[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޝައިޚް އަބޫބަކުރު އަލްޖަޒާއިރީ –رحمه الله-

ފުރިހަމަ ނަން: އަބޫބަކުރު ޖާބިރު ބުން މޫސާ ބުން ޢަބްދުލްޤާދިރު ބުން ޖާބިރު އަބޫބަކުރު އަލްޖަޒާއިރީ

އުފަންވީ: 1342 – 1921 ގައި ޖަޒާއިރުގެ ދެކުނުގައިވާ ލީވާ (Lioua) ކިޔާ ރަށުގައި

އަވަހާރަވީ: 4 ޛުލްޙިއްޖާ 1439 – 15 އޮގަސްޓު 2018 ގައި މަދީނާގައި

 

 

ޝައިޚުގެ ޢިލްމީ ޙަޔާތް ފެއްޓެވީ އުފަން ރަށުގައެވެ. އެގޮތުން ތުއްޕުޅުއިރު ޤުރުއާން ހިތުދަސްކުރެއްވިއެވެ. އަދި ޢަރަބި ބަހާއި މާލިކީ މަޛްހަބުގެ ފިޤުހުގެ މަތަނުތައް (އެބަހީ: ކިޔަވަން ފަށާއިރު ދަސްކުރާ އަސާސީ ފަންނުތައް) ހިތުދަސްކުރެއްވިއެވެ. އަދި އެއަށްފަހު ބިސްކިރާ (Biskra) އަށް ވަޑައިގެން އެތަނުގައި ތިއްބެވި ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވުމަށް ދުވަސްތަކެއް ހޭދަކުރެއްވިއެވެ.

ދެން އެއަށްފަހު އާއިލާއާއެކު މަދީނާއަށް ވަޑައިގެންނެވިއެވެ. އަދި މަސްޖިދުއްނަބަވީގައި ކުރިއަށްދިޔަ ޙަލަޤާތަކުގައި ބައިވެރިވެ ވަޑައިގެން މަދީނާގެ ޢިލްމުވެރިންގެ އަރިހުން ޢިލްމު ޙާޞިލުކުރެއްވިއެވެ. އަދި މަސްޖިދުއްނަބަވީގައި ކިޔަވައިދެއްވުމުގެ ހުއްދަލިބިވަޑައިގެންނެވުމުން ޤުރުއާނުގެ ތަފްސީރާއި، ޙަދީޘްގެ އިތުރުން އެހެން ޢިލްމުތައްވެސް ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި ބައެއް މަދްރަސާތުކާއި ވުޒާރަތުލް މަޢާރިފް އަދި ދާރުލް ޙަދީޘްގައިވެސް ކިޔަވައިދެއްވިއެވެ.

ހިޖުރައިން 1380 ވަނަ އަހަރު މަދީނާގައި އަލްޖާމިޢާ އަލްއިސްލާމިއްޔާ ހުޅުވުމުން، އެޖާމިޢާގެ ފުރަތަމަ އުސްތާޛުންގެ ތެރޭގައި ޝެއިޚު ހިމެނިވަޑައިގެންނެވިއެވެ. އަދި 1406 ވަނަ އަހަރު ވަޒީފާ އަދާކުރެއްވުން ހުއްޓަވާލައްވަންދެން އަލްޖާމިޢާ އަލްއިސްލާމިއްޔާގެ އުސްތާޛެއްގެ ގޮތުގައި ކިޔަވައިދެއްވިއެވެ. ނަމަވެސް އޭގެ ފަހުންވެސް މަސްޖިދުއްނަބަވީގައި ދިގު މުއްދަތަކަށް ކިޔަވައިދެއްވުން ކުރިއަށް ގެންދެވިއެވެ.

 

 

ޝައިޚު ލިޔުއްވާފައިވާ ފޮތްތަކުގެ ތެރޭގައި:

– رسائل الجزائري: މިއީ އިސްލާމްދީނާއި ދަޢުވަތާ ބެހޭގޮތުން ލިޔުއްވާފައިވާ 23 ރިސާލާއެވެ.

– منهاج المسلم: ޢަޤީދާއާއި އަދަބު އަޚްލާޤާއި އަޅުކަންތަކާއި މުޢާމަލާތްތަކުގެ މައްޗަށް އެކުލަވާލައްވާފައިވާ ފޮތެކެވެ.

– عقيدة المؤمن: މިފޮތް އެކުލެވިގެންވަނީ މުއުމިނުންގެ ޢަޤީދާގެ އުޞޫލުތަކާއި ފަރުޢީ މައްސަލަތަކެއްގެ މައްޗަށެވެ.

– أيسر التفاسير للقرآن الكريم:  މި ތަފްސީރު ފޮތުގެ 4 ބައިވެއެވެ.

– المرأة المسلمة.

– الدولة الإسلامية.

– الضروريات الفقهية: މިއީ މާލިކީ މަޛްހަބުގެ ފިޤުހުގެ ރިސާލާއެކެވެ.

– هذا الحبيب محمد صلى الله عليه وسلم.. يا محب: މިއީ ސިޔަރަތު ފޮތެކެވެ.

– كمال الأمة في صلاح عقيدتها.

– هؤلاء هم اليهود.

– المدينة المنورة النبوية فضلها، فضل ساكنيها، زيارتها.

– اقتربت الساعة فتوبوا أيها المذنبون.

– النجاة النجاة يا عباد الله.

– الجهاد في سبيل الله ومحرمة الخروج على حاكم المسلمين.

– الجنة دار الأبرار والطريق الموصل إليها.

 

 

ޝައިޚް އަވަހާރަވީ 4 ޛުލްޙިއްޖާ 1439 ވީ ބުދަ ދުވަހުގެ ފަތިހު މަދީނާގައެވެ. އަދި އެދުވަހުގެ މެންދުރު ނަމާދަށްފަހު މަސްޖިދުއްނަބަވީގައި ޝައިޚުގެ މައްޗަށް ކަށުނަމާދު ކޮށް ބަޤީޢުގައި ފަސްދާނުލެވުނެވެ.

اللهم اغفر له واعف عنه وأكرم نزله وتقبل منه.

______________________________

މަޞްދަރު: 1 ، 2 ، 3