[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ އާޔަތްތައް ދަސްކުރުމަށްފަހު ހަނދުމަ ނެތުން 1

ކީރިތި ޤުރުއާން ހަނދުމަނެތިކޮށްލުމަކީ ފާފައެއްކަމުގައި ނުވަތަ ބޮޑެތި ފާފައިގެ ތެރެއިންވާ ކަމެއްކަމުގައި ވިދާޅުވާ ޢިލްމުވެރިން ދެ ޙަދީޘަކުން ދަލީލު ނަންގަވައެވެ. އެހެނަސް އެ ދެޙަދީޘްވެސް ޞައްޙައެއް ނޫނެވެ.

 

  1. އަނަސް ބުން މާލިކު ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

((عُرِضَتْ عَلَيَّ أُجُورُ أُمَّتِي حَتَّى الْقَذَاةُ يُخْرِجُهَا الرَّجُلُ مِنْ الْمَسْجِدِ وَعُرِضَتْ عَلَيَّ ذُنُوبُ أُمَّتِي فَلَمْ أَرَ ذَنْبًا أَعْظَمَ مِنْ سُورَةٍ مِنْ الْقُرْآنِ أَوْ آيَةٍ أُوتِيَهَا رَجُلٌ ثُمَّ نَسِيَهَا))

މާނައީ: “ތިމަންކަލޭގެފާނުގެ އުންމަތުގެ އަޖުރުތައް ތިމަންކަލޭގެފާނަށް ދެއްކެވުނެވެ. އޭގެ ތެރޭގައި މީހަކު މިސްކިތުން ނެރޭ ކުނިކޮޅުވެސް ހިމެނެއެވެ. އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ފާފަތައް ތިމަންކަލޭގެފާނަށް ދެއްކެވުނެވެ. އޭގެ ތެރޭގައި ޤުރުއާނުގެ ސޫރަތެއް ނުވަތަ އާޔަތެއް ދެއްވުމުން އެހަނދުމަ ނެތުމަށްވުރެ ބޮޑު ފާފައެއް ތިމަންކަލޭގެފާނު ދެކިވަޑައިނުގަންނަވަމެވެ.”

މިޙަދީޘް ރިވާކުރެއްވުމަށް ފަހު މިއީ ޟަޢީފު (ބަލިކަށި) ޙަދީޘެއްކަމުގައި އައްތަރިމިޛީ ވިދާޅުވިއެވެ. އަދި  މިޙަދީޘަކީ ޣަރީބު (ބީރައްޓެހި) ޙަދީޘެއްކަމުގައި އިމާމުލް ބުޚާރީވެސް ވިދާޅުވިކަމަށް ވިދާޅުވިއެވެ. އަދި އަބޫ ދާވޫދުވެސް މިޙަދީޘް ރިވާކުރެއްވިއެވެ. އަދި މިއީ ޟަޢީފު ޙަދީޘެއްކަމުގައި ޝައިޚު އަލްބާނީވެސް ޟަޢީފުއް ތިރްމިޛީގައި ވިދާޅުވެފައިވެއެވެ.

 

  1. ސަޢުދު ބުން ޢުބާދާ ވިދާޅުވިއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

((مَا مِنْ امْرِئٍ يَقْرَأُ الْقُرْآنَ ثُمَّ يَنْسَاهُ إِلَّا لَقِيَ اللَّهَ عَزَّ وَجَلَّ يَوْمَ الْقِيَامَةِ أَجْذَمَ))

މާނައީ: “ޤުރުއާން ކިޔަވާފައި އެހަނދާން ނައްތާލާމީހާ ޤިޔާމަތްދުވަހު ﷲ ތަޢާލާއާ ބައްދަލުވާ ހިނދު، أَجْذَم އެއްގެ ގޮތުގައި މެނުވީ ބައްދަލު ނުކުރާނެއެވެ. [أَجْذَم އަކީ ޖުޒާމު ބަލި ޖެހުމުގެ ސަބަބުން ގުނަވަންތައް ބުރިވެފައިވާ މީހާއެވެ.]”

މިޙަދީޘަކީ އަބޫ ދާވޫދު ރިވާކުރެއްވި ޙަދީޘެކެވެ. މިއީ ޟަޢީފު (ބަލިކަށި) ޙަދީޘެއްކަމުގައި ޟަޢީފު އަބޫދާވޫދުގައި ޝައިޚު އަލްބާނީ ވިދާޅުވިއެވެ.

 

 

ބޮޑަށް ބުރަވެވެނީ ޤުރުއާން ހަނދުމަ ނެތުމަކީ ބޮޑު ފާފައެއް ނޫންކަމުގައެވެ. އަދި ކިއެއް ހެއްޔެވެ. އެއީ ފާފައެއްވެސް ނޫނެވެ. އެހެނަސް އެއީ އަޅާއަށް ކުރިމަތިވާ މުޞީބާތެއް ނުވަތަ ޢުޤޫބާތެކެވެ. ގިނަ ފަހަރަށް އެހެން ދިމާވަނީ ޤުރުއާނަށް ޢަމަލުކުރުން ދޫކޮށްލުމުންނެވެ. އަދި އެމުރާޖަޢާކުރުމަށް ފަރުވާ ކުޑަކުރުމުންނެވެ. އެދެކަން ކުރުމަށްވެސް އަހަރެމެންނަށްވަނީ އަމުރުވެވިގެންނެވެ. (އެބަހީ: ޤުރުއާނަށް ޢަމަލުކުރުމާއި މުރާޖަޢާކުރުމެވެ.) އެފަދައިން ޢަމަލު ނުކުރުމުން އެކަމުގެ ޢުޤޫބާތެއްގެ ގޮތުގައި އެފަދަ ބޮޑު ހެވަކުން މަޙްރޫމު ވަނީއެވެ. އަދި އެފަދައިން ހަނދުމަ ނެތެނީ އެމީހާކުރާ ފާފަތަކެއް ނުވަތަ އުރަދުންތަކެއްގެ ސަބަބުންކަމުގައިވެސް ވެދާނެއެވެ. އެޙާލަތުގައި އޭނާ ފާފަވެރިވާނެއެވެ. އަދި އެކަމުގެ ޢުޤޫބާތެއްގެ ގޮތުގައި އޭނާގެ ކިބައިން ޤުރުއާން ނެންގެވެއެވެ.

އޭނާ ޤުރުއާނުން ދަސްކޮށްފައިވާ ބައި ހަނދާން ނެތެނީ ހަނދާން ބަލިވުމުގެ ސަބަބުންކަމުގައިވާނަމަ ދަންނައެވެ. އެއީ މައްސަލައެއް ނޫނެވެ. އެހެނަސް ވީހާވެސް ގިނައިން ކިޔަވައިގެންނާއި އެއަށް ޢަމަލުކޮށްގެން އެދަސްކުރި މިންވަރެއް ހިފެހެއްޓޭތޯ ބަލަންވާނެއެވެ. އެހެނީ ދަސްކުރި މިންވަރު ހަނދުމަ ބެހެއްޓުމުގެ އެންމެ ބޮޑު އެއް ބާރަކީ އެއަށް ޢަމަލުކުރުމެވެ.

= ނުނިމޭ =

____________________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް