[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

الإيمان ( އީމާންކަން ) – 4

ފޮތްތަކަށް އީމާންވުން

ފޮތްތަކަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟

ފޮތްތަކަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ބާވައިލެއްވުނު އެންމެހާ ފޮތްތަަކަކީ ﷲ ތަޢާލާގެ ހަޟްރަތުން އެއިލާހުގެ އަޅުތަކުންނަށް، ބަޔާންވެގެންވާ ޙައްޤާއި ހިދާޔަތާއިގެން . ބާވައިލެއްވުނު ފޮތްތަކެއް ކަމަށް ހިތުގެ އަޑިން ތެދުކޮށް ކަށަވަރުކުރުމެވެ. އަދި އެއީ ﷲ ތަޢާލާގެ ކަލާމްފުޅު ކަމާއި، އެއިލާހުފިޔަވައި އެހެން އެއްވެސް ފަރާތެއްގެ ބަހެއްނޫންކަމަށް ތެދުކޮށް ކަށަވަރު ކުރުމެވެ.

ފޮތްތަކަށް އީމާންވުމުގެ ތެރޭގައި އެކުލެވިގެންވާ ކަންތައްތައް:

1 – އެއީ ﷲ ތަޢާލާގެ ހަޟްރަތުން ހައްޤު ގޮތުގައި ބާވައިލެއްވުނު ފޮތަތަކެއްކަމަށް އީމާންވުން..

2 – ފޮތްތަކުގެ ތެރެއިން އަޅުގަނޑުމެނަށް އެފޮތްތަކުގެ ނަންތައް އެނގެންހުރި ފޮތްތަކަށް، މިޘާލަކަށް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަަސައްލަމަގެ މައްޗަށް ބާވައިލެއްވުނު ފޮތަކީ ޤުރުއާންކަމާއި ، ޢީސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވައިލެއްވުނީ އިންޖީލުކަމާއި ، މޫސާ ޢަލައިހިއްސަލާމްގެ މައްޗަށް ބާވައިލެއްވުނީ ތަވްރާތުކަމާއި ދާވުދު ޢަލައިހިއްސަލާމްގެ މައްޗަށް ބާވައިލެއްވުނީ ޒަބޫރު ކަމަށް، އީމާންވުން. އަދި ނަންތައް އެނގެން ނެއްކަމުގައިވިޔަސް ޖުމްލަގޮތެއްގައި ހުރިހާ ފޮތްތަކަަށްވެސް އީމާންވުން..

3 – ކީރިތި ޤުރުއާންގައިވާ އެންމެހައި ޚަބަރުތައް ތެދުކުރުން. އަދި ކުރީގެ އުއްމަތްތަކަށް ބާވައިލެއްވުނު ފޮތްތަކުގައި، އެފޮތްތަކުގެ އަހުލުވެރިން ބަދަލުކޮށް އޮޅުވާލާފައި ނުވާ، ޞައްޙަ ޚަބަރުތައް ތެދުކޮށް އީމާންވުން..

4 – މަންސޫޚު ކުރެވިފައިނުވާ އެންމެހައި ޙުކުމްތަކަށް ޢަމަލުކުރުން. އަދި އެ ޙުކުމުތަކާއިމެދު ރުހިގެންވާ ޙާލު ﷲ ތަޢާލާ އަށް ޢަމަލުތައް ޚާލިސް ކުރުން. ކީރިތި ޤުރުއާން ބާވައިލެއްވުމާއިއެކު އޭގެ ކުރީން ބާވައިލެއްވުނު އެންމެހައި ފޮތްތަކެއް ވަނީ މަންސޫޚް ކުރެވިފައި.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ” وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ” މާނަ : ” އަދި ތިމަންރަސްކަލާނގެ حَقُّ ގޮތުގައި ކަލޭގެފާނަށް ފޮތް ބާވައިލެއްވީމެވެ. އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ތަކެތި ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ހެކިވަނިވި ފޮތެއް ކަމުގައެވެ.”

ފޮތްތަކަށް އީމާންވުމުގެ ތެރެއިން ލިބޭ ފައިދާ :

  • ކޮންމެ އުއްމަތެއްގެ ބަޔަކަށްވެސް ހިދާޔަތް ލިބިގަންނާނޭ ފޮތެއް ﷲ ތަޢާލާ ބާވައިލައްްވާފައިވުމުން، އަޅުތަކުންގެ މައްޗަށްވާ  އެއިލާހުގެ ޢިނާޔަތްތެރިކަން އެނގިގެންދެއެވެ.
  • ކޮންމެ ޤައުމަކަށްވެސް އެޤައުމަކަށް އެންމެ އެކަށީގެންވާ ޝަރީޢަތެއް ބާވައިލައްވާފައިވުމާއި ، އަދި ޤިޔާމަތަށް ދެމިގެންވާ ފުރިހަމަ، ހުރިހާ ޒަމާނަކަށްވެސް އެކަށީގެންވާ ޝަރީޢަތެއް އެންމެ ފަހުގެ ނަބިއްޔާގެ މައްޗަށް ބާވައިލައްވާފައިވުމުން ﷲ ތަޢާލާގެ ޙިކުމަތްވަންތަކަން ހާމަވެގެންދެެއެވެ.
  • އެކަމަށްޓަކައި އަޅުތަކުން ﷲ ތަޢާލާއަށް ޝުކުރުވެރިވުން.

–  ނުނިމޭ – ( ދެން އޮތް ބައިގައި އިންޝާﷲ ރަސޫލުބޭކަލުންނަށް އީމާންވުމާއި ބެހޭގޮތުން ގެނެސްދެވޭތޯ ބަލާނަމެވެ.)