[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة التكوير

ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع

މައިގަނޑުގޮތެއްގައި މި ސޫރަތުގައި ބަޔާންކުރައްވާފައިވަނީ މާތް ﷲ ގެ ކަލާމްފުޅު އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ވަރަށް އަމާނާތްތެރިކަމާއެކުގައިކަމެވެ. މި ގޮތުން މާތް ﷲ ގެ ވަޙީ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގެނެސްދެއްވި ޖިބްރީލް عليه السلام އަކީ ދަރަޖަ މަތިވެރި، އަމާނާތްތެރި ބޭކަލެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ހަމައެހެންމެ ޖިބްރީލް عليه السلام ގެނެސްދެއްވި ވަޙީ، އިންސީންނާއި ޖިންނީންނަށް ފޯރުކޮށްދެއްވުމުގައި މެދުވެރިއަކަށްވި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަކީ ވިސްނުންފުޅު އުނި ބޭކަލެއް ނޫންކަމުގައި ބަޔާންކޮށްދެއްވައިފައިވެއެވެ.

ސޫރަތުގައިވާ މުހިއްމު ނުކުތާތައް

  1. ޤިޔާމަތް ވާހިނދު މި ދުނިޔެމަތީގައި ވާނެ ބައެއް ކަންކަމަށް ސޫރަތުގެ ފުރަތަމަ ހަ އާޔަތުގައި އަލިއަޅުވާލައްވާފައިވެއެވެ. މިގޮތުން ދުނިޔެއަށް އަންނާނެ ބައެއް ބަދަލުތަކުގެ ވާހަކަ އައިސްފައިވަނީ ތިރީގައިވާ ތަރުތީބުންނެވެ.
އިރު އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ.
ތަރިތައް އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ.
ފަރުބަދަތައް އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ.
މާބަނޑު ޖަމަލުތައް އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ.
ވަލު ޖަނަވާރުތައް އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ.
ކަނޑުތައް އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ.
  1. 8 ވަނަ އާޔަތުން ފެށިގެން ގޮސް 14 ވަނަ އާޔަތާއި ހަމައަށް އަލުންދިރުއްވުމަށްފަހު ހިނގާނެ ބައެއް ކަންކަން ބަޔާންވެފައިވެއެވެ.
  2. ވަޙީ އައިސްފައިވާ މަގު (route) އާއިމެދު ޝައްކު ކުރެވެންނެތްކަން އެނގިގެންދިޔުން

މި ގޮތުން މާތްﷲ ކުޅަދުންވަންތަކަމުގެ ކައުނީ ބައެއް ހެކިތައް ގަންދެއްވާ ހުވާކުރައްވަވާ މި ވަޙީ އަކީ ޝައްކުކުރެވެންނެތް ޙައްޤުތެދުކަން ބަޔާންކޮށްދީފައިވެއެވެ. (15 ވަނަ އާޔަތުން 18 ވަނަ އާޔަތަށް)

އުޑުން ބިމަށް މާތް ﷲ ގެ ކަލާމްފުޅު ގެނެސްދެއްވި ޖިބްރީލް عليه السلام ގެ މަތިވެރި މަޤާމާއި، އިންސީންނާއި ޖިންނީންނަށް މާތް ﷲގެ ކަލާމްފުޅު ފޯރުކޮށްދެއްވި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތުގެ ތެދުކަންވެސް ބަޔާންކޮށްދީފައިވެއެވެ. (19 ވަނަ އާޔަތުން 24 ވަނަ އާޔަތަށް)

މީގެއިތުރުން ޤުރްއާނަކީ މާތްﷲގެ ޙަޟްރަތުން ބާވައިލެއްވުނު ވަޙީކަން ބަޔާންކޮށްދެއްވައިފައިވެއެވެ. (25 ވަނަ އާޔަތުން 28 ވަނަ އާޔަތަށް)

  1. އަޅާގެ މަޝީއަތު މާތް ﷲގެ މަޝީއަތުން ބޭރުނުވާކަން ބަޔާންކޮށްދެއްވުން. (29 ވަނަ އާޔަތް)

 

 

މަޝީއަތާއި ބެހޭ ދެތިންބަހެއް

އަޅާގެ މަޝީއަތު މާތް ﷲގެ މަޝީއަތުން ބޭރުނުވާކަމަށް އީމާންވުމަކީ މާތްﷲގެ މިންވަރުފުޅަށް އީމާންވުމުގައި ހިމެނޭ ހަތަރުބައިގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޤަދަރަށް (މިންވަރަށް) އީމާންވުމުގައި ހިމެނޭ ކަންކަމަކީ:

ފުރަތަމައީ: ހުރިހާ އެއްޗެއް ﷲ ސުބުޙާނަހޫ ވަތަޢާލާ އިޖުމާލީކޮށާއި އަދި ތަފުޞީލުކޮށް އަބަދުގެ އަބަދަށް ދެނެވޮޑިގެންވާކަމާއި، އަދި ވެފައިވާ ކަންކަމާއި އަދި ވާނޭކަންކަން އެއިލާހު ދެނެވޮޑިގަންނަވާކަމާއި އަދި ނުވާކަންކަމާއި އަދި ވަންޏާއި ވާނޭގޮތްވެސް ދެނެވޮޑިގަންނަވާކަމަށް އީމާންވުމެވެ.

ދެވަނައީ: ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިވާކަމަށް އީމާންވުމެވެ.

ތިންވަނައީ: ﷲގެ އިރާދަފުޅާ ލައިގެން މެނުވީ ކާއިނާތުގައި އެއްވެސް ކަމެއް ނުވާނެކަމަށް އީމާންވުމެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢަމަލުފުޅުތައްކަމުގައި ވިޔަސް މެއެވެ. އަދި އަޅުތަކުންގެ ޢަމަލުތައް ކަމުގައިވިނަމަވެސް މެއެވެ.

ހަތަރުވަނައީ: ހުރިހާ ކާއިނާތު ތަކަކީ ﷲ އުފައްދަވާފައިވާ މަޚުލޫޤުންތަކެއްކަމަށް އީމާންވުމެވެ. އެހެނީ ބިމާއި އުޑުގައި ޒައްރެއްގެ މިންވަރުވިޔަސް އެތަކެތި އުފައްދަވާފައިވަނީ ﷲއެވެ.

ސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް

  • އާޚިރަތްދުވަހުން އިންސާނާ މިދުނިޔެމަތީގައި ކުޅަ ޢަމަލުތަކުގެ ހަނދާންވާނެކަމުގައި، 13 އެއްޗެއް ގަންދެއްވާ މާތް ﷲ ވަޙީކުރައްވައިފައިވުމުން، މި ދުނިޔެމަތީގައި ކުޅިވަރާއި މަޖަލުގައި ވަގުތުތައް ބޭކާރުކުރުމުގެ ބަދަލުގައި ހެޔޮ ޢަމަލުތައްކުރުން ގިނަކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ.
  • ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

«مَنْ سَرَّهُ أَنْ يَنْظُرَ إِلَى يَوْمِ القِيَامَةِ كَأَنَّهُ رَأْيُ عَيْنٍ فَلْيَقْرَأْ: إِذَا الشَّمْسُ كُوِّرَتْ، وَإِذَا السَّمَاءُ انْفَطَرَتْ، وَإِذَا السَّمَاءُ انْشَقَّتْ» [رواه أحمد والترمذي وصححه الألباني]

މާނައީ: “ޤިޔާމަތްދުވަސް ހަމަލޮލަށް ފެންނަ ފަދައިން ދެކެން އެދޭ މީހާ ދަންނައެވެ. ފަހެ، އޭނާ إِذَا الشَّمْسُ كُوِّرَتْ (سورة التكوير)، إِذَا السَّمَاءُ انْفَطَرَتْ (سورة الانفطار) އަދި  إِذَا السَّمَاءُ انْشَقَّتْ (سورة الانشقاق) ކިޔަވާށެވެ.”  

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

«شَيَّبَتْنِي هُودٌ، وَالوَاقِعَةُ، وَالمُرْسَلاَتُ، وَعَمَّ يَتَسَاءَلُونَ، وَإِذَا الشَّمْسُ كُوِّرَتْ» [رواه الترمذي وصححه الألباني]

މާނައީ: “ތިމަންކަލޭގެފާނުގެ އިސްތަށިފުޅު ނުރަކުރުވީ هُود ސޫރަތާއި، وَاقِعَةُ ސޫރަތާއި، عَمَّ يَتَسَاءَلُون އާއި އަދި إِذَا الشَّمْسُ كُوِّرَت އެވެ.”


ޤުރުއާނުގެ ސޫރަތްތަކުގެ ކުރު ޚުލާސާއެއްގެ މައްޗަށް ލިޔަން ޤަސްދުކޮށްގެން މިފަށާ ސިލްސިލާއަކީ ޤުރްއާން ހިތުދަސްކުރާ ކުދިންނަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ. إن شاء الله.

 

و الله ولي التوفيق .

 

މަޞްދަރު: أول مرة أتدبر القرآنކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް