[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ 1

الحمد لله، والصلاة والسلام على رسول الله

މިއީ ޛުލް ޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އަޅުކަންކުރުމާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމެވެ.

1- ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަޤްލޫޤުތަކުންގެ ތެރެއިން ބައެއް މަޚްލޫޤުން އަނެއްބައި މަޚްލޫޤުންގެ މައްޗަށް މާތްކުރެއްވިއެވެ. އަދި އެއްބައެއްގެ ދަރަޖަ އަނެއް ބައެއްގެ މައްޗަށް އުފުއްލެވިއެވެ. ބައެއް ދުވަސްތަކާއި މައްސަރުތައް އަނެއްބައި ދުވަސްތަކާއި މައްސަރުތަކުގެ މައްޗަށް މާތްކުރެއްވިއެވެ. ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ ޛުލް ޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައި ލެއްވިއެވެ. އަދި އެދުވަސްތަކުގެ ތެރެއިންވެސް ޢަރާފަތު ދުވަސް އެއީ އެންމެ މާތް ދުވަސްކަމުގައި ލެއްވިއެވެ. އަދި ހަފުތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަސްކަމުގައި ލެއްވިއެވެ. ރޭތަކުގެ ތެރެއިން އެންމެ މާތް ރޭތަކަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތައް ކަމުގައި ލެއްވިއެވެ. އަދި އޭގެ ތެރެއިންވެސް އެންމެ މާތް ރެއަކީ ޤަދުރުވިލޭރޭ ކަމުގައި ލެއްވިއެވެ.

2- ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއިލާހުގެ ފަޟްލުވަންތަވެރިކަމުން އެއިލާހު އެއްކައުވަންތަކުރާ އެއިލާހުގެ އަޅުތަކުންނަށް އަހަރުގެ ތެރޭގައި ދީލަތި ދެއްވުންތައް ދެއްވުމުން ނިޢުމަތް ދެއްވައެވެ. އޭގެ ތެރެއިން ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ހިމެނެއެވެ. އެއީ ހެޔޮކަންތަކުގެ މޫސުންތަކުގެ ތެރެއިން މަތިވެރި މޫސުމެކެވެ. މުއުމިނު އަޅާ އެއަށް ފާރަލާލާ ހުރެއެވެ. ﷲ ގެ މުވައްޙިދު އަޅުން އެއަށް ޝައުޤުވެރިވެއެވެ. އެއީ އޭގެ ސަބަބުން އެބައިމީހުންގެ ދަރަޖަތައް އުފުލިގެންދެއެވެ. އުނިކަން ފޫބެދިގެންދެއެވެ. އަދި ފާއިތުވެގެންދިޔަކަންކަމުގެ ބަދަލުގައެވެ. މި ދުވަސްތަކުގައި ހެޔޮކަންތައްތައް ކުރުމުގައި ގަދައަޅައި މަސައްކަތްކުރަންޖެހެއެވެ. ﷲ ގެ މި އޯގާވަންތަކަން އަހަރެމެން ލިބިގަންނަން ޖެހެއެވެ.

3- މުޠުލަޤު ގޮތެއްގައި ބަލާއިރު، ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހަކީ ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކެވެ. ޙަދީޘްގައި ވެއެވެ. އިބްނު ޢައްބާސް ރަޟިޔަ الله ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

“مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيْهِنَّ أَحَبُّ إِلَى اللهِ مِنْ هَذِهِ الأَياَّمِ الْعَشْرِ.” فَقَالُوا : ” يَا رَسُولَ اللهِ وَلَا الْـجِهَادُ فِي سَبِيْلِ اللهِ ؟” فَقَالَ : “وَلَا الْـجِهَادُ فِي سَبِيْلِ اللهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ وَلَـمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ” (رواه البخاري 969 والترمذي 757 واللفظ له)
މާނައީ: “އެދުވަސްތަކެއްގައި ހެޔޮ ޢަމަލު ކުޅައުން ﷲ ގެ ޙަޟުރަތުގައި މިދުވަސްތަކަށްވުރެ ލޮބުވެތިކަން ބޮޑުވެގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ.” ޞަހާބީން ދެންނެވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ! الله ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް އެދުވަސްތަކުގައި ކުރެވޭ ހެޔޮ ޢަމަލުތައް މާތްވެގެންވޭ ތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “الله ގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް މާތްވެގެންވެއެވެ. އެއީ މީހަކު އޭނާގެ ޖާނާއި މުދަލާއެކުގައި ނުކުމެ الله ގެ މަގުގައި އެތަކެތި އެކުގައި ހޭދަކޮށްލައިފި މީހަކު ފިޔަވައެވެ. (އެތަކެއްޗައިގެން އެނބުރިނާންނަ މީހާ ފިޔަވައެވެ.)” އެހެން ރިވާޔަތެއްގައިވެއެވެ. “އެދުވަސްތަކެއްގައި ހެޔޮ ޢަމަލުކުރުން މާތްވެގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ.” އެހެން ރިވާޔަތެއްގައި “އެދުވަސްތަކެއްގައި ހެޔޮ ޢަމަލުކުރުން އެންމެ ބޮޑަށް އުއްމީދުކުރެވޭ (ޘަވާބަށް އުއްމީދުކުރެވޭ) އެހެން ދުވަސްތަކެއް ނުވެއެވެ.” އެހެން ރިވާޔަތެއްގައި ވެއެވެ. “އެދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމުން އެންމެ ބޮޑަށް މާތްވެގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ.”

4- މި ދިހަ ދުވަހުގައި ކުރެވޭ ފަރުޟު ޢަމަލުތައްވެސް އެހެނިހެން ދުވަސްތަކުގައި ކުރެވޭ ފަރުޟުތަކަށްވުރެ މާތް ވެގެންވެއެވެ. އަދި އޭގެ އަޖުރު އިތުރުވެގެންވެސް ވެއެވެ. އަދި މި ދިހަ ދުވަހުގައި ކުރެވޭ ސުންނަތް ޢަމަލުތައް އެހެނިހެން ދުވަސްތަކުގައި ކުރެވޭ ސުންނަތް ޢަމަލުތަކަށްވުރެ މާތް ވެގެންވެއެވެ. އެކަމަކު މި ދިހަދުވަހުގައި ކުރެވޭ ސުންނަތް އަޅުކަންތައްތައް އެހެނިހެން ދުވަސްތަކުގައި ކުރެވޭ ފަރުޟުކަންތައްތަކާ ހަމަހަމަވެގެން ނުވެއެވެ. (ފަތުޙުލް ބާރީ – އިބްނު ރަޖަބު 9/15)

5- މި ދިހަ ދުވަހުގައި ކުރެވޭ ނަމާދު އަހަރުގެ އެހެން ދުވަސްތަކުގައި ކުރާ ނަމާދަށްވުރެ މާތްވެގެންވެއެވެ. ރޯދަހިފުމާއި، ޤުރުއާން ކިޔެވުމާއި، ޛިކްރުކުރުމާއި، ދުޢާކުރުމާއި، މަޑުމޮޅިވެ ބިރުވެތިވުމާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި، ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި، މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޖަނާޒާގައި ބައިވެރިވުމާއި، އަވަށްޓެރިންނަށް ކަމޭހިތުމާއި، ފަޤީރުންނަށް ނުވަތަ މިސްކީނުންނަށް ކާންދިނުމާއި، އަދި ތިމާގެ ނަފްސުގެ އިތުރުން އެހެންމީހުންނަށް އޭގެ ފައިދާ ފޯރާ ހެޔޮޢަމަލުތައް ކުރުންވެސް މިފަދައެވެ.

6- މިދިހަ ދުވަހުގެ މާތްކަމުގެ ތެރޭގައި މި ދިހަ ދުވަހުގެ ދުވާލުގަޔާއި ރޭގަނޑުގައި ކުރެވޭ ޢަމަލުތައް ހިމެނެއެވެ. އެކަމަކު ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ރެއަށްވުރެ ރަމަޟާންމަހުގެ ފަހު ދިހަރޭގެ މާތްކަން ގަދަވެގެންވެއެވެ. އެއީ ލައިލަތުލް ޤަދްރި އޭގައި ހިމެނޭކަމަށްޓަކައެވެ. އެހެންނަމަވެސް ދުވާލުތަކުގެ ތެރެއިން ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވާލުތަކަށްވުރެ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ ދުވާލުތައް މާތްކަން ގަދަވެގެންވެއެވެ. އެއީ އޭގައި ޢަރަފާތު ދުވަސް އަދި ޤުރުބާންކުރުމުގެ ދުވަސް އަދި ތަރުވިޔާގެ ދުވަސް ހިމެނޭކަމަށްޓަކައެވެ. (ބައްލަވާ: މަޖްމޫޢޫލް ފަތާވާ 25/282، ބަދާއިޢުލް ފަވާއިދު – އިބްނުލް ޤައްޔިމް 3/162، ޒާދުލް މަޢާދު 1/57 އަދި ތަފްސީރު އިބްނު ކަޘީރު 5/416)

7- އަހަރުގެ އެހެނިހެން ދުވަސްތަކުގައި ޖަމާނުވާ ބޮޑެތި އަޅުކަންތައް މި ދުވަސްތަކުގައި ޖަމާވެއެވެ. އެގޮތުން ނަމާދާއި ރޯދައާއި ޞަދަޤާތުގެ އިތުރުން ޙައްޖުގެ އަޅުކަމާއި، އުޟްޙިޔާ ކަތިލުން މިދުވަސްތަކުގައި ޖަމާވެއެވެ. (ބައްލަވާ: ފަތުޙުލް ބާރީ – އިބްނު ޙަޖަރު 2/460)

8- މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި މި ދުވަސްތައް ގަންދެއްވައި ބަސްފުޅު ވަޙީކުރައްވާފައިވެއެވެ.

( وَالْفَجْرِ * وَلَيَالٍ عَشْرٍ )

މާނައީ: “ފަތިހުގެ އަލިކަން ގަންދެއްވަމެވެ. އަދި ދިހަ ރޭވެސް ގަންދެއްވަމެވެ.”

ސަލަފުންގެ ތެރެއިން ޖުމްހޫރު މުފައްސިރުންނާއި އެހެނިހެން ބޭކަލުންގެ އަރިހުގައި މިއާޔަތުގައި އައިސްފައިވާ ދިހަ ރެއަކީ ޛުލްޙިއްޖާ މަހުގެ ދިހަދުވަހެވެ. (ބައްލަވާ: ތަފްސީރު އިބްނު ކަޘީރު 8/390، ލަޠާއިފުލް މަޢާރިފު- އިބްނު ރަޖަބު ޞ368)

9- ﷲ، ނަޢަމުސޫފިތައް ދެއްވިކަމަށްޓަކައި (އެކަމަށް ޝުކުރުކުރުމުގެ ގޮތުން) އެއިލާހުގެ މަތިން އެ ދުވަސްތަކުގައި ހަނދުމަކޮށް އުޅޭނެ ކަނޑައެޅި އެނގިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމުގައި މިދުވަސްތައް ލެއްވުން، މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ހިމެނެއެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ (ސޫރަތުލް ޙައްޖު:28)

މާނައީ: “އެއީ އެބައިމީހުންނަށް ހުރި( ދީނާއި،ދުނިޔެވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށްއުޅުމަށެވެ. ނަޢަމުސޫފީގެ ނިޢުމަތް އެބައިމީހުންނަށް ދެއްވިކަމަށްޓަކައެވެ.”
ޖުމްހޫރު ޢިލްމުވެރިންނާއި ގިނަ މުފައްސިރުންގެ އަރިހުގައި “ކަނޑައެޅި އެނގިގެންވާ ދުވަސްތަކަކީ” ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. (ބައްލަވާ: ތަފްސީރުލް ބަޣަވީ 5/379، އިބްނު ކަޘީރު 5/415، ލަޠާއިފުލް މަޢާރިފް ޞ 263)

10- މި ދިހަ ދުވަހަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކުގެ ތެރެއިން (ޙައްޖުގެ މައްސަރުތަކުގެ ތެރެއިން) އެ މައްސަރުތައް ނިމޭ މައްސަރުގެ ދިހަ ދުވަހެވެ. ﷲ ތަޢާލާ އެކަމާބެހޭގޮތުން ވަޙީކުރައްވާފައިވެއެވެ.

الـحَجُّ أَشْهُرٌ مَّعْلُومَاتٌ (البقرة 198)

މާނައީ: “ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރު ތަކެކެވެ.”

އެއީ ޝައްވާލު މަހާއި، ޛުލް ޤައިދާ މަސް އަދި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެއީ ޢުމަރު، ޢަބްދުﷲ ބިން ޢުމަރު، އިބްނު މަސްޢޫދު، އިބްނު ޢައްބާސް، އިބްނުއްޒުބައިރު ރަޟިޔަﷲ ޢަންހުމް، އާއި އެނޫންވެސް ޞަޙާބީންގެ ތެރެއިން ގިނަ ބޭކަލުންގެ އަރިހުން ރިވާވެގެންވާ ފަދައިންނެވެ. އަދި އެއީ ތާބިޢީންގެ ތެރެއިން ގިނަބޭކަލުންގެ ބަސްފުޅުވެސް މެއެވެ.

11- މި ދިހަ ދުވަހުގެ މާތްކަމުގެ ތެރެއިން ވެއެވެ. އެދުވަސްތަކުގެ ތެރޭގައި ޢަރަފާތު ދުވަސް ހިމެނިގެންވެއެވެ. އެދުވަހަކީ ﷲ ތަޢާލާ ދީން ފުރިހަމަކުރެއްވި ދުވަހެވެ. އެދުވަހަކީ ﷲ ތަޢާލާ މުސްލިމުންގެ މައްޗަށް އިސްލާމްދީނުގެ ނިޢުމަތް ފުރިހަމަ ކުރެއްވި ދުވަހެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا (المائدة 3 )

މާނައީ: “މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންއިލާހު ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި، ތިމަންއިލާހު ރުހިވޮޑިގެންފީމެވެ.”

 

 

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 44 فائدة في عشر ذي الحجة (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހައެއްގެ 44 ފައިދާ) ގެ ތަރުޖަމާ=