الحمد لله، والصلاة والسلام على رسول الله
މިއީ އައްޔާމުއް ތަޝްރީޤު (ޛުލް ޙިއްޖާމަހުގެ އެގާރަ ބާރަ ތޭރަ) އާ ގުޅޭ ބައެއް ފައިދާތަކުގެ ޚުލާޞާއެކެވެ. މީގެ ފައިދާ މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތަށް ދަންނަވަމެވެ.
1- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ނަޙްރުގެ ދުވަސް (ކަތިލުމުގެ ދުވަސް ނުވަތަ ޢީދު ދުވަސް) އަށްފަހުގައި އަންނަ ތިން ދުވަހެވެ. އެއީ ޛުލް ޙިއްޖާ މަހުގެ އެގާރަ، ބާރަ އަދި ތޭރަ މި ތިން ދުވަހެވެ. މި ދުވަސްތަކަށް މިނާގެ ދުވަސްތަކޭވެސް ކިޔައެވެ. އެއީ އެދުވަސްތަކުގައި ޙައްޖުވެރިން މިނާގައި މަޑުކޮށްގެން ތިބޭ ކަމަށްޓަކައެވެ. މިއީ ޖަމްރާތަކަށް ހިލައުކުމުގެ ދުވަސްތަކެވެ.
2- މި ދުވަސްތަކަށް އައްޔާމުއް ތަޝްރީޤުއޭ ކިޔުނީ ހަދްޔުގެ ގޮތުގައި ކަތިލާތަކެއްޗާއި އުޟްޙިޔާގެ ގޮތުގައި ކަތިލާ ތަކެތީގެ މަސް މި ދުވަސްތަކުގައި އަވީލާކަމަށްޓަކައެވެ. މަސްތައް ދިގުކޮށް ކޮށާފައި ހިއްކުމަށްޓަކައި އަވީގައި ލާތީއެވެ. އަދި އެއީ މަސްތައް ކުދިކުދިކޮށް ކޮށުން ކަމުގައިވެސް ބުނެވެއެވެ. އަދި މި ދުވަހަށް އައްޔާމުއް ތަޝްރީޤޭ ކިޔުނީ އެދުވަހުގައި ކަތިލާ ހަދްޔާއި އުޟްޙިޔާ ކަތިލަނީ އިރުގެ އަލިކަން ފާޅުވުމަށްފަހުގައި އެއީ އިރު އެރުމަށްފަހުގައި ކަމަށްވާތީއޭވެސް ބުނެވެއެވެ. انظر: «النِّهاية في غريب الحديث » لابن الأثير ) 2/ 464 (، و «المجموع »للنووي ) 6/ 442 (، و «لسان العرب 176/10( » (، و «المصباح المنير ».)310/1(
3- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ޙައްޖުވެރީން ޖަމުރާތަކަށް ހިލައުކާ ދުވަސްތަކެވެ. އެއީ ކުޑަޖަމުރާއާއި މެދު ޖަމުރާއާއި ބޮޑު ޖަމުރާއެވެ. ކޮންމެ ޖަމުރާއަކަށްވެސް ހަތް ހިލަކޮޅު އުކައެވެ. ކޮންމެ ހިލަކޮޅެއް އެއްލާލުމާއެކު ތަކްބީރު ކިޔުން ސުންނަތްވެގެންވެއެވެ. ކޮންމެ ދުވަހެއްގައިވެސް ހިލައުކާނީ އިރު މެދުން ފިލުމަށްފަހުގައެވެ. ހިލައުކުމުގެ ވަޤުތު މެންދުރުން ފެށިގެން އަނެއްދުވަހުގެ ފަތިސްވަޤުތާ ހަމައަށް ދެމިގެންދެއެވެ. އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ ދުވަހުއާއި ދެވަނަ ދުވަހު ހިލަ އުކުމުން ޙައްޖުގެ ވާޖިބުތައް ނިމުނީއެވެ. ހިލައުކަން ތިންވަނަ ދުވަހަކަށް މަޑުކުރުން މޮޅުއިތުރު ވެގެންވެއެވެ. އެހެނީ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައްކުރެއްވި ގޮތެވެ.
فَمَن تَعَجَّلَ فِي يَوْمَيْنِ فَلَا إِثْمَ عَلَيْهِ وَمَن تَأَخَّرَ فَلَا إِثْمَ عَلَيْهِ- البقرة 203
މާނައީ: “ފަހެ، ދެ ދުވަހުގެ ތެރޭގައި (އެކަން ނިންމައި އެނބުރި ދިޔުމަށް) އަވަސްވެގަތްމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. އަދި (ތިންދުވަހަށް) ލަސްކުޅަމީހާގެ މައްޗަކަށްވެސް ފާފައެއް ނެތެވެ.”
4- ޙައްޖުމަހުގެ އެގާރަ އަދި ބާރާގައި ޙައްޖުވެރިން މިނާގައި ރޭކުރުމަކީ ޙައްޖުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެކެވެ. ތޭރަވަނަ ދުވަސް އެވަނީ ލަސްކުރަން ގަސްދުކުރާ މީހާއަށެވެ. އެއީ އެންމެ މޮޅުއިތުރު ގޮތެވެ. އަވަހަށް ދާން ބޭނުންވާ މީހަކަށް މިރޭ މިނާގައި ރޭކުރުން ދޫކޮށްލާފައި ދިޔުން ހުއްދައެވެ.
5- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ އެއީ ކީރިތި ޤުރުއާނުގައިވާ ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެވެ. އެއީ އެދުވަސްތަކެއްގައި ޛިކްރުކުރުމަށް ﷲ ތައާލާ އަމުރުކުރައްވާފައިވާ ދުވަސްތަކެވެ.
وَاذْكُرُوا اللَّـهَ فِي أَيَّامٍ مَّعْدُودَاتٍ – البقرة 203
މާނައީ: “ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ތިޔަބައިމީހުން ﷲ އަށް ޛިކްރުކުރާށެވެ.”
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު، ޢަޠާ ރަޙިމަހުﷲ އަދި މުޖާހިދު ރަޙިމަހުﷲ ވިދާޅުވިއެވެ. “އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަށް ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކޭ ކިޔުނީ އެދުވަސްތަކުގެ މަދުކަމުންނެވެ.” «تفسير الطبري 549/3( » (.
6- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ ދުވަހެވެ. ޙަދީޘްގައިވާ ފަދައިންނެވެ. ” إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَومُ الْقَرِّ ” (رواه أبو داود 1765وصححه الألباني في صحيح أبي داود .) މާނައީ: “ހަމަކަށަވަރުން ﷲ ތަބާރަކަ ތަޢާލާގެ ޙަޟްރަތުގައި އެންމެ މަތިވެރިކަން ބޮޑުވެގެންވާ ދުވަހަކީ ނަޙްރުގެ ދުވަހެވެ. އޭގެ ފަހުގައި ޤަރާރުވާ ދުވަހެވެ.” ޤައްރުގެ ދުވަހަކީ އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ ދުވަހެވެ. އެއީ ނަޙްރުގެ ދުވަހުގެ ފަހުގައި އަންނަ ދުވަހެވެ. އެދުވަހަށް ޤަރާރުވާދުވަހޭ ކިޔުނީ އެދުވަހުގައި މީސްތަކުން މިނާގައި ޤަރާރުވާކަމަށްޓަކައެވެ. އެއީ ޠަވާފުލް އިފާޟާކުރުމާއި ހަދްޔު ކަތިލުމަށްފަހުގައެވެ. އޭގެ ފަހުގައި އެބައިމީހުން މިނާގައި ހަމަޖެހި އަރާމުކުރެއެވެ. އެދުވަހުގައި މިނާގައި ރޭނުކުރުން ހުއްދަވެގެންނުވެއެވެ.
7- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ޢީދު ދުވަސްތަކެކެވެ. އެއީ ކެއުމާއި ބުއިމާއި ﷲއަށް ޛިކްރުކުރުމުގެ ދުވަސްތަކެކެވެ. އުފާވެރިކަން ފާޅުކޮށް ރަޙިމުގެ ގުޅުން ބަދަހިކުރުމުގެ ދުވަސްތަކެކެވެ. ޙަދީޘްގައި ވެއެވެ. “أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ وَذِكْرٍ للهِ” (رواه مسلم 1141.) މާނައީ: “އައްޔާމުއްތަޝްރީޤް އަކީ ކެއުމާއި ބުއިމާއި އަދި ﷲގެ މަތިން ހަނދުމަކޮށް އުޅުމުގެ ދުވަހެވެ.” އެހެން ޙަދީޘެއްގައި ވެއެވެ. “يَومُ عَرَفَةَ وَيَوْمُ النَّحْرِ وَأَيَّامُ التَّشْرِيْقِ عِيْدُنَا أَهْلَ الْإِسْلَامِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ” (رواه أبو داود ) 2419 (، والترمذي ) 773 (، وصحَّحه الألبانيّ.) ” މާނައީ: “ޢަރަފާތް ދުވަހާއި ޤުރުބާން ކުރާ ދުވަހާއި އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ އިސްލާމްދީނުގެ އަހުލުވެރިންގެ ޢީދު ދުވަސްތަކެވެ. އަދި އެއީ ކެއުމާއި ބުއިމުގެ ދުވަސްތަކެކެވެ.“ މި ދުވަސްތަކުގައި އަންހެނުން ތާރަޖެހުން ހުއްދަވެގެންވެއެވެ.
= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 23 فائدة في أيام التشريق (އައްޔާމުއް ތަޝްރީޤުގެ 23 ފައިދާ) ގެ ތަރުޖަމާ=