[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އައްޔާމުއް ތަޝްރީޤުގެ 23 ފައިދާ 3

16- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ޙައްޖުވެރީން ގިނަގިނައިން އަންނަނިވި ދުޢާކުރުމަކީ މުސްތަޙައްބު ކަމެއް ކަމުގައި ބައެއް ސަލަފުން ވިދާޅުވެއެވެ.

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ ﴿ البقرة 201﴾ “އަޅަމެންގެ ރައްބު. ދުނިޔޭގައި ހެޔޮކަން އަދި އާޚީރަތުގައިވެސް ހެޔޮކަން އަހަރެމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުންއަޅަމެން ދިންނަވާނދޭވެ.” انظر: «لطائف المعارف » )ص 290 (، و «الدُّرّ المنثور 560/1( » (.
17- މި ދުޢާއަކީ ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެވެއް އެދުޢާއެއްގައި ހިމެނޭ ޖާމިޢު ދުޢާއެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގިނަގިނައިން މިދުޢާ ކުރައްވާކަމުގައިވިއެވެ. އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެންމެ ގިނައިން ކުރައްވާ ދުޢާކަމުގައިވަނީ މި ދުޢާއެވެ. اللهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ “ޔާ ﷲ! އަޅަމެންގެ ރައްބު. ދުނިޔޭގައި ހެޔޮކަން އަދި އާޚީރަތުގައިވެސް ހެޔޮކަން އަހަރެމެންނަށް ދެއްވާނދޭވެއެވެ. އަދި ނަރަކައިގެ ޢަޛާބުންއަޅަމެން ދިންނަވާނދޭވެ.” އަނަސް ރަޟިޔަﷲ ޢަންހު ދުޢާއެއް ކުރައްވަން ބޭނުންވެއްޖެނަމަ އެ ދުޢާއިން ދުޢާކުރައްވައެވެ. އަދި އެހެން ކަމަކަށް އެދި ދުޢާއެއް ކުރައްވަން އަނަސްގެފާނު ބޭނުންފުޅުވެއްޖެނަމަ މި ދުޢާގެ ތެރޭގައި އެބޭނުންފުޅުވާ ދުޢާވެސް ހިމަނުއްވައެވެ. رواه البخاري ) 6389 (، ومسلم ) 2690 (.
18- މިދުވަސްތަކުގައި ކުރުން މުސްތަޙައްބުވެގެންވާ ޛިކްރުތަކުގެ ތެރެއިން، ހަދްޔު އަދި އުޟްޙިޔާ ކަތިލާހިނދު ﷲ ގެ ނަންފުޅުގަތުމާއި ތަކުބީރުކިޔުން ހިމެނެއެވެ. އުޟްޙިޔާ ކަތިލުމުގެ ވަޤުތުފެށޭނީ ޢީދުނަމާދުން އަވަދިވުމާއެކުގައެވެ. އަދި އައްޔާމުއް ތަޝްރީޤުގެ އެންމެފަހު ދުވަހުގެ އިރު އޮއްސުމާހަމައަށް އުޟްޙިޔާ ކަތިލުމުގެ ވަޤުތު ދެމިގެންވެއެވެ. ޤުރުބާންކުރުމުގެ ދުވަސްތައް ހަތަރެކެވެ. އެއީ ޢީދު ދުވަހާއި އޭގެ ފަހުގައި އަންނަ ތިން ދުވަހެވެ.
19- ކެއުމާއި ބުއިމުގެ ދުވަސްތައް ކަމުގައިވާ މިދުވަސްތަކުގައި ކުރުން މުސްތަޙައްބުވެގެންވާ ޛިކްރުތަކުގެ ތެރެއިން، ކެޔުމާއި ބުއިމުގެ މައްޗަށް (އެބަހީ ކެއުމާއި ބުއިމުގެ ކުރިންނާއި ފަހުން) ﷲ ހަނދުމަކުރުން ވެއެވެ. އެއީ ކެއުމާއި ބުއިމުގެ ކުރިން ބިސްމިކިޔުމުންނާއި ކެއުމާއި ބުއިން ނިންމުމަށްފަހު ﷲ އަށް ޙަމްދުކުރުމުންނެވެ. ޙަދީޘްގައި ވެއެވެ. “‏إِنَّ اللهَ لَيَرْضَى عَنِ الْعَبْدِ أَنْ يَأْكُلَ الْأَكْلَةَ فَيَحْمَدَهُ عَلَيْهَا ، أَوْ يَشْرَبَ الشَّرْبَةَ فَيَحْمَدَهُ عَلَيْهَا‏”‏ ‏(‏‏(‏رواه مسلم 2734‏)‏‏)‏‏ މާނައީ: “ކެއުމެއް ކެއުމަށްފަހުގައި އެދެއްވިކަމުގެ މައްޗަށް އަޅާ ﷲ އަށް ޙަމްދުކުރުން، ނުވަތަ ބުއިމެއް ބުއިމަށްފަހުގައި އަޅާ އެ ދެއްވިކަމުގެ މައްޗަށް ﷲ އަށް ޙަމްދުކުރުން، ހަމަކަށަވަރުން މިކަންކަން އަޅާކުރުން، ހަމަކަށަވަރުން ﷲ ތަޢާލާ އަޅާގެ ކިބައިން ރުހިވޮޑިގެންވާ ކަމެއް ކަމުގައިވެއެވެ.”
20- ކައި ނިމުމަށްފަހުގައި ޙަމްދުކުރުމުގެ ޢިބާރާތްތަކުގެ ތެރެއިން އަންނަނިވި ޢިބާރާތްތައް ވާރިދުވެފައި ވެއެވެ. ” الْحَمْدُ للهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ غَيْرَ مَكْفِيٍّ وَلا مُوَدَّعٍ وَلا مُسْتَغْنًى عَنْهُ رَبَّنَا ” رواه البخاري ( 5458 ) – “ގިނަވެގެންވާ، ރިވެތިވެގެންވާ، ބަރަކާތްލެއްވިގެންވާ، ފުއްދާލެވުމެއް ނުވާ އަދި ދޫކޮށްލެވުމެއް ނުވާ އަދި އެއިން ފުއްދާ ނުލެވޭ ޙަމްދު ތަޢުރީފަކުން ﷲ އަށް ޙަމްދު ތަޢުރީފު ލިބިވޮޑިގެން ވެއެވެ. އޭ އަޅަމެންގެ ރައްބު!” “الحَمْدُ لله الَّذِي أَطْعَمَنِي هَذَا وَرَزَقَنِيْهِ مِنْ غَيْرِ حَولٍ مِنِّي وَلَا قُوَّةٍ ” رواه الترمذي ( 3458 ) وابن ماجه ( 3285 ) ، وحسَّنه الألباني في ” صحيح الترمذي ” ( 3348 ) .މާނައީ: “ހުރިހާ ޙަމްދު ތަޢުރީފެއް ޙައްޤުވެގެންވަނީ ﷲ އަށެވެ. އެއިލާހީ މިކެއުން މިއަޅާއަށް ކާންދެއްވި އިލާހެވެ. އަދި މިއަޅާގެ އެއްވެސް މަސައްކަތަކާއި ބާރަކާ ނުލައި މިކެއުން މިއަޅާއަށް ދެއްވި އިލާހެވެ.” الْحَمْدُ للهِ الَّذِي أَطْعَمَ وَسَقَى ،‏‏ وَسَوَّغَهُ ،‏ ‏وَجَعَلَ لَهُ مَخْرَجًا .رواه أبو داود (3851) ، وصححه الألباني في الصحيحة (2061) . ” ކާންދެއްވަ ބޯންދެއްވާ، ކާތަކެތި ދިރުވޭނެ ގޮތް ފަސޭހަކުރައްވައި، އަދި އެތަކެއްޗަށް ނުކުންނާނެ މަގެއް ލެއްވެވި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ހުރިހާ ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވެއެވެ.”
21- މިދުވަސްތަކުގައި ކުރުން މުސްތަޙައްބުވެގެންވާ ޛިކްރުތަކުގެ ތެރޭގައި ޙައްޖުވެރިންނަށް ޚާއްޞަ ޛިކްރެއްކަމުގައިވާ، އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކުގައި ޖަމުރާތަކަށް ހިލައުކާއިރު ތަކްބީރުކިޔުން ހިމެނެއެވެ. ޙަދީޘްގައި ރިވާވެގެންވެއެވެ. (( إِنَّمَا جُعِلَ الطَّوَافُ بِالْبَيْتِ وَبِالصَّفَا وَالْـمَرْوَةِ وَرَمْيُ الـجِمَارِ لِإِقَامَةِ ذِكْرِ اللهِ )) [رواه الترمذي ، كتاب الحج رقم (902). وصححه السيوطي في الجامع الصغير 2589 وقال ابن باز رحمه الله في مجموع فتاوى 186/16 ثابت] . މާނައީ: “ކަޢުބާގެ ވަށައިގެން ޠަވާފުކުރުމާއި، ޞަފާ އާއި މަރުވާއާ ދެމެދު ސަޢުޔުކުރުމާއި، ޖަމުރާތަކަށް ހިލައުކުން، ﷲ ހަނދުމަކުރުން ޤާއިމުކުރުމަށްޓަކައި މެނުވީ ލެއްވިގެން ނުވެއެވެ.”
22- އައްޔާމުއް ތަޝްރީޤުގެ ދުވަސްތަކަކީ ކެއުމާއި ބުއިމާއި ﷲ އަށް ޛިކްރުކުރުމުގެ ދުވަސްތަކެކެވެ. އެދުވަސްތަކުގައި މުސްލިމުންނަށް އެމީހުންގެ ހަށިގަނޑުގެ ނިޢުމަތް (ކެއުމާއި ބުއިން) އަދި ހިތުގެ ނިޢުމަތް (ޛިކްރު ކުރުމާއި ޝުކުރު ކުރުން) ޖަމާވެއެވެ. އޭރުން ނިޢުމަތް ފުރިހަމަވީއެވެ. ނިޢުމަތަކަށް ޝުކުރު ކުރަންފެށުމުން އެޝުކުރު އެހެން ނިޢުމަތް ލިބުމުގެ ސަބަބަކަށް ވެއެވެ. އަދި އެނިޢުމަތަށް އަނެއްކާ ޝުކުރުކުރަންޖެހެއެވެ. ޝުކުރު ކުރުމަކީ ދުވަހަކުވެސް ނިމޭ ކަމެއް ނޫނެވެ. « ( (( لطائف المعارف » )ص 291 (.
23- ﷲ އަށް ކިޔަމަންވުމުގައި ނިޢުމަތް ބޭނުންކުރުމަކީ ނިޢުމަތަށް ފުރިހަމައަށް ޝުކުރު ކުރުމުގެ ތެރެއިން ވާ ކަމެކެވެ. އަދި ނިޢުމަތް ބޭނުންކުރުމުގައި ﷲ އަށް އުރެދުމުން ދުރުހެލިވުންވެސް އެކަމުގެ ތެރެއިން ވެއެވެ. ޙަދީޘްގައި ވާރިދުވެފައިވާ ފަދައިންނެވެ. أَيَّامُ التَّشْرِيْقِ أَيَّامُ أَكْلٍ وَشُرْبٍ وَذِكْرٍللهِ – (رواه مسلم 11 41) މާނައީ: “އައްޔާމުއް ތަޝްރީޤަކީ ކެއުމާއި ބުއިމާއި ﷲ އަށް ޛިކްރުކުރުމުގެ ދުވަސްތަކެކެވެ.”
ޢީދުގެ ދުވަސްތަކުގައި ކެއުމާއި ބުއިން މިކަންކަމަކީ މިއީ ﷲ އަށް ޛިކްރުކުރުމާއި ﷲ އަށް ކިޔަމަންވުމަށްޓަކައި އެކަންކަމުން ބާރާއި އެހީތެރިކަން ހޯދަންޖެހޭ ކަންކަންކަމަށް މި އާޔަތުން އިޝާރާތްކުރެއެވެ. އެއީ ނިޢުމަތަށް ފުރިހަމަގޮތުގައި ޝުކުރުވެރިވުމަކީ އެ ނިޢުމަތް ބޭނުންކޮށްގެން ﷲ އަށް ކިޔަމަންގަތުމެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ ފޮތުގައި، ޙަލާލު ތަކެތިން ކެއުމަށާއި ބުއިމަށާއި އަދި އެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް އަމުރު ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴿البقرة 172﴾ މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެއިލާހަށް ޝުކުރުވެރިވާށެވެ.”
ﷲ ގެ ނިޢުމަތް އެއިލާހަށް އުރެދުމަށް ބޭނުންކޮށްފިމީހާ ފަހެ ހަމަކަށަވަރުން ﷲ ގެ ނިޢުމަތަށް ކުފުރުވެއްޖެއެވެ. އަދި އެ ނިޢުމަތް ކުފުރަށް ބަދަލުކޮށްފިއެވެ. އަދި އެ ނިޢުމަތް އޭނާގެ ކިބައިން ފިލައިދިޔުމަށް ހުށަހޮޅިގެންފިއެވެ. (لطائف المعارف » ص 291 )
އަހަރެމެންނަށާއި އެންމެހާ މުސްލިމުންނަށް ހެޔޮކަންތަކުގެ މޫސުންތައް ހެޔޮގޮތުގައި ބޭނުންކުރުމުގެ ތައުފީޤު ދެއްވުން އެދި ﷲ އަށް ދަންނަވަމެވެ. އަދި އެއިލާހަށް ޛިކްރުކުރުމަށާއި އެއިލާހަށް ޝުކުރުވެރިވުމަށާއި އެއިލާހަށް ރިވެތިގޮތުގައި އަޅުކަންކުރުމުގެ މައްޗަށް އަހަރެމެންނަށް ވާގި ދެއްވުން އެދި އެއިލާހަށް ދަންނަވަމެވެ.
والحمد لله رب العالمين
ނިމުނީ

= އައްޝައިޚް މުޙައްމަދު ޞާލިޙުލް މުނައްޖިދު ލިޔުއްވާފައިވާ 23 فائدة في أيام التشريق (އައްޔާމުއް ތަޝްރީޤުގެ 23 ފައިދާ) ގެ ތަރުޖަމާ=