبَلِّغُكُمْ رِسَالاَتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ)) الأعراف: 67-68 މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ، ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި އިލާހުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ، ތިޔަބައިމީހުންނަށްވާ އަމާނާތްތެރި، ނަޞޭޙަތްތެރިޔަކީމެވެ.”

ހޫދުގެފާނުގެ ޙިކުމަތްފުޅު

ހޫދުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނަށް ޙިކުމަތްތެރިކަމާއި، މަޑުމައިތިރިކަމާއެކު ނަޞޭޙަތްތެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ.

ހޫދުގެފާނު ވިދާޅުވިއެވެ. “އޭ ތިމަންކަލޭގެފާނު ޤައުމުގެ މީސްތަކުންނޭވެ! އިއްޔެގައި ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންގެ އަޚެކެވެ. އަދި އެކުވެރިއެއްވެސް މެއެވެ. ތިޔަބައިމީހުންނަށް އެކަން ނޭނގެނީ ހެއްޔެވެ؟

އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! ތިޔަބައިމީހުން ތިމަންކަލޭގެފާނު ދެކެބިރުން ފިލަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް ތިމަންކަލޭގެފާނު ބޭނުމެއް ނޫނެވެ. ((يَا قَوْمِ لا أَسْأَلُكُمْ عَلَيْهِ أَجْراً إِنْ أَجْرِي إِلاَّ عَلَى الَّذِي فَطَرَنِي أَفَلا تَعْقِلُونَ)) هود: 51 މާނައީ: “އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެން، ތިޔަބައިމީހުންގެ ކިބަޔަކުން އެކަމުގެ މައްޗަށް އުޖޫރައަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ، ތިޔަބައިމީހުންނަކަށް ނުވިސްނޭހެއްޔެވެ؟”

“އޭ ޤައުމުގެ މީސްތަކުންނޭވެ! ޢާލަމްތަކުގެ ވެރި ﷲއަށް އީމާންވުމަށް ތިޔަބައިމީހުން ބިރުގަންނަނީ ކީއްވެ ހެއްޔެވެ؟ ތިޔަބައިމީހުން ﷲއަށް އީމާންވުމަކުން ތިޔަބައިމީހުންގެ މުދަލުން އެއްވެސް އެއްޗެއް އުނިނުވާ ހުއްޓެވެ. އެހެނެއްކަމަކު، އެއިރުން ﷲ ތިޔަބައިމީހުންގެ ރިޒްޤުގައި ބަރަކާތްލައްވައި، ތިޔަބައިމީހުންގެ ބާރު އިތުރުކޮށް ދެއްވާނެއެވެ.

އޭ ޤައުމުގެ މީސްތަކުންނޭވެ! ތިމަންކަލޭގެފާނުގެ މިގޮވާލުމާމެދު ތިޔަބައިމީހުން ތިޔަ އަޖައިބުވަނީ ކީއްވެ ހެއްޔެވެ؟ ﷲ ކޮންމެ މީހަކަށް ވަކިވަކިން ބަސްވަޙީ ނުކުރައްވާނެތެވެ. ކޮންމެ މީހަކަށް ވަކިވަކިން މިކަންކުރާށޭ، އެކަންނުކުރާށޭ ވަޙީ ނުކުރައްވާނެތެވެ. އެހެނެއްކަމަކު، ކޮންމެ ޤައުމެއްގެ ތެރެއިން، އެޤައުމެއްގެ މީހުންނަށް ނަޞޭޙަތްދެއްވާނެ ބޭކަލަކު ފޮނުއްވައެވެ. ތިޔަބައިމީހުންނަށް ނަޞޭޙަތްދެއްވުމަށްޓަކައި ﷲ ވަނީ ތިމަންކަލޭގެފާނު ފޮނުއްވާފައެވެ. ((أَوَعَجِبْتُمْ أَنْ جَاءَكُمْ ذِكْرٌ مِنْ رَبِّكُمْ عَلَى رَجُلٍ مِنْكُمْ لِيُنذِرَكُمْ)) الأعراف: 69 މާނައީ:  “ތިޔަބައިމީހުންނަށް އިންޛާރު ކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ވެރި އިލާހުގެ ޙަޟްރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ޢަޖައިބުވީ ހެއްޔެވެ؟”

ހޫދުގެފާނުގެ އީމާންތެރިކަން

ޢާދުބާގައިމީހުންނަށް ހޫދުގެފާނަށް ދެއްވާނެ ޖަވާބެއް ނޭނގުނެވެ. އަދި އެކަލޭގެފާނަށް ޖަވާބުދޭނީ ކޮންގޮތަކަށްކަމެއްވެސް އެބައިމީހުންނަކަށް ނޭނގުނެވެ. އެބައިމީހުންނަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުމުން ދެންނެވިއެވެ. “ތިމަންމެންގެ އިލާހުންތައް ކަލޭގެފާނަށް ކޯފާ ލެއްވުމުގެ ސަބަބުން ކަލޭގެފާނު މިހާރު ތިޔަވަނީ މޮޔަވެފައެވެ.”

ހޫދުގެފާނު ދެންނެވިއެވެ. “ހަމަކަށަވަރުން މިބުދުތައް ހަދާފައިމިވަނީ ހިލައިންނެވެ. އެތަކެއްޗަށް އެއްވެސްމީހަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި މިބުދުތަކަށް ވާހަކަދެއްކުމާއި، އަޑުތައް އެހުމާއި، ފެނުމުގެ ކުޅަދާނަކަމެއް ލިބިގެނެއް ނުވެއެވެ. އަދި އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއްވެސް އެތަކެއްޗަށް މިލްކުވެގެންނެއް ނުވެއެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް އަދި ފައިދާއެއް ދިނުމުގެ އެއްވެސް ކަމެއް އެތަކެއްޗަށް މިލްކުވެގެންނުވެއެވެ.

އަދި ތިޔަބައިމީހުންނަކަށްވެސް އެއްވެސް ހެޔޮކަމެއް އަދި ގެއްލުމެއް މިލްކުވެގެންނުވެއެވެ. އަދި ތިޔަބައިމީހުންނަކަށް ތިމަންކަލޭގެފާނަކަށް ފައިދާއެއްވެސް އަދި ގެއްލުމެއްވެސް ނުދެވޭނެއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންގެ އިލާހުންތަކަށް ތިމަންކަލޭގެފާނު އީމާނެއް ނުވާނަމެވެ. އަދި އެއިލާހުތައް ދެކެ ތިމަންކަލޭގެފާނު ބިރުފުޅެއްވެސް ނުގަނެއެވެ. ((قَالَ إِنِّي أُشْهِدُ اللَّهَ وَاشْهَدُوا أَنِّي بَرِيءٌ مِمَّا تُشْرِكُونَ)) هود: 54 މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ޝަރީކުކޮށްއުޅޭ ތަކެތިން ތިމަންކަލޭގެފާނު ބަރީއަވެގެންވާކަމަށް ﷲ ހެކިކުރައްވަމެވެ. އަދި ތިޔަބައިމީހުން ހެކިވާށެވެ.”

އަދި ތިޔަބައިމީހުންދެކެވެސް ތިމަންކަލޭގެފާނު ބިރުފުޅެއް ނުގަންނަމެވެ. ((فَكِيدُونِي جَمِيعاً)) هود:55 މާނައީ: “ފަހެ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް ގެއްލުން ދިނުމަށް ރާވާށެވެ.” ((إِنِّي تَوَكَّلْتُ عَلَى اللَّهِ رَبِّي وَرَبِّكُمْ)) هود:56 މާނައީ: “ހަމަކަށަވަރުން ތިމަންކަލޭގެފާނާއި ތިޔަބައިމީހުންގެ ވެރި އިލާހަށް ތިމަންކަލޭގެފާނު ވަކީލުކޮށްފީމެވެ.”

ތިޔަބައިމީހުން އެނބުރި، ފުރަގަސްދޭނަމަ ދަންނާށެވެ. ތިޔަބައިމީހުންގެ ގާތަށް، އެކަމަކާއިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަވައިފީމެވެ. އަދި ތިމަންކަލޭގެފާނުގެ ވެރިއިލާހު، ތިޔަބައިމީހުންގެ ބަދަލުގައި، ތިޔަބައިމީހުން ނޫންބަޔަކު ގެންނަވާނެއެވެ. އަދި ތިޔަބައިމީހުންނަކަށް، އެއްވެސް ކަމަކުން އެކަލާނގެއަކަށް ގެއްލުމެއް ނުދެވޭހުށްޓެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނުގެ ވެރިއިލާހީ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި، ބަލަހައްޓަވާ އިލާހެވެ.”

ޢާދުބާގައިގެ މީހުން ދެކޮޅުވެރިވުން

ހޫދުގެފާނު ދެއްކެވި އެންމެހާ ވާހަކަފުޅުތަކެއް ޢާދުބާގައިގެ މީހުން އެހިއެވެ. ނަމަވެސް އެކަލޭގެފާނަށް އީމާނެއްނުވިއެވެ. ހޫދުގެފާނުގެ ނަޞޭޙަތްޕުޅުތަކުން އެބައިމީހުން ނަޞޭޙަތް ލިބިނުގަތެވެ. އެކަލޭގެފާނުގެ މަތިވެރި ޙިކުމަތުންވެސް އެބައިމީހުންނަކަށް ފައިދާއެއްނުކުރިއެވެ.

އަދި އެބައިމީހުން ދެންނެވިއެވެ. “އޭ ހޫދެވެ! ކަލޭގެފާނު ތިޔަ ގޮވާލައްވާ ކަންތަކަށް އެއްވެސް ދަލީލެއް އަދި ހެއްކެއް ނުދެއްކެވެއެވެ. ކަލޭގެފާނު އަލަށް ތިޔަ ވިދާޅުވާ ބަސްފުޅުތަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށެއްނުލާނަމެވެ. މީހަކު ހަމައެއްޗެކޭ ބުނާއިރަށް، ތިމަންމެންގެ ކާބަފައިން އަޅުކަންކުރަމުން އައި އިލާހުންތައް ދޫކޮށްލަންވީ ހެއްޔެވެ؟

އޭ ހޫދެވެ! ކަލޭގެފާނު ތިމަންމެންގެ އިލާހުންތަކަށް އީމާނެއްނުވަމެވެ. އަދި އެއިލާހުންދެކެ ބިރުފުޅެއްވެސް ނުގަންނަމެވެ. އެހެންވީއިރު ތިމަންމެންވެސް ކަލޭގެފާނުގެ އިލާހަށް އީމާނެއް ނުވާނަމެވެ. އަދި ކަލޭގެފާނުގެ އިލާހުގެ ޢަޛާބަށްވެސް ބިރެއް ނުގަންނާނަމެވެ. ކަލޭގެފާނުގެ އިލާހުގެ ޢަޛާބުގެ ވާހަކަ ދައްކަވާތީ ވަރަށް ގިނައިން ތިމަންމެނަށް އަޑުއިވެއެވެ. އޭ ހޫދެވެ! އެޢަޛާބެއް ކޮބައި ހެއްޔެވެ؟ އެޢަޛާބު އަންނަނީ ކޮން އިރަކުން ހެއްޔެވެ؟ ތިމަންމެން މިހާރު މިއިންތިޒާރުކުރަނީ ތިޔަ ޢަޛާބެއް ބަލާލާ ހިތުންނެވެ.”

ހޫދުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ނުވިސްނޭކަމާމެދު އަޖައިބުފުޅުވިއެވެ. އަދި އެބައިމީހުންގެ މޮޔަކަމާމެދު ދެރަފުޅުވެ ވަޑައިގެން ވިދާޅުވިއެވެ. ((إِنَّمَا الْعِلْمُ عِنْدَ اللَّهِ وَأُبَلِّغُكُمْ مَا أُرْسِلْتُ بِهِ وَلَكِنِّي أَرَاكُمْ قَوْماً تَجْهَلُونَ)) الأحقاف:23 މާނައީ: “ދެނެވޮޑިގަތުންވާ ކަންކަށަވަރީ ﷲ ގެ ޙަޟްރަތުގައެވެ. އަދި ތިމަންކަލޭގެފާނު އެކަމަކާއިގެން ފޮނުއްވެވި ކަންތައް، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު އިއްވަނީއެވެ. އެހެނެއްކަމަކު ތިޔަބައިމީހުންނީ، ޖާހިލުބަޔަކު ކަމުގައި ތިމަންކަލޭގެފާނު ދެކެވަޑައިގަންނަވަމެވެ.”

ޢަޛާބު ފޮނުއްވުން

ޢާދުބާގައިގެ މީހުން އުޅެމުން އައި ބިމަށް ވާރެ ނުވެހި ގިނަދުވަސްތަކެއް ވާން ފަށައިފިއެވެ. ކޮންމެ ދުވަހަކުވެސް ވިއްސާރަ ވިލާގަނޑެއް އާދޭތޯ ބަލަބަލާ ތިބެއެވެ. ނަމަވެސް ވިއްސާރަ ވިލާގަނޑެއް ފެންނަގޮތެއް ނުވެއެވެ. އެބައިމީހުން ތިބީ ވާރެ ވެހޭނެވަގުތަކަށް ވަރަށް ބޮޑަށް ބޭނުންވެފައެވެ.

އެގޮތުން އެއްދުވަހަކު، އެބައިމީހުންނާ ދިމާލަށް ވަރަށްބޮޑު ވިއްސާރަ ވިލާގަނޑެއް އަންނަތަން ފެނިއްޖެއެވެ. އެކަމާ އެބައިމީހުން ވަރަށް އުފާވިއެވެ. އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް އުފާވެރިކަމާއެކު ބުނަމުން ގެންދިޔައެވެ. “މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ. މިއަންނަނީ ވިއްސާރަ ވިލާގަނޑެކެވެ.”

ނަމަވެސް ހޫދުގެފާނަށް އެނގިވަޑައިގެންނެވީ އެބައިމީހުން އެއިންތިޒާރުކުރަމުން އައި ޢަޛާބުގެ ވަގުތު އައިސް ޖެހިއްޖެކަމެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. “މިއަންނަނީ ރަޙްމަތުގެ ވިލާގަނޑެއް ނޫނެވެ. އެހެނެއްކަމަކު އެއީ ގަދަފަދަ ޢަޛާބެއްވާ ވައިގެ ވިލާގަނޑެކެވެ.”

ކަންތައް ވެގެން ދިޔައީ ހޫދުގެފާނު ވިދާޅުވި ފަދައިންނެވެ. މީސްތަކުން ދުވަހަކުވެސް ދެކެފައިނުވާ، އަދި އެފަދަ ވައެއްގެ އަޑު އަހާފައިނުވާ ވަރުގަދަ ވައެއް ޖެހެން ފަށައިފިއެވެ. ވައިގެ ގަދަކަމުން ގަސްތައް ބިމުން ލުހި، ގެތައް ވެއްޓި، ނަޢަމްސޫފިތައް ވަޔާއެކު މާދުރަށް ގެންދަން ފަށައިފިއެވެ. ސަހަރާ ތެރޭގައިވާ ހިރަފުހުން މުޅި އުޑުމަތި ބަނަވެ، މުޅި ބިންމަތި އަނދިރިވެ އެއްވެސް ތަނެއް ނުފެންނަވަރު ވެއްޖެއެވެ.

މިމަންޒަރުތައް ފެނުނު ހިނދު އެބައިމީހުން ބިރުވެރިކަމާއި ހާސްކަމާއެކު އެބައިމީހުންގެ ގެތަކަށްވަދެ ދޮރުތައް ތަންޑު އަޅުވައިފިއެވެ. މީސްތަކުން ރޮއެ ދުޢާކުރަން ފަށައިފިއެވެ. ބިރުވެރިކަންވަނީ ފެތުރިފައެވެ. ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ފިލަން ދާނެ ތަނެއް ނެތެވެ. އެބައިމީހުން ބިނާކުރި ވަރުގަދަ ގެތައް ވެއްޓެން ފަށައިފިއެވެ.

މިވަރުގަދަ ވައި ހަތް ރެއާއި އަށް ދުވަހު މެދުކެޑުމެއްނެތި ޖެހުނެވެ. މިވައި މަޑުވިއިރު ޢާދުބާގައިމީހުންގެ ތެރެއިން ކާފަރުވީ އެންމެންވަނީ މަރުވެފައެވެ. ބިންމަތީގައިވަނީ މަރުވެފައިވާ ހަށިގަނޑުތަކެވެ. އެންމެހާ ގެތައްވަނީ ވެއްޓި ފުޑުފުޑުވެފައެވެ.

ހޫދުގެފާނާއި އެކަލޭގެފަނަށް އީމާންވިމީހުން އެވަރުގަދަ ވައިން ﷲ ސަލާމަތް ކުރެއްވިއެވެ. ޢާދުބާގައިމީހުން ﷲ އަށް ކުފުރުވުމާއި، ނުކިޔަމަންތެރިކަމާއި ނުބައިކަމުގެ ސަބަބުން ﷲ އެބައިމީހުން ހަލާކުކުރެއްވިއެވެ.

((وَتِلْكَ عَادٌ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ * وَأُتْبِعُوا فِي هَذِهِ الدُّنْيَا لَعْنَةً وَيَوْمَ الْقِيَامَةِ أَلا إِنَّ عَاداً كَفَرُوا رَبَّهُمْ أَلا بُعْداً لِعَادٍ قَوْمِ هُودٍ)) هود: 59-60

މާނައީ: “އަދި އެއީ ޢާދުބާގައިމީހުންނެވެ. އެބައިމީހުންގެ ވެރިއިލާހުގެ އާޔަތްތަކަށް އެބައިމީހުން ދެކޮޅުހެދިއެވެ. އަދި އެކަލާނގެ ރަސޫލުންނަށް އެބައިމީހުން އުރެދުނެވެ. އަދި ހަރުކަށި، ކޮންމެ ޖައްބާރެއްގެ އަމުރަށް އެބައިމީހުން ތަބާވިއެވެ. މި ދުނިޔޭގައިވެސް، އަދި ޤިޔާމަތްދުވަހުންވެސް، އެބައިމީހުންނަށް ލަޢުނަތްލެއްވިއެވެ. ދަންނާށެވެ! ޢާދުބާގައިމީހުން އެބައިމީހުންގެ ވެރި އިލާހަށް ކާފަރުވިއެވެ. ދަންނާށެވެ! ޢާދުބާގައިމީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. (އެއީ) ހޫދުގެފާނުގެ ޤައުމުގެ މީހުންނެވެ.”

ހޫދުގެފާނަށާއި އެކަލޭގެފާނަށް ތަބާވީ މީހުންނަށް ސަލާމް ލައްވާށި!

= ޢިބުރަތް ލިބިގަނެ ﷲގެ ޙައްޤުމަގަށް ރުޖޫޢަވެ ލައްވާށެވެ! ﷲގެ އާޔަތްތަކަށާއި އެއިލާހު ތިބާއަށް ދެއްވި ހިދާޔަތުގައި ކޮޅުފައިން ޖަހާ ނުލައްވާށެވެ! އެއިލާހުގެ ޢަދުލުވެރިކަމުގެ ދަރުބާރަށް ޙާޟިރުކުރެވޭނެކަން ދަނެ، ވަޤުތު ފާއިތުވުމުގެ ކުރިން ފުރުޞަތުގެ ބޭނުން ހިއްޕަވާށެވެ! ﷲ މިއަޅާއަށާއި ތިބާއަށް ޙިދާޔަތް ދައްކަވާށި! =  (ނިމުނީ)

__________________________________

 ޢާދުބާގައިމީހުންގެ ވާހަކަ 1