[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޔާމުއްތަޝްރީޤް

އެންމެހައި ޙަމްދު ތަޢުރީފާއި ޘަނާ ޙައްޤުވެގެންވަނީ ﷲ ތަޢާލާއަށެވެ. އެއިލާހީ އަޅުގަނޑުމެންނަށްޓަކައި ހެޔޮކަމުގެ މޫސުމްތައް ލެއްވެވި އިލާހެވެ. ޞަލަވާތާއި ސަލާމްލެއްވެވުން އެދި ދުޢާކުރަނީ، އެ މޫސުމްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާނޭގޮތް ދަސްކޮށްދެއްވި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައަށެވެ. މި ޞަލަވާތުގައި އެކަލޭގެފާނުގެ އާލުންނާއި އާޞްޙާބުންނާއި، ޤިޔާމަތަށްދާންދެން އެކަލޭގެފާނު ދެއްކެވި މަގުން ހިނގަމުންދާހާ ބަޔަކު ޝާމިލުކުރަމެވެ.
އާދެ، އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ ޒިކުރުކުރުން އިތުރުކޮށް، ﷲ ތަޢާލާއަށް ކުއްތަންވުމަށްޓަކާ އެއިލާހު ލައްވަވާފައިވާ ދުވަސްތަކުގެ ތެރެއިން ދުވަސްތަކެކެވެ. އެދުވަސްތަކާއި ބެހޭގޮތުން ﷲތަޢާލާގެ ވަޙީބަސްފުޅު وَاذْكُرُواْ اللّهَ فِي أَيَّامٍ مَّعْدُودَاتٍ “ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ﷲ ހަނދުމަކޮށް(ތަކްބީރުކިޔައި) އުޅޭށެވެ” ބާވައިލެއްވުނު ދުވަސްތަކެވެ. އާދެ އައްޔާމުއްތަޝްރީޤުގެ ދުވަސްތަކެވެ.
އައްޔާމުއްތަޝްރީޤަކީ ޙައްޖުމަހުގެ 11، 12، 13 ތިންދުވަހެއެވެ. މިދުވަސްތަކަށް ‘އައްޔާމުމިނާ’ ވެސް ކިޔެއެވެ. މިދުވަސްތަކަކީ ޙައްޖުގެ މާތްއަޅުކަމަށްފަހު ﷲއަށް ޙަމްދުކޮށް، ޝުކުރުކޮށް، އުފާފާޅުކުރުމަށް އޮތް ދުވަސްތަކެކެވެ. ޞަޙީހް މުސްލިމުގައި ނުބައިޝަތުލް ހުޒަލީ ރަޟިޔަﷲޢަންހުގެ ކިބައިން ރިވާވެގެން އައިސްފައިވެއެވެ. أَيَّامُ التَّشْرِيْقِ أَيَّامُ أَكْلٍ وَشُرْبٍ “އައްޔާމުއްތަޝްރީޤަކީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.” ޞަޙީހް މުސްލިމްގެ އެހެން ރިވާޔަތެއްގައި ވެއެވެ. وَذِكْرٍلِلَّهِ ” އަދި ﷲ ގެ މަތިން ހަނދުމަކުރުމުގެ(ތަކްބީރުކިއުމުގެ) ދުވަސްތަކެކެވެ.”
މި ދުވަސްތަކުގައި ޙައްޖުވެރިންގެތެރެއިން ހަދްޔުކަތިނުލެވުނު މީހާ ފިޔަވައި އެހެން އެއްވެސް މީހަކު ރޯދަ ހިފުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ މަނާ ކުރައްވަވާފައެވެ. عن الزهري عن عروة عن عائشة . وعن سالم عن ابن عمر رضي الله عنهم قَالَا : لَمْ يُرَخَّصْ فِيْ أَيَّامِ التَّشْرِيْقِ أَنْ يُصَمْنَ إِلَّا لِمَنْ لَمْ يَجِدْ الهَدْيَ “ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. އައްޔާމުއްތަޝްރީޤުގައި ހަދްޔުނުލިބުނު މީހާ ފިޔަވައި އެހެންމީހަކަށް ރޯދަ ހިފަން ހުއްދަދެވިގެންނުވެއެވެ.” (ޞަޙީޙުލް ބުޚާރީ)