8- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ޢީދު ދުވަސްތަކެކެވެ. އެދުވަސްތަކުގައި ރޯދަހިފުން ހުއްދަވެގެން ނުވެއެވެ. އެދުވަސްތަކުގައި ރޯދަހިފުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ. ( روه الإمام أحمد ) 16081 (، وصحَّحه الألباني في صحيح الجامع .)7355)
9- ޖުމުހޫރު ޢިލްމުވެރިން ދެކޭގޮތުގައި މިދުވަސްވަރުގައި އެއްވެސް ރޯދައެއް، އެއީ ސުންނަތް ރޯދައެއް ކަމުގައިވިޔަސް ޤަޟާ ރޯދައެއް ކަމުގައިވިޔަސް ނަދުރު ރޯދައެއް ކަމުގައިވިޔަސް ހިފުމަކީ މަނާ ކަމެކެވެ. އަދި ރޯދައެއް ހިފިކަމުގައި ވިޔަސް އެއީ ބާޠިލު ރޯދައެއް ކަމަށް ޖުމުހޫރު ޢިލްމުވެރިން ދެކެއެވެ. އެއީ މިދުވަސްތަކުގައި ރޯދަހިފުން ނަހީވެފައިވާތީއެވެ.
10- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ރޯދަހިފުން ހުއްދަވެފައިވަނީ ހަމައެކަނި ތަމައްތުޢުކޮށް ޙައްޖުކުރާ ޙައްޖުވެރީންނާއި ޤިރާނުކޮށް ޙައްޖުކުރާ ޙައްޖުވެރީންގެ ތެރެއިން ހަދްޔު ކަތިލުމުގެ ތަނަވަސްކަން ލިބިގެންނުވާ މީހުންނަށެވެ. އެއީ ޢާއިޝާ ރަޟިޔަﷲ ޢަންހާއާއި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ފަދައިންނެވެ. (ބައްލަވާ البخاري ) 1998 )
11- މިދުވަސްތަކުގައި ﷲ އަށް ގިނަގިނައިން ޛިކްރުކުރުން މުސްތަޙައްބުވެގެން ވެއެވެ. އަދި މިދުވަސްތަކުގައި ﷲ އަށް ޛިކްރުކުރުމުގައި އެތައް ވައްތަރެއް ހިމެނެއެވެ. އޭގެ ތެރެއިން ހިމެނެއެވެ. ފަރުޟު ނަމާދުތަކުގައި ފަހުގައި ކިޔުމަށް ވާރިދުވެފައިވާ މުޤައްޔަދު ތަކްބީރު: މި ތަކުބީރު ޙައްޖުވެރީން ނޫން މީހުންނަށް ފެށޭނީ ޢަރަފާތް ދުވަހުގެ ފަތިހުން ފެށިގެންނެވެ. ޙައްޖުވެރީންނަށް ފެށޭނީ ނަޙްރުގެ ދުވަހުގެ (ޢީދު ދުވަހުގެ) މެންދުރުން ފެށިގެންނެވެ. ދެބައިމީހުންނަށްވެސް ތަކުބީރު ނިމޭނީ އައްޔާމުއް ތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރަށްފަހުގައެވެ. އިމާމު އަޙްމަދު ރަޙިމަހުﷲ މި އީ ޞަޙާބީން އިޖުމާޢުވެވަޑައިގެންފައިވާ ބަސްފުޅެއްކަމަށް ރިވާކުރައްވާފައިވެއެވެ. މި ބަސްފުޅު ޢުމަރު، ޢަލީ، އިބްނު މަސްޢޫދު އަދި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމްގެ ފަރާތުން ރިވާވެގެންވެއެވެ. (ބައްލަވާ انظر: «فتح الباري » لابن رجب ) 6/ 124 )
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު وَاذْكُرُوا اللَّـهَ فِي أَيَّامٍ مَّعْدُودَاتٍ – البقرة 203 މާނައީ: “ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި ތިޔަބައިމީހުން ﷲ އަށް ޛިކްރުކުރާށެވެ.” ގެ ތަފްސީރުގައި އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އެއީ އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ފަރުޟު ނަމާދުތަކުގެ ފަހުގައި ތަކްބީރު ކިޔުމެވެ.” (ބައްލަވާ تفسير ابن كثير 560/1( » )
12- މިދުވަސްތަކުގައި ކުރުން މުސްތަޙައްބުވެގެންވާ ޛިކްރުތަކުގެ ތެރޭގައި މުޠްލަޤު ތަކްބީރު ހިމެނެއެވެ. އެއީ ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ ތެރޭގައި ކިޔުން ސުންނަތްވެގެންވާ ތަކްބީރެކެވެ. އަދި އައްޔާމުއްތަޝްރީޤުގެ ދުވަސްތަކުގައިވެސް މެއެވެ. އަދި އެތަކުބީރު ހުރިހާ ޙާލަތެއްގައި ހުރިހާ ވަޤުތެއްގައި ހުރިހާ ތަނެއްގައި، ރޭގަނޑާއި ދުވާލުގައި، މަގުތަކުގައި، ބާޒާރުތަކުގައި، މިސްކިތްތަކުގައި، ގެތަކުގައި، މަސައްކަތްކުރާ ތަންތާގައި، ﷲ އަށް ޛިކްރުކުރުން ހުއްދަވެގެންވާ ހުރިހާ ތަނެއްގައި، ކޮޅަށްހުރެއާއި އިށީނދެއިނދެގެންނާއި އޮށޯވެއޮވެގެން، ސަވާރީގައި އަދި ފައިމަގުގައި، އަޑުހަރުކޮށް ކިޔުން ސުންނަތްވެގެންވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު މިނާގައި މިސްކިތުގެ އުސްތަނަކަށް އަރާވަޑައިގެން ތަކުބީރު ވިދާޅުވެއެވެ. އަދި މިސްކިތުގައި ތިބި މީހުންނަށް އެއަޑު އިވިގެން އެމީހުންވެސް ތަކުބީރު ކިޔެވެ. އަދި ބާޒާރުތަކުގައި އުޅެމުން ދިޔަ މީހުންވެސް ތަކުބީރު ކިޔެވެ. މުޅި މިނާ ތަކުބީރުގެ އަޑުން ގުގުމައިގެން ދަންދަނެވެ. އަދި އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުވެސް އެދުވަސްތަކުގައި މިނާގައި ތަކްބީރު ވިދާޅުވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހު، ނަމާދުގެ ފަހުގަޔާއި ތަންމަތީގަޔާއި ޓެންޓުތަކުގެ ތެރޭގަޔާއި މަޖިލީސްތަކުގަޔާއި ހިނގާމަގުތަކުގައި މިދުވަސްތަކުގައި ތަކްބީރު ވިދާޅުވެއެވެ.
13-މުޤައްޔަދު ތަކްބީރާއި މުޠްލަޤު ތަކްބީރުގެ އަސްލަކަށް ބަލަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީންނާއި ސަލަފުންގެ ކިބައިން ވާރިދުވެފައިވާ އެކއެކި އަޘަރުތަކެވެ. މިދެންނެވި އަޘަރުތަކުގައި ތަކުބީރުކިޔުމަށް ވާރިދުވެފައިވާ ސީޣާތަކުގެ ތެރެއިން އެންމެ މަޝްހޫރު ސީޣާ އަކީ،
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لَا إِلَهَ إِلَّا اللهُ، وَ اللهُ أَكْبَرُ، اللهُ أَكْبَرُ، وَللهِ الْـحَمْدُ
” އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އަދި އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އަދި ހުރިހާ ޙަމްދު ތަޢުރީފާ ޘަނާ މިލްކުވެގެންވަނީ ހަމައެކަނި ﷲ އަށެވެ.”
ވާރިދުވެފައިވާ ސީޣާއިން ނޫން އެހެން ސީޣާއަކުން ތަކުބީރު ކީ ކަމުގައިވިޔަސް މައްސަލައެއް ނެތެވެ. މިކަން ތަނަވަސްވެގެންވެއެވެ.
14- ތަކްބީރު ކިޔަމުންދާއިރު މުސްލިމް އަޅާގެ ހިތަށް ގެންނަނީ ހުރިހާ އެއްޗަކަށްވުރެ ﷲ ސުބްޙާނަހޫ ވަތަޢާލާ ބޮޑުވެގެންވާކަމެވެ. ﷲ ގެ އަމުރާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަމުރުގެ މައްޗަށް އެހެންއެއްވެސް ކަމެއް އިސްނުކުރުމެވެ. ގެތަކުގަޔާއި ބަޒާރުތަކުގަޔާއި މަސައްކަތްކުރާ ތަންތަނުގަޔާއި އުފެދޭ ޚިޔާލުތަފާތުވުން ތަކުގައިވެސްމެއެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “ތަކްބީރު ކިޔުން މަޝްރޫޢުވެފައިވަނީ ބޮޑެތި ތަންތާނގައެވެ. އެއީ ﷲ ތަޢާލާ އެއީ އެންމެ ބޮޑު ފަރާތްކަން ބަޔާންކުރުމަށްޓަކައެވެ. މީސްތަކުންގެ ހިތަށް ވަދެފައިވާ ބޮޑެތި ކަންތައްތަކުގެ މައްޗަށް ﷲ ގެ ކިބްރިޔާވަންތަކަން އެބައިމީހުންގެ ހިތްތަކުގައި ގަދަވެގަތުމަށެވެ. އޭރުން މުޅި ދީން ﷲ އަށް ޚާލިޞްވެގެން ދިޔައީއެވެ. ﷲ ގެ އަޅުން ﷲ އަށް ތަކްބީރުކިޔާ ބަޔަކަށް ވެގެންދެއެވެ އެބައިމީހުންނަށް މިކަމުން ދެ މަޤްޞަދު ޙާޞިލްވެއެވެ. އެއީ އެބައިމީހުންގެ ހިތްތަކުން ﷲ އަށް ތަކްބީރު ކިޔުމުގެ ސަބަބުން އަޅުކަން ޙާޞިލްވުމާއި، ﷲ ގެ ކިބްރިޔާވަންތަކަމަށް އެހެން ހުރިހާ އެދުންތައް ތަސްލީމު ކުރުމުގެ ސަބަބުން މަދަދަށް އެދުން ޙާޞިލްވުމެވެ. ((( مجموع الفتاوى 229/24( » (، باختصار.
15- މިދުވަސްތަކުގައި ކުރުން މުސްތަޙައްބުވެގެންވާ ޛިކްރުގެ ތެރޭގައި މުޠްލަޤު ގޮތެއްގައި ﷲ އަށް ޛިކްރުކުރުން ވެއެވެ. އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި މިފަދަޛިކްރު ގިނަކުރުން މުސްތަޙައްބުވެގެންވެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. فَإِذَا قَضَيْتُم مَّنَاسِكَكُمْ فَاذْكُرُوا اللَّـهَ كَذِكْرِكُمْ آبَاءَكُمْ أَوْ أَشَدَّ ذِكْرًا (البقرة 200) މާނައީ : “ފަހެ، ތިޔަބައިމީހުން ޙައްޖުގެ އަޅުކަންތައް އަދާކޮށް ނިމިއްޖެހިނދެއްގައި ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކާބަފައިން ހަނދުމަކޮށް އުޅުނު ފަދައިން ނުވަތަ އެއަށްވުރެ ގަދަވެގެންވާ ހަނދުމަކުޅައުމަކުން ތިޔަބައިމީހުން ﷲ ހަނދުމަކުރާށެވެ”
= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 23 فائدة في أيام التشريق (އައްޔާމުއް ތަޝްރީޤުގެ 23 ފައިދާ) ގެ ތަރުޖަމާ=