މައްކާއަކީ މާތްﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ބިމެވެ. ކޮންމެވެސް ދުވަހަކުން މިބިމަށް އައުމަށް ކޮންމެ މުސްލިމަކުވެސް އުންމީދުކުރެއެވެ. ތިބާއަށް މައްކާއަށް އާދެވިއްޖެނަމަ، ތިބާ ގިނަކުރަންވީ ކޮންކޮން ހެޔޮ ޢަމަލުތަކެއް ހެއްޔެވެ؟ ސުވާލުގެ ޖަވާބު ހޯއްދެވުމަށް އަރޓިކަލް ވިދާޅުވެލައްވާށެވެ.
މައްކާގައި ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު، އެހެން ރަށްރަށުގައި އެޢަމަލުތައް ކުރުމަށްވުރެ ބޮޑުވެގެންވެއެވެ. މިގޮތުން މައްކާގައި އުޅުއްވާއިރު، ތިރީގައިމިވާ ހެޔޮ ޢަމަލުތައް ގިނަކުރެވޭތޯ ބައްލަވާށެވެ.
- ޠަވާފްކުރުން
ގެފުޅު ވަށައިގެން ޠަވާފުކުރުމަކީ މަތިވެރިވެގެންވާ އަޅުކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ﴿١٢٥﴾ [سورة البقرة]
މާނައީ: “އަދި إبراهيم ގެފާނާއި إسماعيل ގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. طواف ކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ركوع سجود ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންއިލާހުގެ ގެފުޅު طاهر ކުރައްވާށެވެ!”
- ގިނަގިނައިން ސުންނަތް ނަމާދުތައް ކުރުން
މައްކާގައި އުޅުއްވާއިރު ގިނަގިނައިން ސުންނަތް ނަމާދުކުރެއްވުން ވަރަށް ބޮޑަށް އެދެވިގެންވެއެވެ.
ޖާބިރުގެފާނު ރިވާކުރައްވައިފައިވެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީޘްކުރެއްވިއެވެ.
«صَلَاةٌ فِي مَسْجِدِي هَذَا أَفْضَلُ مِنْ أَلْفِ صَلَاةٍ فِيمَا سِوَاهُ، إِلَّا الْمَسْجِدَ الْحَرَامَ، وَصَلَاةٌ فِي الْمَسْجِدِ الْحَرَامِ أَفْضَلُ مِنْ مِائَةِ أَلْفِ صَلَاةٍ فِيمَا سِوَاهُ» [مسند أحمد وصححه الألباني]
މާނައީ: ”ތިމަންކަލޭގެފާނުގެ މިމިސްކިތުގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްހާސް ގުނަ އިތުރުވެގެންވެއެވެ. މަސްޖިދުލްޙަރާމް ފިޔަވައެވެ. މަސްޖިދުލް ޙަރާމް ގައި ކުރާ ނަމާދުގެ ސަވާބު އެނޫން އެހެން މިސްކިތްތަކުގައި ކުރާ ނަމާދަށްވުރެ އެއްލައްކަ ގުނަ އިތުރުވެގެންވެއެވެ.”
- ދަމުނަމާދު ކުރުން
عن أبي هريرة أن رسول الله صلى الله عليه و سلم قال:
((يَنْزِلُ رَبُّنَا تَبَارَكَ وَتَعَالَى كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا حِينَ يَبْقَى ثُلُثُ اللَّيْلِ الآخِرُ يَقُولُ: مَنْ يَدْعُونِي، فَأَسْتَجِيبَ لَهُ مَنْ يَسْأَلُنِي فَأُعْطِيَهُ، مَنْ يَسْتَغْفِرُنِي فَأَغْفِرَ لَهُ)) [أخرجه البخاري ومسلم]
މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
“އަހަރެމެންގެ ރައްބު تبارك وتعالى، ކޮންމެ ރެއަކު ރޭގަނޑުގެ ތިންބައިން ފަހުބަޔަށް ވެފައިވަނިކޮށް ދުނިޔޭގެ އުޑަށް ފައިބާވޮޑިގަންނަވައެވެ. އެއިލާހު ވަޙީކުރައްވައެވެ.
ތިމަންއިލާހަށް ދުޢާކުރަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ދުޢާ އިޖާބަކުރައްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން އެދެނީ ކާކުހެއްޔެވެ. ފަހެ އެމީހަކަށް ދެއްވާނަމެވެ. ތިމަން އިލާހު ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވަނީ ކާކުހެއްޔެވެ. ފަހެ އެމީހެއްގެ ފާފަ ފުއްސަވާދެއްވާނަމެވެ.”
ދަމުނަމާދުކުރުމުގެ ފައިދާތަކުގެ ތެރޭގައި މާތް ﷲއާ ކުއްތަންވުމާއި، ފާފަތައް ފުހެވިގެންދިޔުމާއި، ފާފަތައްކުރުމާއިމެދު ހިތުގައި ނަފުރަތުކަމެއް އުފެދިގެންދިޔުމާއި، އުޚުރަވީ ނިޢުމަތްތަކަށް ޝައުޤުވެރިވުމާއި، ދުޢާ އިޖާބަވުމާއި، މޫނު އުޖާލާވުމާއި، ހިތް އަލިވުމާއި، ޝަޚްޞިއްޔަތު ހަރުދަނާވުމާ އަދި ބަލިތަކަށް ޝިފާލިބުން ހިމެނެއެވެ.
- ތިމާގެ އަމިއްލަ ނަފްސަށާއި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮ ދުޢާކުރުން
ޙައްޖުގެ ގިނަ މަޝާޢިރުތަކެއްގައި ދުޢާކުރުންވަނީ ޝަރުޢުކުރައްވާފައެވެ. އެހެންކަމުން މި ފުރުޞަތުތަކުގެ ބޭނުންހިއްޕަވާ، ތިމާގެ އަމިއްލަ ނަފްސަށާއި ގާތްތިމާގެ މީހުންނަށާއި ރަޙްމަތްތެރިންނަށް ހެޔޮ ދުޢާކުރުން ގިނަ ކުރައްވާށެވެ.
- ޒަމްޒަމްފެން ބުއިން
ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَاءُ زَمْزَمَ لِمَا شُرِبَ لَهُ)) [رواه أحمد وابن ماجه، وصححه الألباني في الإرواء رقم:١١٢٣]
މާނައީ: “ޒަމްޒަމްފެންވަނީ އެބުއިކަމަކަށެވެ.”
އެހެންކަމުން ތިބާގެ ޙާޖަތްތައް ފަހިވުން އަދައިގެން ގިނަގިނައިން ޒަމްޒަމްފެން ބޯށެވެ.
- ޒިކުރާއި އިސްތިޣްފާރު ގިނަގިނައިން ކުރުން
ޒިކުރުކުރުމުގެ ގޮތުން ޤުރުއާން ކިޔެވިދާނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
«مَنْ قَرَأَ حَرْفًا مِنْ كِتَابِ اللَّهِ فَلَهُ بِهِ حَسَنَةٌ، وَالحَسَنَةُ بِعَشْرِ أَمْثَالِهَا، لَا أَقُولُ الم حَرْفٌ، وَلَكِنْ أَلِفٌ حَرْفٌ وَلَامٌ حَرْفٌ وَمِيمٌ حَرْفٌ» [رواه الترمذي وصححه الألباني]
މާނައީ:”ﷲ ގެ ފޮތުން އެންމެ އަކުރެއްވެސް ކިޔަވައިފި މީހަކަށް ހެޔޮ ކަމެއްވެއެވެ. ކޮންމެ ހެޔޮ ކަމެއް އޭގެ ދިހަ ހެޔޮކަންފަދައެވެ. الم އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ވިދާޅެއް ނުވަމުއެވެ. އެހެންނަމަވެސް ا އަކީ އަކުރެކެވެ. ل އަކީވެސް އަކުރެކެވެ. އަދި م އަކީވެސް އަކުރެކެވެ.”
ޤުރުއާން ކިޔެވުމުގެ އިތުރުން ކުރެވިދާނެ ބައެއް އެހެން ޒިކުރުތަކުގެ ތެރޭގައި:
((مَنْ قَالَ سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ)) [رواه الترمذي وصححه الألباني]
މާނައީ: ”سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ [މާނައީ: “ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެއިލާހަށެވެ. [“މިފަދައިން ކިޔައިފިމީހާ ދަންނައެވެ. އޭނާއަށްޓަކައި ސުވަރުގޭގައި ކަދުރު ރުކެއް އިންދޭ ހުށްޓެވެ.”
«كَلِمَتَانِ حَبِيبَتَانِ إِلَى الرَّحْمَنِ، ثَقِيلَتَانِ فِي الْمِيزَانِ، خَفِيفَتَانِ عَلَى اللِّسَانِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ» [أخرجه البخاري]
މާނައީ: “ރަޙްމާންވަންތަ ﷲގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދެކަލިމައެއްވެއެވެ. އެ ދެކަލިމަ މީޒާނުގައި ބަރުވެގެންވެއެވެ. އަދި ދުލަށް ލުއިވެގެންވެއެވެ. (އެބަހީ: އެއީ ކިޔާލަން ފަސޭހަ ދެކަލިމައެވެ.) އެ ދެކަލިމައަކީ سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ އެވެ.”
އިސްތިޣްފާރުކުރެވިދާނެ ފަސޭހަގޮތެއް
))أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْهِ((
މާނައީ: “ޔާ ﷲ! މިއަޅާގެ ފާފަތައް ފުއްސަވާނދޭވެ. އަދި މިއަޅާ އިބައިލާހަށް ތައުބާވަމެވެ.”
- ޞަދަޤާތްކުރުން
މައްކާގައި އުޅޭއިރު ގިނަގިނައިން ޞަދަޤާތްކުރައްވާށެވެ. ފައިސާއިންނާއި އެނޫން ގޮތްގޮތުންނެވެ.
عَنْ أَبِي ذَرٍّ رضي الله عنه: “أَنَّ نَاسًا مِنْ أَصْحَابِ رَسُولِ اللَّهِ صلى الله عليه وسلم قَالُوا لِلنَّبِيِّ صلى الله عليه وسلم يَا رَسُولَ اللَّهِ ذَهَبَ أَهْلُ الدُّثُورِ بِالْأُجُورِ؛ يُصَلُّونَ كَمَا نُصَلِّي، وَيَصُومُونَ كَمَا نَصُومُ، وَيَتَصَدَّقُونَ بِفُضُولِ أَمْوَالِهِمْ.
قَالَ: ((أَوَلَيْسَ قَدْ جَعَلَ اللَّهُ لَكُمْ مَا تَصَّدَّقُونَ؟ إنَّ بِكُلِّ تَسْبِيحَةٍ صَدَقَةً، وَكُلِّ تَكْبِيرَةٍ صَدَقَةً، وَكُلِّ تَحْمِيدَةٍ صَدَقَةً، وَكُلِّ تَهْلِيلَةٍ صَدَقَةً، وَأَمْرٌ بِمَعْرُوفٍ صَدَقَةٌ، وَنَهْيٌ عَنْ مُنْكَرٍ صَدَقَةٌ…))
މާނައީ: އަބޫ ޛައްރު رضي اللّه عنه ރިވާކުރެއްވިއެވެ. ﷲގެ ރަސޫލާ ﷺ ގެ އަޞްޙާބުބޭކަލުންގެ ތެރެއިން ބައެއް ބޭކަލުން ނަބިއްޔާ صلى الله عليه و سلم އަށް ދެންނެވިއެވެ.
އޭ ﷲ ގެ ރަސޫލާއެވެ! މުދާގިނަބޭކަލުން، އަޖުރުތަކައިގެން ވަޑައިގެންފިއެވެ. ތިމަންބޭކަލުން ނަމާދުކުރާ ފަދައިން އެބޭކަލުންވެސް ނަމާދުކުރައްވައެވެ. އަދި ތިމަންބޭކަލުން ރޯދަހިފާ ފަދައިން އެބޭކަލުންވެސް ރޯދަހިއްޕަވައެވެ. އަދި އެބޭކަލުންގެ އަތުގައިވާ އިތުރުމުދާތަކުން އެބޭކަލުން ޞަދަޤާތްކުރައްވައެވެ.
އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުން ޞަދަޤާތްކުރާނޭ އެއްޗެއް ﷲ ލައްވާފައި ނުވޭ ހެއްޔެވެ؟ ހަމަކަށަވަރުން ކޮންމެ ތަސްބީޙައެއްގައި ޞަދަޤާތެެއްވެއެވެ. އަދި ކޮންމެ ތަކުބީރެއްގައި ޞަދަޤާތެެއްވެއެވެ. އަދި ކޮންމެ ތަޙްމީދެއްގައި ޞަދަޤާތެެއްވެއެވެ. އަދި ކޮންމެ ތަހުލީލެއްގައި ޞަދަޤާތެއް ވެއެވެ. (އެބަހީ: سُبْحَانَ اللهِ، اللهُ أَكْبَرُ، الحَمْدُ لِلهِ ، لَا إِلٰهَ إِلَّا اللهُ މިއިން ކޮންމެ ކަލިމައެއް ކިޔުމަކީވެސް ޞަދަޤާތެކެވެ.) އަދި ހެޔޮކަމަކަށް އަމުރުކުރުމީ ޞަދަޤާތެކެވެ. އަދި ނުބައިކަމެއް ނަހީކުރުމީ ޞަދަޤާތެކެވެ…”
އެހެންކަމުން މައްކާގައި ހޭދަކުރާ ދުވަސްވަރު ޚާއްޞަގޮތެއްގައި މިކަމަށް އިތުރު ސަމާލުކަމެއްދީ، ތިބާގެ އަނިބިދަރީންނަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރިންނަށް ދީނުގެ ވާޖިބުތައް އަދާކުރުމަށާއި ފާފަތަކުން ދުރުވުމަށް ވަޞިއްޔަތްކުރަންވާނެއެވެ.
މައްކާގައި ކުރެވޭ ހެޔޮ ޢަމަލުތަކުގެ އަޖުރު އިތުރުވާއިރު، މައްކާގައި ކުރެވޭ ފާފަތަކުގެ އަޒާބުވެސް ބޮޑުވެގެންވެއެވެ.
މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާވަނީ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައެވެ.
﴿إِنَّ الَّذِينَ كَفَرُوا وَيَصُدُّونَ عَن سَبِيلِ اللَّـهِ وَالْمَسْجِدِ الْحَرَامِ الَّذِي جَعَلْنَاهُ لِلنَّاسِ سَوَاءً الْعَاكِفُ فِيهِ وَالْبَادِ وَمَن يُرِدْ فِيهِ بِإِلْحَادٍ بِظُلْمٍ نُّذِقْهُ مِنْ عَذَابٍ أَلِيمٍ﴾ [ سورة الحج ٢٥]
މާނައީ: ”ހަމަކަށަވަރުން ކާފިރުވެ ﷲގެ މަގުން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި ޤާއިމުވެ ހުންނަމީހާއާއި، ބޭރުން އަންނަމީހާއާއި ހަމަހަމަވާގޮތުން، މީސްތަކުންނަށްޓަކައި ތިމަންއިލާހު ލެއްވި މަސްޖިދުލް ޙަރާމްއިން މީސްތަކުން އެއްކިބާކުރާ މީހުންނާއި، އަދި އެތާނގައި އަނިޔާވެރިކަމާއެކު، ދީނާއި ޚިލާފުގޮތްތައް އުފައްދަން އުޅޭމީހާއަށް ތިމަންއިލާހު ވޭންދެނިވި އަޒާބު ދެއްވާ ހުށީމެވެ.”
މި އާޔަތުގައި މިވާ އިލްޙާދުގެ މާނައިގެ ތެރެއަށް އެންމެހާ ފާފަތަކާއި އުރެދުންތައް ވަންނާނެކަމުގައި ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
ނިކަން ވިސްނަވާށެވެ. މައްކާގައިހުރެ އުރެދުމަކަށް އަރައިގަތުމަށް ބޭނުންވެ އެކަމަށް ހަމައެކަނި ނިޔަތްގަނެފި މީހާއަށްވެސް ﷲ ތަޢާލާ ބޮޑުވެގެންވާ ވަޢީދަކުން ވަޢީދުބަސްފުޅު ވަޙީކުރައްވައިފައިވާއިރު، އެފަދަ ފާފަތަކަށް އަރައިގަންނަ މީހާގެ ޙާލަކީ ފަހެ ކޮބައިތޯއެވެ؟
މައްކާއަށް އައުމުގެ ނަސީބު ލިބޭ ކޮންމެ މީހަކުވެސް އެކިއެކި އަޅުކަމުގައި ޝާމިލުވެވޭތޯ ބަލަންވާނެއެވެ. މިސާލަކަށް ތަވާފުކުރުން، ނަމާދުކުރުން، ޒިކުރުކުރުން، ދުޢާކުރުން، ޤުރުއާން ކިޔެވުން، އެހެންމީހުންނަށްޓަކައި ދުޢާކޮށްދިނުން، ޢިލްމު އުނގެނުން އަދި ޒިކުރުގެ މަޖްލިސްތަކަށް ހާޟިރުވުންފަދަ ކަންކަމުގައެވެ.
އަދި ފާފަތަކުން ދުރުވާން ޖެހޭނެއެވެ. މައްކާއިން އެނބުރި ޤައުމަށް ދާންވާނީ ޢުމުރުގެ ބާކީއޮތް ބައި މާތް ﷲއަށް ކިޔަމަންތެރިކަން އަދާކުރުންމަތީ ހޭދަކުރުމުގެ މަތިވެރި ޢަޒުމުގައެވެ.
ޙައްޖަށް ނުވަތަ ޢުމްރާއަށް ވަޑައިގަންނަވާ ދޮށީ ޢުމުރުގެ ބޭފުޅުންނާވެސް މިލިޔުން ހިއްސާކޮށްލައްވާށެވެ. އޭރުން އެބޭފުޅުން ކުރައްވާ ޢަމަލުތަކުގެ ޘަވާބު ތިބޭފުޅުންނަށްވެސް ލިބޭނެއެވެ. إن شاء الله
ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.
((مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ)) [صحيح مسلم, 133 – 1893].
މާނައަކީ: ”ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭފަދަ އަޖުރާއި ޘަވާބު ހުއްޓެވެ.”