ޝައިޚް މުޙައްމަދު ބުން ޞާލިޙުލް ޢުޘައިމީނާ ސުވާލުދެންނެވުނެވެ.
އަޅުގަނޑުމެންނަކީ ކިޔަވާ ކުދިންތަކަކީމެވެ. ކިޔަވާ ދުވަސްވަރު ދަލީލުގެ ގޮތުގައި ވަރަށް ގިނަ އާޔަތްތައް އަޅުގަނޑުމެން ހިތުދަސްކުރަމެވެ. އެހެނަސް އަހަރު ނިމޭއިރު އެ ހަނދާނެއް ނުހުރެއެވެ. (ކީރިތި ޤުރުއާނުގެ) އާޔަތްތައް ހަނދާން ނައްތާލުމުގެ ސަބަބުން ޢަޛާބުދެއްވޭ މީހުންގެ ތެރެއިން އަޅުގަނޑުމެން ވާނޭ ހެއްޔެވެ؟
ޖަވާބުގައި ޝައިޚް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން ހަނދުމަ ނެތުމަށް ދެ ސަބަބެއް މެދުވެރިވެއެވެ.
ފުރަތަމައީ: (އިންސާނީ) ތަބީޢަތުގެ ސަބަބުން ހިނގާކަމެއް.
ދެވަނައީ: ޤުރުއާނަށް ފުރަގަސްދީ، އެކަމަށް ފަރުވާ ކުޑަކުރުން.
– މީގެ ތެރެއިން ފުރަތަމަ ގޮތަށް މިކަން ދިމާވިނަމަ އެމީހަކު ފާފަވެރިއެއް ނުވާނެއެވެ. އަދި އޭނާއަށް އެކަމުގެ ސަބަބުން ޢުޤޫބާތެއްވެސް ނުދެއްވާނެއެވެ. އެހެނީ ނަމާދުކުރައްވަނިކޮށް ﷲގެ ރަސޫލާ صلى الله عليه وسلم ވަނީ ބައެއް އާޔަތްތައް ހަނދުމަ ނެތިފައެވެ. އެކަލޭގެފާނު ނަމާދު ނިމުމުން އުބައްޔު ބުން ކަޢުބުވަނީ އެއާޔަތްތައް ހަނދުމަކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
«فَهَلَّا ذَكَّرْتَنِيهَا» [رواه أحمد]
މާނައީ: “ކަލޭގެފާނު (ނަމާދުގައި) ހަނދުމަކޮށްދެއްވިނަމަ ކިހާ ރަނގުވީސް ހެއްޔެވެ.”
އަދި އެހެން ބޭކަލަކު ޤުރުއާން ކިޔަވާ ވިދާޅުވަނިކޮށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
«رَحِمَهُ اللهُ لَقَدْ أَذْكَرَنِي آيَةً كُنْتُ أُنْسِيتُهَا» [رواه مسلم]
މާނައީ: “ﷲ އޭނާއަށް ރަޙުމަތްލައްވާށިއެވެ! ތިމަންކަލޭގެފާނު ހަނދުމަ ނެތިކުރެވިގެންވާ އާޔަތެއް އޭނާ ހަނދާންކޮށްދީފިއެވެ.”
މިކަމުން އެނގިގެންދަނީ ތަބީޢީ ގޮތުން މިފަދައިން މެދުވެރިވާ ކަމެއްގައި އިންސާނަށް އެއްވެސް ޢައިބެއް ނުވާކަމުގައެވެ.
އެހެނަސް ޤުރުއާނަށް ފުރަގަސްދީ، އެކަމަށް ފަރުވާ ކުޑަކުރުމުގެ ސަބަބުން ހަނދުމަ ނެތުމާމެދު ދަންނައެވެ. މިފަދަ މީހަކު ފާފަވެރި ވެދާނެއެވެ.
ބައެއް މީހުންނަށް ޝައިޠާނާ ވަސްވާސްދެމުން ބުނެއެވެ. ޤުރުއާން ދަސްނުކުރާށެވެ. އެއީ އެހަނދާން ނެތުމުގެ ފާފައިގެ ތެރެއަށް ނުވެއްޓުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا﴾ [سورة النساء ٧٦]
މާނައީ: “ފަހެ، ތިޔަބައިމީހުން ޝައިޠާނާގެ ވާގިވެރިންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަންވަނީ ނިކަމެތިވެގެންނެވެ.”
ފަހެ އިންސާނާ ޤުރުއާން ދަސްކުރާށެވެ. އެހެނީ އެއީ ވަރަށް ބޮޑު ހެވެކެވެ. އަދި ހަނދުމަ ނުނެތޭނަކަމަށް އުންމީދުކުރާށެވެ.
(ބައްލަވާ: كتاب العلم لمحمد بن صالح العثيمين)
= ނިމުނީ =
____________________________________