[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة عبس

ސޫރަތް ބާއްވައިލެއްވުނު ސަބަބު

އަބްދުﷲ ބުން އުންމު މަކްތޫމް رضى الله عنه  އަކީ އިސްލާމްދީން ފާޅުވިތާ ކުރީކޮޅު އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު ކީރިތި ޤުރުއާން ހިތުން ދަސްކުރެއްވުމަށް ވަރަށް ޚާއްޞަ ޝައުޤުވެރިކަމެއް ބެހެއްޓެވިއެވެ. އެދުވަސް ވަރަކީ މީސްތަކުންނަށް އިސްލާމީ ދައުވަތު ފޯރުކޮށްދީ، ޤުރައިޝުން އިސްލާމްދީނަށް ވެއްދުމަށް ކީރިތި ރަސޫލާ صلى الله عليه وسلم ވަރަށް ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ދުވަސްވަރެކެވެ.

އެއްދުވަހަކު ކީރިތިރަސޫލާ صلى الله عليه وسلم ޤުރައިޝުންގެ ބޮޑުންގެ ބަޔަކަށް ދަޢުވަތު ދޭން ހުންނަވަނިކޮށް ޢަބްދުﷲ ބުން އުއްމު މަކްތޫމު رضى الله عنه އެތަނަށް ވަޑައިގެން ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. މާތް ﷲ ކަލޭގެފާނަށް އުނގަންނަވައިދެއްވި އެއްޗަކުން ތިމަންކަލޭގެފާނަށް އުނގަންނަވައި ދެއްވާށެވެ.” އެހިނދު ކީރިތި ރަސޫލާ صلى الله عليه وسلم ގެ މޫނުފުޅުން ނުތަނަވަސްކަން ފާޅުވެގެން ދިޔައެވެ. އަދި މަޖިލީހަށް ހާޒިރުވެތިބި ޤުރައިޝުންނާ ދިމާއަށް އެކަލޭގެފާނު އެނބުރި ވަޑައިގަތެވެ. ޢަބަސަ ސޫރަތުގެ ކުރީކޮޅުގެ އާޔަތްތައް  ބާވާލެއްވުނީ މިހާދިސާއާ ގުޅިގެންނެވެ.

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

މި ސޫރަތުގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލެވިފައިވަނީ މުއުމިނުންގެ ތެރެއިން ނިކަމެތިންނަށްވެސް އަޅާލަން ޖެހޭކަމާއި، ކީރިތި ޤުރުއާނުގެ މަތިވެރިކަމާ އަދި މާތް ﷲގެ ކުޅަދުންވަންތަވެރިކަމުގެ ބައެއް ހެކިތަކުގެ މައްޗަށެވެ. އަދި ޤިޔާމަތްދުވަހު މީސްތަކުންގެ ޙާލު ހުންނާނެގޮތުގެ މައްޗަށެވެ.

ސޫރަތުގައި އަލިއަޅުވައިލެވިފައިވާ ބައެއް موضوع ތައް

  1. 1 ވަނަ އާޔަތުން 10 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ޢަބްދުﷲ ބުން އުއްމު މަކްތޫމު رضى الله عنه އާ ދެމެދު ހިނގާދިޔަ ހާދިސާގެ ވާހަކައެވެ.
  2. 11 ވަނަ އާޔަތުން 16 ވަނަ އާޔަތަށް ބަޔާންވެފައިވަނީ ކީރިތި ޤުރުއާނަކީ އެފޮތުގެ އާޔަތްތަކާއިމެދު ވިސްނައިގެން ކިޔަވައިފި ކޮންމެ މީހަކަށްވާ ހަނދުމަކޮށްދިނުމެއްކަމުގައެވެ.
  3. 17 ވަނަ އާޔަތުން 32 ވަނަ އާޔަތަށް އައިސްފައިވަނީ ޚަލްޤުކުރެއްވުމާއި ކާބޯތަކެއްޗަށް ބަލާ ވިސްނުމުން ހާމަވާ މާތް ﷲ ގެ އެއްކައުވަންތަކަމުގެ ބައެއް ހެކިތަކުގެ ބަޔާނެކެވެ.
  4. 33 ވަނަ އާޔަތުން 42 ވަނަ އާޔަތަށް އައިސްފައިވަނީ ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި އެދުވަހު މީސްތަކުންގެ ޙާލު ހުންނާނެގޮތުގެ މައްޗަށެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

  1. 1 ވަނަ އާޔަތުން 10 ވަނަ އާޔަތުގެ ނިޔަލަށް އައިސްފައިވާ ކީރިތި ރަސޫލާ صلى الله عليه وسلم އާއި ޢަބްދުﷲ ބުން އުއްމު މަކްތޫމު رضى الله عنه އާ ދެމެދު ހިނގާދިޔަ ހާދިސާއިން ޢަބްދުﷲ ބުން އުއްމު މަކްތޫމު رضى الله عنه  ގެ މަތިވެރިކަން ބަޔާންވެގެންދެއެވެ.
  2. ﴿فِي صُحُفٍ مُكَرَّمَةٍ (13) مَرْفُوعَةٍ مُطَهَّرَةٍ (14) بِأَيْدِي سَفَرَةٍ (15) كِرَامٍ بَرَرَةٍ (16)﴾ [عبس: 13 – 16]

މި އާޔަތްތަކުން ކީރިތި ޤުރުއާނުގެ މާތްކަމާއި ޤުރުއާން ލިޔެވިފައިވާ ފަތްފުށްތަކުގެ މާތްކަމާއި އެފަތްފުށްތައް އުފުއްލަވާ މަލާއިކަތުންގެ މަތިވެރިކަން އެނގިގެންދެއެވެ. މިކަމުން މުއުމިނުންނަށް ލިއްބައިދޭ ޢިބްރަތަކީ މިފޮތް ކިޔަވާ އެއަށް ޢަމަލުކުރާ ކޮންމެ މީހަކަށް ދެދުނިޔޭގައިވެސް ކާމިޔާބާއި މަތިވެރިކަން ލިބިގެންދާނެކަމެވެ.


ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާއެއްގެ މައްޗަށް ލިޔަން ޤަސްދުކޮށްގެން މިފަށާ ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާ ކުދިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء الله.

و الله ولي التوفيق .

މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް